ދުނިޔެގެ އާބާދީގެ 45 އިންސައްތަ މީހުންނަކީ ނިދީގައި ގުގުރި ދަމާ މީހުންނެވެ. ތިބާއަކީ އޭގެ ތެރޭގައި ހިމެނޭ މީހަކަށް ވެދާނެއެވެ. ކައިރީގައި ނުވަތަ އެއް ކޮޓަރީގައި ނިދާފައި އޮންނަ މީހަކު ގުގުރި ދެމުމަކީ އެ ކޮޓަރީގައި އުޅޭ އެހެން މީހުންނަށް ނިދަން ވަރަށް އުނދަގޫވާ ކަމަކަށްވެއެވެ. ކިތަންމެ ވަރުބަލިވެ ނިދި އައިސްފައި ހުއްޓަސް ނިދުމަށް އެޅޭ ހުރަހަކަށް ގުގުރީގެ އަޑު ވެގެންދެއެވެ. މިއީ ބޮލަށް އުނދަގުވާ ޒާތުގެ އަޑެއްގެ އިތުރުން ގުގުރި ދަމާ މީހާގެ ސިއްހަތަށް ގެއްލުން ލިބޭ ކަމެއްވެސް މެއެވެ.

ގުގުރި ދެމުމުގެ ސަބަބުން އާއިލާ ތެރޭގައި އެކަމާ ދިމާކޮށް ހެދުމަކީ ވެސް އާންމު ކަމެކެވެ.

ގުގުރި ދަމާ މީހުންގެ ތެރެއިން 75 އިންސައްތަ މީހުންނަކީ "ސްލީޕް އެޕްނިއާ" ޖެހިފައިވާ މީހުންނެވެ. ސްލީޕް އެޕްނިއާ ޖެހުމުން ނިދާފަ އޮންނަ އިރު އަވަސް އަވަހަށް ކުރު ނޭވާ ލެވޭނެއެވެ. އެގޮޮތަށް ވާ ނަމަ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ގުގުރި ދެމުން ހުއްޓުވުމަށްޓަކައި ޑޮކްޓަރީ ބޭސް ބޭނުންކުރުމުގެ ބަދަލުގައި ކަންތައް ކުރެވިދާނެ އެހެން ގޮތްތަކެއް އެބަހުއްޓެވެ. އެގޮޮތުން ނިދަން އޮށޯވެ އޮންނަ ގޮތް ބަދަލު ކުރެވިދާނެއެވެ. ބޯ ދަށަށް ތަންކޮޅެއް އުސް ބާލީހެއް ލައިގެން ތެދައް އޮވެ ނިދާށެވެ. އޭގެ ސަބަބުން ނޭވާ ލާން ފަސޭހަވެއެވެ. މިގޮތަށް ކަންތައް ކުރުމުގެ ސަބަބުން ކަރަށް ތަދު އެރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އެކަމަށް ސަމާލުކަން ދޭން ޖެހެއެވެ. މިގޮތަށް ކަންތައް ކުރުމަށް ފަހުވެސް ގުގުރި ދަމާނަމަ އެއީ ސްލީޕް އެޕްނިއާ އަށް ވެދާނެއެވެ. މިފަދަ ހާލަތެއްގައި ޑޮކްޓަރެއްގެ ލަފާ ހޯދުން ވަރަށް މުހިންމެވެ.

ބާލީސް ހިރަފުސްވެ އެލާޖިކްގެ ކަންތަކާ ކުރިމަތިލާން ބައެއް މީހުނަށް ޖެހެއެވެ. މާ ގިނަ ދުވަސް ވަންދެން އެއް ބާލީހެއްގައި ނިދާނަމަވެސް ގުގުރި ދެމުމުގެ ފުރުސަތު ބޮޑެވެ. އެހެން ކަމުން ދުވަސް ދުވަސް ކޮޅުން ނިދާ ބާލީސް ބަދަލު ކުރުމަކީ މުހިންމުކަމެކެވެ. ކޮންމެ ހަފްތާ އަކު އެެއް ފަހަރު ބާލީސް އަވީގައި ބޭއްވުމާއި ކޮންމެ ހަ މަަހަކުން ނިދާ ބާލީީސް ބަދަލު ކުރުމަކީ ސިއްހަތަށް އޭގެ ސަބަބުން ވަރަށް ގިނަ ފައިދާ ކުރާ ކަމެކެވެ.

ކަރުގައި މަސް ޖެހުމަކީ ގުގުރި ދެމުމަށް މެދުވެރިވާ ސަބަބެކެވެ. ބަރުދަން ލުއި ކޮށްލުމުގެ ސަބަބުންވެސް ބައެއް މީހުނަށް ގުގުރި ދެމުން ހުއްޓެއެވެ. މީގެ މާނައަކީ ހިކިކޮށް ތިބޭ ބަރުދަނުން ލުއި މީހުުން ގުގުރި ނުދަމާނެއެކޭ ނޫނެވެ. ކުރީގައި ހިކިކޮށް ހުރެފައިި ބަރުދަން މަތިވި ފަހުން ގުގުރި ދަމަން ފަށާފައި ވާނަމަ ބަރުދަން ލުއި ކޮށްލުމުން އެކަމަށް ހައްލެއް އަތުވެދާނެއެވެ.

އާވި އެރުވުމުގެ ސަބަބުން ނޭވާ ލާން ފަސޭހަތަކެއް ވެގެން ދެއެވެ. ނިދުމުގެ ކުރިން އާވި އަރުވާ ނަމަ ގުގުރި ދެމުމުގެ ފުރުސަތުު ވަރަށް ކުޑައެވެ. މީގެ އިތުރުން ނޭފަތް ބެދިފައި ވާނަމަ ނިދުމުގެ ކުރިން ހޫނު ފެނުން ފެން ވަރާލުމުން ވެސް ގުގުރި ދެމުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު