މެއި 10 ވަނަ ދުވަހު ގެނެސްދިން ބައި

ކޮޓަރި ތެރެއިން ފެނުނު މަންޒަރުން އިންޝާއަށް ކަރުބުޑުން ހަންދާވަރަށް ހަޅޭލަވައިގަނެވުނެވެ. ނިހާ އޮތީ ހެއްދެވިގޮތަށް ލެއިން ތަތްތެޅިފައެވެ. ނިހާއާ ފޫޓެއްހާ ދުރުގައި އިބްރާހިމްބެ އޮތީ ނޭފަތްމަތީ އަތްއަޅައިގެން ކުކުރާލަކުކުރާލައެވެ. ނިހާ އެއްވެސް ޚަރާކާތެއް ނުކުރެއެވެ. ރީތިވާ މޭޒު ތަޅުންގަނޑު މައްޗައް ވެއްޓިފައި އޮތްއިރު އޭގެމަތީ ހުރި ހުރިހާ ސާމާނެއް ވަނީ މުޅި ކޮޓަރި ތެރެއަށް ވިއްސިވިހާލިވެފައެވެ. ނިހާގެ ބޮލުން ފައިބަމުން ދިޔަ ލޭގެ ކޯރު ތަށިމުށިގަނޑު މަތީގައި ދެމެމުން ދިޔައިރު ލޭގެ އަސަރު ފެންނަން ހުރި މާޖަހާ ދަގަނޑު ވަށިގަނޑެއް އަލަމާރި ބުޑުގައި އޮތެވެ. އެމަންޒަރުތައް ފެނި އިންޝާގެ ދެލޯ ހުރީ މުދުނުގައެވެ. އިބްރާހީމްބެގެ ފޫޅުން ތިރި ހާޔަށް އޮތުމުން އެތަނުގައި ހިނގާދިޔަ ކަންތައް އިންޝާއަށް ރޭކާލިއެވެ. އިންޝާ ރޮމުން ހޭރެމުން ނިހާއާ ދިމާއަށް ދިޔައެވެ. ނިހާގެ ނިތްކުރިމަތި ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި ހުރިއިރު އެތަން ހުރީ ދުޅަވެގެން ބޯވެ އަރާފައެވެ. މުޅި މޫނުމަތި ލޭގަނޑެއް ހެން ސިފަވަމުން ދިޔައިރު އިސްބޯދަށާ ދިމާ ވެސް އޮތީ ލެއިން ކަޅިވެފައެވެ. އެހާ ބައިވަރު ލޭ ފެނުމުން އިންޝާ ބިރުގަތްވަރުން ހެޔަށް ގޮތްވާން އުޅުނެވެ. ނަމަވެސް އޭނާ ހިތްވަރުކޮށްފައި އަވަސްފަރުވާ ދޭން އަވަސްވެގަތެވެ. އެންމެފުރަތަމަ ނިހާގެ ނޭވާ ހިނގާތޯ ބެލިއެވެ. ނޭވާލާކަން އެނގުމުން ލޭ މަނާކުރަން އޭނާ އަތުކުރިއޮޅައިލިއެވެ. ތަޅުންމަތީ ބޮޑިވެފައި އޮތް ނިހާގެ ޓީޝާޓު ދެފަރާތުގައި ހިފައި ދަމައިގަތް ގަތީނުން މެދުން ވީދާލިއެވެ. އަދި ނިހާގެ ނިތްކުރިމަތީގައި އޭގެން ބައެއް އައްސާ ބާރުކޮށްލިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ފޮތިގަނޑު ލެއިން ފޯވެގެން ދިޔަތަން ފެނި އިންޝާ ނިހާޔަތަށް ކަންބޮޑުވިއެވެ.

ނިކާލްގެ ކޮޓަރި ދޮރު މަޑުމަޑުން ހުޅުވުނެވެ. އިލްހާމް ނިކަން ސިއްރުސިއްރުން ބޭރު ތެރެއަށް ނަޒަރު ހިންގާލިއެވެ. އިންޝާގެ ހިލަމެއް ނެތުމުން ދޮރުފަތް ތަންމިނަށް ހުޅުވައިލަމުން ކޮޓަރިން ނުކުމެ ދޮރު ލެއްޕިއެވެ. އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. މާނޭވާ ލެވިލެވިއެވެ. އޭނާގެ އަތުގަޔާއި ލައިގެން ހުރި ގަމީހުގައި ލޭގެ އަސަރު ފެންނަން ހުއްޓެވެ. ނިހާގެ ކޮޓަރިއާ ކައިރިއަށް ޖެހިލިއިރު ދޮރު ވައްޓައިލައިފައި އޮތްތަން ފެނި އިލްހާމް ހައިރާންވިއެވެ. އިންޝާއަށް އެވަރުގެ ބާރެއް ލިބުނީ ކޮންތާކުން ހެއްޔެވެ؟ އަނެއްކާ ނިކާލް ގެއަށް އައީ ބާއެވެ؟ ހިތުގައި އެ ސުވާލުތައް އުފެދުނު ނަމަވެސް އެކަން ވީގޮތް ބެލުމަށް ވުރެން އޭނާއަށް އެވަގުތު މުހިންމުވީ އޭނާގެ ކުށް ފޮރުވުމަށް، އަމަލުތައް ބަހައްޓާނެ ގޮތަކާ ދޭތެރޭ ވިސްނުމެވެ.

