ލަވަކިއުންތެރިންނާއި ފިލްމީ ތަރިންނާއި މަޝްހޫރު ފަންނާނުންގެ ފޭނުންނަކީ ފާޑެއްގެ ބައެކެވެ. އެގޮތުން ފޭނުންގެ ފަރާތުން ހިތްއެދޭ އުފާވެރި މަންޒަރުތައް ފެންނައިރު، ބައެއް ފޭނުންގެ ދުއްތުރާ ބޮޑުވެ އެކަން "ބޮޑު އުނދަގުލަކަށް"ވާ ފަހަރުވެސް އާދެއެވެ. މިއީވެސް އެފަދަ ހާދިސާއެކެވެ.

ނަން ހާމަކުރަން ބޭނުންނުވާ ބޮލީވުޑްގެ އަންހެން ލަވަކިއުންތެރިއަކަށް ދާދިފަހުން އޭނާގެ ފޭނަކު ވަނީ އިންޒާރުދީ މެސެޖުކޮށްފައެވެ. އުމުރުން 26 އަހަރުގެ މަޝްހޫރު އެ ލަވަކިއުންތެރިޔާއަށް، ރާޖޭޝް ކުމާރު (30) ނަމަކަށް ކިޔާ މީހެއްގެ އުނދަގުލާއި ކުރިމަތިވަމުންދާތާ ދުވަސްތަކެއް ވަނީ ވެގެންގޮސްފައެވެ.

އޮފިޝަލުންނާއި ޙަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ، މި މައްސަލަ އިދާރާތަކަށް ހުށަހަޅާފައިވަނީ އެ ލަވަކިއުންތެރިޔާއަށް ރާޖޭޝް ތަކުރާރުކޮށް މެސެޖުކޮށް ގުޅައި ހެދުމުންވެސް އެކަމަށް ސަމާލުކަން ނުދިނުމުން ފަހުން އޭނާ އިންޒާރުދޭން ފެށި ހިސާބުންނެވެ. އެގޮތުން އޭނާއާއި ބައްދަލު ނުވެއްޖެނަމަ އޭގެ ބަދަލު ހިފާނެ ކަމަށް ބުނެ ރާޖޭޝް ވަނީ އޭނާ އެންމެ ސަޕޯޓުކުރާ ތަރި ދިރިއުޅޭ ގެ ކައިރީގައިވެސް އޭނާ ފެނޭތޯ ގިނަ ވަގުތުތަކެއް ހޭދަކޮށްފައެވެ.

ރާޖޭޝް ބުނެފައިވާގޮތުގައި، އޭނާއަކީ އެ ލަވަކިއުންތެރިޔާގެ "އެންމެ ބޮޑު" ފޭނެވެ. އަދި އޭނާ މީގެ ދެ ހަފްތާކުރިން މުމްބާއީއަށް ދިޔައީ، އޭނާ ދެކިލައި އޭނާއާއި ބައްދަލުވެ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައި ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ރާޖޭޝް އޭރުއްސުރެ ދިޔައީ އޭނާގެ ނަމްބަރު ހޯދައިގެން އޭނާއަށް އުނދަގޫކޮށް ފާރަލަމުންނެވެ.

މިމައްސަލަ ހޫނުވެ ފުލުހުންނަށް މައްސަލަ ރިޕޯޓުކުރީ އެ ޒުވާން ލަވަކިއުންތެރިޔާގެ މަންމަ ކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ. އޭނާ އާއި ޙަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނީ، ރާޖޭޝް އޭނާގެ ދަރިފުޅަށް ބިރު ދައްކައިގެން ބައްދަލުވޭތޯ މަސައްކަތްކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ދަރިފުޅު ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި އުޅެމުންދާ ކަމަށެވެ.

މި ރިޕޯޓު ހުށަހެޅިތާ މާގިނަ އިރުތަކެއް ނުވެ ރާޖޭޝް ހައްޔަރުކޮށްފައިވާއިރު، އޭނާ އާއި ދެކޮޅަށް ދަޢުވާކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ. މި މައްސަލަ މުމްބާއީގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ އިތުރަށް ތަހުޤީޤުކުރަމުންނެވެ. މީގެ ކުރިންވެސް ބޮލީވުޑްގެ ތަރިންނަށް އިންޒާރުދީ އުނދަގޫކުރަމުންދިޔަ ފަރާތްތަކާއި މެދު އިންޑިއާގެ ކަމާއި ބެހޭ އިދާރާތަކުން ފިޔަވަޅު އަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު