މެއި 4 ވަނަ ދުވަހު ގެނެސްދިން ބައި

ޖެހިގެން އައި ދުވަހުގެ މެންދުރުގެ ވަގުތު ވެހެމުން ދިޔަ ބޯ ވާރޭތެރޭގައި ނިކާލް އިނީ ހަރަކާތް ހުއްޓިފައެވެ. ލެއިން ތަތްތެޅިފައި އޭނާ އިނީ ހިރިލާނެ ވަރުވެސް ނެތިފައެވެ.

ނިކާލް ދެއަތް އުފުލާލަމުން ދެއަތަށް ވަކިވަކިން ބަލާލިއެވެ. އަތުގައި ހިކިފައި ހުރި ލޭތައް ފެނާ އެކުވެ ގިރިގެން އޭނާގެ އަތުގެ މުލަށްދަނޑިން ތިރިޔަށް އޮހޮރެމުން ގޮސް އުޅަނބޮށި ކޮޅުން ފައިބަމުން ދިޔައެވެ. ލައިގެން ހުރި ހުދު ޓީޝާޓްގައި ގަނޑުވެފައި ހުރި ލޭގެ ނިޝާންތައްވެސް ފޭދެންފެށިއެވެ. ލޭގެ ކުލަ ފަނޑުވިއެވެ. އެ ނިޝާންތައް ފަނޑުވަމުން ދިޔަ ނަމަވެސް ވީކަމެއް ނުވާކަމަކަށް ހެދިދާނެ ހެއްޔެވެ؟ ހަޤީޤަތް ބަދަލުކުރެވިދާނެ ހެއްޔެވެ؟ ނޫނެކެވެ. މިދުނިޔެއާ ވަކިވާ އެއްވެސް ފުރާނައެއް އަނބުރާ މިދުނިޔެއަކަށް ނާންނާނެއެވެ. ދުވަހަކުވެސް ނާންނާނެއެވެ. އެ ހަޤީޤަތާއެކު ނިކާލް ދިރިއުޅުމައިގެން ކުރިޔަށްދާނީ ކިހިނެއް ހެއްޔެވެ؟ މާޒީއަށް އެނބުރި ދެވޭނެ ނަމައޭ ނިކާލްގެ ހިތަށް އެރިއެވެ. ވަކިވުމުގެ ކުރިން ހިތުން ރުހުމުން އަނގައިން ބުނެވުނު ނަމައެވެ. ކިތަންމެ ހިތްހަމަނުޖެހި ރުޅި އައި ނަމަވެސް ނަޒީލްދެކެ ނިކާލް ލޯބިވެއެވެ. ހިތުގެ އެންމެ ފުންމިނުންނެވެ. ނަމަވެސް ދުވަހެއްގެ ކޮޅުން ވެސް ލޯބިވާ ވާހަކަ ބުނެލާނެ ފުރުޞަތެއް ނިކާލަކަށް ދެނެއް ނުލިބޭނެއެވެ. ވަގުތު ފާއިތުވެ އަބަދުގެ އަބަދަށް ނިކާލަށް އެވަނީ އެ ފުރުޞަތު ގެއްލިފައެވެ. ނަޒީލް އެވަނީ މި ފަނާވަނިވި ދުނިޔެއާ އަބަދުގެ އަބަދަށް އަލްވަދާޢު ކިޔާފައެވެ.

"ނަޒީލް ކީއްވެގެން؟ ކީއްވެ މަންމައާ މެދު ވިސްނައިނުލީ. އަމިއްލަ އަނބިމީހާއާ މެދުވެސް ވިސްނައިނުލީ ކީއްވެ؟ މަ ހިތްހަނުޖެހިފައި ހުއްޓަސް ނަޒީލްދެކެ ލޯބިވެޔޭ. ތީ މަށާއެއް ރަހިމެއް ހިއްސާކުރި މަށަށް ވުރެން މިނިޓުކޮޅެއް ދޮށީ ބޭބެއޭ. ނަޒީލް ކޮންމެ ގޮތަކަށް އުޅުނަސް ތިހެން ވަކިވެގެން ދިޔައީމަ މަށަށް ކުށްވެރިކުރެވޭނީ އަމިއްލަ ނަފުސު. ކީއްވެގެން؟ އަމިއްލައަށް މަރުވުމަކީ ކިހާ ބޮޑު ފާފައެއްކަން ހަމަ ނޭނގެނީތަ؟ ކީއްވެ އެއްވެސް ކަމަކާ ވިސްނާނުލީ؟ ކީއްވެގެން؟" ނިކާލް ގިސްލަމުން އަމިއްލަ ޟަމީރާ ވާހަކަ ދެއްކިއެވެ.

ކައިރިން މީހެއްގެ ހިލަންވީހެން ހީވެގެން ނިކާލް އިސް އުފުލާލީ މަޑުމަޑުންނެވެ. ފެންކަޅި ވެފައިވާ ދެލޮލުން އޭނާއަށް ބަލަހައްޓައިގެން ހުރީ ނިހާއެވެ. އޭނާގެ ހިތުގެ ވިންދެވެ. ކުޑައެއް ހިފައިގެން ހުރި ނިހާ އޭނާއާ ގާތަށް ޖެހިލަމުން ވެހެމުން ދިޔަ ވާރެއިން އޭނާ ސަލާމަތް ކުރިއެވެ.

"ނަޒީލް ދެން ދުވަހަކު ވެސް ނުފެންނާނެ." ކުޑަ ކުއްޖަކު ފަދައިން ތުން ފިއްތާލަމުން ނިކާލް ބުންޏެވެ. "ދުވަހަކު ވެސް ނުފެންނާނެ. ދުވަހަކު ވެސް ދެން ވާހަކަ ދައްކާލާނެ ފުރުޞަތެއް ނުލިބޭނެ. މާފުކޮށްފީމޭ ވެސް ނުބުނެވޭނެ. ނަޒީލް އެ ދިޔައީ. އަބަދަށް ވަކިވީ. އޭނަ މަރުވީ އެ އަހަންނާ ހެދި. އަހަންނާ ހެދި... އަހަންނާ ހެދި."

ތަސްބީހައެއްހެން އެތައްފަހަރަކު އެޖުމްލަ ނިކާލް ތަކުރާރުކުރިއެވެ. ނިހާ ދެއަތަށް ބޯ ހޫރުވާލިއެވެ. އަމިއްލަ ނަފްސު ކުށްވެރިކޮށް ސަޒާ ނުދޭށޭ ބުނާ ކަހަލައެވެ. ނިހާގެ ލޮލަށް ޖަމާވި ކަރުނަތައް އޮހޮރިގަތް ތަން ފެނުނެވެ. ނިކާލަށް ކެތެއް ނުކުރެވުނެވެ. ނިހާގެ މެދު ހަށީގައި ބާރަށް ބައްދައިގަނެވުނެވެ. ބާރަށް ރޮއެ ގަނެވުނެވެ. އޭނާގެ ބޮލުގައި ހިފަހައްޓާލައިގެން ހުރެ ނިހާ ވެސް ރުއިމުގައި ބައިވެރިވިއެވެ.

"ނިކް. ބަލާބަލަ. އަހަންނަށް ބަލާބަލަ." ނިހާ ހިންދިރުވާލުމަށްފަހު ކަރުނަތައް ފޮހެލިއެވެ. ހިތްވަރުގަދަ އަންހެނެއް ފަދައިން ދެން ނުރޯނަމޭ ބުނި ކަހަލައެވެ. އަދި ނިކާލްގެ އަތުގައި ހިފާ ނެގިއެވެ. "ނިކް ތީ އަހަންނަށްވުރެން ހިތްވަރުގަދަ މީހެއްނު ދޯ. ހިނގާ އެތެރެއަށް. ފުލުހުން ސުވާލުކުރަން ބޭނުންވެގެން އެބަ ހޯދާ. އެމީހުންނަށް ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔާދީ. މިހާރު ހަޤީޤަތް އެނގިގެން އަހަރުމެންނަށް ގެއްލޭނެ އެއްޗެއް ނޯންނާނެ."

ނިކާލްގެ އަތުގައި ހިފައިގެން ނިހާ ގެޔާ ދިމާއަށް ހިނގައިގަތެވެ. 04 ބުރިއަށް ނަގާފައިވާ އެ ބޮޑު ހަވޭލީއެއް ފަދަ ޢިމާރާތުގެ ކައިރިއަށް ދެވުމާއެކު ނިކާލަށް އުޑާ ދިމާއަށް ބަލާލެވުނެވެ. އަދި ޕޮލިހުން ޓޭޕް ދަމާ ވަނުން މަނާކޮށްފައިވާ ސަރަހައްދަށް ބަލާލެވުނެވެ. ވެހެމުންދިޔަ ބޯ ވާރޭ ތެރޭގައި އޭނާ ދެން ހިނގައިގަތީ ގޯތީގެ ބިއްފަޅިއާ ދިމާއަށެވެ. ނިހާ ވެސް ނިކާލްއާ ދާދި އެއްވަރަށް ފިޔަވަޅު އަޅަމުން ކުޑައިން ނިކާލް ހިޔާކުރަމުން ދިޔައެވެ. ގޯތީގެ ބިއްދޮށުން ވަލު ފަރާތަށް ނުކުތުމާއެކު އެތަނުގައި އުޅުނު ޕޮލިހަކު އައިސް އެ ދެމީހުން ހުއްޓުވިއެވެ. އެ ސަރަހައްދަށް ވަނުން މަނާކަމުގައި ހަނދާންކޮށްދިނެވެ. ނިކާލް ދުރުގައި ހުރެފައި ބަލާލިއެވެ. އެސަރަހައްދުގައި އަތުރާފައިވާ ގާތަކުގެ މަތީގައި ނަޒީލްގެ ހަށިގަނޑު އޮތްތަން ހުދުކުލައިން ފަވާލެވިފައި ހުއްޓެވެ. ވާރޭ ވެހުމުގެ ސަބަބުން ލޭގެ އެއްވެސް އަސަރެއް އެ ހިސާބުން މިހާރު ފެންނާކަށް ނެތެވެ. ނަމަވެސް ސަތަރި ގަނޑަކުން ހިޔާ ކުރެވިފައި ހުރި ހިސާބުގައި އަދިވެސް ކޮންމެ ވެސް ވަރަކަށް ރަތް ކަމެއް ފެންނަން ހުއްޓެވެ. ނިހާ ހިފަހައްޓައިގެން ހުރި ކުޑަ ދުރުކޮށްލަމުން ނިކާލް މައްޗަށް ބަލާލިއެވެ. ނަޒީލް ހާމަފެންޑާ މަތިން ތިރިއަށް ވެއްޓި ގާތަކު މައްޗަށް ޖެހޭ މަންޒަރު ލޯމައްޗަށް ސިފަކުރެވުނެވެ. އެވަގުތު އޭނާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ހަށިގަނޑުން ވަރުދޫވެގެން ދެކަކޫ މައްޗަށް ތިރިވެވުނެވެ.

ބާބު 13 – ލޭ-ކަރުނަ

ނިކާލް ގޭތެރެއަށް ވަންއިރު ބޮޑުސޯފާގައި ބައްޕަ އިނެވެ. ބައްޕައާ އެކިއެކި ސުވާލު ކުރުމަށްޓަކައި ދެ ފުލުހުން ބައްޕަގެ ކުރިމަތީގައި ހުރި ސޯފާގައި ތިއްބެވެ. އެތަނުން އެކަކަކީ ފައިރޫޒެވެ. ބައްޕަ ދޭ ޖަވާބުތައް އެމީހުން ގެންގުޅުން ނޯޓް ޕެޑްގައި ނޯޓް ކުރަމުން ދިޔައެވެ. މަންމަ އިނީ މައްޗަށް އެރުމަށް ހަދާފައިވާ ވަށް ސިޑީގެ ހަރުފަތެއްގައި އިށީދެގެންނެވެ. ނަޒީލްގެ ހަށިގަނޑު ޕޮލިހުން ގެންދިޔަ ވަގުތުން ފެށިގެން މަންމަ އެ އިންނަނީ އެ ސިޑި މަތީގައެވެ. މަންމަ ލޮލުން އޭރު ވެސް ކަރުނަ ނުހިކެއެވެ. ދެލޯ ވަނީ ރަތްވެފައެވެ. މަންމަ ވަރަށް ހިތްވަރު ގަދައޭ ނިކާލްގެ ހިތަށް އެރިއެވެ. ދެރަވެ ހިތާމަކުރި ނަމަވެސް އަޑުގަދަކޮށް އަތުންފައިން ގޯހެއް ނުހަދައެވެ. ނަޒީލް ވެސް މަންމަ ހާ ހިތްވަރުގަދަ މީހަކަށް ވީނަމައެވެ.

"ނިކާލް މިކޮޅަށް އައިސްބަލަ." އިލްހާމް ނިކާލަށް ގޮވާލިއެވެ.

ނިކާލް އިލްހާމަށް ބަލައިލީ މުޅިން ތަފާތު ނަޒަރަކުންނެވެ. ލޯތްބަށްވުރެން ބޮޑަށް ފެނުނީ ނަފުރަތެވެ. ހިތާމައިގެ މައްޗަށް ރުޅިވެރިކަން ގަދަވެގަތެވެ. އޭނާ އެ ބައްޕަ ފެންނަ ހިސާބަށް ދާން ވެސް ބޭނުމެއް ނުވިއެވެ. ބައްޕައަކަށް ވީތީ ގަދަރުކުރާނެކަމަށް ބުނި ނިކާލްގެ ހިތުގައި މިއަދު އެއްވެސް ގަދަރެއް ނެތެވެ. ސަބަބަކީ ކޮބައިހެއްޔެވެ؟ އޭނާ ހުއްޓުން އަރާފައި ހުރުމުން ނިހާ އުޅަނބޮށިން ކޮށްޓައިލުމާއެކު ކުރިޔަށް ހިނގައިގަތެވެ. އޭނާ އިށީނީ އިލްހާމް އިން ސޯފާގައި އިލްހާމާ ދެ ފޫޓެއްހާ ދުރުގައެވެ.

"ނަޒީލް އަމިއްލައަށް މަރުވިކަމުގައި ވިޔަސް އަޅުގަނޑުމެން އެބަ ޖެހޭ މަރުގެ ތަޙުޤީޤެއް ހިންގަން." ފައިރޫޒް ބުންޏެވެ "އެނގޭ މިވަގުތަކީ މުޅި އާއިލާއަށް ހިތާމަވެރި ވަގުތެއްކަން. މި ގޮތަށް ސުވާލުތަކަށް ޖަވާބުދޭން އުނދަގޫވާނެ ދަނޑިވަޅެއްކަން ވެސް. އެހެންވީމަ މާގިނަ ސުވާލުތަކެއް ކުރާކަށް ނެތިން. ނިކާލަށް މި މަރާބެހޭ ގޮތުން އެނގޭ އެއްޗެއް ބުނެ ދެއްވާ."

"ތީގަ ބުނާނެ އެއްޗެއް އެބައޮތްތަ؟ މި މަރުގެ ޒިންމާ ނަގަންޖެހޭނީ ފައިރޫޒްމެން." ޖަވާބު ދިނީ އިލްހާމްއެވެ.

އިލްހާމް ޤަބޫލުކުރާ ގޮތުގައި ނަޒީލް ނަފުސާނީ ގޮތުން ބަލިކަށިކޮށްލީ ފައިރޫޒްމެންނެވެ. އޭނާ އަމިއްލަ އިޚުތިޔާރަކާނުލާ އަރައިގަނެވުނު ކުށެށްގެ ތަޙުޤީޤު ހިންގަންވެގެން ބަންދުގައި ބެހެއްޓުމުންނެވެ. އަދި ބަންދުން ދޫކޮށްލަމުން ވެސް ތަޙުޤީޤު ނިމުނުކަން އަންގައިފައި ނުވުމުން ނަޒީލްގެ ބުއްދި ގޯސްވީއެވެ. މުޅި އުމުރު ދުވަހު ޖަލުގައި އޮންނަ ޖެހިދާނެކަމުގެ ބިރު އެހިތުން ފިލައިގެން ނުދިޔައީއެވެ. ރަށު މީހުންގެ މަލާމާތާއި ފުރައްސާރައަށް ފިލަންވެގެން އޭނާ އަމިއްލައަށް މަރުވީއެވެ. އިލްހާމް އިނީ ފައިރޫޒްމެންދެކެ އެކަމާ އިންތިހާއަށް ރުޅިގަދަވެފައެވެ.

"ތި މީހުން އެސޮރު މަރާލީ. ތަނެއްދޮރެއް ބަލާނުލާ ހައްޔަރުކޮށްގެން ގެންދިޔައީ. ކިހާ ބޮޑު ލަދެއްގަތަ ބެދުނީ. މުޅި ރަށު އެންމެން އޭނާއާ ދޭތެރޭ ދެކޭގޮތް ބަދަލުވެގެން ދިޔައީ ކަލޭމެންގެ ނުބައިކަމުން. ފައިރޫޒް ތީ ޞައްތާރު ދަރިއަކަސް މަ ބުނާނީ ހަޤީޤަތަށް. ކަން އޮންނަ ގޮތަށް. ނަޒީލްގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ފައިރޫޒް." އިލްހާމް ރުޅިގަދަވެފައި އިނެއްކަމަކު އޭނާގެ އަޑު ހުރީ ފާޑަކަށް ބެދިފައެވެ. ނަޒީލްގެ މަރާއެކު އިލްހާމަށް ކުރި އަސަރުގެ ކުޑަކުޑަ މިންވަރެއް ވެސް އަދި އޭނާގެ ހަރަކާތަކުން ފާޅުވާ ގޮތެއް ނުވެއެވެ. ހަޤީޤަތުގައި އިލްހާމް އަދިވެސް އެ އިނީ ޝޮކުގައެވެ.

ފައިރޫޒް ދެކޭގޮތުގައި ކުށްވެރި ވަނީ ޕޮލިހުންނަށް ދޮގު ބަޔާންދީ ތަޙުޤީޤަށް ހުރަސް އަޅަން އުޅުނު މީހުންނެވެ. އެހެންބުނަން ވެސް ފައިރޫޒް ހިތަށް އެރިއެވެ. ނަމަވެސް ޕޮލިހުންގެ ޔުނީފޯމުގައި އިނުމުން ޒުވާބު ހޫނުވެދާނެތީ އޭނާ ބުނަން ބޭނުންވި އެއްޗެހި ދިރުވާލީއެވެ. އެ ޔުނީފޯމުގައި ނެތްނަމަ އޭގެ ޖަވާބު ފިސާރި ރަނގަޅަށް ވެސް އޭނާ ދިނީހެވެ.

"ނިކާލް ދެކެނީ ކިހިނެއް؟" އަނެއްކާ ވެސް ފައިރޫޒް އެހިއެވެ.

"އަޖައިބެއް ފަހެ މީހަކު ނުވާނެތަ؟ މިހެން މި ދިމާވީ ކަލޭމެންގެ ޒިންމާ އަދާކުރަން ޖެހޭގޮތަށް ކަލޭމެންނަށް އަދާ ނުކުރެވުނީމައޭ. މިހާރު ބައްތިރީސް ފަހަރު އެހެން ވެސް ބުނެވިއްޖެ." ފައިރޫޒް ސުވާލެއް ކުރާއިރަށް އިލްހާމް ކެކިގަނެއެވެ.

"ކަލޭމެން ގޮސް އެ އިންޝާއާ މިހިރަ ނިހާއާ ތި ސުވާލުތައް ކޮށްބަލަ. އެއީ ހަޤީޤަތް އެނގިތިބެ ސިއްރުކުރި ދެމީހުން. ކަލޭމެންނެކޭ އެއްގޮތަށް މި މަރުގެ ޒިންމާ ހަމަހަމައަށް ނަގަން ޖެހޭ ދެމީހުން އެ ވެސް." ނިހާއާ ދިމާއަށް ބަލާލައިފައި، މޫނު ކުނިކޮށްލަމުން އިލްހާމް ބުންޏެވެ.

"ބައްޕަ ދޮގު ހެދުން ހުއްޓަންވެއްޖެންނު." ނިކާލް ރުޅިއައިސްފައި ތެދުވަމުން ބުންޏެވެ. "ހަޤީޤީ ކުށްވެރިޔަކީ ބައްޕައޭ. ނަޒީލް ނުބައި މަގުން ދިޔައިރު ވެސް ބައްޕަ އޭނަ ނުހުއްޓުވީ. ހަޤީޤަތް އެނގިހުރެ ނަޒީލްގެ ކުށުގަ ބައްޕައޭ ބައިވެރިވީ ވެސް. ހަޤީޤަތް ފޮރުވަން ބައްޕައޭ އޭނާއަށް އެހީވީ. ބައްޕައޭ އޭނައަށް ހިތްވަރު ދިން މީހަކީ."

ދުރުގައި ހުރި ނިހާ ނިކަން ބާރަށް އައިސް ނިކާލްގެ ގާތުގައި ހުއްޓުނެވެ.

"ކީކޭ ތިބުނީ؟" ހައިރާންވެފައި ފައިރޫޒް އެހިއެވެ. އެއީ ނިހާގެ ހިތުގައި ވެސް އުފެދުނު ސުވާލެވެ. ނިކާލް އެ ކިޔަނީ ކީކޭ ހެއްޔެވެ؟ އިލްހާމްގެ ހަޤީޤަތް އޭނާ އެއްވެސް މީހަކަށް ކިޔާދީފައެއް ނުވާނެއެވެ.

"ނަޒީލް ނިހާގެ ކޮޓަރިއަށް ވަނީ އިބްރީސްގެ ބާރަކުން ނޫން." ނިކާލް ޖަވާބު ދިނެވެ. "އޭނަ ވަނީ އަމިއްލަ އިޚުތިޔާރުގައި. އެކަން ބައްޕައަށް ވެސް އެނގޭނެ. އެނގިހުރެ އެކަން ސިއްރުކުރަން އެހީވި މީހުންގެ އެންމެ ބޮޑަކަށް ހުރީ ބައްޕަ."

އިލްހާމް ހާސްވިއެވެ. ނަމަވެސް އެކަން ވަންހަނާ ކުރުމުގައި އޭނާ ކުރި ހޯދިއެވެ. ފައިރޫޒް ހުރީ ޝައްކެއްގެ މަތީގައެވެ. ނިކާލް ނުސީދާކޮށް އެ ބުނީ އިލްހާމް ރިޕޯޓު ބަދަލުކުރި ވާހަކަހެން އޭނާއަށް ހީވިއެވެ. ނަމަވެސް ސުވާލުކުރާކަށް ނުކެރުނެވެ. އެވަގުތު އިތުރު ހަމަނުޖެހުން ގަނޑެއް އުފައްދަން އޭނާ ބޭނުމެއް ނޫނެވެ.

"ކޮންކަމެއް ސިއްރުކުރަން އެހީވި ވާހަކަތޯ؟" ދެން ހުރި ޕޮލިސް މީހާ އެހިއެވެ.

"ނިހާގެ މެޑިކަލް ރިޕޯޓް ބަދަލުކުރަން ޑޮކްޓަރަށް ރިޝްވަތުދިން މީހަކީ މީނދަ ބައްޕަ." ނިކާލް ޖެހިލުމެއްނެތި ހަޤީޤަތް ހާމަކުރީ އިލްހާމްދެކެ ފޫހިވެފައި ހުރިލެއް ބޮޑުކަމުންނެވެ. ނަޒީލް ނެތް ދުނިޔެއެއްގައި އެ ސިއްރު ވަންހަނާކުރުމުގެ މާނައެއް ވެސް ނެތީމައެވެ.

"ތީ ކާކު ދައްކައިގެން އުޅޭ މުޑުދާރު ވާހަކައެއް." އިލްހާމް ހިނިގަނޑެއް ޖަހާލަމުން ހަމަޖެހޭ ގޮތް ދައްކާލިއެވެ.

ނިކާލް ވިސްނަން ހުރުމަށްފަހު ބަހެއް ނުބުނެ ހިނގައިގަތީއެވެ. ފައިރޫޒް ވެސް އެކަމާ ބެހޭ ގޮތުން އިތުރު ސުވާލެއްކުރަން ބޭނުން ނުވީ އެ ވަގުތާއި ހާލަތުގެ ގޮތުންނެވެ. އެހެން އިރަކުން އަންނާނެ ކަމަށް ބުނެފައި އޭނާ ނުކުމެގެން ދިޔައީ ނަޒީލްގެ ހަށިގަނޑު ހޮސްޕިޓަލުން ދޫކޮށްލިހާ އަވަހަކަށް އާއިލާ އަށް ރައްދުކޮށްދޭނެ ވާހަކަ ވެސް ބުނުމަށް ފަހުގައެވެ.

ފައިރޫޒް ނުކުމެގެން ދިޔުމާއެކު ނިހާ އަވަސްވެގަތީ ނިކާލް ހޯދާށެވެ. ނިކާލްގެ ކޮޓަރިއަށް ވަންއިރު އެނދު ދުރުކޮށްގެން އުޅެއެވެ. ގޮދަޑިއާއި ބެޑުޝީޓު ވެސް ހިއްލައިގެން އޭނާ ކޮންމެވެސް އެއްޗެއް ހޯދަނީއެވެ. ރީތިވާ މޭޒުމަތީ ހުރި އެއްޗެހިތައް ވެސް ހުރީ ބިންމަތީގައެވެ. މުޅި ކޮޓަރި އެފުށް މިފުށަށް ޖަހަމުން އޭނާ ހޯދަމުން އެ ދަނީ ކޯއްޗެއް ހެއްޔެވެ؟

"ނިކް. ކޯއްޗެއް ގެއްލިގެން ތި އުޅެނީ؟" ރީތިވާ މޭޒު މަތި ތަރުތީބު ކުރަމުން ނިހާ އެހިއެވެ.

"މީތި ގެއްލިގެން އެ އުޅެނީ." ޖަވާބު ދިނީ އިލްހާމްއެވެ.

ނިކާލް ބަލާލިއެވެ. ދޮރު މަތީގައި ހުރި އިލްހާމްގެ އަތުގައި ފަށްޖަހާލެވިފައިވާ ކަރުދާސް ގަނޑެއް އޮތެވެ. އެއީ ނަޒީލް މަރުވުމުގެ ކުރިން ނިކާލަށް ނިސްބަތްކޮށް ލިޔެފައި އޮތް ސިޓީއެވެ. އެ ސިޓީގައި ނަޒީލް ހުރިހާ ހަޤީޤަތެއް ހާމަކުރުމަށް ފަހު މަޢާފަށް އެދިފައި ވެއެވެ. އިލްހާމް އާ ދިމާއަށް ނިކާލް އަންނަން ފެށުމުން އިލްހާމް އެ ކަރުދާސްގަނޑު ކޮށްޕައިލީ ޖީބަށެވެ.

"ބައްޕަ ތި ފޮރުވައިގެން ހުރެގެންދޯ މާ ހަމަޖެހިގެން އިނދެ ދޮގު ތި ހަދަނީ." ނިކާލް މޫނު އަނބުރާލަމުން ނުރުހުންވެފައި ހުރެ ބުންޏެވެ.

"ނިކާލްގެ ނަޒަރުގައި ބައްޕަވާނީ ކުށްވެރިއަކަށް." އިލްހާމް ބުންޏެވެ. "އެކަމަކު އަހަރެންގެ ހަމަ އެކަނި ކުށަކީ އަހަރެން ބައްޕަ އަކަށް ވީކަން. ކަލޭމެން ދެކެ އިންތިހާއަށް ލޯބިވާ ބަފަޔަކަށް މަށަށް ވެވުނުކަން. ނަޒީލް ހިމާޔަތްކޮށްދޭން ޖެހުނީ ވެސް އެ ލޯބި ހިތުގައި އޮންނަލެއް ބޮޑުކަމުން. އެއްވެސް ބަފަޔަކަށް ދަރިއެއްގެ ދިރިއުޅުން ހަލާކުވެގެން ދާތަން ބަލާކަށް ކެތެއް ނުވާނެ. ނަޒީލަށް ވެސް ކުރެވުނީ ކުށެއް. ބައްޕަ އޭނަ ދިފާއުކުރީކީ އޭނައަށް ހިތްވަރު ދޭކަށް ނޫން. އޭނައަށް ކުރެވުނު ކުށަށް އޭނަ ހިތާމަ ކުރާކަން އެނގޭތީ. ނިކާލަށް ނޭނގުނަސް އޭނައަށް މަ ބޭލިވަރު އެނގޭނީ މަށަށް. ތެދެއް. ނަޒީލްގެ އަމަލުތަށް ހުރީ ނިހާއަށް ބޭ އިންސާފުންކަން މަ ވެސް ދަންނަން. އެކަމަކު މަށަށް ނިހާއަށް ވުރެން މަގޭ އަމިއްލަ ލެއަށް އިސްކަން ދެވުނީ މަގޭ އަމިއްލަ އެދުން ބޮޑު ވީމަ. ބައްޕައަށް ކިތަންމެ ނަފުރަތެއް ކުރިޔަސް އެއީ ނަޒީލްގެ މުސްތަޤުބަލަށް ވިސްނާފައި އަހަރެން އެޅި ފިޔަވަޅެއް. އެކަމަކު މިއަދު އޭގެންވީ އެއްވެސް ފައިދާއެއް ނެތް. ނަޒީލް އެވަނީ މިދުނިޔެއާ އަލްވަދާޢު ކިޔާފަ. ދެން އޭނައަށް ކުރެވިފަ ހުރި ކުށެއްގެ ވާހަކަ ދައްކާ އޭނަގެ ނުބައިކަމުގެ ވާހަކަ ދައްކަން ހަދާނެ ކަމެއް ނެތް. ނަޒީލް ވެސް އެގޮތެއް ބޭނުމެއްނުވާނެ."

ނަޒީލް ދުނިޔޭގައި ނެތްކަން ހަނދާންވުމާއެކު އިލްހާމްގެ ލޮލުން ކަރުނަ ހިލުވާލިއެވެ. އެ ހާދިޘާއަށް ފަހު ފުރަތަމަ ފަހަރަށް އިލްހާމަށް ކުރި އަސަރު ކަރުނައިގެ ސިފައިގައި ދެ ލޮލުން އޮހޮރިގަތެވެ. ކިތަންމެ ހަރުހިލަ ހިތެއްގެ ވެރިޔެއް ނަމަވެސް ނަޒީލް ނެތި ދިޔުމުން އެ ހިތަށް ބަޔާންކުރަން ދަތި ހިތްދަތިކަމެއް ލިބުނެވެ. ހިތްވަރުގަދަކަމުން މީހުންނާ އަނގައިން ބުނެ އުޅުނަސް ނަޒީލް ނެތްކަމުގެ ފަޅުކަން މިހާރު ވެސް އިޙުސާސްކުރެވެން ފަށައިފިއެވެ. އިލްހާމް އޭނާގެ ގޮތުގައި ބަލައިގަތް ހަމައެކަނި ދަރިއަކީ އެއީއެވެ. އޭނާ އެންމެ ލޯބިވި އޭނާއާ އެންމެ ގާތްކޮށް އުޅުނު ދަރިޔަކީ ވެސް ހަމަ އެއީއެވެ.

ބައްޕަގެ ދެލޮލުގައި ވި ކަރުނަ ފެނުމުން ނިކާލަށް ރައްދުގައި އެއްޗެއް ބުނާކަށް ނުކެރުނެވެ. ބައްޕައާ ޒުވާބުކުރުމަކީ ނަޒީލް ހިތްހަމަޖެހޭނެ ކަމެއް ވެސް ނޫނެވެ. ނަޒީލަށް ޓަކައި ނަމަވެސް އޭނާގެ އިޙްސާސްތައް ކޮންޓްރޯލް ކުރަން ޖެހޭނެއެވެ.

"ހިނގާދާން. މިހާރު ނަޒީލްގެ ހަށިގަނޑު ގެންނަން އުޅޭނެ." އިލްހާމް ދެލޯ ފޮހެލަމުން ބުންޏެވެ.

ޞަފިއްޔާ އަދިވެސް އިނީ ސިޑި މަތީގައެވެ. ފަލަމަސްގަނޑުގައި އުޅަބޮށި ވިއްދާލައިގެން އިންއިރު އަތްތިލަ ކޯތާފަތުގައި ޖައްސާލެވިފައި ވެއެވެ. ދެލޮލުގެ ކަޅި ހުރީ އެއްދިމާއަކަށް ހުއްޓިފައެވެ. ދެ ލޮލުން ކަރުނަ ތިއްކަކަށްފަހު ތިއްކެއް އޭގެ އަމިއްލަ ޒާތުގައި ފައިބައިގެން ކޯތާފަތް މަތިން ތިރިއަށް ދެމެމުން ދިޔައެވެ. އޭރު ވެސް އޭނާއަށް ސިފަވަމުން ދިޔައީ ނަޒީލްގެ ފުރާނަ ނެތް މަސްގަނޑެވެ.

*******

ޞަފިއްޔާއަށް ހެނދުނު ހޭލެވުނީ 06 ޖަހަނިކޮށެވެ. އޭރު އިލްހާމް ނަމާދަށް ދިޔަ ގޮތަށް ގެޔަކަށް ނާދެއެވެ. ބޭރަށް ނުކުންނަނިކޮށް ދޮރު ކައިރީ ހުރި ފިހިގަނޑު ދަށަށް ވާ ގޮތަށް އޮތް ކަރުދާސްގަނޑެއް ފެނުމުން އޭނާ އެ ނެގީ ކުނިވަށިގަނޑަށް ލުމުގެ ނިޔަތުގައެވެ. ނަމަވެސް އެއްޗެހިތަކެއް ލިޔެފައި ހުރުމުން ހުޅުވާ ބަލާލީއެވެ. ކިޔަން ވެސް ފެށުނީއެވެ. ފިރިމީހާއާއި ދަރިފުޅާ ދެމީހުން ހިންގި ޖަރީމާ ކިޔަމުން ދިޔައިރު އޭނާއަށް އެތައްފަހަރަކު ހުވަފެނެއްގައި އުޅެވޭހެން ހީވިއެވެ. ހުވަފެނުން ހޭލަން ބޭނުންވިއެވެ. އެތައް ފަހަރަކު އެކަން ދޮގުކުރަމުން، ހުއްޓަމުން ސިޓީ ކިޔާ ނިންމާލިއިރު އެ ސިޓީގައި ހިފާލާނެ ވަރުވެސް އަތުގައި ނެތެވެ.

"މަންމައަށް އަހަންނަށް މަޢާފުނުކުރެވޭނެ ކަމުގައި ވަނީ ނަމަ މަންމަ ފެންނަ ހިސާބަށް ވެސް މި ދަރިފުޅު ދުވަހެއްގެ ކޮޅުން ވެސް ދެނެއް ނާންނާނަން." ފަހު ޖުމްލަ ކިޔާލުމާއެކު ޞަފިއްޔާގެ ހިތަށް ވަނީ ބިރުވެރިކަމެވެ. ނަޒީލް އަމިއްލަ ނަފުސަށް ގެއްލުމެއްދީފާނެ ހެން ހީވުމާއެކު ސިޓީ އެއްލާލައިފައި އޭނާ ދުވެފައި ދިޔައީ ނަޒީލް ހޯދާށެވެ. އިންޝާއަށް ހޭލެވުނީ މަންމަ ހަޅޭލަވާ އަޑަށެވެ. ދޮރުމަތީގައި ހުރެގެން މަންމަ ނަޒީލް ކޮބައިތޯ ސުވާލުކުރިއިރު ވެސް އޭނާ އިނީ ނިދި ބޮލަށް އަރާފައެވެ. ދެތިން ފަހަރު ސުވާލުކުރި ފަހުން ކަމެއް ގޯސްވެއްޖެކަން އެނގުމާއެކު އޭނާ ވެސް ހާސްވިއެވެ. ކޮޓަރިއާއި ފާޚާނާ ބެލިއިރު ވެސް ނަޒީލް ފެންނާކަށް ނެތެވެ. އިންޝާއަށް ވީ ސިޓީ އޮތީ ރީތިވާ މޭޒު މަތީގައެވެ. ސިޓީގައި އޮތީ ހަމަ އެއް ވާހަކަތަކެކެވެ. އޭނާއަށް ލިބުނު ޝޮކުގައި ގަބުވެފައި ހުއްޓައި ލޮލުން ކަރުނަ ފޭދުނެވެ.

"އެސޮރު ކޮންތާކަށް އެ ދިޔައީ. ބޯ ގޮވައިގެން ގޯހެއް ހެދީތަ؟" ޞަފިއްޔާ ދުލުން އެ ނޫން އެއްޗެއް ނުކިޔެއެވެ. އިންޝާގެ ސިކުނޑި މަސައްކަތްކުރަން ފެށުމާއެކު ބިރުވެރި ހާސްކަމެއް ހަތަރު ފަރާތުން އައިސް އޭނާ ހިޞާރުކޮށްލިއެވެ.

"މަންމާ. މިޔަކު ނެތޭ ނަޒީލް އަމިއްލައަށް މަރުވާން އުޅޭ ވާހަކައެއް." އިންޝާ ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ހިތަށް ތަޞައްލީއެއް ދިނުމުގެ ނިޔަތުގައި އެދެމައިން ނަޒީލް ހޯދުމަށް މުޅި ގޭތެރޭގައި އަތްފުނާ އެޅިއެވެ. ނަމަވެސް ގޭގައި ނަޒީލް ނެތުމުން ހިތަށް ވަކި ފިނިކަމެއް ނުލިބުނެވެ. އެވަރުން ވެސް އިންޝާ ނަޒީލް އަމިއްލަ ނަފުސަށް ގެއްލުމެއްދޭނެ ކަމަކަށް ޤަބޫލެއް ނުކުރެއެވެ. ބޭރަށް ދިޔައީ ކަމަށް ނިންމައި އެދެމައިން އިންތިޒާރުގައި ތިބީއެވެ.

ނިހާ ހެނދުނުގެ ޑިއުޓީ އޮތް ދުވަހަކަށްވުމުން ނިކާލް އެ ގަޑިއަށް ހޭލިއެވެ. ހޮސްޕިޓަލަށް ލައިދޭން ދާކަށް ނޫނެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ނަޒީލް ހައްޔަރުކުރުމުގެ ސަބަބުން އެމީހުންގެ ހަނދާނުން ކައްސައިލައިފައިވާ ކަމެއް ނިހާއަށް ހަނދާންކޮށްލަދޭށެވެ. ނިހާގެ ލޯބިވެރިޔަކު ހުންނަކަމަށް ފައިރޫޒް ގާތުގައި ބުނަން ހަނދާންކޮށްދޭށެވެ. އޭނާ ނިދާ ހޭލި ގޮތަށް ނުކުންނަން އުޅެނިކޮށް ފައިގައި އެއްޗެއް ޖެހިގެން ބަލާލިއެވެ. ސިޓީ ނަގައި ފުރަތަމަ ޖުމުލަ ކިޔާލެވުމާއެކު އޭނާއަށް ގޮސް އެނދުގައި އިށީނދެވުނެވެ. އެނގުނު ހަޤީޤަތްތަކެއްގެ ސަބަބުން ނިހާގެ މަތިން ހަނދާންނެތިފައި އެތައް އިރަކު އޭނާ ކޮޓަރީގައި އިނެވެ.

ނިހާ ތައްޔާރުވެލައިގެން ބޭރަށް ނުކުތްއިރު ފައިރޫޒްއާ ވާހަކަ ދައްކަން ޞަފިއްޔާއާއި އިންޝާ ތިއްބެވެ. ގޯތީގެ ބިއްދޮށުން ކާޅު ގޮވާ އަޑު މުޅި ހިސާބުގައި ގުގުމާލައިފައި ވެއެވެ. ޞަފިއްޔާ އެ ދިމާއަށް ދަނިކޮށް ނިހާއަށް ފެނުނެވެ. އިންޝާ ފައިރޫޒް ގާތުން އޮޅުން ފިލުވީ ނަޒީލް ޕޮލިސް ސްޓޭޝަނަށް ދިޔަތޯއެވެ. ފައިރޫޒްގެ ފަރާތުން ޕޮލިހަށް ނުދާކަން އެނގުމުން އޭނާ ސިޓީގެ ވާހަކަ ބުނާކަށް ގަސްދެއްނުކުރިއެވެ. އަނބުރާލައިފައި ގެއާ ދިމާއަށް އަންނަނިކޮށް އިވުނީ ޞަފިއްޔާގެ ހަޅޭކުގެ އަޑެވެ. އިންޝާއަށާއި ނިހާއަށް ތެޅިގެންފައި އެދިމާއަށް ދެވުނީ ހަލުވި ދުވެއްޔަގައެވެ. ފައިރޫޒް ވެސް ސައިކަލުން ފައިބެގެން އެ ދިމާއަށް ދުއްވައި ގަތީ ވީ ކިހިނެއްތޯ ބަލާށެވެ.

"މަގޭ ދަރި މަރުވެއްޖޭ. މަންމާ. ދަރިފުޅާ ތެދުވޭ. ތެދުވޭ. މަންމަ ދޫކޮށްފައި ނުދޭ ތެދުވޭ. ނަޒީލް ދަރިފުޅާ. މަންމަ ދޫކޮށްފައިނުދޭ. ތެދުވޭ." ޞަފިއްޔާ ދެކަކޫމައްޗަށް ތިރިވެގެން އިނދެ ނަޒީލްގެ މޫނުމަތީގައި ތަޅަމުން ކިޔެވެ.

ހަރަކާތް ނެތިފައި އޮތް ނަޒީލްގެ މުޅި މޫނުމަތި އޮތީ ލެއިން ކަޅިވެފައެވެ. މުޅި އެހިސާބުގައި ވަނީ ލޭގެ ކޯރެއް އުފެދިފައެވެ. ނިހާއަށް އެމަންޒަރު ފެނުމާއެކު ބަލާލެވުނީ އިންޝާއަށެވެ. އިންޝާގެ އަނގައިން ނުކުތީ އެންމެ ލަފުޒެކެވެ. ކަނޑާ ވައްޓާލި ރުކެއްހެން ހުރި ތަނަށް ވެއްޓެން ދިޔަ ވަގުތު ނިހާ އިންޝާ ހިފެހެއްޓޭތޯ މަސައްކަތްކުރިއެވެ. އިންޝާ ވެއްޓެން ދިޔަވަގުތު އިންޝާގެ އުނަގަނޑުގައި އޮތް ތަވީދުގައި ނިހާއަށް ހިފުނެވެ. އެ ތަވީދު ކަނޑައިގެން ގޮސް ބިންމައްޗަށް ވެއްޓުނުކަމެއް ނިހާއަކަށް ނޭނގެއެވެ. ނިހާ ބެލީ އެކުވެރިޔާއަށް އަނިޔާއެއް ނުލިބި ސަލާމަތްކުރެވޭތޯއެވެ. ފައިރޫޒަށް ލިބުނު ހައިރާންކަމާއެކު ވެސް އޭނާ ފުލުސް އޮފީހަށް ޚަބަރު ދިނުމުގައި ލަހެއްނުކުރިއެވެ. ނަޒީލްގެ ހަށިގަނޑާ ޞަފިއްޔާ ދުރުކުރުމުގެ މަސައްކަތް ފައިރޫޒަށް ކާމިޔާބުވީ ވަރަށް ހާލުންނެވެ. މަންމަގެ ހަޅޭކުގެ އަޑު އިވުނު ނިކާލަށް އެތަނަށް އާދެވުނީ އެ ވަގުތެވެ. އޭނާއަށް ވެސް ވީ ޞަފިއްޔާއަށް ވީ ވަރެވެ. ނަޒީލަށް ގޮވަމުން އެ ފުރާނަ ނެތް މަސްގަނޑުގައި އޭނާ އޮޅުލައިގަތީ މޮޔައަކު ފަދައިންނެވެ.

********

ޞަފިއްޔާ ސިހުނީ މީހަކު އޭނާގެ ކޮނޑުމަތީގައި އަތް ބާއްވައިލުމުންނެވެ. އޭނާ ބަލާލިއިރު ފަނޑު ހިނިތުންވުމެއް ވެރިކޮށްގެން ގާތުގައި އިށީނދެގެން އިނީ ނިހާއެވެ. ނިހާ ވަރަށް އޯގާތެރިކަމާއެކު ޞަފިއްޔާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދިނެވެ.

"ނުރޮއެ. މަންމާ. ހިތްވަރުކުރަންވާނެ." ނިހާ މަޑުމަޑުން ބުންޏެވެ.

ޞަފިއްޔާ އިތުރަށް ހިތުގައި ޖެހުނެވެ. ކަރުނުން ދެލޯ ފުރިގެން ދިޔައެވެ. އެ މަޢުސޫމު ކުށެށް ނެތް ކުއްޖާގެ ބޮލުގައި އޭނާއަށް އެޅެވުނު ތުހުމަތުތައް ހަނދާން ވުމުންނެވެ. އިލްހާމްގެ ބަހަށް ހެއްލިގެން ނަމަވެސް ނިހާގެ ބޮލުގައި އެޅެވުނީ އެއްވެސް އަސްލެއް ނެތް ހަޤީޤަތާ ހިލާފު ތުހުމަތު ތަކެކެވެ. އެ ހުރިހާ ތުޙުމަތެއް އެޅުވުމުން ވެސް ދިފާއުގައި ނިހާ އެންމެ ފަހަރަކު ވެސް ހަޤީޤަތް ހާމައެއް ނުކުރެއެވެ. ނަޒީލް ހައްޔަރުކުރުމުން އެންމެ ފުރަތަމަ ވެސް ނިހާ ބެލީ އޭނާގެ ދަރިފުޅުގެ ސަލާމަތަށެވެ. އެގޮތަށް ވިސްނުން ބަހައްޓައިގެން ދެވަނަ ފަހަރަށް ވެސް ދޮގު ބަޔާނެއް ދިނީ ކާކަށްޓަކައި ހެއްޔެވެ؟ އެ އާއިލާގެ ގަދަރަށްޓަކައި ކަމުގައި ޞަފިއްޔާ މިއަދު ޤަބޫލުކޮށްފިއެވެ. ހަޤީޤީ ކުށްވެރިޔަކީ ނިހާ ނޫންކަން އެނގުނުއިރު ނަޒީލެއް މިދުނިޔެއަކު ނެތެވެ. ނަޒީލް މަތިން ހަނދާންވުމާއެކު އޭނާގެ ދެލޮލަށް ގިނަވި ކަރުނަތައް އޮހޮރިގެންފިއެވެ. ނިހާގެ ގައިގައި ބާރަށް ބައްދައިލަމުން ރޮއެގަތެވެ. ނިހާގެ ހިތް ޞަފިއްޔާގެ މައްޗަށް ސާފެވެ. އޭނާ އެތަނަށް އެ އައީވެސް ޞަފިއްޔާ އެ ހާލުގައި އިންތަން ފެނި ހިތަށް ކެތްނުވެގެންނެވެ.

އެ މަންޒަރު ބަލަން ހުރި ނިކާލްގެ ދެލޮލުން ކަރުނަތައް ނީރާލިއެވެ. އަތުގެ ބޮޑުވާ އިނގިލިން ކަރުނަ ފޮހެމުން ބަލާލިއިރު ބައްޕަވެސް ހުރީ އެމީހުންނަށް ބަލާށެވެ. އެ މޫނުމަތިން ހިތާމައިގެ އަސަރުގެ އިތުރަށް ނަފުރަތު ވެސް ނިކާލަށް ފެނުނެވެ. ނިހާދެކެ ރުޅި އަންނަންޖެހޭ ސަބަބެއް ނެތް ނަމަވެސް އަދިވެސް ބައްޕަ އެ ކުށްވެރި ކުރަނީ ނިހާއެވެ. އެ ހިތް ސާފެއް ނުވެއެވެ.

"ހިނގާދާން." ނިކާލް ބުންޏެވެ.

އިލްހާމް ފޯނު ނަގައި ޕޮލިސް ސްޓޭޝަނަށް ގުޅާލިއެވެ. އެކޮޅުން ނެގި މީހަކު އެ ކޯލު ފޮނުވާލީ ފައިރޫޒްގެ ކެބިންއަށެވެ. ނަޒީލްގެ ހަށިގަނޑު ބަލާދާ ވާހަކަ ބުނުމުން ފައިރޫޒް އެންގީ މަޑުކުރުމަށެވެ. ހޮސްޕިޓަލުން ހަށިގަނޑު ދޫކޮއްލިހާ އަވަހަކަށް އެންބިއުލޭންސްގައި ނަޒީލްގެ ހަށިގަނޑު ސުނޯހައުސްއަށް ފޯރުކޮށްދޭނެކަމުގެ މައުލޫމާތު ދިނެވެ.

ދީޕިކާ ފުރަން ތައްޔާރުވެފައި ހުއްޓާ ނަޒީލްގެ މަރުގެ ހާދިޘާ ކުރިމަތިވުމުން އޭނާއަށް އެދުވަހު ފުރޭ ގޮތެއް ނުވިއެވެ. އޭނާގެ ޕުލައިޓު އޮތީ މެންދުރުފަހުގައެވެ. ހަނިމާދޫ އިން އިންޑިއާގެ ޓުރެވެންޑުރަމަށް ދިޔުމަށް ދަތުރުގެ ޓިކެޓު ވެސް އޮތީ ނެގިފައެވެ. އެކަމަކު ތައްޔާރުވެގެން ނުކުތްއިރު ނަޒީލްގެ ހަށިގަނޑު ފެނިގެން މުޅި ގޭތެރޭގައި އޮތީ ރުއިމާއި ގިސްލުމެވެ. ދީޕިކާ ފުރަންދާންޖެހޭކަން ހަނދާންހުރި އެކަކު ވެސް ނެތެވެ. އޭނާ ލަދުކަނޑާލައިފައި އިލްހާމް ގާތުގައި ފުރަން ބޭނުންވާ ވާހަކަ ވެސް ބުނެލިއެވެ. ނަމަވެސް އިލްހާމްގެ ޖަވާބު އައީ ހޮނު ގުގުރިއެއްހާ ބާރަށެވެ. ނަޒީލް މަރުވެގެން އުޅޭ އިރުވެސް ރަށަށް ނުދެވިގެން އުޅޭތީ އިލްހާމް އަޑުގަދަކޮށްލުމުން އެ ވާހަކަ އިތުރަށް ދައްކާކަށް ނުކެރުނެވެ.

އިންޝާ އޮތީ އޭނާ ކޮޓަރީގެ އެނދުމަތީގައެވެ. ދޭތެރެއަކުން ލޯ ހުޅުވާލި ނަމަވެސް މާ ގިނައިރަކު އިންޝާގެ ހޭވެރިކަމެއް ނުހުރެއެވެ. ހޭވެރިކަމެއްވާ ފަހަރަކު ވެސް ނަޒީލްގެ މަތިން ހަނދާންވުމާއެކު އޭނާގެ ގައިން ވަރުދޫވާގޮތްވެއެވެ. އޮތް ތަނުން ހިރިލާނެ ވަރު ވެސް ނުހުރެއެވެ. ގާތުގައި ދީޕިކާ އިނެވެ. އިންޝާއަށް ވުރެން އޭނާގެ ހާލުދެރަހެން ހީވެއެވެ. މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ރަށަށް ނުދެވުމުން އޭނާ އިނީ ދެރައާ އެއްވަރަށް ފޫހިވެސް ވެފައެވެ. އޭނާ މަންމައަށް ގުޅައިގެން ޝަކުވާކުރިއެވެ. ދެވޭނެ ދުވަހެއް ފަހުން އަންގާނެކަމަށް ބުނިއިރު އޭނާއަށް ރޮވިއްޖެއެވެ. ކޮންމެ ގޮތެއްވިޔަސް އޭނާއަށް އިލްހާމްގެ އެހީއެއް ނެތި ދެވޭކަށް ނެތެވެ. ރަށުގައި އެއަރޕޯޓެއް ވެސް ނޯންނަކަމަށާއި، އެހެން މީހެއްގެ އެހީތެރިކަމެއް ނެތި ރަށުން ބޭރަށް ނުދެވޭނެކަމުގައި ބުންޏެވެ. ދީޕިކާ ފޯނު ބޭއްވީ ފުރޭނެ ވަކި ދުވަހެއް ފަހުން އަންގާނެކަމުގައި އޭނާގެ މަންމަ ގާތު ބުނެފައެވެ.

އިންޝާ ހޭ އެރުމުން ނިހާ އައިސް ވަރަށް ހިތްވަރު ދިނެވެ. ނަޒީލްގެ ހަށިގަނޑު ގެޔަށް ގެންނަ ވާހަކަ ބުނުމުން އޭނާއަށް އަނގަމަތީ އަތް އަޅާލެވުނީ ރޮއެގަންނަމުންނެވެ. ބިރުވެރި ހުވަފެނަކަށް ވާނެނަމައޭ އޭނާގެ ހިތަށް އެތައް ފަހަރަކު އެރިއެވެ. ނިހާގެ ހިތްވަރާއެކު އިންޝާ ތެދުވެލީ ނަޒީލްގެ މޫނު ދުށުމަށް ހިތް އެދުނު ވަރުންނެވެ. އޭނާ ބަލިކަށި ވެއްޖެނަމަ ނަޒީލްގެ މޫނު ފެނުމުން މަހުރޫމްވެދާނެތީ ބިރު ގަތީއެވެ. ދީޕިކާއާއި ނިހާއާއި ދެމީހުން އިންޝާ ތިރިއަށް ގެނައުމުގައި އެހީވިއެވެ. ނަޒީލްގެ ހަށިގަނޑު ގެންނާނެ އިރެއްގެ އިންތިޒާރުގައި ތިބި މީހުންނަށް ފެނުނީ ފައިރޫޒާއެކު ޕޮލިހުންގެ ބައިގަނޑެއް އެގެޔަށް އައިސް ވަން ތަނެވެ. ދިހަ ވަރަކަށް ފުލުހުން ތިއްބެވެ. އެމީހުން ނަޒީލްގެ ހަށިގަނޑެއް ނުގެނެއެވެ.

"ގޭގެ ހުރިހާ ތަނެއް ބަލާ ފާސްކުރޭ." ފައިރޫޒް އަމުރުކުރިއެވެ. ޕޮލިހުންތައް ބައިބަޔަށް ބެހިލިއެވެ. އެއް ބަޔަކު ބޭރަށް ނުކުތެވެ. އަނެއް ބަޔަކު ސިޑިން އަރައިގެން ދިޔައެވެ. ފެންޑާގައި މަޑުކުރި މީހުން އެކި ތަންތަން ބަލާ ހާވަން ފެށިއެވެ. އިލްހާމްމެން ތިބީ އެ ވަމުންދަނީ ކީއްކަމެއް ނޭނގިފައެވެ. ހިތާމަވެރި މޫނުތަކުން ހައިރާންކަން ފާޅުވެފައެވެ.

"ކިހިނެއްވެގެން މި އުޅެނީ؟" އިލްހާމް އެހިއެވެ. ފައިރޫޒް ދައްކާލީ ކޯޓު އަމުރެކެވެ. އިލްހާމް އެ އަމުރު އަތުލިއެވެ. އެއީ ގެ ބަލާ ފާސްކުރުމަށް ދޫކުރެވިފައިވާ އަމުރެކެވެ. އަމުރު ދޫކުރެވިފައިވާ ސަބަބު އެނގުމާއެކު އޭނާގެ ދެލޯ ބޮޑުވެއްޖެއެވެ.

"މީ ކޮންކަހަލަ ސަމާސާއެއް." އިލްހާމަށް ބާރަށް ބުނެވުނެވެ.

"ތީ ހަޤީޤަތް. ނަޒީލް އަމިއްލައަށް މަރުވީކީ ނޫން. ނަޒީލް ވަނީ ގަސްތުގައި މަރާލެވިފަ." ފައިރޫޒް ހާމަކޮށްލިއެވެ.

އެ ގޯތި އެންމެނަށް ވެސް ލިބުނީ ވަރުގަދަ ސިހުމެކެވެ. އިވުނު ހަބަރާއެކު އެންމެންގެ ނޭވާ ހޮޅި ބެދުނު ކަހަލައެވެ. އެންމެން ހުރިތަނަށް ގަނޑުވީއެވެ. ޤަބޫލުކުރަން އުނދަގޫވެފައި އެންމެންނަށް ފައިރޫޒަށް ބަލަހައްޓައިގެން ތިބެވުނީއެވެ. އިންޝާ ހަށިގަނޑުގައި ތުރުތުރުލުމެއް އުފެދުނު އިރު ގާތުގައި ހުރި ދީޕިކާގެ ގައިގާ ހިފައިގަނެވުނެވެ. ޞަފިއްޔާއަށް ބާރަށް ރޮއެ ގަނެވުނެވެ. އެއީ އެމީހުންނަށް ޤަބޫލުކުރެވޭ ވަރުގެ ވާހަކައެއް ނޫނެވެ. ނަޒީލަށް އެވަރުގެ އަނިޔާއެއް ދޭނެ މީހަކު އެގެއަކު ނޫޅޭނެއެވެ. (ނުނިމޭ)

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Anonymous

  ދީޕިކާ ކަންނޭނގެ ދޯ ނަޒީލް މަރައިލީ.. ނޫނީ އިލްހާމް އަށްވެސް ވެދާނެ؟
  މިވީގޮތުން ވަރަށް ކިއުރިއަސް ވެއްޖެ ދެން ވާނެ ގޮތެއް އިނގޭ ހިތުން.

  26
  • Anonymous

   އެބަ ހިތަށް އަރާ އިބްރީސް އަށް ވެދާނޭ.. އެކަމް އެއީ އެހައި ޕޮސިބްލް ކަމެެއްހެން ހިއެއްނުވޭ.. ދެން އިބްރާހިމްބެގެ ކަމެއްހެން ހިއެއްނުވޭ.
   ޝައްކުކުރާނެވެސް ކަމެއް ނެތް.

   • ...

    އޯ ކޭން ބީ ދިސް ނިހާ 🤔

 2. ައޮފްމޫޑް

  Wow. Interesting...

  15
  1
 3. ރޫނާ

  ތީ ޖިންނި ކަމެއް 👹👹

  11
  2
 4. ޔާނާ

  އިންޝާގެ ޖިންނި ދަރި

  14
 5. ޅޮސް

  އިލްހާމް އާ އިބްރާހިމްބެއަކީ ކުރިންވެސް މީހުން މަރާފަ ތިބި ދެމީހުން. މޭބީ ދެމް!

 6. ޟމ

  ހިއަރ އިޒް މައި ތިއަރީ. މިފަހަރު ހިއެއް ނުވޭ އިލްހާމްގެ ކަމެއް ހެނެއް. ކުރީ އެޕިސޯޑްއެއްގަ އިނެއްނު އިންޝާ ނިދާފަ އޮށްވާ ގޮތްތަކެއް ވެގެން އުޅުން ވާހަކަ؟ ދެން މިދިޔަ ސީޒަންގަ އިންޝާ ކަޅު ހޮޑު ލުން. ހީވަނީ އިންޝާ ވިހެއީ ކަންނޭނގެ. އެކުއްޖާ ކަންނޭނގެ ނަޒީލްގެ ފަރާތުން އެ ބަދަލު ހިފީ. އަދިވެސް އެއް ރޭ ނަޒީލްގެ ބޮލުގަ ވާސް އަކުން ޖަހައިފިއެއްނު؟ ކޮޓަރިތެރެއިން ހިޔަންޏެއް އިންޝާއަށްވެސް ފެނުނެއްނު؟ އައި ސޭ ދެޓްސް ދަ ރިވެންޖް ފްރޮމް އިބްރީސް' ކިޑް އޯރ ފެމިލީ. އިބްރީސް މަރުވުމުގެ ކުރިން ބުނިތާ އޭނާގެ އާއިލާ އަންނާނޭ. ލެޓްސް ސީ🤓

  13
 7. ފާތުން🥀

  ހާދަ ލަހޭ
  ކޮބާ ވާހަކައިގެ އަނެއްބައި؟

 8. މަރީ

  9 ޖަހާއިރު ގެނެސްދޭން ބުނި ވާހަކައެއް މީ

 9. ހިލް

  13ވަނަ ބާ ކޮބާ؟ އިންތިޒާރު ކުރަނި މީ އަވަސް ކުރޭ މިރޭ މާ ލާސް ވެއްޖެވެ.

 10. ކިޔުންތެރިޔާ

  ކޮބާ ދެން އޮތް ބާ😪😪😪 އަވަހަށް
  ލާދީބަ