14 އޭޕްރީލްގައި ގެނެސްދިން ބައި

ހާމަފެންޑާއަށް ޖެހެމުންދިޔަ ތާޒާ ފިނި ވައިރޯޅިތަކުން ނިހާގެ ހަށިގަނޑަށް އަރާމުކަމެއް ލިބުނެވެ. ދުރުދުރުން ފެންނަންހުރި އިމާރާތްތަކަށާއި، މޫދަށް ބަލަހައްޓައިގެން ނިހާ ހުރީ ޚިޔާލަކަށް ގެއްލިފައެވެ. ކުއްލިއަކަށް މީހެއްގެ މަޑު ގިސްލުމެއްގެ އަޑު އިވުނުހެން ނިހާއަށް ހީވިއެވެ. ނިހާ ފަހަތަށް އެނބުރި ބަލައިލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން، އިތުރަށް އެ އަޑު އިވޭތޯ ސަމާލުވެލިއެވެ. ހާމަފެންޑާގެ ކަނެއްގައި ހުރި ބޮޑު ކަޅު ހަމުގެ ބިއްދޮށުން ގިސްލުމުގެ އަޑު އިވުނެވެ. ނިހާ މަޑުމަޑުން އެދިމާއަށް ދިޔައެވެ. އުޑުފައިން އިށީނދެ، ފާރުގައި ލެނގިލައިގެން އިން ދީޕިކާ ފެނުނެވެ. އޭނާގެ އަތުގައި ފޮޓޯ ގަނޑެއް އޮތެވެ. އޭނާ ހިންދީ ބަހުން ކޮންމެސް އެއްޗެހިތަކެއް ކިޔަމުން ރޮމުން ދިޔައެވެ. ނިހާ ކައިރިޔަށް ޖެހިލިއެވެ.

"ބީޓި އަޕްނީ މާކޮ ޗޯޅް ކަރު ކިޔު ގައި." ދީޕިކާގެ އަޑުގައި ރިހުން އެކުލެވިގެންވެއެވެ. ".ކިޔު އަޕްނި މާކޮ އިސް ދުނިޔަމެ އަކެލޭ ޗޯޅް ކެ ގައި!" (ދަރިފުޅު ކީއްވެ މަންމަ ދޫކޮށްލާފަ ދިޔައީ! ކީއްވެ މަންމަ މިދުނިޔޭގައި އެކަނި އުޅެން ދޫކޮށްލީ!)

ދީޕިކާއަށް ނިހާ ފެނުމާއެކު ކުއްލިއަކަށް ތެދުވިއެވެ. ކަރުނަތައް ފޮހެލަމުން އެތަނުން ދިޔުމަށް ހިނގައިގަތެވެ. ނިހާ ދީޕިކާގެ އަތުގައި ހިފެހެއްޓިއެވެ. ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ. ދީޕިކާ ނިހާގެ އަތަށް ފޮޓޯގަނޑު ދިނެވެ. އެއީ އޭނާގެ ދަރިފުޅު ޕްރިޔާ ކަމުގައި ބުނަމުންނެވެ. ޕްރިޔާއަށް ކިހިނެއްވީތޯ ނިހާ ސުވާލުކުރުމުން، ދީޕިކާ އެ ވާހަކަތައް ކިޔާދޭކަށް ބޭނުމެއް ނުވިއެވެ. ވާހަކަތައް ހިއްސާކުރުމުން ސިކުނޑިއަށް ލުއިވާނެކަމަށް ނިހާ ބުނެލީ ލުއި ހިނިތުންވުމަކާއެކުއެއެވެ. ދީޕިކާ ކިޔައި ދިނީ 10 އަހަރުކުރީގެ ހާދިޘާއެކެވެ. އޭނާގެ 16 އަހަރުގެ އަންހެންދަރި ޕްރިޔާ، ބަޔަކު މީހުންވެގެން ރޭޕްކުރި ވާހަކައެވެ. އެހާދިޘާއާ ގުޅިގެން ނަހަލާލަށް ބަލިވެ އިން ވާހަކައެވެ. ދުނިޔޭގެ ލަދަށް ދަރިފުޅު ދަންޖެހި މަރުވެގެން ދިޔަ ވާހަކަ ބުނިއިރު ދީޕިކާއަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ނިހާ ވަރަށް ހިތްވަރު ދިނެވެ.

ދީޕިކާގެ ވާހަކަ އިވިފައި، ނިހާ ހަނދާންވީ ސަފީނާ މަތިންނެވެ. ސަފީނާއަށް ވެސް ދިމާވީ އެކަހަލަ ގޮތެކެވެ. ތަފާތީ ހަމަ އެންމެ ކަމެކެވެ.

********

އިލްހާމް ސަފީނާ ގެނައީ ދެއަތުގައި ހިފައި ބިންމަތީގައި ދަމަމުންނެވެ. އޭރު ސަފީނާ ދިޔައީ ގިސްލައި ރޮމުންނެވެ. ހޮޅުއަށި ކައިރިއަށް ގެނެސް ސަފީނާ އުއްޑުން ވައްޓާލީ އެއްވެސް ރަޙުމެއްނެތިއެވެ. ސަފީނާގެ އަނގައިން ވޭނީ އާޙްގެ އަޑު ނުކުމެގެން ދިޔައެވެ. ހޮޅުއަށި ދަށުގައި ފިލައި އޮތް ތުއްތު ނިހާއަށް އެ މަންޒަރު ފެނިފައި ވަރަށް ބިރުގަތެވެ. ނިހާ ކުޑަކުޑަ ދެތުންފަތް ފިއްތާ ބާރުކޮށްލިއެވެ. އޭރު ދެލޯވަނީ ފެންކަޅިވެފައެވެ. ނިހާއަށް ސަފީނާގެ ގިސްލުމުގެ އަޑު ވަރަށް ރީއްޗަށް އިވެއެވެ. އެހެން ނަމަވެސް ނިހާއަށް ކުރެވޭނެ ކަމެއްނެތެވެ. މަންމައަށް އެހީވުމަށް މީހަކު އަންނާނެނަމައޭ ނިހާގެ ހިތަށް އެރިއެވެ.

"އަނބުޅޭ!" އިލްހާމް މީހަކަށް ގޮވާލިއަޑު ނިހާއަށް އިވުނެވެ. ޓޯޗަކުން އަލިކުރަމުން އެމީހަކު ދުވެފައި ހޮޅުއަށި ކައިރިއަށް އަޔެވެ.

"ކޮބާތަ؟ މިސުންޕާގެ ދަރި!" އިލްހާމް އެހިއެވެ.

"ނޭނގެ ވަންތަނެއް ވެސް." އަނބުޅޭ ޖަވާބުދިނެވެ. އެއީ ފިރިހެނެއްގެ އަޑެވެ. ދަންނަ އަޑެއްހެން ނިހާއަށް ހީވިއެވެ. "ގަސްތަކުތެރެ ވެސް ބަލައިފިން.. ނުފެނުނު.. ވެދާނެ ރަށު ތެރެއަށް އަރައިގެން ދިޔައީކަމަށް ވެސް."

"އެހެންވީރު ހިނގާ އަވަހަށް މި ކަންތައް ނިންމާލަން." އިލްހާމް ބުންޏެވެ. "ކުޑަޔަކަސް އެ ބޮކުގެ ސިކުނޑި ވަރުގަދަވާނެ.. އަމާ ސަލާމަތް ކުރަން ބަޔަކު ގޮވައިގެން ވެސް އަތުވެދާނެ."

އިލްހާމް ސަފީނާގެ އެއް އަތުގައި ހިފައި ނެގިއެވެ. އަނބުޅޭ އައިސް ހިފީ އަނެއް އަތުގައެވެ. ދެމީހުން ދެއަތުގައި ހިފައި އުފުއްލާލައިގެން ސަފީނާ ހޮޅު އަށިމައްޗަށް އެރުވިއެވެ. އަނބުޅޭ އިލްހާމްގެ އަތަށް ދޯޕައްޓާއެއް ދިއްކޮށްލިއެވެ. އިލްހާމް ހޮޅުއަށީގެ މެދުގައި ހުރި ވަކަރުގައި ދޯޕައްޓާ އައްސާލުމަށްފަހު ދަންމަޅި ހަދާލިއެވެ. ސަފީނާއަށް ކުރަން އުޅޭކަންތައް ރޭކާލީވެސް އެހިސާބުންނެވެ. ސަފީނާގެ ހިތުގައި އުފެދިގެން ދިޔަ ބިރުވެރިކަމާއެކު ދެލޯ މުދުނުގައި ޖެހުނެވެ. އޭނާ ބިރުން ގޮސް ތެޅި ފޮޅިގަތެވެ.

"ހެޔޮނުވާނެ." ސަފީނާ އާދޭސްކުރިއެވެ. "މަށަށް ތިހެން ނުހަދާ.. މަގޭ ކުޑަކުޑަ ނިހާ. އެމަންޖެ އެކަނިވާނެ. ތިހެން ނުހަދާ ހެޔޮނުވާނެ. ކަލޭމެން ބޭނުން ހުރިހާ ކަމެއްކޮށްދޭނަން! އެކަކު ކައިރީ އެކައްޗެއްވެސް ނުބުނާނަން.. އަހަރެން ދޫކޮށްލާ."

ސަފީނާ ކުރި އާދޭހުގެ އަޑެއް އެމީހުންނަކަށް ނީވުނެވެ. އިލްހާމް އައިސް ސަފީނާގެ އަތުގައި ހިފިއެވެ.

"ކަލޭ ދުނިޔޭގަ ހުރެގެންނުން މީހެއްގެ ކައިރީ އެއްޗެއް ބުނެވޭނީ." އިލްހާމް އެހެން ބުނެފައި ސަފީނާ ދަންމަޅިއާ ދިމާއަށް ގެންދަންފެށިއެވެ. ސަފީނާ ގަދަފައި ވިއްދިއެވެ. ތެޅިފޮޅެމުން ހަޅޭލެވިއެވެ. ގިސްލައިރުޔެވެ. އެހެންނަމަވެސް ބާރުގަދަ ދެފިރިހެނުންގެ ކުރިމަތީގައި ސަފީނާގެ ބާރު އެއްވެސް އެއްޗަކަށް ނުވިއެވެ. ސަފީނާ އުފުއްލާލައި ދަންމަޅި ތެރެއަށް ބޯ މަހައި ދޫކޮށްލިއެވެ. ވަގުތުން ސަފީނާ ފޮތިގަނޑުގައި އެލިގަތެވެ.

"އެހެން މާ ގިނައިރަކު ނޯވެވޭނެ." އިލްހާމްމެން އެތަނުން ދުވެ ރައްކާވިއެވެ.

ސަފީނާ މަޑުމަޑުން ނިހާއަށް ގޮވަން ފެށިއެވެ. ނިހާ މަޑުމަޑުން ހޮޅުއަށި ދަށުން ނުކުތެވެ. ބިރުން ހުރެއެވެ. ސަފީނާ ފެނިފައި ނިހާ އަވަސްއަވަހަށް ހޮޅުއަށްޓަށް އެރިއެވެ.

"ދަރިފުޅާ ނިހާ." ސަފީނާގެ އަޑު ނުކުތީ ވަރަށް އުނދަގުލުންނެވެ. "މަންމަ ވަރަށް ލޯބިވޭ ދަރިފުޅުދެކެ.. ބަސްއަހާތި. ބަސްއަހާ ކިޔަމަންތެރިކުއްޖަކަށްވާތި. މަންމަ ނެތަސް ހިތްވަރުކުރާތި. ވަރަށް ލޯބިވޭ... ދަރިފުޅު..."

ސަފީނާގެ އަތުން ބާރު ދޫވެ، ފޮތިގަނޑުން އަތް ދޫވިއެވެ. ސަފީނާގެ ކަރަށް މަޅި ބާރުވެގެން ދިޔައެވެ. މޫނު މައްޗަށް ލޭއަރައި ނޭވާ ހާސްވިއެވެ. ސަފީނާ މަރަށް ތެޅެންފެށިއެވެ. ނިހާއަށް ހަދާނެ ގޮތެއް ނޭނގުނެވެ. ސަފީނާގެ ފައިކޮޅުގައި ބައްދައިގަނެ، އުފުއްލާލަން ނިހާ މަސައްކަތްކުރީ ރޮއެ ހޭރެމުންނެވެ. ނަމަވެސް ކުޑަކުޑަ ނިހާގެ ގައިގާ ސަފީނާ ހިއްލައިލެވޭނެހާ ބާރެއް ނެތެވެ. ސަފީނާގެ ހަރަކާތް ހުއްޓުނެވެ. ސަފީނާގެ ދެފައިތިލައިގައި ހިފައިގެން ހުރެ ވަރަށް ގިނައިރުވާންދެން ނިހާ ގޮވިއެވެ. ރޮމުން ގިސްލަމުންނެވެ. ނަމަވެސް ސަފީނާ އޭރު ވަނީ މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ.

***

ނިހާ ހޯދުމަށް ނިކާލް ހާމަ ފެންޑާއަށް ދިޔައިރު ދީޕިކާ ސިޑިން ފައިބަނީއެވެ. ނިކާލް ޖެއްސުމަށް ދެލޯ ބޮޑުކޮށްލުމަށްފަހު ޑަރުޕޯކޭ ކިޔާ ގޮވައިލިއެވެ. ދީޕިކާ އަޅާނުލުމުން، ނިކާލް އަތުން ވައްތަރެއް ޖައްސާލައިފައި އެރީ ހާމަ ފެންޑާއަށެވެ. ނިހާ ހުރީ ރެއިލިންގައި އަތް އަޅުވާލައިގެން، ފުންވިސްނުމަށް ގެއްލިފައެވެ. އެ މޫނު މަތި ހިތާމަވެރި ތަސްވީރެއް ފަދައެވެ. ދެލޮލުގައި ކަރުނަތައް ވީއިރު، ކޯތާފަތް ވަނީ ތެމިފައެވެ. ކަރުނުން ބަރާވެފައިވާ ނިހާގެ ދެލޯ ފެނިފައި ނިކާލްގެ ހިތަށް ވެސް އަސަރު ކުރިޔެވެ. އޭނާގެ ސަބަބުން ނިހާ އެހާ ބޮޑަށް ހިތުގައި ޖެހިފައި ހުއްޓާ ފެނުމުންނެވެ. ނިކާލް އަމިއްލަ ނަފްސު ކުށްވެރިކުރިއެވެ.

އަބަދުވެސް ނިހާއަކީ އޭނާ ކުރާ ސަމާސަތަކަށް ގަޔާވާ ކުއްޖެކެވެ. އެހެންކަމުން ނިހާ ހެއްވުމުގެ މަޤުޞަދުގައި ނިކާލް ވަރަށް ގިނައިން ޖެއްސުންކުރެއެވެ. ސަމާސާކުރެއެވެ. މިއަދު ވެސް އޭނާ އެކަންކުރީ އެ ނިޔަތުގައެވެ. ނަމަވެސް މިއަދު ނިހާ ހިނިއައުމުގެ ބަދަލުގައި ރޯންޖެހުނީ ކީއްވެގެން ހެއްޔެވެ؟ ސަބަބެއް ނިކާލަކަށް ނުވިސްނުނެވެ.

މީހެއްގެ ހިލަމެއްވީހެން ހީވެފައި ނިހާ ބަލައިލިއެވެ. ނިހާ ކުރިމަތީ ހުރި ނިކާލް ފެނިފައި އަވަސްއަވަހަށް އަތުގެ ނުފުށުން ލޯ ފޮހެލިއެވެ. ސަފީނާގެ ޚިޔާލަށް ގެއްލިފައި ހުރުމުން، ނިކާލް އައިކަން ނިހާއަށް ނޭނގުނީއެވެ. ދީޕިކާ ކޮބައިތޯ ނިހާ ދެކޮޅު ހޯދައި ބަލާލިއެވެ.

"ދީއްކޮތަ ތި ހޯދަނީ؟" ނިކާލް ބޭނުންވީ ނިހާ ހެއްވާލާށެވެ. ނަމަވެސް ނިހާ ހޭކަށް ބޭނުމެއް ނުވިއެވެ. ނިކާލަށް ބަލަހައްޓައިގެން ނިހާ ހުރީއެވެ. ނިކާލްގެ ވަރުގަދަ ހަށިގަނޑެއް ހުރެފައި، ގަޔަށް ބާރު ޓީޝާޓެއް ލައިގެން ހުރުމުން ވަރަށް ރީއްޗެވެ. ތުނިތުނި ތުނބުޅިއާ މަތިމަހުގެ ސަބަބުން ނިކާލްގެ ފިރިހެންވަންތަކަން އިތުރުކަމަށް ދައްކައެވެ. އެފަދަ ރީތި ޒުވާން ފިރިހެނެއްގެ ހަޔާތުގެ ބައިވެރިޔަކަށްވުމަކީ ކޮންމެ އަންހެން ކުއްޖަކު ވެސް އެދޭނެކަމެކެވެ. ނިހާ ވެސް އެ ރީތިކަމުގެ ޖާދޫގައި ޖެހުނީ ނުވެސް އެނގި ހުއްޓައެވެ. ނަމަވެސް ނިކާލް އޭނާދެކެ ލޯތްބެއް ނުވެއެވެ. ދެކެނީ ކޮއްކޮއެއްގެ ނަޒަރުންނެވެ. ނިކާލް ކޮއްކޮއެއް ފަދައޭ ބުނި ހަނދާންވުމާއެކު ނިހާ އިސް ޖަހާލިއެވެ.

"ސޮރީ." ނިކާލްގެ ފިރިހެންވަންތަ އަޑުން މަޑުމަޑުން ބުނެލިއެވެ. "ތިގޮތަށް ހުރީމަ ވަރަށް ދެރަވޭ. މަށަށް މަޢާފުކުރޭ."

ނިހާ އިސްއުފުލާލިއެވެ. ނިކާލް ދެކަންފަތު ފޫޅުގަނޑުގައި ހިފަހައްޓާލައިގެން ހުރި މަންޒަރު ފެނިފައި ނިހާ ހަނދާންވީ ކުޑައިރު މަތިންނެވެ. ނިހާ ރުޅިއައުމުން އެގޮތަށް ނިކާލް މާފަށް އެދެއެވެ. ދެކަންފަތު ފޫޅުގަނޑުގައި ހިފައިގެން ހުރެ "ސޮރީ" ކިޔަމުން ފަހަތުން ހިނގައެވެ. އެވަރުން ވެސް ނިހާގެ މާފު ނުލިބިއްޖެނަމަ ކޮލަށް ދޮން ދޭނެއެވެ. އަދި ބައެއްފަހަރު ދެކޮލަށް ދެ ދޮންދޭން ވެސް ނިކާލް އުޅެއެވެ. ކުޑައިރުވެސް އެހާ ލާނެތެވެ. ކުޑައިރުގެ ހަނދާންތައް އައުމާއެކު ނިހާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ.

"ވަރަށް ރީތި ހިނިތުންވުމެއް." ނިކާލް ތައުރީފްކޮށްލިއެވެ. ނިހާ ތުން އަނބުރާލާފައި ދުރު ބަލާލިއެވެ. އެހާ އަވަހަށް ނިކާލަށް މާފުކުރާކަށް ނިހާ ބޭނުމެއްނޫނެވެ.

"ދެން މާފުކޮށްބަލަ." ނިކާލް ބޯ އަރިކޮށްލަމުން ނިހާގެ މޫނަށް ބަލާލިއެވެ. "ހެޔޮނުވާނެ. ވާހަކަ ދައްކަބަލަ. އޯކޭ މާފުނުކުރިޔަސް. ކޮންމެވެސް އެއްޗެއް ބުނެބަލަ."

އަނގައިން ބަހެއް ބޭރު ނުކުރުމަށް ނިހާގެ އަމިއްލަ ނަފުސަށް ހުވައެއްކޮށްގެން ހުރި ފަދައެވެ. ނިކާލް ދައްކާ ވާހަކަ އަޑުއިވޭ ކަމަކަށްވެސް ނިހާ ނުހެދިއެވެ. ހިލަވެފައިވާ ބުދެއްހެން ދުރު ބަލަހައްޓައިގެން އޭނާ ހުރީއެވެ.

"އަހަންނާ ވާހަކަ ނުދައްކަން ނަދުރެއް ބުނީތަ؟" ނިކާލް އަހާލިއެވެ.

ނިކާލާ ވާހަކަ ދެއްކުމަށް ނިހާގެ ހިތް އެދުނު ނަމަވެސް ކުޑަކޮށް ބޮޑާހާކާލަން ބޭނުންވީއެވެ. ނިހާ ބޭނުންވަނީ ނިކާލް އިމްތިހާންކޮށްލާށެވެ. އޭނާ ވާހަކަ ނުދައްކާ އަޅާނުލާ ހުރުމުން ވާގޮތެއް ބަލައިލާށެވެ. ނިހާ އެތަނުން ދިޔުމަށް ހިނގައިގަތީ ނިކާލާ ދިމާއަށް ބަލާވެސް ނުލައެވެ. ނިކާލް ކުއްލިއަކަށް ނިހާގެ އަތުގައި ހިފައި ގާތަށް ދަމާލިއެވެ. ނިހާ އައިސް ޖެހުނީ އެ ވަރުގަދަ ހަށިގަނޑުގައެވެ. ވަގުތުން ނިކާލްގެ ބާރުގަދަ އަތުތެރޭގައި ނިހާ ހައްޔަރުކޮށްލުމާއެކު ނިހާގެ ހިތް އަވަސްވެލާފިއެވެ. ނިކާލާ އެހާ ގައިގޯޅިކޮށް ހުންނަޖެހުމުން ނިހާއަށް އުނދަގޫވިއެވެ. ނުތަނަވަސްވިއެވެ.

"ދޫކޮށްލާނީ ވާހަކަ ދެއްކީމަ." ނިކާލް ބުނެލިއެވެ. ނިހާ ހުރީ ނިކާލްގެ ތަނަވަސް މޭމަތީގައި އުޅަނބޮށި ވިއްދާލައިގެންނެވެ.

"ދޮނެއް ދީފާނަން." ނިކާލް ހީނލާފައި ބުނި އެއްޗަކުން ނިހާގެ ދެލޯ ބޮޑުވިއެވެ. ނިކާލް އެފަދަ ކަމެއްކޮށްފިނަމަ އޭނާ ލަދުން ގޮސް މަރުވެސް ވެދާނެއެވެ. ނިހާ އަވަސް އަވަހަށް މާފުކޮށްފީމޭ ބުނެލިއެވެ. ނިހާގެ ކަންބޮޑުވެފައިވާ މޫނު ފެނުމުން ނިކާލަށް ހެވުނެވެ.

"މިފަހަރު ދެކޮލަށް ދެދޮން ދީފަ ދޫކޮށްލާނީ." ނިކާލް ހީގެންފާ ބުނެލިއެވެ. އަދި ނިހާ ރުޅި އެރުވުމުގެ މަޤުޞަދުގައި ދޮނެއްދޭކަމަށް ހެދުނެވެ. ނިހާ މޫނު ދުރަށް އަނބުރާލީ ދޫކޮށްލާށޭ ބުނަމުންނެވެ. ނިކާލް ތުން އޫކޮށްލަމުން ކައިރިކޮށްލި ވަގުތު ނިހާ މޫނު އަނބުރާލުމާއެކު، ނިކާލްގެ ތުންފަތްގައި ނިހާގެ ތުންފަތް ޖެހުނެވެ. ނިހާގެ ހަށިގަނޑުގައި ކަރަންޓުގެ ރާޅު ބާންޏެއް ދުވެލި ކަހަލައެވެ. ލަދުން ގޮސް އެ ދޮން މޫނު އެކީގައި ރަތްވެގެން ދިޔައެވެ. ނިކާލް ވެސް ހުއްޓުން އަރާފައި އިރުގަނޑަކު ހުރުމަށްފަހު، ކުއްލިއަކަށް ނިހާގެ ގައިން ދޫކޮށްލިއެވެ. އެ މޫނުމަތިން ވެސް ލަދުވެތިކަމެއް ފާޅުވިއެވެ. ނިހާ ވަގުތުން ދުވެފައި ދިޔައީ ސިޑިއާ ދިމާއަށެވެ.

"މިއޮއް ވީ ކަމެއް." ނިކާލް ވަރަށް ބާރަށް ރެއިލިންގ މަތީގައި އަތުންޖެހިއެވެ. އޭނާއަށް މި ކުރެވުނީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ނިކާލް ވިސްނާލިއެވެ. ވީކަމެއްވީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. އެވަގުތު ކޮޅުގައި އޭނާއަށް އެވީ ކީއްހެއްޔެވެ؟ އޭނާ ނިހާއާ މެދު އެފަދަ ނަޒަރަކުން ނުވެސް ދެކެއެވެ. ނަމަވެސް އެވަގުތު ކޮޅުގެ ސަބަބުން ނިކާލްގެ ހަވަނަ ހިއްސު މަސައްކަތް ކުރީ ކީއްވެގެން ހެއްޔެވެ؟ ދުވަހަކު ވެސް ލަދު ނުގަންނަ ވަރަށް މިއަދު ނިކާލް ލަދުގަނެއްޖެއެވެ. ނިހާގެ ކުރިމައްޗަށް ދާން ވެސް ދެން ނުކެރޭނެއެވެ.

ނިކާލް އަމިއްލަ ނަފްސަށް އެއްޗެހި ކިޔަމުން ގޯތި ތެރެއަށް ނަޒަރު ހިންގާލިއެވެ. ގޭގެ ބޮޑު އުނދޯލިގޭގައި އިން އިލްހާމް ފެނުނެވެ. އިލްހާމްގެ ނަޒަރު ހުރީ ސީދާ ނިކާލާ ދިމާއަށެވެ. ދެންމެ ހިނގާދިޔަ ހުރިހާކަމެއް ބައްޕައަށް ފެނުނީ ހެއްޔެވެ؟ ގަތް ލަދުން ނިކާލް އަވަހަށް ފާރާ ނިވާވެލިއެވެ.

އިލްހާމް އިނީ ރުޅިއައިސްގެން ގޮސް ހުޅުފަޅައިގެންދާ ވަރުވެފައެވެ. އޭނާއަށް ހާމަފެންޑާގައި ހިނގި ހުރިހާކަމެއް ފެނުނެވެ. އެގުޅުމަށް ފާޅުގައި ދެކޮޅު ހެދުމުން ވެސް، އެއްވެސް އެއްޗެއް އެމީހުންގެ ހިތަށް ނޭރީތީ އިލްހާމް ވަނީ އަޖައިބު އަންތަރީސް ވެފައެވެ. ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީއެވެ. ނިހާ ވެސް އޭނާދެކެ އެއްވެސް ބިރެއް ނުގަތެވެ. ހުރިހާވެސް މައްސަލައަކީ ޞަފިއްޔާއެވެ. ނިހާއަށް އެހާ ހިތްވަރެއް ލިބިގެން އެއުޅެނީ ޞަފިއްޔާގެ ރުހުން ލިބުމުންނެވެ.

".އަދިވެސް ރުޅި އައިސްފަތަ؟" ޞަފިއްޔާގެ އަޑުއިވުނެވެ. އިލްހާމް ޞަފިއްޔާއަށް ބަލާލިއެވެ.

"ދެން މަވީ ހޭންތަ؟" އިލްހާމް ދިނީ ރުންކުރު ޖަވާބެކެވެ. "ޞަފިއްޔާގެ ސަބަބުން ނިހާ އެހާ ލަދުކުޑަވެގެން އެ އުޅެނީ."

"ރުޅި މަޑުކޮށްބަލަ." ޞަފިއްޔާ އުނދޯލީގައި އިށީނެވެ. "ނިހާއާމެދު ގޯސްކޮށް ނުވިސްނަބަލަ."

އިލްހާމް އެއްވެސް އެއްޗެއް ނުބުންޏެވެ. ޞަފިއްޔާއާ ވާހަކަ ދެއްކުމަކީ ވެސް ބޭކާރުކަމެއް ކަމަށް އޭނާ ދެކުނެވެ. ވާހަކަ ދައްކަން އުޅެފިނަމަ ކުރެވޭނީ ޒުވާބެކެވެ. އެވަގުތު ދެމީހުން ވެސް ތިބީ އަރާރުންވާ ކަހަލަ "މޫޑެއް" ގައެއް ނޫނެވެ. އެކަމުގައި ދެމީހުންނަށް އެއްގަލަކަށް ނޭރޭނެކަން ޞަފިއްޔާއަށް ވެސް އެނގެއެވެ. އޮތީ އެންމެ ގޮތެކެވެ. އިލްހާމަށް ޙަޤީޤަތަށް ހުރިހާ ވާހަކައެއް ކިޔާދީ ވިސްނައިދެވޭތޯ މަސައްކަތްކުރުމެވެ.

"މި ދައްކާ ވާހަކަ އަޑު އަހައްޗޭ." ޞަފިއްޔާ ވާހަކަ ފެށިއެވެ. "ނިކާލް މިއަދު ކުރީ ސަމާސާއެއް."

ޞަފިއްޔާ ހުރިހާ ވާހަކައެއް އިލްހާމަށް ކިޔާދިނެވެ. އެއްވެސް ކަމެއް ފޮރުވުމެއްނެތިއެވެ. ނިހާއާ ކައިވެނީގެ ވާހަކަދެއްކުމުން ނިހާ ލޯބިވާ ކުއްޖެއް ހުންނަކަން އެނގުނު ގޮތާއި، ނިކާލްކުރި ސަމާސާވެސް އޮޅުން ފިލުވައިދިނެވެ. ނިކާލްދެކެ ނިހާ ލޯބިވާކަން ވެސް އެނގުނީ އެ ސަމާސާގެ ސަބަބުންކަމަށް ޞަފިއްޔާ ބުނެދިނެވެ.

"އަހަންނަށް ހީވަނީ ނިކާލްވެސް ނިހާދެކެ ލޯބިވާހެން." ޞަފިއްޔާ އިތުރަށް ބުނެލިއެވެ. "ޅަ ކަމުން އަދި ނުވިސްނެނީ ކަންނޭނގެ.. އެހެންވެ އަހަރެން މި ބުނަނީ އެކަން ޔަޤީން ނުވަނީސް ނިހާ އެހެން މީހަކާ ނުދެވާށޭ. އޭރުން އެ ހަލާކުވެގެންދަނީ 03 މީހުންގެ ދިރިއުޅުން. ނިކާލް ހިތުގަ އެކަހަލަ އެއްވެސް އެއްޗެއް ނެތްކަން ޔަޤީންވެއްޖެނަމަ ނިހާގެ ކައިވެނި ފައިރޫޒްއާ ކުރުވާކަށް އަހަރެން ހުރަހެއް ނާޅާނަން."

ޞަފިއްޔާގެ ވާހަކަތަކުން އިލްހާމްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އިސާހިތަކު ރުޅިގަނޑު ވެސް ފިނިވެލިއެވެ. ނަމަވެސް އިލްހާމްގެ ހިތުގައިވެސް ޝައްކު އުފެދުނެވެ. ނިކާލް ހަޤީޤަތުގައި ވެސް ނިހާދެކެ ލޯބިވަނީ ހެއްޔެވެ؟ އެދެމީހުން އެކަކު އަނެކަކުދެކެ ލޯބިވާހެން އިލްހާމަށް ވެސް ހީވެއެވެ. އެކަމުގެ ހެކިތައް މިއަދު ވެސް ވަނީ އިލްހާމަށް ފެނިފައެވެ. އެހެން ނަމަވެސް އަދި ވަގުތު ފާއިތެއް ނުވެއެވެ. އިލްހާމް އަޒުމެއް ކަނޑައެޅިއެވެ. އޭނާގެ ދަރިފުޅު އެ މަކަރުވެރި އަންހެން ކުއްޖާގެ ދަލުގައި ޖެހުނަކަ ނުދޭނެއެވެ. ޞަފިއްޔާ ދިޔުމާއެކު އިލްހާމް އެކުވެރި ސައްތާރަށް ގުޅާލިއެވެ.

ބާބު 05 - ތަވީދު

ނިހާ ފެންވަރާލައިގެން ނުކުމެ، ގަޑި ބަލައިލިއިރު 3:30 ވެއްޖެއެވެ. 04 ޖަހާއިރު ޑިއުޓީއަށް ދާންޖެހޭތީ އަވަސް ގޮތަކަށް ތައްޔާރުވެލިއެވެ. ކޮޓަރިން ނުކުންނަން އުޅެފައި އެނބުރި އައިސް ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. ތުންފަތުގައި ހުރީ ލިޕްސްޓިކް ނުޖެއްސިއެވެ. މަޑު ފިޔާތޮށި ކުލައިން ތުންފަތް ފަވާލި ވަގުތު، ނިހާގެ ހަނދާނަށް އައީ ނިކާލެވެ. ނިކާލްގެ ބާރުގަދަ އަތުގެތެރޭގައި ހޭދަކުރެވުނު އެ ވަގުތުކޮޅުގެ ހަނދާން އާވުމާއެކު ހީލިކަރުވާ ކަހަލަ ގޮތެއް ނިހާއަށް ވިއެވެ. ލަދުގަތް ވަގުތުކޮޅެއް ނަމަވެސް އެހާމެ އުފަލުން ހިތް ފޮޅުނު ވަގުތުކޮޅެއް ވެސް މެއެވެ. އެއީ ނޭނގި ނަމަވެސް ނިކާލްގެ ފަރާތުން ލިބުނު ވަރަށް ބޮޑު ހަދިޔާއެކެވެ. އެފަދަ ކިތަންމެ ވަގުތަކަށް ނިހާގެ ބަސްނާހާ ހިތް އެދި ގޮވައެވެ.

ނިކާލް ގަޑިއަށް ބަލާލައިފައި އަވަސް އަވަހަށް ސިޑިން ފައިބައިގެން ދިޔައެވެ. ޖީބަށް އަތްކޮށްޕައިލައި ސައިކަލު ތަޅުދަނޑި ނަގައި، ދުރު ފިޔަވަޅުތަކެއް އަޅަމުން ގޯތި ތެރެއަށް ނުކުތެވެ. ގޯތިތެރޭގައި ހުރި އުނދޯލީގައި ނިކާލް އިށީނެވެ. ނިހާ ނުކުންނާނެ އިރަކަށް އޭނާ އިންތިޒާރުކުރިއެވެ. ނިހާ ހޮސްޕިޓަލަށް ގެންގޮސް ގެޔަށް ގެނެސްދިނުމަކީ ނިކާލްގެ ދުވަހީ މަސައްކަތެކެވެ. ވަޒީފާއެއްހެން އޭނާ އަދާކުރަމުންދާ ޑިއުޓީއެއް ކަހަލަ ކަމެކެވެ. ނިހާއަށް ކުރިމަތިލައި ވާހަކަ ދެއްކުމަށް މިޔަށްވުރެ ރަނގަޅު ފުރުޞަތެއް ނުލިބޭނޭ އޭނާގެ ހިތް ބުނެއެވެ. ނިހާ ދޮރުން ނުކުތްތަން ފެނިފައި ނިކާލް ދުރުބަލައިލިއެވެ. ނޭނގޭ ކަމަށް ހެދުނެވެ. ފޯނުން ލަވަޔެއް އަޅުވައިލިއެވެ. ދެން ފެނުނީ ނިހާގެ ފަހަތުން ބައްޕަ ވެސް ނުކުތްތަނެވެ.

"ނިހާ ބަލާ އައިސް ހުންނާނެ ބޭރުގަ." ބައްޕަ ބުނި އަޑު ނިކާލަށް އިވުނެވެ. "ނިކާލަށް މިއަދު ނެތް ދެވޭކަށް.. ވިޔަފާރިއާ ގުޅޭ ކުޑަ ވާހަކައެއް ދައްކާލަން އެބަޖެހޭ."

ނިކާލް މޫނުގެ ކުލަ އޮއްސިގެން ދިޔައެވެ. އޭނާގެ އުންމީދުތައް ވިއްސިވިހާލިވެގެން ދިޔައީތީއެވެ. ސިއްރުވެރި ގޮތަކަށް ނިހާއަށް ބަލަން ނިކާލް އިނެވެ. ނިހާ ފޫހިވެފައި ހުރެ ބޭރަށް ނުކުތްއިރު، ސައިކަލުގައި އިން ފައިރޫޒް ފެނުމާއެކު ރުޅި ގަދަވިއެވެ. އިލްހާމްގެ ރޭވުން ވަގުތުން ނިހާއަށް ވިސްނުނެވެ.

"ނިހާ ކިހިނެއްތަ؟" ފައިރޫޒް ހިނިތުންވެލަމުން ސުވާލުކޮށްލިއެވެ.

ނިހާ ފޫހިވެފައި ހުރިވަރުން ޖަވާބުދޭ ހިތެއް ނުވިއެވެ. ޕޮލިސް ޔުނިޕޯމްގައި ހުރި ފައިރޫޒަކީ ބަލާލަން ހުތުރު މީހެއް ނޫނެވެ. އޮލަޅި ކުލައެއް ހުއްޓަސް އެއީ ރީތި ޒުވާނެކެވެ. އެހެން ނަމަވެސް ނިހާއަށް އެއްގޮތަކަށް ވެސް ފައިރޫޒް ކަމަކު ނުދެއެވެ.

"ކަމަކާ ހިތްހަމަ ނުޖެހިފަތަ؟" ފައިރޫޒް އެހިއެވެ. "އިލްހާމްބޭ ބުނެގެން މި އައީ ނިހާ ބަލާ!"

ނިހާއަށް ވެސް އެވަރު ވިސްނެއެވެ. އެއީ އިލްހާމްގެ ގުއި ޕުލޭނެކެވެ. ފައިރޫޒް ގެނެސްގެން އިލްހާމް ސާބިތުކޮށްދޭން ބޭނުންވީ ކޮންކަމެއް ހެއްޔެވެ؟ އޭނާގެ އަތުގައި ބާރު އޮތްކަން އަންގާލަން ބޭނުންވީ ހެއްޔެވެ؟ ނިހާ ގަދަކަމުން ހީނލާފައި ސައިކަލު ފަހަތަށް އެރިއެވެ.

"ނިހާ ހާދަ މޫޑީ ދުވަހެކޭ." ފައިރޫޒް ސައިކަލު ދުއްވާލިއެވެ.

ނިހާ ހީނލާފައި ބުނީ ކުޑަކޮށް ބަލިވެ އުޅޭ ވާހަކައެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ފައިރޫޒް ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. ފައިރޫޒް ދެއްކީ ކައިވެނީގެ ވާހަކައެވެ. ކައިވެންޏަށް ނިހާގެ ރުހުން ލިބި، އާނބަސް ބުނުމުން ލިބުނު ހިތްހަމަޖެހުމުގެ ވާހަކައެވެ. އެ ވާހަކަ އިވިފައި ނިހާއަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. އޭނާ ގާތަށް އަނެއްކާ ވެސް ރުޅި އަތުވެއްޖެއެވެ. ނަމަވެސް ފައިރޫޒަށް ކުރާ އިޚްތިރާމެއްގެ ސަބަބުން އެއްވެސް އެއްޗެއް ބުނާކަށް ނިހާއަކަށް ނުކެރުނެވެ. އޭނާ އިޚްތިޔާރުކުރީ ހިމޭންކަމެވެ. އެ ކާވެންޏަށް ނުޤަބޫލު ވާހަކަ ބުނަން ވެސް ކިތަންމެ ފަހަރަކު ނިހާގެ ހިތަށް އެރިއެވެ. ނިހާ ހޮސްޕިޓަލަށް ވަދެ، ނަރުހުންގެ ޖަގަހައަށް ދިޔައިރު ވެސް ރުޅިގަނޑު ފިނިވާ ގޮތެއްނުވެއެވެ. ނިހާ ހުރީ ރުޅި ގަދަވެގެން ގޮސް ލޮލުން ކަރުނަ ހިލޭ ވަރުވެފައެވެ. ފައިރޫޒާ ކައިވެނިކުރުމަށް ނިހާގެ ރުހުން ނުލިބެނީސް އެ ކައިވެންޏަށް ނިހާ ޤަބޫލުވެއްޖެ ކަމަށް އިލްހާމަށް ބުނަން ކެރުނު ކަމެވެ. އިލްހާމަކީ ނުބައިނުލަފާ މަކަރުވެރި ހިޔަޅެކެވެ. ނިހާއަށް ނުވެސް އެނގި ހުއްޓައި، އިލްހާމް އެވަނީ ބޮލަށް މަޅިއެއް މަހާލައިފައެވެ. ނިހާ އަވަހަށް އެކަމަށް ފިޔަވަޅެއް ނާޅާފިނަމަ އެކަމުން ސަލާމަތެއް ނުވެވޭނެއެވެ. ވަގުތު ފާއިތުވެދާނެއެވެ. ތަފާތު އެކިއެކި ޚިޔާލުތަކުން ސިކުނޑި ހާސްކުރަން ފެށުމާއެކު، ނިހާ އަވަސް އަވަހަށް ފޯނު ނަގައި ނަންބަރަކަށް ގުޅައިލިއެވެ.

"މަ ބޭނުން ވީހާވެސް އަވަހަކަށް. މިރޭ ލިބިދާނެތަ؟" ނިހާ ކެތްތެރިކަމެއް ނެތި އެހިއެވެ.

ނިހާ ވަނީ މެންދުރު ވަގުތުގައި އެ ސިހުރު ހެދުމަށް ބޭނުންވި ހުރިހާ އެއްޗެއް ހަމަކޮށް އެމީހާއަށް ރައްދުކޮށްދީފައެވެ.

"މިރޭ 10 ޖަހާލާހާއިރަށް ނިމޭނެ! އެކަމު އިތުރަށް 2000 ދޭންވާނެ." އެމީހާ ބުންޏެވެ. "ކޮންތާކަށް ގެންގޮސްދޭންވީ؟ ނޫނީ ބަލާ އަންނާނީތަ؟"

"ހޮސްޕިޓަލަށް ގެނެސްދީ. ރުފިޔާ ލިބޭނެ ވަގުތުން." ނިހާ އަވަސްއަވަހަށް ޖަވާބުދީފައި ފޯނު ކަނޑައިލިއެވެ.

ނިހާ ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އެކަމާމެދު ފުންކޮށް ވިސްނަންފެށިއެވެ. ސިހުރުވެރިންނާ ވާހަކަ ދައްކާ އުޅެން ނިހާ ބިރުގަނެ ޖެހިލުންވެއެވެ. އެމީހުންގެ ކިބައިން މަދަދަށް އެދުމަކީ ނެގޭ ވަރަށް ބޮޑު ހިރާހެއްކަން ނިހާ ޤަބޫލުކުރެއެވެ. އެހެން ނަމަވެސް މިއަދު އެމީހުންގެ އެހީތެރިކަމަށް އެދުން ނޫން އިތުރު ގޮތެއް ނިހާއަކަށް ނުވިސްނެއެވެ. އެ ހިރާސް ނަގައިގެން ނޫނީ ނިކާލްގެ ލޯބި ހާސިލްކުރެވޭކަށް ނެތެވެ. އިލްހާމް ޖެހި ދަންމަޅިން ސަލާމަތްވެވެން އޮތީ ވެސް ނިކާލްގެ ލޯބި އޭނާއަށް ލިބިގެންނެވެ. އެ ލޯބި ހޯދުމަށް ސިހުރަށް ވުރެ ކުރު މަގެއް ނިހާއަކަށް ނުފެނެއެވެ.

ނިހާއަށް އެދުވަހުގެ ޑިއުޓީ ގަޑި ވަރަށް ދިގުވިއެވެ. ދެމިނެޓުން އެއް މިނެޓުން ގަޑި ބަލާލައެވެ. ސިކުންތުތައް މިނެޓުތަކަށް މިނެޓުތައް ގަޑިއިރުތަކަށް ބަދަލުވަމުން ގޮސް ރޭގަނޑު 10 ޖަހައިފިއެވެ. އެމީހާގެ ޚަބަރެއް ނިހާއަކަށް ނުވިއެވެ. ނުދަންނަ ނަންބަރަކުން ނިހާއަށް ކޯލެއް އައީ 11 ޖަހަނިކޮށެވެ.

"އިބްރާހީމްބެ ބުނެގެން." ފޯނު ނެގުމާއެކު ފިރިހެން ކުއްޖަކު ބުންޏެވެ. "ބޭރުގަ މިހުރީ."

ނިހާގެ އަވަސްވެފައިވާ ހިތްހަމައަކަށް އަޅުވަމުން ބޭރަށް ނުކުތެވެ. ނޫކަށިފުރާގެ ޒުވާން ފިރިހެނަކު ހުއްޓެވެ. އޭނާ ނިހާގެ އަތަށް ދިނީ ފަށްޖަހާފައިވާ ކަރުދާސްކޮޅެކެވެ. އޭގައި އަތްލުމުން އެތެރޭގައި ކޮންމެވެސް އެއްޗެއް އޮތްހެން ނިހާއަށް ހީވިއެވެ.

"ތީގަ އޮންނާނެ ޕެކެޓެއް." އޭނާ ކިޔައިދިނެވެ. "އޭތި ފޮނިކާ އެއްޗަކަށް އަޅާފަ ކާންދީ! 03 ދުވަސް ވަންދެން! ދެން އޮންނާނީ ތަވީދެއް! އޭތި ނިހާ ބޭނުންކުރޭ! މީހުންނަށް ނުފެންނަ ކޮންމެވެސް ހިސާބެއްގަ ތަވީދު އަޅަންޖެހޭނީ! އެ އެޅުމަށްފަހު ނަގައިގެން ނުވާނެ! ތަވީދު އެޅުމަށްފަހު ލޯބި ހޯދަން ބޭނުންވާ މީހާއާއެކު ވީހާވެސް ގިނަވަގުތު ހޭދަކުރެވޭތޯ ބަލާތި! އަވަހަށް ނަތީޖާ ފެންނާނީ އޭރުން."

ނިހާ ދަބަހުން ދެހާސް ރުފިޔާ ނަގާފައި ދިނުމުން، އޭނާ ދިޔައީއެވެ. ނިހާގެ އަތުގައި އޮތް ކަރުދާސްގަނޑު ބަލައިވެސް ނުލައި، ކޮށްޕައިލީ ދަބަސް ތެރެއަށެވެ.

****

ޑިއުޓީ ގަޑި ނިމުމާއެކު ނިހާ ދިޔައީ ފާހާނާއަށެވެ. އޭނާގެ ތުންފަތުގައި ޖައްސާފައިހުރި ކުލަ ފަނޑުވެފައިވުމުން އަތް ދަބަހުން ލިޕްސްޓިކް ނަގާ ތުންފަތުގެ ކުލަ ގަދަކޮށްލިއެވެ. ގަޔަށް ސެންޓު ބުރުވައިލިއެވެ. ނިކާލް އޭނާ ބަލާ އައިސް ހުންނާނެ ކަމުގެ އުންމީދާއެކު ބޭރަށް ނުކުތެވެ. ހޮސްޕިޓަލް ދޮރުމަތީގައި އިން ފައިރޫޒް ފެނުމާއެކު، ނިހާގެ ހިތް މަރުވި ކަހަލައެވެ. ފައިރޫޒް ނުފެންނަކަމަށް ހަދާފައި، ނިހާ އަނބުރާ ހޮސްޕިޓަލަށް ވަނުމަށް ހިނގައިގަތެވެ. ފައިރޫޒް ގުޅިއެވެ. ނިހާ ދެހިޔާލެއްގައި ހުރެފައި ފޯނަށް ޖަވާބުދިނެވެ.

"ދަނީތަ؟" ފައިރޫޒް ބުންޏެވެ. "މިހުރީ ނިހާ ބަލާ އައިސް."

"މި އަންނަނީ.. އެއްޗެއް ބާއްވާފައި މި އާދެވުނީ." ނިހާ ހޮސްޕިޓަލަށް ވަނެވެ. އިރުގަނޑަކު ނިކާލް އާދޭތޯ ނިހާ އިންތިޒާރު ކުރިއެވެ. ނިކާލަކީ ގަޑިއަށް ފަރުވާތެރި މީހެކެވެ. އެންމެ ރެޔަކު ވެސް ގަޑި ޖެހިފައެއް ނުވެއެވެ. ވީއިރު މިރޭ ނިކާލް ނައީ ކީއްވެގެން ހެއްޔެވެ؟ ނިކާލްގެ ޚަބަރެއްވޭތޯ އިންތިޒާރުގައި ހުރުމަށްފަހު، ނިކާލްގެ ޚަބަރެއް ނުވުމުން ނިހާ ގޮސް ފައިރޫޒް ސައިކަލު ފަހަތަށް އެރިއެވެ. ހޮސްޕިޓަލް ދޮރު މައްޗަށް ސައިކަލުގައި އައިސް މަޑުކޮށްލި ނިކާލަށް އެ މަންޒަރު ފެނުނެވެ. ނިކާލްގެ ހިތަށް އެރިއެވެ. ނިހާ ލޯބިވާ މީހަކީ ފައިރޫޒް ހެއްޔެވެ؟ ނިކާލްގެ ހިތަށް ތޫނު ތަދެއްވިއެވެ. އެހެން މީހެއްގެ ސައިކަލުގެ ފަހަތަށް ނިހާ އަރައިގެން ދިޔުމުން މާޔޫސްވެ ދެރަވެސް ވިއެވެ.

ނިހާ ކޮޓަރިއަށް ވަދެފައި އަތްދަބަސް ހޫރުވާލިއެވެ. އަދި ބާލުހާނާގެ ދޮރު ކަހާލުމަށްފަހު ގޮސް އެނދުގައި އިށީނެވެ. ފޯނު ނަގައި ބަލައިލިއެވެ. ނިކާލްގެ ކޯލެއް މިސްވެފައި އޮތްތޯއެވެ. ނަމަވެސް މެސެޖު ގަނޑެއްހާ ހިސާބު ވެސް ކޮށްލާފައި ވެސް ނެތެވެ. ސިހުރުވެރިޔާ މަތިން ހަނދާންވެގެން ނިހާ އަތްދަބަހުން ކަރުދާސް ގަނޑު ނަގައި ބަލާލިއެވެ. އޭގައި އޮތީ ރަބަރު ޕެކެޓެއްގައި ހުރި ހުދުކުލައިގެ ކުނޑިތަކެކެވެ. ދެން އޮތީ ތަވީދެކެވެ. ނިހާ ހިނިތުންވެލުމަށްފަހު، އެ ތަކެތި ބެހެއްޓީ ރީތިވާ މޭޒު މަތީގައެވެ. އެވަގުތު ބާރު ވައިރޯޅިއެއް ބާލުހާނާގެ ދޮރުން ވަނެވެ. ރީތިވާ މޭޒުމަތީގައި ހުރި ތަކެތި ވިއްސައިގެންދިޔައެވެ. ނިހާ ދޮރު ކައިރިކޮށްލިއެވެ. ތަކެތި ހަމަޔަށް އަޅުވާލުމަށްފަހު އޭނާ އަވަސްވެގަތީ އެއްޗެހި ބަދަލުކުރާށެވެ.

ރީތިވާ މޭޒުމަތީގައި އޮތް ތަވީދު މަޑުމަޑުން ލޫދެންފެށިއެވެ. ހީވަނީ ނުފެންނަ ބާރަކުން ތަވީދަށް މަޑުމަޑުން ދަމާހެންނެވެ. ތަވީދު ވެއްޓުނެވެ. ނިހާ ބަލާލިއެވެ. ނަމަވެސް ޓައިލްސް ގަނޑުމަތީގައި ދެމެމުން ދިޔަ ތަވީދެއް ނިހާގެ ލޮލަކު އަޅައެއް ނުގަތެވެ. އޭތީގެ މިސްރާބު ހުރީ ކުޑަކޮށް ހުޅުވިފައިހުރި ބާލުޙާނާގެ ދޮރާ ދިމާއަށެވެ. ދޮރާ ހަމަވުމާއެކު ހުއްޓުނެވެ. ކުއްލިއަކަށް ތަވީދު ދޮރުން ބޭރަށް ދަމައިގަތެވެ. ހީވީ ދަގަތްފާނު ގަނޑަކަށް ދަނގަޑު ކޮޅެއް ދަމައިގަތް ހެންނެވެ. (ނުނިމޭ)

ފަސްވަނަބައިގެ ތެރެއިން:- ރަތްކުލައިގެ ދެލޮލާއި ތޫނު ދެދަތް ފެނިފައި ނިހާގެ ފުރާނަ އުފުރިގެން ދިޔަހެން ހީވިއެވެ. ގަތް ބިރެއްގެ ސަބަބުން ދެފަޔަށް ލެވުނުހާ ބާރެއްލައިފައި ދުއްވައިގަތެވެ. ނަމަވެސް ތުރުތުރުލަމުން ދިޔަ ދެފައި އޮޅި ނިހާ ގާތަކު މައްޗަށް އަނގަވަތަށް ވެއްޓުނެވެ. އަނގަމަތި ފަޅައިގެން ގޮސް ލޭ އަޔެވެ. އެމީހާ ކޮބައިތޯ ނިހާ ބަލާލިއެވެ. އެމީހާ މިހާރު އެހުރީ ފައިކޮޅުގައެވެ. ނިހާ ހަޅޭލަވައި ގަންނަން މަސައްކަތްކުރީ އުއްޑުންޖެހި ފަހަތަށް ފިރުކިލަމުންނެވެ. ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. އެމީހާ ކޮޅަށް ހުރެ ނިހާގެ ފައިކޮޅުގަ ހިފައި ދަމައިގަތް ވަގުތު ކޮންމެވެސް މީހަކު އައިސް ނިހާގެ އަތުގައި ހިފެހެއްޓިއެވެ. ވަގުތުން އެ ބިރުވެރިއެތި ފަޒާގެ ތެރެއަށް ޣައިބުވެގެން ދިޔައެވެ. ނިހާ ދެލޯ ބޮޑުކުރަމުން ބަލައިލިއެވެ. ކުރިމަތީގައި އިނީ ސަފީނާއެވެ. ނިހާގެ މަންމައެވެ.