ބޮލީވުޑު ފިލުމުތަކުގައި ބައްޕައެއްގެ ރޯލުންނާއި ވިލަންގެ ރޯލުތަކުން ފެނިފައިވާ އެކްޓަރ ދަލިޕް ތާހިލްގެ ދަރިފުޅު ދުރޫވް މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި އެންސީބީއިން ހައްޔަރު ކޮށްފިއެެވެ.

ޑުރަގު ވިޔަފާރިކުރާ މީހުން ކަމުގައިވާ މުއްޒައްމިލް އަބްދުއްރަހުމާން ޝެއިޚްއާއި ދުރޫވްގެ ވަޓްސްއަޕް މެސެޖުތަކެއްގެ ސަބަބުން ދުރޫވް ހައްޔަރު ކޮށްފައިވަނީ ބެންޑުރާ ސަރަހައްދުންނެވެ.

މަސްތުވާތަކެތި ވިއްކުމުގެ ތުހުމަތުގައި މަސްތުވާ ތަކެއްޗާއި އެކު ފެނުމުން މުއްޒައްމިލް ހައްޔަރު ކޮށްފައިވަނީ ދާދި ފަހުންނެވެ. މުއްޒައްމިލުގެ ތަހުގީގުގެ ތެރެއިން ހާމަވެގެން ދިޔައީ 2019 ވަނަ އަހަރުން ފެށިގެން މުއްޒައްމިލުގެ އަތުން ދުރޫވް މަސްތުވާތަކެތި ގަންނަ ކަމެވެ. ވަޓްސްއަޕް މެސެޖުތަކުން އެކަން ރަނގަޅަށް އެނގޭކަމަށް އެންސީބީގެ އޮފިޝަލަކު ބުނެފައިވެއެވެ.

މުއްޒައްމިލުގެ އެކައުންޓަށް ހަފަހަރަށް ފައިސާ ޖަމާކޮށްފައިވާކަން ވެސް ވަޓްސްއަޕް މެސެޖުތަކުން އެނގޭ ކަމަށާއި އެކަމުގެ އިތުރު ތަހުގީގުތައް ކުރެވެމުންދާ ކަމަށް ޑެޕިއުޓީ ކަމިޝަނާރ ދައްޓާ ނަލަވަޑޭ ބުނެފައިވެއެވެ.

ދަލިޕް ވަނީ ދާދިފަހުން ދުރޫވްގެ ފޮޓޯއަކާއި އެކު އިންސްޓަގުރާމުގައި ޕޯސްޓެއްކޮށް އޭނާގެ ދަރިފުޅު ދުރޫވްއަކީ އެކްޓު ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތެއްކަން ހާމަކޮށްފައެވެ. ދަލިޕްއާއިއެކު މަސައްކަތް ކޮށްފައިވާ ފަރާތްތަކުން ވަނީ ދުރޫވްއަށް ހިތްވަރުގެ ބަސްތަކުން ކޮމެންޓް ކޮށްފައެވެ.

ދުރޫވް ހައްޔަރު ކުރުމާއި ގުޅޭގޮތުން ދަލިޕް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ސުޝާންތުގެ މަރުގެ ތަހުގީގުން ހާމަވެގެންދިޔަ ބޮލީވުޑުގެ ޑުރަގު މައްސަލައާއި ބެހޭގޮތުން ޑަލިޕް މިދިޔަ އަހަރު ވާހަކަ ދައްކައިފައިވެއެވެ. އެކްޓަރެއްގެ މަރުގެ ސަބަބަކީ އެހެން އެކްޓަރުން ކަމަށާއި ޑުރަގުގެ ސަބަބުން ކަމަށް ނުހެދުމަށާއި އެކަމުގައި އިންޑަސްޓްރީ ބަދުނާމު ނުކުުރުމަށް ވެސް ދަލިޕް ބުނެފައިވެއެވެ.

ދަލިޕް ކުޅެފައިވާ ފިލުމުތަކުގެ ތެރޭގައި ހިމެނެނީ ބާޒީގަރު، ޗަލް މެރެ ބާއީ، އިޝްގު، ކަހޯނާ ޕިޔާރު ހޭ ފަދަ އެތައް ފިލުމެކެެވެ.

ކިޔުންތެރިންގެ ހިޔާލު