ދެހާސް ފޫޓަށްވުރެ ބޮޑު ގިނިހިލަ އެއް ދުނިޔެއާއި ގާތުން އަންނަ ހަފްތާގައި ދަތުރު ކުރާނެ ކަމަށް، އެމެރިކާގެ ޖައްވީ އިދާރާ "ނާސާ" އިން ބުނެފިއެވެ.

މި ގިނިހިލަ (2001 އެފް032) އެންމެ ފުރަތަމަ ފެނިފައި ވަނީ މީގެ ވިހި އަހަރު ކުރިންނެވެ. މިއީ ފުޅާމިނުގައި 2،230 ފޫޓު ހުންނަ ގިނިހިލައެއް ކަމުން މި ގިނިހިލަ ވެގެން ގޮސްފައި ވަނީ މިއަހަރު ދުނިޔެ ކައިރިން ދަތުރުކުރާ އެންމެ ބޮޑު ގިނިހިލައަށެވެ. ތަޖުރިބާކާރުން މި ގިނިހިލައިގެ ބިޔަމިން ސިފަކުރަމުން ބުނެފައިވަނީ މިއީ ފްރާންސްގެ ޕެރިސްގައި ހުންނަ އެއިފެލް ޓަވަރުގެ ދެގުނައަށްވުރެ ބޮޑު ގިނިހިލައެއް ކަމަށެވެ.

ދުނިޔެ ހިމެނޭ މި ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ގެ ތެރޭގައި، ދައުރުވަމުންދާ މި ގިނިހިލަ ދަތުރުކުރަމުން ދަނީ ގަޑިއަކު 77،000 މޭލު ބާރުމިނުގައެވެ. ނަމަވެސް މި ގިނިހިލައިގެ ދައުރުވުމުގައި މި ނިޒާމުގެ އިރާއި ކައިރިވާ ވަރަކަށް އެ ގިނިހިލަ ދަތުރުކުރާ ހަލުވިމިން ދަށްވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ޖައްވީ ކަންކަން ދިރާސާކުރާ ފަރާތްތަކުން ހޯދި ހޯދުންތަކުގެ އަލީގައި ބުނެފައި ވަނީ "2001 އެފް032" ދުނިޔެ ހުރަސްކޮށް ދަތުރުކުރާއިރު ބިމާއި ގިނިހިލަ އާއި ދެމެދު ހުންނާނީ 1.25 މިލިއަން މޭލު ކަމަށެވެ. މިއީ ކައުނުގެ ބިޔަމިނަށް ބަލާއިރު ދުނިޔެއާއި "ވަރަށް ކައިރި" ކަމަށް ބަލާ ދުރުމިނެކެވެ. ބޮޑެތި ގިނިހިލަތަށް ދުނިޔެއާއި މިހައި ކައިރިން ދަތުރުކުރަނީ ވެސް މަދު ފަހަރެއްގައެވެ.

ނާސާގެ ތަޖުރިބާކާރު، ޕައުލް ޗޯޑާޒް ބުނެފައި ވަނީ މީގެ ވިއްސަކަށް އަހަރު ކުރީން މި ގިނިހިލަ އެނެމް ފުރަތަމަ ފެނުނު ފަހުން އޭގެ ދައުރުވުން އެ އިދާރާއިން ގާތުން ބަލައި މޮނީޓާކުރަމުންދާ ކަމަށެވެ. އެހެންކަމުން މި ސޫރުދަ ނިޒާމުގައި ގިނިހިލަ ދަތުރުކުރާނެ ގޮތުގެ ގިނަ މަޢުލޫމާތުތައް އެއްކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

މި ގިނިހިލަ ދަތުރުކުރާ ދުރުމިނަކީ ހަނދާއި ދުނިޔެ އާއި ދެމެދު ހުރި ދުރުމިނުގެ ފަސްގުނަކަމުން، ގިނިހިލަ ދުނިޔެއާއި ފުށުއަރައި ބިމުގައި ޖެހި ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތެއް ނެތެވެ.

"2001 އެފް032" ދުނިޔެއާއި އެންމެ ގާތުން ދަތުރު ކުރާނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ މިމަުގެ 21 ވަނަ ދުވަހުއެވެ. ދުނިޔެއާއި އެންމެ ކައިރިން މި ހިލަ ދަތުރު ކުރަމުންދާއިރު ބައެއް ސަރަޙައްދުތުން އާދައިގެ ޓެލެސްކޯޕްތައް ބޭނުން ކޮށްގެން ގިނިހިލަ ފެންނާނެއެވެ. ނާސާ އިން ބުނެފައިވަނިީ ޖައްވީ އިދާރާގައި މަސައްކަތްކުރާ އެ އިދާރާގެ އެސްޓްރޮނޯޓުންނަށް މި ހިލަ ވަރަށް ކައިރިން ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.