އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ހުރިހާ އިމްތިޔާޒެއް މިހާރު ދޫކޮށްލައިގެން ހުރި ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކެލް އަށް ލިބެން އުޅެނީ އަންހެން ކުއްޖެއްކަން ދެބޭފުޅުން ހާމަކޮށްފިއެވެ.

މޭގަން އާއި ހެރީ އަށް ލިބެން އުޅޭ ދަރިފުޅުގެ ޖިންސު ހާމަކޮށްފައި ވަނީ އޮޕްރާ ވިންފޭއަށް މޭގަން އާއި ހެރީ ދިން އިންޓަވިއުގައެވެ.

މޭގަން ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން އިއުލާންކޮށްފައި ވަނީ މިއަހަރުގެ ލޯބިވެރިންގެ ދުވަހުއެވެ. އެއީ ޕްރިންސަސް ޑަޔާނާ ހެރީއަށް ބަލިވެއިންކަން އިއުލާން ކުރިތާ 37 އަހަރު ފުރުނު ދުވަހެވެ. މޭގަން ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާން ކުރީ ދެވަނަ ދަރިފުޅަށް ބަލިވެ އިންތާ ކުޑަދުވަސްކޮޅެއް ފަހުން އެދަރި ބައިގެން ދިޔަކަން މިދިޔަ އަހަރު ހާމަކޮށް މޭގަން "ނިއުޔޯކް ޓައިމްސް" ގައި ލިޔުމެއް ޝާއިއު ކުރުމަށް ފަހުއެވެ.

މޭގަންގެ އެލިޔުމުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ތައުރީފް އޭނާ އަށް ލިބިގެންދިޔައެވެ. އަދި ބަލިވެ އިނުމަށްފަހު ދަރިން ބައިގެން ދިއުމުގެ މައްސަލަ އާއިމެދު އާއްމުންގެ މެދުގައި ވާހަކަދެއްކުން އިތުރުވެ، އެފަދަ ކަންކަން ކުރިމަތިވާ މީހުންނަށް މީހުން ހިތްވަރު ދިނުން ވެސް އިތުރުވެގެން ދިޔަ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ހެރީ އާއި މޭގަން އެމީހުންނަށް ލިބެން އުޅެނީ އަންހެން ދަރިއެއްކަން އިއުލާންކުރި އިންޓަވިއުގައި ވަނީ ޝާހީ އާއިލާއާއިއެކު މޭގަން ކުރި ހިތާމަވެރި ގިނަ ތަޖުރިބާތަކެއް ހިއްސާކޮށްފައެވެ.

މޭގަން ވިހާނެ ކަމަށް ބެލެވެނީ މިއަހަރުގެ ހޫނު މޫސުމުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މޭގަން އާއި ހެރީ އަށް ފުރަތަމަ ދަރިފުޅު ލިބުނީ 2019 ވަނަ އަހަރުގެ މެއި 06 ވަނަ ދުވަހު އެވެ. އެދަރިފުޅުގެ ނަމަކަށް ކިޔާފައި ވަނީ އާޗީއެވެ.