އިންޑިޔާގައި ކޮރޯނާ ވައިރަސްގެ ދެވަނަ ރާޅާއި އެކު ހަލަބޮލިކަން އިތުރުވެފައިވާއިރު އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހޭ ބަޔަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ އެންމެ ބޮޑު އުއްމީދަކަށް ވާނީ ވެސް މި ދާއިރާގެ މީހުންނެވެ.

އެހެން ނަމަވެސް ސިއްހީ ހިދުމަތްތެރިންގެ ތެރޭގައިވެސް ބަލި މީހުންނާއި ދިމާލަށް ބުނަން ނުޖެހޭ ބައެއް ވާހަކަތައް ބުނެވޭ މީހުން އެބަތިއްބެވެ. މިއީ އެފަދަ ހާދިސާއެކެވެ.

އިންޑިޔާގެ އުއްތަ ޕްރަދޭޝް ކޮވިޑް ކޮމާންޑު ސެންޓަރގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް ޖެހިފައިވާ ބަލި މީހަކު މަރުވާން ދާށޭ މި ވަނީ ބުނެފައެވެ. އަދި މިހާރު އެފަދަ އޯޑިއޯއެއް މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

އެ މުވައްޒަފު މިގޮތަށް ބުނެފައި ވަނީ ލަކްނަވްގެ ބީޖޭޕީގެ ކުރީގެ ޗީފު މަނޯހަރު ސިންގްގެ ދަރިފުޅު ސަންތޯޝް ސިންގްއާއި ދިމާލަށެވެ. މިހެން ބުނުމުން އޭނާ ވަނީ އެ މުވައްޒަފު ކަންތައް ކޮށްފައިވާ ގޮތުގެ މައްސަލަ ޗީފު މިނިސްޓަރ ޔޯގީއަށް ސިޓީއަކުން އަންގާފައެެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފަކު އޭނާއާއި ދިމާއަށް މަރުވަން ދިޔުމަށް ބުނެފައިވާ ކަމަށް މި ސިޓީގައިވެއެވެ.

ސަންތޯޝްއާއި އޭނާގެ އާއިލާ މީހުން އޭޕްރީލް 12 ވަނަ ދުވަހު ކޮވިޑް ފައްސިވުމުން ގޭގައި ކަރަންޓީނުގައި ތިބި ކަމަށާއި އޭޕްރީލް 15 ވަނަ ދުވަހު ކޮވިޑް ކޮމާންޑް ސެންޓަރއިން އަންހެނަކު ގުޅާފައި ގޭގައި ކަރަންޓީނުވުމުގެ ފޯމާއި ބެހޭ ގޮތުން ސުވާލު ކުރި ކަމަށް ވެސް ލިޔެފައިވެއެވެ.

އަދި އެއްވެސް ޑޮކްޓަރަކަށް ދައްކާފައި ނުވާ ކަމަށާއި އަދި އެއްވެސް ޑޮކްޓަރެއް އެމީހުންނަށް ވެސް ގުޅާފައި ނުވާ ކަމަށް ސަންތޯޝް ބުނުމުން އެ އަންހެން މީހާ އޭނާ ކައިރީގައި މަރުވަން ދާށޭ ބުނެފައި ފޯނު ކަނޑާލި ކަމަށް ވެސް ސިޓީގައިވެއެވެ.

މިފަދަ ބަހުރުވައިން ބަލިމީހުންނާއި މުހާތަބު ކުރުމަކީ ބަލިމީހުން އިތުރަށް ބިރުގަނެ މާޔޫސްވާނެ ކަމެކެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހަކު ވާހަކަ ދައްކައިގެން ނުވާނެ ގޮތެއް ކަމަށް ވެސް ސިޓީގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު