އެމެރިކާގެ މެރީލޭންޑުގައި އުމުރުން 47 އަހަރުގެ ގެއިލް މެޓްވެލީ ނަމަކަށް ކިޔާ އަންހެނަކު އޭނާގެ އަމިއްލަ ގޭގައި އަލިފާން ރޯކޮށްލާ ގެ އަނދާތަން ބަލަން ގޭގެ ކުރިމަތީގައި ގޮނޑިއެއް ބަހައްޓައިގެން އިންކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ގެ ރޯކޮށްލިއިރު އެގޭގެ ތެރޭގައި އިތުރު މީހުން އުޅެއެވެ.

މެރީލޭންޑުގެ ސްޓޭޓް ފަޔަރ މާޝަލް ބުނެފައިވަނީ އޭޕްރީލް 29 ވަނަ ދުވަހު އަންހެނަކު އޭނާގެ ގޭގެ އެތަން މިތަނުގައި އަލިފާން ރޯކުރުމަށް ފަހު ގެ އަނދާތަން ބަލަން ގޭގެ ކުރިމަތީގައި ގޮނޑިއެއް ބަހައްޓާގެން އިން ކަމަށެވެ.

ފަޔަރ މާޝަލް ދީފައިވާ ބަޔާނެއްގައި ވަނީ މި ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ގެއިލް ވަނީ އެގޭގެ ކައިރިން ހައްޔަރުކޮށްފައެވެ. އަދި އޭނާއަށް ވަނީ އެތައް ތުހުމަތެއް ކުރެވިފައެވެ. އެއީ ގެއެއްގައި އަލިފާން ރޯކޮށްލުމާއި، ގަސްދުގައި މީހަކު މަރައިލަން އުޅުމާއި، މީގެ އިތުރުން ވެސް އެތައް ތުހުމަތެކެވެ.

ޔޫޓިއުބުގައި ދައުރުވަމުންދާ މި ވީޑިއޯގައި ގެއިލް ފެންނަނީ އަނދަމުންދާ ގޭގެ ކުރިމަތީގައި ގޮނޑިއެއްގައި ފޮތެއް ހިފައިގެން އިންނަ މަންޒަރެވެ. ގެއިލް ގެ ރޯކޮށްލާފައިވަނީ ގޭގައި އުޅުނު އަންހެނަކާއި ފިރިހެނަކާއި ޒުވާބު ކުރުމަށް ފަހު އެކަމާއި ހިތްހަމަ ނުޖެހިގެން ކަމަށް ވެސް ރިޕޯޓު ތަކުގައިވެއެވެ. ގޭގައި ތިބި މީހުންނަށް އެހީތެރިވެފައިވަނީ މި ވީޑިއޯ ކުރި މީހާއެވެ.

ފަޔަރ މާޝަލްގެ ފަރާތުން ބުނެފައިވަނީ އެ ގޭގައި ރޯކޮށްލިއިރު އިތުރު ހަތަރު މީހުން އެ ގޭގައި އުޅޭ ކަމަށާއި އެމީހުން އެތަނުން ނިކުތުމަށް އެހީތެރިވެފައިވަނީ މަގުމަތިން ދިޔަ މީހެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު