15 ވަނަ ދުވަހުގެ ބަޔާއި ގުޅޭ

ބާބު 06 – ޔާރު މިވަނީ ލޯތްބޭ ހަޤީޤީ

ދަންވަރުގެ ވަގުތެވެ. ގަޑިން 02 ޖެހީއެވެ. ނިކާލް އޮތީ އެނދުގައި އުއްޑުން އޮށޯވެލައިގެންނެވެ. ނިތްކުރިމަތީގައި އަތްބާއްވައިލައިގެން އޮތުމުން ބޮޑު ފިކުރެއްކުރަނީހެން ހީވެއެވެ. ރޭގަނޑުގެ ނިދި ނަގާލައިފައި އޭނާ ވިސްނަމުން އެދަނީ ކޮންކަމަކާ ހެއްޔެވެ؟ އެއްވެސް ހިޔާލެއް ފިކުރެއްނެތި ދިރިއުޅެމުން އައި ނިކާލަށް ޔަޤީނުން ވެސް ބޮޑުކަމެއް ވެއްޖެއެވެ. ވީކަމެއް ވީ އޭނާގެ ނުކިޔަމަންތެރި ހިތަށެވެ. ނިކާލް އެތައް ފަހަރަކު އެހިތަށް އަމުރުކޮށްފިއެވެ. ހަމަޖެހިލައިގެން ނިދިޔަދޭށެވެ. ނަމަވެސް ފައިރޫޒްގެ ސައިކަލު ފަހަތަށް ނިހާ އެރި ހިސާބުން ފެށިގެން އެހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ހިތް ވަނީ ނުތަނަވަސްވެފައެވެ. ނިކާލްގެ އަތުން އަގު ބޮޑު ޖަވާހިރެއް ބީވެގެންދާ ފަދަ އިޙްސާސެއް ވަނީ ކުރެވެން ފަށައިފައެވެ. ނިކާލަށް ނިހާދެކެ ލޯބިވެވުނީ ހެއްޔެވެ؟ މިއީ މީހުން އެ ކިޔާ އިޝްޤީ ލޯބި ހެއްޔެވެ؟ ނުވަތަ މީ ގާތް ރައްޓެހިކަމުގެ ސަބަބުން އުފެދިފައިވާ ކުލުނު ހެއްޔެވެ؟ ފުރަތަމަ ފަހަރަށް އެ ސުވާލުތައް ނިކާލްގެ ހިތުގައި އުފެދުނެވެ. އެޔާއެކު ސުވާލުތަކުގެ ޖަވާބު ހޯދުމަށް ނިކާލްގެ ސިކުނޑި މަސައްކަތް ފެށިއެވެ.

ނިކާލަށް ނުނިދިގެން ކޮޓަރިން ނުކުތެވެ. ޖެހިގެން ހުރި ނިހާގެ ކޮޓަރިއާ ދިމާއަށް ބަލާލައިފައި ސިޑިން ފައިބެގެން ފެންޑާއަށް ދިޔައެވެ. ފެންޑާގައި ވަނީ ކަނު ފަދަ އަނދިރިކަމެވެ. ބޮކި ދިއްލުމަށް ކާގެއަށް ދިޔައިރު ފަހަތުން މީހަކު އަންނަ ކަމުގެ އިޙްސާސެއް ނިކާލަށް ކުރެވުނެވެ. ނިކާލް ހުއްޓިފައި، ފަހަތް ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނިކާލްގެ އަތުގެ އިނގިލިތަކުން ނިތްކުރީގައި ފިރުމަމުން ކެއުމަށް ހާއްސަކޮށްފައިވާ ހުންނަ ހިސާބަށް ދިޔައިރު މޭޒު ކައިރީގައި މީހަކު އިންހެންވެސް ހީވިއެވެ. އޭނާ ރަނގަޅަށް ބަލާލިއެވެ. އެއީ ހީއެއް ނޫނެވެ. ޔަޤީނުން ވެސް މީހަކު އެބައިނެވެ. އެއީ ކާކު ހެއްޔެވެ؟ އަވަސް އަވަހަށް ނިކާލް ބޮކި ދިއްލައިލިއެވެ.

"ނިހާ!" މޭޒު މަތީގައި ބޯ އަޅާލައިގެން އޮތް ނިހާ ފެނިފައި ނިކާލަށް ބުނެވުނެވެ. ނިހާ އިސްއުފުލައިލިއެވެ. ހަމައެކަނި ކުރުކުރު ސޯޓުބުރިއެއް ލައިގެންހުރި ނިކާލަށް ބަލާލައިފައި ނިހާ ފަނޑުގޮތަކަށް ހިނިތުންވެލިއެވެ. ދެވަނަ ސިކުންތުގައި އޭނާ މޭޒުމަތީގައި ބޯ ޖައްސައިލައިފިއެވެ. ނިހާގެ މޫނުމަތިން ނިކާލަށް ފެނުނީ ވަރުބަލިކަމެވެ. ނިކާލް އަވަހަށް ގޮނޑިއެއް ދަމާލައިފައި ނިހާ ގާތުގައި އިށީނެވެ.

"ބަލީތަ؟" ނުތަނަވަސްވެފައި ހުރި ނިކާލް ސުވާލުކޮށްލިއެވެ. "ކީއްވެގެން މިތަނުގައި. އަނދިރީގަ. ބަލީތަ؟ ބޮލުގަ ރިއްސަނީތަ؟"

"ބޮލަށް ތަދުވަނީ." ބަލިބަލި އަޑަކުން ނިހާ ޖަވާބުދިނެވެ. ނިހާގެ ބޮލުގައި ލޯތްބާއެކު ނިކާލް ފިރުމާލިއެވެ. އިރުކޮޅަކުން ނިކާލް ކޮޅަށް ތެދުވެ ނިހާގެ ބޯ މޮޑެދޭން ފެށީ ނިހާގެ ހުއްދަ ވެސް ހޯދުމެއް ނެތިއެވެ. ނިކާލްގެ ފިނިފިނި އިނގިލިތައް ޖެހުމާއެކު ނިހާއަށް ހީވީ ގަނޑުފެންތަކެއް ބޮލުގައި ޖެއްސިހެންނެވެ. ނިހާގެ ފަން އިސްތަށިގަނޑު ތެރެއަށް އިނގިލިތައް މަހައިގެން އެކިގޮތް ގޮތަށް ނިކާލް މަސާޖުކުރިއެވެ. އެކަމުގެ ސަބަބުން ނިހާއަށް ވަރަށް އަރާމްވިއެވެ. އިސާހިތަކު ބޮލަށް އަރާފައިވާ ބާރުގަނޑު ލުއިވާން ފެށިއެވެ. ނަމަވެސް އޭނާ ބޯ ހިއްލާލަން ބޭނުންނުވެފައި އޮތީއެވެ. އިރުކޮޅަކުން ނިހާ ބޯ ހިއްލައިލިއެވެ.

"މިހާރު އޯކޭ." ނިހާ ހިނިތުންވެލިއެވެ.

ނިހާގެ ހިނިތުންވުން ފެނިފައި ނިކާލްގެ ހިތަށް ހިތްހަމަޖެހުން ލިބުނެވެ. އަޖަބެއް ކަހަލަ ދިރުމެއް ނިކާލްގެ ޟަމީރަށް ލިބުނެވެ. އެއީ ނިކާލަށް ވެސް ބަޔާންކުރަންދަތި އިޙްސާސެކެވެ. ނިކާލް ގޮނޑީގައި އިށީނީ، ނިހާގެ ހަނދެއްފަދަ ރީތި ދޮން މޫނަށް ފަރުވާތެރިކަމާއެކު ބަލަމުންނެވެ. ނިހާއަކީ ހުރިހާ ރީތިކަމެއް ލިބިފައިވާ ފަތްމިންޏެއް ފަދަ ކުއްޖެކެވެ. ލޫޅާފަތި ހަށިގަނޑެއްގެ ވެރިއެކެވެ. ނިހާއަށް ލިބިފައިވަނީ ހިތިފަތު ބުމައަކާއި ދިގު އެސްފިޔަތަކެކެވެ. ފިޔާތޮށި ފިނިފެންމަލުގެ ފިޔަތައްފަދަ ތުނި ދެ ތުންފަތެވެ. ރުއްކުރި ކޮޅެއްފަދަ ދޮންކަމެވެ. މޫނުގެ ކަނާތް ފަރާތު ތުންފަތް ކައިރީގައިވާ ކަޅުތިލައިން ނިހާގެ ރީތިކަން އެތައް ގުނައަކަށް އިތުރުކޮށްދެއެވެ. އެއީ ބަލާފޫހިނުވާފަދަ ރީތި ކަމެކެވެ. ކުރިން އެކަންތައް ނިކާލަށް ފާހަގަނުވީ ކީއްވެގެން ހެއްޔެވެ؟ ނިކާލް ބަލަން އިންގޮތުން ނިހާ ލަދުން އިސްޖަހައިލިއެވެ. ނިކާލަށް ދައްކާނެ ވާހަކައެއް ނޭނގުނެވެ. ކުއްލިއަކަށް ފައިރޫޒް މަތިން ހަނދާންވިއެވެ.

"ކީއްވެގެން ނުބުނީ." ޝަކުވާކުރާ ކަހަލަ ރާގެއްގައި ނިކާލް އެހިއެވެ. ނިހާ އިސް އުފުލައިލިއިރު އެ ނިތަށް ވަނީ ރޫ ގިނަވެފައެވެ. ނިކާލް ބުނި އެއްޗެއް އޭނާއަށް ނޭނގުނޭ ބުނާ ކަހަލައެވެ.

"ފައިރޫޒްގެ ވާހަކަ." ނިކާލް އޮޅުންފިލުވައި ދިނެވެ. "މަންމަ ނިހާގެ ލޯބިވެރިޔަކީ ކާކުތޯ ސުވާލުކުރި އިރުވެސް ހިތަކަށް ނާރާ ނިހާގެ ލޯބިވެރިޔެއް ހުންނަކަމަކަށް. ބައްޕަ މިއަދު ބުނި ވަރަށް އަވަހަށް ނިހާގެ ކައިވެނި ކުރެވޭނޭ ވެސް! ޤަބޫލެއްނުކުރަން ތެދެއްކަމަކަށް! އަދި އެމީހަކީ ފައިރުއަށް ވެދާނޭ އެއްގޮތަކަށް ވެސް ހިތަކަށް ނާރާ! ހީކުރީ އެވަރުގެ ބޮޑުކަމެއް ކުރާއިރު ނިހާ ބުނާނެކަމަށް. މިއަދު އެކަން އެނގުނީ. ނިހާ ކިޔާ ނުދިނީ ކީއްވެ؟ އެއްވެސް ވާހަކައެއް ނުބުނީ ކީއްވެ؟"

އިލްހާމް އެވަނީ ނިކާލަށްވެސް ފައިރޫޒްގެ ވާހަކަ ކިޔާދީފައި ހެއްޔެވެ؟ ފުރަތަމަވެސް ނިހާގެ ހިތަށްއެރީ އެސުވާލެވެ. ނިކާލް ގާތުގައި އެއީ ދޮގެކޭ ބުނަން ނިހާގެ ހިތް އެދި ގޮވިއެވެ. އޭނާ ލޯބިވާ މީހަކީ ނިކާލޭ ބުނުމަށް ހިތް އެދުނެވެ. ނަމަވެސް ނިހާ ޖަވާބު ދިނުމަށް އަނގަ ހުޅުވާލި ވަގުތު އިވުނީ އެހެން އަޑެކެވެ.

"ނިހާއާއި ފައިރޫޒްގެ ކާވެނި ހަމަޖެއްސީ ބައްޕަ." އެއީ އިލްހާމްގެ އަޑެވެ. "ނިހާ ގާތު އަހާފަ ނިހާވެސް އެކާވެންޏާ ޤަބޫލުވީމަ! އެކަން ހަމަޖައްސައި ނިންމައިފިން!"

ނިހާ ލޮލުގެ ހިމަކޮޅުން އިލްހާމަށް ބަލާލިއެވެ. ނަފުރަތުގެ ބެލުމަކުންނެވެ. ފުންމައިގެން އަރާ އިލްހާމްގެ ކަރުގައި ހިފައި މަރާލަންވީއެވެ. މޫނުމަތީގައި އެތިފަހަރެއް ޖަހަންވީއެވެ. ނިކާލްގެ ކުރިމަތީގައި ބޭޒާރުކޮށްލަންވީއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްކުރާކަށް ނިހާއަކަށް ނުކެރުނެވެ. ނިހާ ރުޅި ކޮންޓްރޯލް ކުރަން މަސައްކަތްކުރަމުން އެތަނުން ނުކުމެގެން ދިޔައީއެވެ. އިލްހާމް ރީތި ގޮތުގައި ލަދު ގަންނުވާލަން ހިތުގައި އަޒުމް ކަނޑައަޅައިގެންނެވެ. ބުޅަލަކަށް ދުވަހެއް އައިއްޔާ މީދަލަކަށް ވެސް ދުވަހެއް އަންނާނެއެވެ. ނިހާ އެއްވެސް ވާހަކައެއް ދޮގު ނުކުރީތީ ހުރިހާ ވާހަކަތަކަކީ ތެދުކަމަށް ނިކާލް ޤަބޫލުކުރިއެވެ.

އިލްހާމްގެ ތުންފަތްމަތީގައި ދުވެލީ ކާމިޔާބުގެ ހިނިތުންވުމެކެވެ. އޭނާއަށް ނިހާގެ ގޮތް ވަރަށް ރަނގަޅަށް އެނގެއެވެ. އިލްހާމް ހަދަނީ ދޮގެކޭ ބުނެ މީހުންގެ ކުރިމަތީގައި އިލްހާމްގެ އާއިލާ ބޭޒާރުކުރާކަށް ނިހާއަކަށް ނުކެރޭނެއެވެ. އިލްހާމްދެކެ ކިތަންމެ ނަފްރަތެއް ކުރިޔަސް ވެހެވެ. ލިބުނު ކާމިޔާބީއާ އެއްވަރަށް އިލްހާމްގެ ހިތުގައި ބިރުވެރިކަން ވެސް އުފެދުނެވެ. ނިކާލްގެ އޮއްސިފައިވާ މޫނު ފެނުމުންނެވެ. ނިހާދެކެ ނިކާލް އިންތިހާއަށް ލޯބިވާކަން އިލްހާމަށް ޔަޤީނެވެ. އެ ލޯބި ހާމަކޮށްފިނަމަ އޭނާގެ ހުރިހާ ރޭވުމެއް ފެނަށް ވެގެންދާނެއެވެ. ނިހާއަށް ކުރަން ނުކެރޭ ކިތަންމެ ކަމެއް ނިކާލަށް ކުރަން ކެރޭނެކަން އިލްހާމަށް އެނގެއެވެ.

ނިހާ ކޮޓަރިއަށް ވަދެ ބާރަކަށް ދޮރުޖެހި ވަގުތު ފިނި ވައިރޯޅިއެއް ޖެހުނެވެ. މޫނަށާއި މުޅި ހަށިގަނޑަށް ފިނިވެގެން ދިޔައެވެ. ހީވީ ނުފެންނަ މަޚުލޫގެއް ދޮރުދޭތެރެއިން އައިސް ފިރުމާލިހެންނެވެ. ކުއްލިއަކަށް ކެތްނުވާވަރަށް ނިހާގެ ބޮލުގައި ރިއްސައިގަތެވެ. އެއީ މީގެ ކުރިން ނިހާ ތިރިޔަށް ފެންބުއިމަށް ދިޔައިރު ވެސް ވީ ގޮތެވެ. ނިހާއަށް މިވަނީ ކީއްހެއްޔެވެ؟ ދެއަތުން ބޮލުގައި ހިފަހައްޓައިގެން ހުރެ އެނދުމައްޗަށް ނިހާ ވެއްޓިގަތެވެ. އިސާހިތަކު އެސްފިޔަތަކަށް ބަރުވެ ދެލޮލަށް ނިދި ސަވާރުވިއެވެ. ދެލޯ މެރިގެން ދިޔައެވެ.

ނިހާއަށް ހޭލެވުނީ އިންޝާ ގޮވާ އަޑަށެވެ. މޯޅިއަކަށް ދެމިލަމުން ފޯނު ނަގައި ބަލާލުމާއެކު ދެލޯ ބޮޑު ވެއްޖެއެވެ. ގަޑިން 07:30 ވެއްޖެއެވެ. ޑިއުޓީ ގަޑިޖެހެން ބައި ގަޑިއިރަށް ވީއެވެ. ދޮރުގައި ޓަކި ދެމުންދިޔަ އިންޝާއަށް ޖަވާބު ދިނުމަށްފަހު ނިހާ ވަނީ ފާހާނާއަށެވެ. އޮފް ދުވަސްކަން ނިހާ ހަނދާނަށް އައީ ފެންވަރައިލައިގެން ނުކުމެ ރީތިވުމަށް ލޯގަނޑު ކައިރީ ހުއްޓައެވެ. ވީ ފޫހިން ގޮސް އެނދުގައި އިށީނެވެ. އެވަގުތު އިންޝާ ގޮވައިލި އަޑުއިވުނެވެ. ނިހާ ގޮސް ދޮރު ހުޅުވައިލިއެވެ.

"ސާބަހޭ ހާދަވަރަކަށް ގޮވައިފީމޭ! ކީއްތަ ތިކުރަނީ؟" އިންޝާ އެތެރެއަށް ވަނެވެ.

"ފެންވަރާލީ." ނިހާ ބުނެލިއެވެ.

"ހޫމް ތިއެއް ނޫނޭ. އާދެބަލަ!" އިންޝާ ނިހާގެ އަތުގައި ހިފައިގެން ގޮސް އިށީނެވެ. "ވަރަށް އުފާވެފަ މިހުންނަނީ! ނިހާ އަހަރެން ދެއްކި ވާހަކަތައް ޤަބޫލުކުރީމަ!"

"ކޮން ވާހަކައެއް." އިންޝާ ބުނި އެއްޗެއް ނިހާއަކަށް ނޭނގުނެވެ.

"ފައިރުއާ އިންނަން އެއްބަސްވީމަ!" އިންޝާ ދަތްކޮޅު ފެންނަ ވަރަށް ހީނލިއެވެ.

"އެހެންވެ ދޯ މާވަރަކަށް ހެވިފަ ތިހުރީ!" ނިހާ ނުރުހުންވިއެވެ. "މަށެށް އެ ކާވެންޏަކަށް އެއްބަހެއް ނުވަން!.. ނުވެސް ބުނާނަން! މަ ޖަވާބެއް ނުދީ ހުއްޓައި ފައިރު ކައިރީގައި ވެސް އެ ވާހަކަ ދައްކައިގެން އެ އުޅެނީ އިލްހާމް.. އޭނަ އެ އުޅެނީ މަ ނިކްއާ އިނދެފާނެތީ ބިރުން."

އިންޝާ ހުއްޓުން އަރާފައި އިނީއެވެ. އިލްހާމާއި ނިހާއާ ދެމެދު ގުޅުން ރަނގަޅު ނޫންކަން އިންޝާއަށް އެނގެއެވެ. ދެމީހުން އެކަކު އަނެކަކު ދެކެ ނަފްރަތު ކުރާވަރު ވެސް އެނގެއެވެ. ހަޤީޤަތް ނޭގުނަސް ކޮންމެވެސް ވަރަކަށް ސަބަބުވެސް އެނގެއެވެ. ރަށު ތެރޭގައި ނިހާގެ މަންމައޭ ކިޔައިގެން ދައްކާފައިވާ ވާހަކަތައް އިވިފައިވާތީއެވެ. އެކަމަކު އިލްހާމް އެފަދަ ދޮގެއް ހަދާނެ ކަމަކަށް އިންޝާއަށް ޤަބޫލެއް ނުކުރެވެއެވެ. ނިހާވެސް ދޮގު ހަދަންޖެހޭ ސަބަބެއް ނެތެވެ. އިންޝާ ނިހާގެ އަތުގައި ހިފައިގެން ނުކުތީ ބޭރަށެވެ. ރެއިލިންގ ކައިރިއަށް ގޮސް ފެންޑާ ދައްކާލުމާއެކު ނިހާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ.

ފެންޑާގައި ތިބީ ފައިރޫޒާއި އޭނާގެ އާއިލާ މީހުންނެވެ. ފައިރޫޒްގެ މަންމައާއި ބައްޕައެވެ. ކާފަޔާ މާމައެވެ. ދައްތައާއި ބޭބެގެ އިތުރުން އެމީހުންގެ ދަރިންނެވެ. އެތަނުގައި އިލްހާމް ވެސް އިނެވެ. ބޮޑެތި މީހުންތައް ސޯފާގައި ތިބެގެން ހީހީފައި ވާހަކަ ދައްކާއިރު ކުޑަކުދިންތައް ދުވެނަގަނީއެވެ. ހީވަނީ ކުޑަވަރެއްގެ އީދެއް އައިސްގެން އުޅޭހެންނެވެ. މީ ކޮން ކަންތައް ގަނޑެއް ހެއްޔެވެ؟ އިންޝާގެ މޫނަށް ނިހާއަށް ބަލައިލެވުނެވެ.

"ތި ދެމީހުން ކައިވެނި ކުރާ ދުވަސް ކަނޑައަޅަން ވެގެން." އިންޝާ މަޑުމަޑުން ބުނެލިއެވެ.

އިލްހާމްގެ ރޭވުންތަކަށް އަމަލީ ސިފަ ގެންނަމުން ދިޔައީ ނިހާ ހީކުރި ވަރަށް ވުރެ މާ ހަލުވިކޮށެވެ. ނިހާ އުންމީދު ކުރީ ނިކާލްގެ ލޯބި ކާމިޔާބުކުރުމަށް ވަގުތު ލިބޭނެ ކަމަށެވެ. ނަމަވެސް ފެންނަމުން މިދާ މަންޒަރުތަކުގެ ސަބަބުން ނިހާގެ ހިތުގައި ރަނގަޅަށް ވެސް ބިރުވެރިކަން އުފެދިއްޖެއެވެ. ނިހާ ކުރިޔަށް އަޅާ ކޮންމެ ފިޔަވަޅަކަށް އިލްހާމް ދެ ފިޔަވަޅު އަޅައެވެ. އިލްހާމް ކުޅެމުންދާ ކުޅިގަނޑު ކުޅުނަ ދޭން ނިހާ ބަލަހައްޓައިގެން ހުންނަންވީ ހެއްޔެވެ؟ ނޫނެކެވެ. މިހާރު ވެސް މާގިނަ ވަގުތު ބޭކާރު ކުރެވިއްޖެއެވެ. ފައިރޫޒް އާއިލާ ކުރިމަތީގައި ކައިވެންޏާ ދެކޮޅު ހަދަން ނުކެރޭނެކަމަށް އިލްހާމަށް ހީވާ ކަމުގައިވާނަމަ އެއީ ވަރަށް ބޮޑު ކުށް ހީއެކެވެ. ނިހާ ތިރިޔަށް ދިޔުމަށް ހިނގައި ގަތެވެ.

"ތިކަހަލަ މޮޔަކަމެއް ނުކުރާތި!" އިންޝާ ނިހާގެ އަތުގައި ހިފެހެއްޓިއެވެ. "އެންމެން ކިހާ ލަދެއް ގަންނާނެ! އެމީހުން ދަންދެން މަޑުކުރޭ!"

"އަހަރެން ހިފަހައްޓަން ނޫޅޭ އިންޝާ." ނިހާ އިންޝާގެ އަތް ފޮޅުވައިލިއެވެ.

ނިހާ ލަސް ފިޔަވަޅުތަކެއް އަޅަމުން ސިޑިން ފޭބިއެވެ. ފެންޑާގައި ތިބި އެންމެންގެ މޫނަށް ވަކިވަކިން ބަލަމުންނެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ހިތްހަމަ ޖެހުމެވެ. އެންމެންގެ ކުރިމަތީގައި ކައިވެންޏަށް ދެކޮޅު ހަދާނެ ހިތްވަރު ނިހާއަށް ލިބިދާނެ ހެއްޔެވެ؟ ނިހާ ތިރިއަށް ފޭބުމާއެކު ފައިރޫޒްގެ މަންމަ ޒުބޭދާ ދުވެފައި އަޔެވެ.

"މާޝާﷲ." ނިހާ މޫނުގެ ދެފަރާތުން ހިފަހައްޓާލަމުން ޒުބޭދާ ބުންޏެވެ. "ވަރަށް ފުރިހަމަ! ފައިރޫޒްއާ ވަރަށް ގުޅޭ."

ޒުބޭދާ ނިހާގެ އަތުގައި ހިފައިލައިގެން ގޮސް ސޯފާގައި ބޭންދިއެވެ. ސައްތާރު ހިނިތުންވެލަމުން ނިހާގެ ބޮލުގައި ފިރުމައިލިއެވެ. ފައިރޫޒްގެ އާއިލާ އެންމެން ނިހާއަށް ސަލާންކޮށް މަރުހަބާކިޔެވެ. ކުދިވެރިން އައިސް ނިހާއަށް ދޮންބެ ދައްތަ ވެސް ކިޔެވެ. އެންމެންގެ އުފާވެރިކަން ފެނިފައި ނިހާ އިނީ ލަދުގަނެ ބަސް ހުއްޓިފައެވެ. ހަދާނެ ގޮތެއް ބުނާނެ އެއްޗެއްވެސް ނޭގިފައެވެ.

"ކޮބާ ދެން ނިންމަމާ ތާރީޚެއް." ސައްތާރު މޭޒުމަތިން ޖޫސްތައްޓެއް ނަގަމުން ބުނެލިއެވެ. "ފައިރޫޒް ބޭނުމެއް ނުވޭ ރައްޓެހިވެގެން އުޅޭކަށް! ސީދާ ކައިވެނި ކުރަން ބޭނުންވަނީ! ނިހާ ބޭނުންވަނީ ކޮންގޮތެއް!"

"އަޅުގަނޑު.. އަޅުގަނޑު." ނިހާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ޞަފިއްޔާ ދުރުގައި ހުރެފައި ދެއަތަށް ބޯ ހޫރުވާލިތަން ނިހާއަށް ފެނުނެވެ. ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލަމުން އެއްވެސް އެއްޗެއް ނުބުނުމަށް ޞަފިއްޔާ އިޝާރާތްކުރިއެވެ. ޞަފިއްޔާ ގާތުގައި ހުރި އިންޝާ ވެސް ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ.

"އަޅުގަނޑަށް ފައިރު ނިންމާ ކޮންމެ ގޮތެއްވެސް އޯކޭ." ނިހާ އަވަހަށް ޖަވާބު ދީފައި އެތަނުން ދުރަށް ދިޔައެވެ. އޭނާ ދިޔަގޮތަށް ދިޔައީ ކޮޓަރިއަށެވެ.

ކުއްލިއަކަށް ނިހާއަށް ކިހިނެއްވީތޯ ޒުބޭދާ ސުވާލުކުރިއެވެ. ނިހާ ދިޔައީ ލަދުންކަމަށް ބުނެ އިލްހާމް ޖަވާބު ދާރީވިއެވެ. ކަންތައްވެގެން ދިޔައީ އިލްހާމް އުންމީދު ކުރި ގޮތަށެވެ. ނިހާއަށް އެ ކާވެންޏާ ދެކޮޅު ހެދުމުގެ ކުޑަ ނަމަވެސް ފުރުޞަތެއް އިލްހާމް ދޭން ބޭނުންނުވީއެވެ. ފައިރޫޒް އާއިލާ އެންމެނަށް ދަޢުވަތުދީ އެ ގެއަށް ގެނައުމުގެ ބޭނުމަކީ ވެސް އެއީއެވެ. ނިހާއާއި ފައިރޫޒްގެ ކާވެނި ކުރެވޭނެ ދުވަސް ވެސް އެދުވަހު ކަނޑައެޅުނެވެ. އެންމެންނަށް ވެސް އެއްބަސް ވެވުނީ ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ކާވެނި ކުރުމަށެވެ. މާބޮޑު ޕާޓީއެއް ބޭއްވުމަށް ގަސްތުކޮށްފައި ނެތުމުން އެދުވަހަށް ތައްޔާރު ވެވިދާނެކަމަށް އެންމެން ވެސް އިއްތިފާޤުވިއެވެ.

ނިހާ ކޮޓަރިއަށް ވަން ގޮތަށް ރީތިވާ މޭޒުމަތީގައި އޮތް ރަބަރު ޕެކެޓް ނެގިއެވެ. އެއީ އޭނާގެ އެންމެ ފަހުގެ އުންމީދެވެ. ތަވީދު މޭޒުމަތީގައި ނެތްކަން އެނގުމުން ނިހާގެ ހަރަކާތް އަވަސްވިއެވެ. ނިހާ މޭޒު މަތީގައި ހުރި ތަކެތި އެފުށް މިފުށަށް ޖެހިއެވެ. މޭޒު ދުރުކޮށް ފާރު ކައިރި ވެސް ބެލިއެވެ. މުޅި ކޮޓަރީގައި އަތްފުނާ އެޅި އިރުވެސް ތަވީދު ނުފެނުމުން ނިހާގެ ކަރު އެލޭގޮތް ވިއެވެ.

ނިހާގެ ކައިވެނީގެ ހޫނު ޚަބަރުތައް ތާޒާ ކަމާއެކު ނިކާލަށް ގެނެސްދިނީ ނަޒީލެވެ. އޭރު ނިކާލް އިނީ ހެނދުނުގެ ނާސްތާއަށް އިންސާފުކުރާށެވެ. ދެ ހަފްތާގެ ތެރޭގައި ނިހާގެ ކައިވެނި ކުރުމަށް ނިންމާފައިވާކަމަށް ނަޒީލް ބުންޏެވެ. ނިހާގެ ކައިވެނީގެ އެކި ވާހަކަތައް ދައްކަންފެށުމާއެކު ނިކާލްގެ ޠަބީޢަތު ގޯސްވެއްޖެއެވެ. ކާ ހިތްވެސް ކެނޑުނެވެ. އެންމެފަހުން ކާންހުރި އެއްޗެހި ބަހައްޓާފައި އޭނާ ތެދުވީ އެ ވާހަކަތައް އަޑުއަހަން އުނދަގޫ ވެގެންނެވެ. ދުރުގައި މަންޒަރު ބަލަންހުރި ޞަފިއްޔާއަށް އެ ހުރިހާ މަންޒަރެއް ފެނުނެވެ. ނިހާއާއި ނިކާލް އެކަކު އަނެކަކުދެކެ ލޯބިވާކަން ޞަފިއްޔާއަށް މިހާރު ޔަޤީންވެއްޖެއެވެ. އެހެން ނަމަވެސް އިލްހާމާ ދެކޮޅު ހަދައިގެން ދެމަފިރިން އަރާރުންވާކަށް ޞަފިއްޔާ ބޭނުމެއް ނުވެއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ނިކާލް ގާތުގައި ނިހާ ވެސް ލޯބިވާ ވާހަކަ ބުނަންވީ ހެއްޔެވެ؟ އޭރުން ދެބަފައިންގެ މެދުގައި އުފެދިދާނެ ހައިޖާނުގަނޑަކަށް ވިސްނާފައި ޞަފިއްޔާ ކަންބޮޑުވެއެވެ.

ނިކާލް ފުން ވިސްނުމަކަށް ގެއްލިފައި އިނެވެ. ނިކާލްގެ ހިތުގައި ނިހާގެ މައްޗަށް އޮތީ ބޭބެއަކު ކޮއްކޮދެކެވާފަދަ ލޯތްބެއް ހެއްޔެވެ؟ ނޫނެކެވެ. އެއީ އިޝްޤީ ލޯތްބެވެ. ނިހާގެ ކައިވެނީގެ ސަބަބުން އޭނާގެ ހިތަށް އުނދަގޫވަނީ އެހެންވެގެންނެވެ. ނިކާލްގެ ހިތަށް ހަމަޖެހުމެއް ނުލިބިގެން އުޅެނީ ނިހާ ނުލިބި އަތުން ބީވެގެންދާތީއެވެ. ނިހާގެ ސޫރަ ފެނުމުން ހިތަށް ހަމަޖެހުން ލިބިފައި އެ ސޫރަ ފެންނަ ހިސާބުގައި އުޅޭހިތް ވަނީ ވެސް ލޯބިވާތީއެވެ. ފުންކޮށް ވިސްނާލުމުން ނިހާގެ ކިބައިން ވެސް ލޯބިވާކަމުގެ އެތަކެއް ހެތްކެއް ފެނިފައިވާކަމަށް ނިކާލަށް ޤަބޫލުކުރެވުނެވެ. ލަދުގަތުމާއި އުފާވުންފަދަ އެތައްކަމެކެވެ. ނިކާލް ސަމާސާއަކަށް ހަދާފައި ނިހާއާ ކާވެނި ކުރަން ބޭނުންވެޔޭ ބުނި ދުވަސް ވެސް އޭނާ ހަނދާންކުރިއެވެ. އެދުވަހު ވެސް ފުރަތަމަ ނިހާގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ދެރަވީ އޭނާ ކުރީ ސަމާސާއެއްކަން އެނގުމުންނެވެ. ވީއިރު ފައިރޫޒާ ކާވެނިކުރަން ނިހާ ބޭނުންވީ ކީއްވެގެން ހެއްޔެވެ؟ ނިކާލަށް ގޮތެއް ނިންމަން އުނދަގޫވިއެވެ. މީހަކު ދޮރުގައި ޓަކި ދިން އަޑަށް ނިކާލް ސިހުނެވެ. ޞަފިއްޔާ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނެވެ.

"ނިކާލް ނިހާދެކެ ލޯބިވޭތަ؟" ޞަފިއްޔާ ފުރަތަމަ ވެސް ކޮށްލީ ސުވާލެކެވެ. ނިކާލް ހައިރާންވެފައި ޞަފިއްޔާގެ މޫނަށް ބަލަހައްޓައިގެން އިނެވެ.

"ދަރިފުޅު ނިހާދެކެ ލޯބިވޭތަ؟" ނިކާލްގެ ޖަވާބެއް ނުލިބުމުން ޞަފިއްޔާ ސުވާލު ތަކުރާރުކޮށްލިއެވެ. ނިކާލް މަޑުމަޑުން ތެދުވިއެވެ. ޞަފިއްޔާ ގާތަށް އައިސް ދެކޮނޑުގައި ހިފަހައްޓާލިއެވެ. ފަރުވާތެރިކަމާއެކު ޞަފިއްޔާގެ މޫނަށް ބަލާލިއެވެ. ޞަފިއްޔާ ކަމަކާ ފިކުރުބޮޑުވެފައި ހުރިހެން ނިކާލަށް ހީވިއެވެ.

"ކިހިނެއްވީ މަންމާ؟" ނިކާލް އެހިއެވެ. "ހާދަ ފިކުރު ބޮޑުވެފަ. ކަމެއްވީތަ؟"

"ކަމެއް ނުވޭ." ޞަފިއްޔާ ދިނީ ކުރު ޖަވާބެކެވެ. "މަންމަ މިބުނީ ދަރިފުޅު ނިހާދެކެ ލޯބިވޭ ހޭ؟"

ޞަފިއްޔާ ތަކުރާރުކޮށް ކުރަމުން ދިޔަ ސުވާލުން ނިކާލް ހާސްކޮށްލައިފިއެވެ. އޭނާގެ ހިތުގައި ނިހާގެ މައްޗަށް ޖަޒުބާތުތަކެއް އުފެދެމުން އަންނަކަން މަންމައަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެއީ މިއަދާ ހަމައަށް އައިއިރު ޚުދު ނިކާލަށް ވެސް ވަންހަނާވެފައިވާ އިޚްސާސެކެވެ.

"މަންމަ ކޮންކަހަލަ ވާހަކައެއް ދައްކާ ދުވަހެއް." ނިކާލް ގަދަކަމުން ހީނލިއެވެ. "ނިހާދެކެ! ލޯބި! ނޫން! ނޫން ނުވޭ ލޯތްބެއް. ކޮއްކޮ އެއްނު އެއީ."

ނިކާލްއާ ނިހާގެ ގުޅުމަށް ޞަފިއްޔާގެ ރުހުން ލިބޭނެކަން އެނގިހުރެ ނިކާލް ގަސްދުގައި ދޮގުހެދީއެވެ. އެ ސިއްރު ހިއްސާކޮށްގެން އެކަމުން ފައިދާއެއް ކުރާނެކަމަށް ނިކާލަށް ޤަބޫލެއް ނުކުރެވެއެވެ. މިހާރު އެވަނީ ނިހާގެ ކައިވެނީގެ ހުރިހާކަމެއް ހަމަޖެހިފައެވެ. ނިކާލްގެ ހިތުގެ ހާލަތު ބަޔާންކޮށްދީގެން އިތުރު މައްސަލަތަކެއް ކުރިމަތިކުރުވާކަށް އޭނާ ބޭނުމެއް ނޫނެވެ. ނިކާލް ހެދީ ދޮގެއްކަން އެ މޫނުގެ ކުލަވަރުން ޞަފިއްޔާއަށް ވަރަށް ސާފުކޮށް ފެނުނެވެ.

"ޖަވާބު ލިބިއްޖެ." ޞަފިއްޔާ ހިނިތުންވެލިއެވެ. "ނިކާލް ނިހާދެކެ ލޯބިވާކަން މަންމައަށް އެނގޭ! މީ މަންމަ ވީމަ. މަންމައަކަށް އޮޅުވައެއް ނުލެވޭނެ. މަންމަ މިއައީ ކަމަކު ކިޔަން! މަންމައަށް ކަމެއް ކޮށްދެންޔާ ނިހާ އެ ކައިވެނި ކުރިޔަ ނުދީ!"

ނިކާލަށް ލިބުނީ އިތުރު ޚައިރާންކަމެކެވެ. މަންމަ މޮޔަވީ ހެއްޔެވެ؟ ނިހާ ހިތުން ރުހުމުން ކުރާ ކައިވެންޏެއް ހުއްޓުވަން އޭނާ އެއީ ކާކުހެއްޔެވެ؟ ނިހާދެކެ ލޯބިވިޔަސް އޭނާއަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއްނޫނެވެ. އެ ކައިވެނި ހުއްޓުވަންޖެހޭ ސަބަބެއް ނިކާލަކަށް ނުވިސްނުނެވެ. ނިހާގެ ހިތުގައި ނިކާލްގެ މައްޗަށް ލޯތްބެއް އޮތްނަމަ ފައިރޫޒާ ކައިވެނި ކުރުމަށް އެއްބަހެއް ނުވާނެ ނޫންހެއްޔެވެ؟

"މަންމާ. ނިހާ މިހާރު އެވަނީ."

"މަންމަގެ ހުންނާނެ ތިން ދަރިން." ޞަފިއްޔާ ނިކާލްގެ ވާހަކަ ހުއްޓުވިއެވެ. "ނިހާ އެއީ މަންމަގެ ހަގުދަރި. ނިކާލްގެ ހިތުގެ ހާލަތު މަންމައަށް ސިއްރުނުވި ފަދައިން ނިހާގެ ހިތްވެސް މަންމައަށް އެނގޭ! ފައިރޫޒްއާ އިންނާކަށް ނިހާ ބޭނުމެއްނުވޭ! ބައްޕަގެ ނިންމުމަށް ދެކޮޅު ހަދަން ނުކެރިފަ ނިހާ އެ ހުންނަނީ! މަންމަ ބޭނުމެއްނޫން އެނގޭ ކަންތައް ނޭނގޭ ކަމަށް ހެދިގެންހުރެ ދެ ދަރިންގެ ދިރިއުޅުން ހަލާކުވެގެންދާތަން ބަލަން ހުންނާކަށް. ނިހާވެސް ލޯބިވަނީ ނިކާލްދެކެ! މަންމަގެ ވާޖިބު މަންމަ އަދާކޮށްފިން! ގޮތެއް ނިންމާނީ ދަރިފުޅު!"

ޞަފިއްޔާ ނުކުމެގެން ދިޔުމާއެކު ނިކާލަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މަންމަ އެބުނީ ތެދެއް ހެއްޔެވެ؟ ނިހާ ވެސް ލޯބިވަނީ އޭނާދެކެ ހެއްޔެވެ؟ ނިކާލަށް ޤަބޫލުކުރަން ވެސް އުނދަގުލެވެ. ނިހާ ލޯބިވާކަން އެނގުމުން ނިކާލަށް ލިބިފައިވާ ނުތަނަވަސްކަމާއި ކަންބޮޑުވުން އޮބިގެން ހިނގައްޖެއެވެ. މުޅި މޫނު އުޖާލާ ވެގެންދިޔައެވެ. ނިހާއަކީ އޭނާގެ މިލްކެކެވެ. ހަމައެކަނި އޭނާގެ ހައްޤެކެވެ. ނިކާލްގެ ހިތުގެ ހާލަތު ސިއްރުނުވި ފަދައިން ނިހާގެ ހިތްވެސް މަންމައަށް އެނގުނީތީ އޭނާ ޝުކުރުވެރިވިއެވެ. އޭނާގެ ހިތަށް ލިބުނު ހިތްހަމަޖެހުމާ އުފަލުގެ ސަބަބުން ކުޑަކޮށް ފެންކަޅިވާ ގޮތް ވެސް ވިއެވެ. މިއިން ދުވަހަކު ވެސް އެވަރުގެ ބޮޑު އުފަލެއް އޭނާއަށް ލިބުނު ހެނެއް ހިޔެއްނުވެއެވެ. ނިކާލް ލަވައެއް ކިޔަމުން ނަށައިލިއެވެ. ދެން އޭނާ ނުކުތީ ބާލުޚާނާއަށެވެ.

ޖެހިގެންހުރި ކޮޓަރީގެ ބާލުޚާނާއަށް ނުކުމެ ނިހާ ހުއްޓެވެ. ނިކާލަށް ނިހާ ފެނުނެވެ. ޖެހެމުން ދިޔަ ވައިރޯޅިތައް ނިހާގެ ފަން އިސްތަށިގަނޑާ ސަމާސާކުރަމުން ދިޔައެވެ. އިރުއިރު ކޮޅަށް މޫނުމައްޗަށް ފައިބަމުން ދާ އިސްތަށިތައް ނިހާ ރީތިކޮށްލައެވެ. ބަލާލަން ހިތްގައިމު މަންޒަރެކެވެ. ނަމަވެސް މޫނުމަތީގައި އުފާވެރިކަމެއް ނެތެވެ. ސަބަބު ނިކާލަށް އެނގެއެވެ.

"ހެއި!" ނިކާލް ގޮވާލުމާއެކު ނިހާ ބަލައިލިއެވެ. ފަނޑުގޮތަކަށް ހިނިތުންވެލިއެވެ. ނިހާ ރުޅި އަރުވާލުމަށް ނިކާލްގެ ހިތަށް އެރިއެވެ.

"ފައިރު އާއެކު ހަނީމޫނަށް ދާނެ ތަނެއް ނިންމައިފިންތަ؟" ލާނެތް ގޮތަކަށް ހީނލަމުން ނިކާލް އަހާލިއެވެ. "ބެންކޮކްގެ ޕީޕީ އައިލެންޑް ސަޅިވާނެ! ހަނީމޫން ކަޕްލްއަކަށް ވަރަށް ކަމުދާނެ."

ތަވީދު ނުފެނިގެން ކަންބޮޑުވެފައި ހުއްޓައި ނިކާލް ދައްކަންފެށި ވާހަކައަކުން ނިހާގެ ޠަބީޢަތު އިތުރަށް ގޯސްވިއެވެ. ނިކާލް ވެސް އުޅެނީ ޖެއްސުންކުރަން ވެގެން ކަންނޭގެއެވެ.

"މާ އަވަސްދޯ ހަނީމޫން ޕްލޭން ހަދަން! ދޯ! ދޯ!" ނިކާލް ބުމަ އަރުވާލިއެވެ. "ރަންކިޔާނެ އަދަދެއް ހިތުލައިފިންތަ؟ ރެކޯޑް އަދަދަކަށް ރަންކިޔާތި! ފުރުޞަތުގެ ބޭނުން ހިފާތި ރަނގަޅު އެއްޗެއް ދަމައި ގަންނާތި! އަދި ބުނަން ރަނުން ބަޔެއް މަށަށް ވެސް ދޭންވާނެ!"

ނިކާލް ހަމަ ގަސްދުގައި ޖެއްސުންކުރަނީކަން އެނގުމުން ނިހާ ލޯ އަޅާލައިފައި އެތެރެއަށް ވަނެވެ. ނިހާ ރުޅި އައުމުން ވަކިން ލޯތްބެވެ. ނިކާލް ހުރީ އެތެރެއަށް ހީނލަހީނލައެވެ.

"މަ ވެސް ވަރަށް ލޯބިވޭ ނިހާދެކެ." ނިކާލް އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ.

ބާބު 07 - ދަންތުރަ

ކޮޓަރީގައި އަރާމްކޮށް ނިދާލައިފައި އޮތް ނިހާ މަޑުމަޑުން ތެދުވިއެވެ. ގައިމަތީ އަޅާފައި އޮތް ފަލަނގުފޭލި އެއްފަރާތްކޮށްލަމުން ފައި ތިރިކޮށްލިއެވެ. އޭނާ ހުރި ސީދަލަށް ކޮޅަށް ތެދުވެ ހިނގަންފެށިއެވެ. ކޮޓަރިން ނުކުމެގެން ފެންޑާއަށް ދިޔައިރު ވެސް ނިހާ ބަލަމުން ދިޔައީ އެންމެ ދިމާއަކަށެވެ. ކުރިމައްޗަށެވެ. އިތުރު ފަރާތަކަށް ބަލާވެސް ނުލައެވެ. އޭނާގެ ލޯ ހުޅުވިފައި ހުއްޓެއްކަމަކު އެސްފިޔައެއް ނުޖަހައެވެ. ލަސްލަހުން ކުދި ފިޔަވަޅުތަކެއް އަޅަމުން ނިހާ ގޯތި ތެރެއަށް ނުކުތެވެ.

ގެޔަށް ވަންނަ މަގުގެ ދެފަރާތުގައި ހުރި ލައިޓުތަކުން ގިނަ ލައިޓުތައް ހުރީ ނިވިފައެވެ. މަގުގައި ފަނޑު އަލިކަމެއް ހުއްޓަސް ގަސްތައް ގިނަ ފަރާތް އަނދިރިވެފައި ބިރުވެރިއެވެ. ނާމާނެވެ. ބޮޑު ޖަނބުރޯލު ގަހުން މެދުކެނޑުމެއް ނެތި ވާލުގެ އަޑު އިވެމުން ދިޔައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ނިހާ ސަމާލުކަމެއް ނުލިބެއެވެ. ޗާބީ ދީފައިވާ ބުދެއްހެން ނިހާ މިސްރާބު ޖެހީ ގަސްތަކު ތެރެއަށެވެ. ބޮޑު ބޯގަންވިލާ ގަސްކައިރިއަށް ގޮސް އޭނާ ހުއްޓުނެވެ. ކަނު އަނދިރީގެ ތެރެއިން ވެސް ގަސް ބުޑުގައި އޮތް ތަވީދު ނިހާއަށް ފެނުނެވެ.

ނިހާ ތަވީދު ނެގިއެވެ. އެޔާއެކު އޭނާއަށް ހޭވެރިކަންވެ އަވަސްއަވަހަށް ވަށައިގެން ބަލާލެވުނެވެ. ވަށައިގެންވާ އަނދިރިކަމުގެ ސަބަބުން އޭނާގެ ހިތުގެ ތެޅުން އަވަސްވެ ދާހިއްލަން ފެށިއެވެ. އޭނާއަށް އެތަނަށް އާދެވުނީ ކިހިނެއް ހެއްޔެވެ؟ އަވަސްއަވަހަށް އޭނާ ގަސްތަކު ތެރެއިން ނުކުތް ވަގުތު ފަހަތުގައި މީހަކު ހުރިހެން ހީވިއެވެ. ނިހާއަށް ބަލާލެވުނީ ހުވަނދުމާ ގަހާ ދިމާއަށެވެ. ފެނުނު އެއްޗެއްގެ ސަބަބުން ނިހާގެ ހެޔަށް ގޮތްވެގެން ދިޔައެވެ. ހުވަނދުމާ ގަސްކައިރީގައި އެހުރީ ބިޔަ ކަޅު މީހެކެވެ. ނިހާއަށް ފުރަގަސްދީގެން ހުރި އެމީހާގެ ގައިގާ ކަޅު ކެހެރިތައް ގިނަކަމުން ހީވަނީ އަނދިރި ގަނޑެއް ހެންނެވެ. ކުއްލިއަކަށް އެމީހާ ބަލާލިއެވެ. ރަތްކުލައިގެ ދެލޮލާއި ތޫނު ދެދަތް ފެނިފައި ނިހާގެ ފުރާނަ އުފުރިގެން ދިޔަހެން ހީވިއެވެ. ގަތް ބިރެއްގެ ސަބަބުން ދެފަޔަށް ލެވުނުހާ ބާރެއްލައިފައި ދުއްވައިގަތެވެ. ނަމަވެސް ތުރުތުރުލަމުން ދިޔަ ދެފައި އޮޅި ނިހާ ގާތަކު މައްޗަށް އަނގަވަތަށް ވެއްޓުނެވެ. އަނގަމަތި ފަޅައިގެން ގޮސް ލޭ އަޔެވެ. އެމީހާ ކޮބައިތޯ ނިހާ ބަލާލިއެވެ. އެމީހާ މިހާރު އެހުރީ ފައިކޮޅުގައެވެ. ނިހާ ހަޅޭލަވައި ގަންނަން މަސައްކަތްކުރީ އުއްޑުންޖެހި ފަހަތަށް ފިރުކިލަމުންނެވެ. ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. އެމީހާ ކޮޅަށް ހުރެ ނިހާގެ ފައިކޮޅުގަ ހިފައި ދަމައިގަތް ވަގުތު ކޮންމެވެސް މީހަކު އައިސް ނިހާގެ އަތުގައި ހިފެހެއްޓިއެވެ. ވަގުތުން އެ ބިރުވެރިއެތި ފަޒާގެ ތެރެއަށް ޣައިބުވެގެން ދިޔައެވެ. ނިހާ ދެލޯ ބޮޑުކުރަމުން ބަލައިލިއެވެ. ކުރިމަތީގައި އިނީ ސަފީނާއެވެ. ނިހާގެ މަންމައެވެ.

