ރަޝިއާގައި މިހާތަނަށް ކެނޑުނު އެންމެ ބޮޑު އަލިމަސް ނީލަމުގައި ވިއްކާލަން ތައްޔާރު ވެއްޖެއެވެ.

"އަލްރޯޒާ ސްޕެކްޓަކަލް" ގެ ނަމުން ނަން ދީފައިވާ މި ޖަވާހިރަކީ 100.94 ކެރަޓްގެ އެއްޗެކެވެ. މި މަހުގެ 12 ވަނަ ދުވަހު ސްވިޒަލޭންޑުގައި ބާއްވާ ކްރިސްޓީޒް އޮކްޝަން ހައުސްއިން އިންތިޒާމް ކޮށްގެން ބާއްވާ ނީލަމުގައި މި އަލިމަސް ވިއްކާލަން ހަމަޖެހިފައިވަނީ 19.96 މިލިއަން ޑޮލަރަށެވެ.

މި އަލިމަހަކީ 2016 ވަނަ އަހަރު ކަނޑާފައިވާ އެއްޗެކެވެ. އޭރު އޭގެ ބަރުދަން 200 ކެރަޓަށް ވުރެ ބަރެވެ. މި މަހު ވިއްކާލަން ހަމަޖެހިފައިވާ އަލްރޯޒާ ސްޕެކްޓަކަލް ކޮށާ މަށައި އޭގެ އެންމެ ޗާލު ސިފައަށް ފަރުމާ ކުރުމަށް އެއް އަހަރާއި އަށް މަސް ދުވަސް ބޭނުންވި ކަމަށް ކްރިޒްޓީޒްގެ ޖުވެލްރީ ޑިޕާޓުމެންޓުގެ ސްޕެޝަލިސްޓް މޭރީ ސިސެލް ސިޒަމޯލޯ ވިދާޅުވިއެވެެ. އޭނާ ވިދާޅުވީ އޭގެ އެންމެ ޗާލު ބައްޓަަމަށް ގެނެސް ނިންމާލި އިރު ބަރުދަނުގައި ހުރީ 100.94 ކެރަޓް ކަމަށެވެ.

ނީލަމުގައި ވިއްކައިލާ ރަޝިއާގެ އެންމެ ބޮޑު ޖަވާހިރާއި ބެހޭ ގޮތުން ކްރިޒްޓީޒްގެ ޖަވާހިރާ ބެހޭ ޑިޕާޓުމެންޓުން ބުނެފައިވަނީ މިހާރު ވިއްކާލަން ހަމަޖެހިފައިވާ ވަރަށް ވުރެ ބޮޑު އަގެއްގައި އޭތި ވިކޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

މޭރީ ސިސެލް ސިޒަމޯލޯ ވިދާޅުވީ އަލްރޯޒާ ސްޕެކްޓަކަލް ކޮށައި، މަށައި، މިހާރު ގެނެސްފައި އެވާ ބައްޓަމާއި ރީތި ކަމަކީ އެ ޖަވާހިރަށް ފުރިހަމަ ކަމެއް ގެނެސްދީފައިވާ ކަމެއް ކަމަށެވެ. އޭނާ އެ އަލިމަސް ސިފަ ކޮށްފައިވަނީ ވަރަށް ޗާލުކޮށް މަށާފައިވާ ޖަވާހިރެއްގެ ގޮތުގައެެވެ.

ނީލަމުގައި ވިއްކާލަން ހަމަޖެހިފައިވަނީ 144 ޖަވާހިރެކެވެ. އޭގެ ތެރޭގައި އެކި ވައްތަރުގެ ޖަވާހިރު ބޭނުން ކޮށްގެން ހަދާފައި ހުރި ގަހަނާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު