ބައެއް ފަހަރު ނިދައިން ހޭލާވަގުތު މޫނުގައި ބިހިނަގާފައި ހުރުމަކީ ހާއްސަކޮށް އަންހެން ކުދިންނަށް ދިމާވާ ކަމެކެވެ. ދެން އޮންނަ ހައްލަކީ ބިހި ފިލުވާލުމަށް މޭކަޕްތަކެއް އުނގުޅުމެވެ. ބިހި ނެގުމަށް ދިމާވަނީ ކުރެވޭ ބައެއް ކަންތައްތަކުގެ ސަބަބުންނެވެ. ތިރީގައި މި ހިމަނާލަނީ އޭގެތެރޭގައި ހިމެނޭ ކަންކަމެވެ.

އަތްނުދޮވެ މޭކަޕް ކުރުން

ހަޑި ފިހި ބޭނުންކުރުމަކީ މޫނުގައި ބިހިނަގަށް ދިމާވާ ސަބަބަކަށްވާއިރު އަތްނުދޮވެ މޭކަޕް ކުރަން ފެށުމަކީވެސް އޭގެ ސަބަބެކެވެ. މައްސަލައަކަށް ވަނީ އަތުގައި ހުންނަ ނުރަނގަޅު ބެކްޓީރީއާތައް މޫނުގެ ހަންގަނޑަށް ދޫކޮށްލެވުމެވެ. އަދި މޫނު ހިރުވާ މޫނުގައި ބިހިނަގަށް ފަށައެވެ.

މާގިނައިން ކޮންސީލާ ބޭނުންކުރުން

ކޮންސީލާއޭ ބުނުމުން ފިރިހެނުންނަށް ނޭނގުނަސް އަންހެނުންނަށް އިނގޭނެއެވެ. އެއީ މޫނުގައި ހުންނަ ލަށްތައް ފިލުވާލުމަށް އުނގުޅާ ކްރީމްއެކެވެ. މިއީ އެހާ ބޯކޮށް މޫނުގައި ހާކަށްޖެހޭ ކްރީމެއް ނޫނެވެ. ބްލެންޑް ކޮށްލަން ބޭނުންވާ އޭރިޔާއެއްގައި ކޮންސީލާއިން ޑޮޓްއެއް ޖެހުމަށްފަހު ބުރުހުން ހާކާލުމުން ރީތިވާނެއެވެ.

ބިހި ފެޅުން

މޫނުގައި ބިހިނެގުމުން އެކަމާ އުނދަގޫވި ނަމަވެސް ބިހި ފެޅުމަކީ ކުރެވޭ މޮޔަކަމެކެވެ. އަތުގެ އިނގިލިތަކުން ބިހި ފަޅާއިރު ބިހީގައި ހުންނަ ބެކްޓީރިޔާތަކާއި އަތުގައި ހުންނަ ބެކްޓީރިޔާތައް ހަންގަނޑަށް ދިޔުމުން އިތުރަށް ބިހި ނަގަންފަޅައެވެ. އެހެންކަމުން މޫނުގައި ހުންނަ ބިހި ފެޅުމުގެ ބަދަލުގައި އެކަމަށް ހާއްސަ ކްރީމް އެއް ބޭނުންކުރާށެވެ.

ނިދުމުގެ ކުރިން މޭކަޕް ނުފިލުވުން

ކޮންމެ ދުވަހަކު މޫނުގައި އެކިކަހަލަ މޭކަޕް ޕްރޮޑަކްޓްސް އުނގުޅޭއިރު އެތަކެތި ނުފިލުވައި ނިދުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ ލިޕްސްޓިކް ނަމަވެސް ހެވެއެ. ލިޕްސިޓިކް ހާކައިގެން ނިދުމުން ތުންފަތް ފެޅެން ދިމާވާއިރު މޭކަޕް ނުފިލުވަ ނިދުމުން ގިނަ މައްސަލަތަކެއް ދިމާވާނެއެވެ. އެހެންކަމުން މޭކަޕް ފިލުވުމަށްފަހު ނިދަން އާދަކުރާށެވެ.