ބޮލީވުޑްގެ ލެޖަންޑަރީ އެކްޓަރ އަމީތާބް ބަޗަން އަކީ އަބަދުވެސް ހިންދީ ސިނަމާތަކަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ތަރިއެކެވެ. އެކަން ހިންދީ ފިލްމް އިންޑަސްޓްރީވެސް ބަލައިގަނެއެވެ. އަދި އޭނާއަކީ ސޯޝަލް ވެލްފެއާތަކަށްވެސް އެހީވާ މީހެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

އެހެން ނަމަވެސް މިފަހަރު އޭނާގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައި މިވަނީ މުޅިން އެހެން ބަޔަކަށެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އަމީތާބް މިފަހަރު އެހީވުމަށް ނިންމާފައި ވަނީ ހަނގުރާމަތަކުގައި މަރުވާ ސިފައިންގެ އަނބިންނަށާއި، ލޯން ނަގައިގެން ލޯން ނުދެއްކި ތިބި ދަނޑުވެރިންނަށެވެ.

އަމީތާބު އެފަރާތްތަކަށް އެހީތެރިވުމަށް ނިންމާފައިވާއިރު، އެކަމަށް ހާއްސަކޮށް ފައިސާތައް އެއްކޮށް ތައްޔާރު ވަމުން އަންނަކަމަށް ވެއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، ހުވަފަތްވެފައިވާ އަނބިންނަށާއި، ލޯން ނުދެއްކި ތިބި ދަނޑުވެރިންނަށް ފައިސާގެ ގޮތުގައި، އެއް ކުރޯޑް ރުޕީސް ދިނުމަށް އަމީތާބް ވަނީ ނިންމާފައެވެ. އަދި މިގޮތަށް ފައިސާ ދޭ މީހުންނަކީ އޭގެ ހައްގުވެރިންތޯ ބެލުމަށް ހާއްސަ ޓީމެއްވެސް އޭނާ ވަނީ އެކުލަވާލާފައެވެ. މިއީ އެންމެންވެސް ނަމޫނާއަކަށް ބަލަންވީ ކަންކަންކަމަށާއި، މިގޮތަށް އެހެން ބަޔަކު އިސްވެ އެހެން ފަރާތްތަކަށް އެހީތެރިވުމަކީ އުއްމީދު ކުރާކަމެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.