އަންކިތާ ލޮކަންޑޭއާއި ސުޝާންތު ސިންގް ރާޖުޕޫތު ވަނީ އެމީހުންގެ ފުރަތަމަ ޑްރާމާގެ ދުވަސްވަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް ލޯބީގެ ގޮތުން އެކުގައި އުޅެފައެވެ.

2020 ވަނަ އަހަރުގެ ޖޫން މަހު ސުޝާންތު މަރުވުމާއި ގުޅިގެން ސުޝާންތުގެ ސަޕޯޓަރުންގެ ނުރުހުމުގެ ބަސްތަކާއި ފާޑުކިޔުންތައް އަމާޒުވެފައި ވަނީ ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ އަށެވެ.

ސުޝާންތުއާއި އެކު ހަ އަހަރު ލޯބީގެ ގޮތުން އުޅެފައިވާ އަންކިތާ ވަނީ ސުޝާންތު މަރުވުމަށް ފަހު އޭނާގެ ދިފާޢުގައި ވަރަށް ގިނައިން ވާހަކަ ދައްކާފައެވެ. ސުޝާންތުއަށް އިންސާފު ހޯދައިދިނުމަށް ވެސް ވަރަށް މަސައްކަތް ކޮށްފައިވެއެވެ.

އިންސްޓަގުރާމުގައި ލައިވް ސެޝަނެއްގައި އަންކިތާ ވަނީ ހުރިހާ ކަމެއްގެ ތުހުމަތު އޭނާއަށް ކުރާ ސުޝާންތުގެ ސަޕޯޓަރުންނަށް ރައްދު ދީފައެވެ. އަދި މީގެ އިތުރުން އަންކިތާ ބުނެފައިވަނީ މީސް މީޑިއާގައި އަންކިތާ ހިއްސާ ކުރާ ޕޯސްޓު ތަކާއި މެދު ހިތްހަމަ ނުޖެހޭ ނަމަ އޭނާ އަންފޮލޯ ކޮށްލުމަށެވެ.

އަންކިތާ ވެސް ހިތްހަމަ ނުޖެހޭ ކަމެއް ނަމަ އެކަމަކަށް ފޮލޯ ނުކުރާނެ ކަމަށާއި އަދި އެހެން މީހުންގެ އެކައުންޓުގައި ޕޯސްޓު ކުރާ އެއްޗެއްސަށް ހަޑިހުތުރު ބަހުން ވާހަކަ ނުދައްކާނެ ކަމަށެވެ.

ފާޑުކިޔުންތަކުން އަންކިތާއަށް އެއްވެސް އަސަރެއް ނުކުރާ ކަމަށާއި ނަމަވެސް އެފަދަ ކޮމެންޓްތަކާއި ފާޑުކިޔުންތަކުން އޭނާގެ މައިންބަފައިންނަށް އޭގެ އަސަރު ކުރާ ކަމަށް ވެސް އަންކިތާ ބުނެފައިވެއެވެ.

އަންކިތާއަށް ފާޑުކިޔާ މީހުންނަށް އޭނާގެ އަސްލު ހަގީގަތެއް ނޭނގޭނެ ކަމަށާއި އޭނާއަކީ ވެސް ޑިޕްރެޝަންގައި އެތައް ދުވަހަކު އުޅެފައިވާ މީހެއް ކަމަށް ވެސް އަންކިތާ ބުނެފައިވެއެވެ.

ސުޝާންތުގެ ސަޕޯޓަރުންނަށް އަންކިތާގެ އާދޭހަކީ ސުޝާންތުގެ މަރާއި ގުޅިގެން އޭނާއަށް އެއްވެސް ފާޑުކިޔުމެއް ނުކިޔުމެވެ. އެއީ އެކަމަކީ އޭނާއާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ވެސް އަންކިތާ ބުނެފައިވެއެވެ.