(ހއ.ދިއްދޫ) ކުރެހުމަކީ ހުނަރެކެވެ. ކިތަންމެ ގިނަ ބަޔަކު ކުރަހަން ބޭނުންވި ނަމަވެސް އެކަން ވަނީ މަދު ބަޔަކަށެވެ.

ހއ.ދިއްދޫ އިން "ވަގުތު ހޭރިޔާ" ޓީމާ ކުރެހުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އެއް އާއިލާގެ ދެފަރާތަކާއި ބައްދަލުވުމުގެ ނަސީބު ލިބުނެވެ. ހަމްދުالله މުއާޒް (ދޭލިޔާގެ، ބ. ދަރަވަންދޫ) އާއި އޭނާގެ އަންހެން ދަރިފުޅު އައިޝަތު ސައުސަން ހަމްދުالله، 16 އަހަރަކީ ކުރެހުމުގައި ދިއްދޫ އިން އެންމެ ފާހަގަ ކޮށްލެވޭ ދެ ފަރާތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ބައްޕަގެ ފަރާތުން ނުހަނު މޮޅަށް ކުރަހަން ދަސްކޮށް ސައުސަން ވަނީ ކުރެހުމުގެ ދާއިރާ އަށް މުޅިން ހިތްޖެހި، އޭގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވިފައެވެ.

ހުނަރުވެރި ކުރެހުންތެރިޔާ ހަމްދުالله - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލްް

ހަމްދު ބުނީ އޭނާ ކުރެހުމަށް ފުރަތަމަ ޝައުގުވެރިކަން އުފެދުނީ ސްކޫލް ދައުރުގައި ކަމަށެވެ. ލިބޭ ހުސް ވަގުތުތަކުގައި ފޫހިފިލުވައިލުމަށް ކުރަހަން ފަށައި، ދުވަހުން ދުވަހަށް ކުރަހަން ހޭދަކުރާ މިންވަރު އިތުރުކޮށް އެއް ދުވަހަށްވުރެ އަނެއްދުވަހު ކުރަހާ ކުރެހުންތައް ރީތި ކުރަން މަސައްކަތް ކުރަމުން ދިޔަކަމަށް އޭނާ ބުންޏެވެ.

އެންމެ ފުރަތަމަ ހަމްދުގެ ކުރަހަން ފެށީ ޓީވީ އިންނާއި ފޮތްތަކުން ފެންނަ ކާޓޫނު ކެރެކްޓާތަކާއި މަޝްހޫރު މީހުންނެވެ. އަދި އޭގެ ފަހުން ހަމްދުގެ ރައްޓެހީންނަށް އޭނާގެ ކުރެހުންތައް ފެނުނު ހިސާބުން އެމީހުންގެ ފަރާތުބް ވަރަށް ބޮޑު ހިތްވަރެއް ލިބުނުކަން ހަމްދު ވަނީ ފާހަގަކޮށްފައެވެ.

ހަމްދުالله ގެ ކުރެހުމެއް

"އެންމެ ކުޑައިރުއްސުރެ ކުރަހައި އުޅުނިން. އޭރު ކުރަހައި އުޅުނީ އަމީތާބު، މައުމޫން އަބްދުالله ގައްޔޫމް، މިތުން މެން. އެއީ އޭރު އެންމެ މަޝްހޫރު މީހުން." ހަޔާތުގައި ކުރެހުމުގެ ސަފްހާ ފެށުނު ގޮތާއި ބެހޭގޮތުން ހަމްދު ކިޔައިދިނެވެ.

ހަމްދުالله ގެ ކުރެހުމެއް

ހަމްދު ބުނީ އެންމެ ކުރީގައި ކުރެހި ކުރެހުންތައް އެހާ އާންމު ކޮށްގެން ނޫޅޭ ކަމަށެވެ. އެންމެ ހިތްހަމަޖެހޭ ކުރެހުމަކަށް ކުރެހުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކުރެހުން ކަމަށް އޭނާ ބުނެފައިވާއިރު އެއީ ހަމްދު އަށް ވަރަށް ހާއްސަ ކުރެހުމެކެވެ.

ރާއްޖޭގެ މަޝްހޫރު ކުރެހުންތެރިންގެ ތެރެއިން ހަމްދު އަށް އެންމެ ކަމުދަނީ ނައުޝާދުގެ ކުރެހުންތަކެވެ. ގްރޭޑް އަށެއްގައި އުޅުނުއިރު ކުރެހުމާއި ގުޅޭ މަސް ދުވަހުގެ ކޯހެއްގައި ބައިވެރިވެ އޭގެ ފަހުން ކުރެހުމުގެ ދާއިރާއަށް ވަރަށް ބޮޑަށް ވަދެވި، ހިތާނީ ހަފްލާތަކަށް މާލޭގެ އެތައް ގެއެއްގައި ކުރަހަން ހަމްދު އަށް ދައުވަތު ލިބުމުން އޭނާ ވަނީ ގިނަަ ގެތަކުގައި ހިލޭ ސާބަހަށް އެކަން ކޮށްދީފައެވެ.

ހަމްދުގެ ކުރެހުމެއް

ސްކޫލްތަކާއި ކެފޭތަކުގެ އިތުރުން އެނޫން ވެސް ތަންތަނުގެ ފާރުތަކުގައި ވެސް ނުހަނު މޮޅަށް ކުރަހާ ހަމްދުގެ ތްރީޑީ ކުރެހުންތައް ދިއްދޫގެ ކެފޭތަކުން ވެސް ފެންނަން ހުރެއެވެ. ފެންކުލައިން ކުރެހުމާއި ޑިޖިޓަލް އާޓްސްގެ ކުރެހުންތައް ހަމްދު އެހައި ގިނައިން ކުރަހަ އެއް ނޫޅެއެވެ. މި ފަހުން ކުރެހި ގިނަ އަދަދެެއްގެ ޕޯޓްރައިޓް ކުރެހުންތައް މިހާރު ވިކި ހުސްވެފައި ވާއިރު ބައެއް ކުރެހުންތައް ރަށްޓެހީންނަށް ވަނީ ހަދިޔާ ކޮށްފައެވެ. އެހެންކަމުން ހަމްދު އަތުގައި މިހާރު ހުރީ ވަރަށް ވެސް މަދު ކުރެހުންތަކެކެވެ.

ސައުސަންގެ ބައެއް ކުރެހުންތައް

ހަމްދު އަކީ ފުލުހުންގެ ހިދުމަތުގައި ޒަމާނުންސުރެ އުޅެމުންދާ ހިތްވަރުގަދަ ބޭފުޅެކެވެ. ވަޒީފާގައި އުޅެފައި ގެއަށް އައިސް ލިބޭ ހުސް ވަގުތުތައް ކުރެހުމުގައި ހޭދަ ކުރާއިރު މިހާރު ކުރަހަނީ އޯޑަރެއް އައުމުން ކަމަށް އޭނާ ބުންޏެވެ. ކުރެހުމަކީ އާމްދަނީ ހޯދުމަށް ވެސް ވަރަށް ރަނގަޅު މަސައްކަތެއް ކަމުގައި ހަމްދު ގަބޫލުކުރާއިރު އޭނާ ވަނީ ކުރަހަން ޝައުގުވެރިކަން ހުންނަ ފަރާތްތަކުން އެ ދާއިރާ އިން ކުރިޔަށް ދިއުމަށް އިލްތިމާސް ކޮށްފައެވެ.

ހަމްދު މިހާރު ކުރަހާ ގިނަ ކުރެހުންތަކަކީ ލޭންޑްސްޕޭކް ކުރެހުންތަކެވެ. މިގޮތުން މޫދުގެ މަންޒަރުތައް ކުރަހައި އުޅެނީ ފޮޓޯތަކަށް ބަލައިގެންނާއި އަސްލު މަންޒަރަށް ބަލައިގެންނެވެ.

ސައުސަންގެ ބައެއް ކުރެހުންތައް


މިހާރު މަޝްހޫރު ވެގެންއުޅޭ ޓިޖިޓަލް އާޓް އަށް ހަމްދުގެ އެއްވެސް ޝައުގުވެރިކަމެއް ނުހުންނައިރު އެއްވެސް ވަރަކަށް ޑިޖިޓަލް އާޓްސްގެ ކުރެހުންތައް ނުވެސް ކުރަހައެވެ.

ކުރެހުމުގެ ދާއިރާގައި ސައުސަންގެ ހަޔާތް

ސައުސަންގެ ބައެއް ކުރެހުންތައް

ކުޑައިރުއްސުރެ ބައްޕަ ކައިރީގައި ހުރެ ޕޯޓްރައިޓް ކުރެހުމުގެ ދާއިރާ އަށް ހިތް ޖެހިފައިވާ އައިޝަތް ސައުސަން ހަމްދުالله 16 އަހަރަކީ ބ. ދަރަވަންދޫ އަށް ނިސްބަތްވާ ކުއްޖެވެ. ޕިންޓްރެސްޓުން ނަގާ ފޮޓޯތަކާއި މީހުންގެ ފޮޓޯތައް ބަލައިގެން ޕޯޓްރައިޓް ކުރަހަން ބޮޑަށް ޝައުގުވެރިވާ ސައުޝަން ކުރެހުމުގެ ތެރެއަށް ބޮޑަށް ވަދެވުނީ ގްރޭޑް 9ގައި އާޓް މާއްދާ ނަގައިގެން ކަމަށް ސައުސަން ބުންޏެވެ.

ސައުސަންގެ ކުރެހުމާއި ޑިޒައިން

މިހާރު ގްރޭޑް 10 ގައި ތައުލީމް ހާސިލްކުރަމުންދާ ސައުސަން ބުނީ އޭނާގެ ޕޯޓްރޭޓުތައް ރީތިވެ، ގިނަ ބައެއްގެ ތެރޭގައި މަގުބޫލުވުމުން އެކި ފަރާތްތަކުން ޕޯޓްރައިޓް ކުރެހުމަށް އޭނާ ކައިރިއަށް އަންނަ ކަމަށެވެ. އަދި ވެޑިން ބޯޑުތައް ހެދުމަށާއި އުފަން ދުވަހުގެ ހަފްލާތަކުގެ އިތުރުން އެނިވާސަރީތަކަށް ވެސް ކުރަހަން ހުށަހެޅުންތައް ލިބޭ ކަމަށް ސައުސަން ބުންޏެވެ.

ސައުސަން އޭނާ ކުރަހާފައިވާ ކުރެހުންތަކާއި އެކު ފޮޓޯ: ވަގުތު އިމޭޖްސް

ދާދި ފަހުން އޮއިލް ޕެއިންޓިން ބޭނުންކޮށްގެން ކުރެހުންތައް ކުރަހަން ފަށާފައިވާ ސައުސަންގެ ކުރެހުންތަކުގެ ތެރެއިން އެންމެ ގިނަބަޔަކަށް ކަމުގޮސްފައި ވަނީ އޭނާގެ އޮއިލް ޕެއިންޓިން ތަކެވެ. ސައުސަން އަށް އޮއިލް ޕެއިންޓިންގެ ކުރެހުންތައް ކުރަހަން މާ ފަސޭހަ ވެސް މެއެވެ.

ސައުންސަން އޭނާ ކުރާހާފައިވާ ކުރެހުންތަކާއި އެކު ފޮޓޯ: ވަގުތު އިމޭޖްސް

ބައްޕަ އާއި މަންމަގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބޭއިރު ރައްްްޓެހީންނާއި ސްކޫލުން ވެސް ސައުސަންއަށް އެއްބާރުލުން ލިބޭކަމަށް އޭނާ ބުންޏެވެ. މިހާތަނަށް ކުރެހުނު އެންމެ ރީތި ކުރެހުމަކީ އޯޑަރަކަށް ކުރެހި ކުރެހުމެއް ކަމަށް އޭނާ ބުންޏެވެ. މިހާތަނަށް ސައުސަން އެންމެ ގިނައިރު ހޭދަ ކޮށްފައިވާ ކުރެހުމަކީ ކްލާސް ކުދިންނާއެކު ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ކުރެހި ދޯންޏެއްގެ ކުރެހުމެވެ.

ސައުސަން އާއި ކްލާސް ކުދިންގެ ކުރެހުމެއް ފޮޓޯ: ހަމްދުالله

ސައުސަން ބުނީ އާޓްގެ ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ ކަމަށާއި ސްކޫލް ކުދިންނަށް ވެސް ކުރަހަން ދަސްކޮށްދީ، އެކަމަށް އެހީތެރިވެ ބާރު އަޅަމުން އަންނަ ކަމަށެވެ. ކޮންމެ ކަމެއްގައި ވެސް ކާމިޔާބު ވަނީ ނުހުއްޓައި، އެކަމެއް ޝައުގުވެރިކަމާއި އެކު ކުރުމުންނެވެ. ކުރެހުމުގައި ވެސް އޮންނަނީ މި އުސޫލުކަން ފާހަގަ ކުރަމުން ސައުސަން ބުނެފައި ވަނީ އުނދަގޫ ކުރެހުމެއް ކުރަހަން ޖެހިއްޖެނަމަ ނުހުއްޓައި އެ ކުރެހުމެއް ތަކުރާރުކޮށް ކުރަހާ ކަމަށެވެ. ކިތަންމެ ގިނައިން ފޮހެން ޖެހުނަސް ފަށާ ކުރެހުމެއް ނިންމާލާފައި ނޫނީ ސައުސަން އެ ކުރެހުމެއް ދުލެއް ނުކުރެއެވެ.

"ކުރެހުމަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް ބުނެލަން ބޭނުންވަނީ އަމިއްލަޔަށް ގަބޫލުކުރާށޭ ކުރެހޭނެކަން. ދެން ކުރިޔަށް ދެވޭނެ. ރާއްޖޭގައި ކުރެހުމުގައި ކުރިޔަށް ދެވޭނެ ދާއިރާތައް އަދި ނެތަސް، ބޭރު ގައުމުތަކުގައި އެފަދަ ދާއިރާތަކުން ފުރުސަތުތައް އޮންނާނެ." ކުރަހަން ޝައުގުވެރިކަން ހުންނަ ކުދިންނަށް އެކަމަށް ހިތްވަރުދެމުން ސައުސަން ބުންޏެވެ.

ސައުސަން މަސައްކަތް ފޮޓޯ: ސައުސަން

ކުރެހުމުގައި ރާއްޖެއިން އެންމެ ފޮލޯކުރާ އެކަކީ ގަހުވާ އާޓްސް ކަމަށް ސައުސަން ބުނެއެވެ. އަދި ބައްޕަގެ ކުރެހުންތައް ވެސް ބަލައި، އެ ކުރެހުންތަކުން އެތަކެއް ފިލާވަޅުތަކެއް ސައުސަން ލިބިގަނެއެވެ.

ސައުސަންގެ ކުރެހުންތައް'- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލްް

ސައުސަން އެންމެ ކުރަހާ ހިތްވާ ދާއިރާއަކީ ޕޯޓްރައިޓް ކުރެހުންތައް ކަމަށްވާ އިރު އެންމެ ފަސޭހައީވެސް ޕޯޓްރައިޓް ކަން އޭނާ ފާހަގަ ކުރިއެވެ. ސައުސަން ބުނީ ޕޯޓްރައިޓް ކުރަހާ އިރު ފުރަތަމަ ސްކެޗް ކުރަހާފަ ދެން އިމޯޝަންތައް ގެންނަނީ ކަމަށެވެ. އަދި އެކި ފަހަރު އެކި ބައިބައި އެކި ފޮޓޯތަކަށް ބަލައިގެންވެސް ކުރަހާ ކަމަށް ސައުސަން ވަނީ ބުނެފައެވެ.

ޑިޖިޓަލް އާޓްގެ ކޯހެއް ހެދިކަމަށް ސައުސަން ބުނާއިރު އޭނާ ބުނީ އެ ދާއިރާއަށްވެސް ޝައުގުވެރިކަން ހުންނަ ކަމަށެވެ. ކުރެހުމުގެ ދާއިރާގައި ދެވުނު އެންމެ އުހަކަށްވެސް ދާން ނިންމާފައިވާކަމަށް ސައުސަން ވަނީ ބުނެފައެވެ.

ސައުސަން އާއި ހަމްދުގެ ވަރަށް ގިނަ ކުރެހުންތައް ދައްކާފައިވާ އިރު ހުރިހާ ކުރެހުމެއްގައިވެސް ވަރަށް ބުރަ މަސައްކަތް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. ކުރެހުންތަކުން ފެންނަ ތަފްސީލްތަކުން އެ ކުރެހުމަށް ގިނަ ވަގުތު ހޭދަވެފައިވާކަންވެސް ފާހަގަ ކުރެވެއެވެ.

ހަމްދު އާއި ސައުސަން ލައްވައި ކުރެހުމެއް ކުރަހަން ޝައުގުވެރިވާނަމަ ހަމްދުގެ ނަމްބަރު 9701663 ފޯނަށް ގުޅާލާށެވެ. އަދި ސައުސަން އާއި އޭނާގެ އިންސްޓަގްރާމް އެކައުންޓުން ކޮންޓެކްޓު ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ގައުމު

  ތިޔައީ ތަކަންދޫ އަށް އުފަން ދެމަފިރިއެއްގެ ދަރިއެއް. އެމީހުން ދިއްދޫގައި ދިރިއުޅެމުންދަނީ ކުދިންނަށް ކިޔަވައިދިނުމަށް.

  24
  3
 2. އަބްދުﷲ މުއާޒު

  އަޖައިބުވެއްޖައިން. ވަގުތު ގެ ޓީމުން ދިޢްދުއަށް ކުރެޑިޓް ތިދެނީ މިވަގުތު އެ އާއިލާ ދިއްދޫގައި ތިބީތީދޯ. ގޯހެއްނޫން. ހަމްދުﷲ އަކީ ބ.އަތޮޅު ދަރަވަންދޫ މީޙެއް. އޭނާގެ އަންހެނުންނަކީ .ތަކަންދޫ ކުއްޖެއް) މިވަގުތު ދިއްދޫ ޕޮލިހުގައި މަސައްކަތްކުރާތީ ދިއްދޫ ގައި އެއާއިލާ އެތިބީ. ވަނަވަރު ވެސް އަޙާލަން ނޭގުނުދޯ

  32
  1
  • ބުގިސް

   ކޮބައިތަ ކްރެޑިޓް ދީފަ. ހުނަރަކީ ވަކި ތަނަކުން އައިސްގެން ވަކި ނަސްލަކަށް ނިސްބައިވެގެން ލިބޭ އެއްޗެއްތަ. ކޮންމެތަނަކަށް ނިސްބަތް ވިޔަސް އަމިއްލަ މަސައްކަތުން ކާމިޔާބު ލިބެނި. ވަކި ތަނަކަށް ނިސްބަތް ވެގެންނެއްނޫން. ޥަކި ތަނަކަށް. ޢުފަންވެގެން ކޯޗެއްތަ ލިބެނީ؟ ްްްްުްްް ތަކަންދޫގަ ޕޮލިސް ސްޓޭޝަނެއް ނެތީމަ ހަމްދު ދިއްދޫގަ އުޅެފަ ތަކަންދޫގަ ރަނގަޅު ސްކޫލެއްނެތީމަ އޭނަގެ ދަރި ދިއްދޫ ސްކޫލުގަ އުޅޭތީ އެވާހަކަ މިއޮތީ މީގަ.

  • ކަލޯ

   މަ މާ އަޖައިބު ވެއްޖައީން. ކޮންމެ ރަށެއް އެތާ ޖެހިއްޔާ ކޮންކަމެއް؟ އެއީ އެ ކުއްޖާގެ ހުނަރުވެރިކަން. ރަށައް ލިބޭ އެއްވެސް ކްރެޑިޓެއް ތިއަކު ނެތް.

   3
   1
 3. ދިއްދޫ މީހާ

  އެއްވެސް ލިންކްއެއް ނެތްތަ؟ ހުރިހާ ފޮޓޯފެންނާނެ ކަހަލަ

  15
 4. ފަރީދު

  ހާދަ ރީތި ކުރެހުން ތަކެކޭ.

  10
 5. މޯޑު

  ޙަމްދު ކޮންގްރާ. ކުރިއެރުމަށް އެދެން

 6. ހަސަނު

  ހަމްދުﷲ ދަރަވަންދޫ އަށް އުފަން ދަރަވަންދޫގެ ފަޚްރުވެރި ދަރިޔެއް

  9
  2