އިއްޔެ އާއި އަދި މިއަދު ވެސް ވަޓްސްއެޕް އިން މިމެސެޖް ވަރަށް ގިނަ ބަޔަކަށް ވާނީ ލިބިފައެވެ. އަންހެނުންގެ ދުވަހުގެ ހަދިޔާއެއްގެ ގޮތުން ކޭއެފްސީ ޗިކަން ބަކެޓެއް ހޯދުމުގެ ފުރުސަތު ލިބޭ މެސެޖެއް އެތައް ރަހުމަތްތެރިންގެ ފަރާތުން ފުލުފުލުގައި އަންނަނީ ލިބެމުންނެވެ.

މެސްޖްގައި އޮންނަ ލިންކަށް ވަނުމާއިއެކު ކޭއެފްސީ ޗިކަން ބަކެޓެއް ހޯދަން ތިން ފުރުސަތު ލިބެއެވެ. އުފާވެރި ކަމަކީ ޗިކަން ބަކެޓް ނުލިބޭ އެއްވެސް މީހަކު މީގެތެރޭގައި ނުހިމެނެއެވެ. ކޮންމެ މީހަކަށް ވެސް ތިން ވަނަ ފުރުސަތުގައި ޗިކަން ބަކެޓެއް ލިބެއެވެ. ޗިކަން ބަކެޓް ލިބުމުން ދެން ހުޅުވޭ ވިންޑޯގައި ވަޓްސްއެޕް އިން މިމެސެޖް އެހެން ރަހުމަތްތެރިންނާއި ހިއްސާކުރަން ބުނެއެވެ. އެއާއިއެކު އެތައް ރަހުމަތްތެރިންނަކަށް ކޮންމެ މީހަކު ވެސް މިމެސްޖް ފޮނުވާލައެވެ.

ކޭއެފްސީގެ ޗިކަން ބަކެޓްގެ އިތުރުން އަންހެނުންގެ ދުވަހުގެ ހަދިޔާއެއްގެ ގޮތުން އެޑިޑާސްގެ ބޫޓެއް ލިބޭ ހަމަ މިފަދަ އޮފާއެއްގެ ލިންކް ވެސް ވަޓްސްއެޕް ގައި ދައުރުވަމުން އެބަދެއެވެ. އެޑިޑާސް ބޫޓެއް ހޯދުމަށް ވެސް ކުރަން ޖެހޭ ކަމަކީ ކޭއެފްސީ ޗިކަން ބަކެޓް ހޯދަން ވެސް ކުރަން ޖެހޭ މަސައްކަތެވެ.

ހަޤީޤަތަކީ ކޭއެފްސީ ޗިކަން ބަކެޓް ހޯދުމާއި އަދި އެޑިޑާސް ބޫޓް ހޯދުމަށް ކަމަށް ބުނެ ކުރިއަށް މިގެންދަނީ ސްކޭމެކެވެ. މަކަރާއި ހީލަތުން އޮޅުވާލުމުގެ އަމަލެކެވެ. މިއިން އެއްވެސް އެއްޗެއް ހަދިޔާއެއްގެ ގޮތުގައި ލިބުމުގެ ފުރުސަތެއް މިލިންކް ތަކަކުން ނެތެވެ.

މިއީ ސްކޭމެއް ކަމަށްވީ ނަމަވެސް މިލިންކްތަކަށް ފިތާ މީހުންގެ ފޯނުގެ ބައެއް މައުލޫމާތުތައް ހެކަރުންގެ އަތްދަށަށް ހިނގައިދާނެ ކަމަކަށް ނުވަތަ މައުލޫމާތުތަކެއް ލީކް ވެދާނެ ކަމަކަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިލިންކްތައް ފުރަތަމަ ދައުރުވާން ފެށީ މިދިޔަ ހަފްތާގައި އިންޑިއާގައެވެ.

ފެންނަ ކޮންމެ އެއްޗެއް އެހެން މީހުންނަށް ފޮނުވުމުގެ ކުރިން އެއެއްޗެއްގެ ސައްހަ ކަމާއިމެދު ވިސްނާލުން އެއީ ކޮންމެ މީހަކު ވެސް ކުރަން ޖެހޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރުގާ

    ހެހެހެެހ އަންހެނުންގެ ދުވަހު ކޭއެފުސީން ހުރިހާ އަންހެނުންނައް ކުކުޅު ކާންދީފަ ފަލަކޮއްލީ ދޯ. #ފެޓްޝޭމް

    3
    1
  2. ހައްޤު1

    ތީގެ ޒިންމާ ކޭއެފްސީ އިންވެސް ނަގަންޖެހޭނެ. ސާވިސް ހޯދަން އެއްފަހަރު ދިޔަޔަސް ބިލުހަދާ އިރު ނަމްބަރު ދޭން ބުނޭ...، އެއަށްފަހު ދެން ފުލުފުލުގަ މެސްޖް.. ހުއްދަ ހޯދުމެއްނޯވޭ!!! ގުޅާފަ ބުނެފިން އެތަށް ދުވަހަކު އުނދަގޫވެޔޭ. .
    ސޮރީ ކިޔާފަ ބާއްވާފަ އަނެއްކާވެސް ޕްރޮމޯށަނަލް މެސެޖް... . . !!!

  3. ޝިފް

    ފެންނަ ކޮންމެ އެއްޗެއް ހަބަރާއި ލިޔާ އިރު އެއީ ސައްޙަ އެއްޗެއްތޯ ބަލާނަމަވެސް ކިހާ ރަގަޅުތަ!