"ނިހާ މިގެއިން ދޭ!" ސަފީނާގެ އަޑު ބަރުވެފައި ބިރުވެރިއެވެ. "މިގެ ރައްކާތެރިއެއް ނޫން! އޭނާ ސަލާމަތްވެއްޖެ!"

މަންމަގެ އަޑުހުރިގޮތުން ނިހާ އިތުރަށް ގަތީ ބިރެވެ. މިއީ ހަޤީޤަތެއް ނޫނެވެ. މިއީ ހުވަފެނެކެވެ. ނިހާ ހުވަފެނުން ހޭލަން މަސައްކަތްކުރިއެވެ. ޖަނބުރޯލު ގަހުން އުދުހިފައި އައި ބޮޑު ވާލެއް ނިހާގެ ކަންފަތް ބުޑުގައި ހޭރިގަތެވެ.

ސިހިފައި ނިހާއަށް ހޭލެވުނު ވަގުތު މޫނާ ދިމާއަށް ގުދުވެގެން އޮތް މީހަކު ފެނިފައި ހަޅޭލަވައި ގަނެވުނެވެ. އެމީހާގެ މޭމަތީގައި ދެއަތް އަޅާކޮށްޕާލެވުނެވެ. ފައި ކުރުކޮށްލަމުން އެނދުގެ ކަނަކަށް ޖެހިލިއިރު ނިހާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. މި ގަޑީގައި އެ ކޮޓަރި ތެރެއަށް ވަދެ އެ އިނީ ކާކު ހެއްޔެވެ؟ ކޮޓަރީގައިވާ އޮރެންޖު ކުލައިގެ ފަނޑު އަލީގެ ތެރެއިން އެމީހަކު ފެންނަނީ އަނދިރި ގަނޑެއް ހެންނެވެ.

"ކާ. ކާ ކު.." ނިހާގެ އަޑު ބޭރުވީ އުނދަގުލުންނެވެ. އެމީހާ ޖަވާބެއް ނުދިނެވެ. އެނދުގައި އިށީދެލައިގެން އިނީ ނިކާލްހެން ނިހާއަށް ހީވިއެވެ. އެމީހާ ބަލާލިއެވެ. އެނދުމައްޗަށް އަރާ ހަތަރު މޮއްގަނޑު ޖަހާފައި ނިހާއާ ދިމާއަށް އަންނަން ފެށިއިރު ނިހާގެ ހިތް ހީވީ މޭ ފަޅާފައި ނުކުމެދާނެ ހެންނެވެ. ނިހާ މަސައްކަތްކުރީ އެނދުގެ ކޮޅުގައި ހުރި ސުވިޗް ބޯޑްގައި އަތްޖެހޭތޯއެވެ. ސުވިޗް ޖައްސާލިއެވެ. މުޅި ކޮޓަރި ހުޅުދާންވެގެން ދިޔައެވެ. ނިކާލްގެ މޫނު ފެނުމާއެކު ނިހާގެ ހިތް ހަމަޔަކަށް އެޅުނުއިރު ރުޅިވެސް ގަދަ ވެއްޖެއެވެ.

"ނިކް ކޮންކަހަލަ ސަމާސާއެއްތަ؟ ކިރިޔާއޭ ބިރުން މަރުނުވީ؟ މި ގަޑީގަ މިކޮޓަރީގައި ކީއްކުރަންތަ؟"

ނިކާލަށް ސުވާލުތަކުގެ ޖަވާބުދިނުން މުހިންމެއް ނުވިއެވެ. އޭނާ އެއްމިޔަކަނުން ހީލަމުން ނިހާއާ ގާތްވެލިއެވެ. އެކަކު އަނެކަކުގެ މޫނަށް ހޫނު ނޭވާތައް އެޅޭހާ ގާތަށެވެ. ނިކާލް ކޮންކަހަލަ ސަމާސާއެއް ކުރަން އުޅޭ ރެޔެއް ހެއްޔެވެ؟ ނިހާއަށް އުނދަގޫވިއެވެ. ނިހާ މޫނު އަނބުރާލަމުން ނިކާލްގެ މޭގައި ދެއަތް އަޅާ ކޮށްޕާލަން މަސައްކަތްކުރިއެވެ. ނިކާލް ހިލަވެފައިވާ ބުދެއްފަދައެވެ. އެންމެ ތަންކޮޅެއްވެސް ފަހަތަކަށް ނުޖެހުނެވެ. ނިކާލް ކުއްލިއަކަށް ނިހާގެ މޫނުގެ ދެފަރާތުން ހިފަހައްޓައިލައި ކޮށްލި ކަމަކުން ނިހާގެ ދެލޯ ބޮޑުވިއެވެ. ސިކުންތު ކޮޅަކަށް ހިތް ހުއްޓުނެވެ. ނޭވާކުރުވިއެވެ.

"އައި ލަވް ޔޫ." ނިކާލް ދުރަށްޖެހިލައި ބަރު އަޑަކުން ބުނެލިއެވެ. އެ އިވުނީ ނިކާލްގެ އަޑެއް ނޫނެވެ. ނިހާ ގަތްބިރާއެކު ހުރިހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ. ފަރުވާތެރިކަމާއެކު ނިކާލްގެ މޫނަށް ނިހާއަށް ބަލައިލެވުނެވެ. ލޮލުގެ ހުދުކަޅީގައިވާ ކަޅުތިލަ ފެނުމާއެކު ނިހާއަށް ފުންމައިގެން އެނދުން ތެދުވެވުނެވެ. ނިހާގެ ކުރިމަތީގައި ހެވިދިލިފައި އެ ހުރީ ނިކާލެއް ނޫނެވެ. އެއީ ނަޒީލެވެ. (ނުނިމޭ)

ހަވަނަބައިގެ ތެރެއިން:- އާ ދުވަހަކަށް އިރުއަރައި ދުނިޔެ މައްޗަށް އަލިކަން ފެތުރެން ފެށުމާއެކު ނިހާ ބޭރަށް ނުކުތެވެ. ހެނދުނުގެ ފިނި ވައިރޯޅިތައް ނިހާގެ ހަށިގަނޑުގައި ބީހެން ފެށުމުން ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހި ހީކަރުވައި ގަތެވެ. ދެއަތުންދެއަތުގައި ފިރުމަމުން އޭނާ މަޑު ހިނގުމުގައި ބޯގަންވިލާ ގަސްކައިރިއަށް ދިޔައެވެ. ގަސްބުޑު ބަލާލިއެވެ. ހުވަފެނުގައި ފެނުގޮތަށް އެތަނުގައި ތަވީދު އޮތެވެ. ނަމަވެސް ތަވީދުގެ ކުލަވަނީ ބަދަލުވެފައެވެ. ހުދުކުލައިގެ ތަވީދު މިހާރު އޮތީ ކަޅުރަތް ކުލައިގައެވެ.