އޭނާ ނިހާގެ ކޮޓަރި ތެރެ ބަލައިލީ ކޮޅުކޮޅު މަތި ބަލާލަމުންނެވެ. ފުރަގަސް ދީގެން ނިހާގެ ގާތުގައި އިން އިންޝާ ފެނުމުން ނިކާލް އެތަނުގައި ނެތްކަން ޔަޤީންވިއެވެ. އޭނާ ލަސްލަހުން އެތެރެއަށް ފިޔަވަޅު އަޅަންފެށީ އިންޝާއަށް އޭނާ ފެނިދާނެތީއެވެ. އޭނާގެ ގަމީހާއި އަތުގައި ހުރި ލޭގެ ނިޝާންތައް އިންޝާއަށް ފެނިއްޖެނަމަ އޭނާގެ މައްޗައް ޝައްކު ވެދާނެތީއެވެ. އިލްހާމް ހުއްޓުނީ އިންޝާގެ ފަހަތުގައެވެ. ކުއްލިއަކަށް ރޮއެ ހޭރިގަންނަމުން މަގޭ ދަރިއޭ ކިޔާ ހަޅޭއްލަވަމުން ނިހާގެ ގައިގާ އޮޅުލައިގަތުމާއެކު އިންޝާ ސިހުނެވެ.

ބާބު 19 - މަރުގެ ތުންފަތްމަތީގައި

ނިކާލަށް ޞަފިއްޔާމެން ގެއިން ނުކުމެވުނުއިރު ރަނގަޅަށް ވެސް ދުނިޔެ މައްޗަށް އަނދިރިކަން ފެތުރިއްޖެއެވެ. ނިހާގެ މަތިން ހަނދާންވުމުން ފޯނުނަގައި ބަލައިލީ ނިހާގެ ކޯލެއް އައިސްފައިވޭތޯ ބެލުމަށެވެ. މެސެޖުގަނޑެއްހާ ހިސާބު ވެސް ނެތުމުން ބަދިގޭގައި އަވަދިނެތި އުޅެނީ ކަމަށް އޭނާ ނިންމިއެވެ. އެ ޝަކުވާ ކުރަން ނިކާލް ދެތިން ފަހަރަކު ނިހާ ފޯނަން ގުޅާލިއިރު ފޯނު އޮތީ ނިއްވާލާފައެވެ. ސައިކަލަށް އެރިފަހުން ކުރިން ނިހާ ކުރި ކޯލުގެ މަތިން އޭނާ ހަނދާންވިއެވެ. ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވިއެވެ. އޭނާގެ ފޯނަށް އަންނަ ކޯލުތައް ރެކޯޑުކުރެވޭ ގޮތަށް ހުރި "ރެކޯޑަރ" އިން ނިހާގެ އެންމެފަހު ކޯލު އަޑު އަހާލަން އަޅުވާލިއެވެ. ދިރާގު ކަސްޓަމާ ސަރވިސްއޭ ކިޔާފައި ފެށުމާއެކު ނިކާލަށް ހެވިއްޖެއެވެ. ނަމަވެސް ނިހާ އެހީއަށް އެދި ހަޅޭއްލަވާގަތް އަޑު އިވުމާއެކު މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ވަގުތުން ފޯނު ނަގާ ޖީބަށް ކޮށްޕައިލަމުން ސައިކަލު ދުއްވައިލީ ރުވާފައި ދޫކޮށްލި ތީރެއްހެންނެވެ.

ނިކާލް ގެއާއި ހަމައަށް ފޯރިއިރު ދޮރުމަތީގައި އޮތް ޕޮލިހުންގެ ޖިޕު ފެނިފައި ނިކަން ހާސްވިއެވެ. މަގުގެ އެކި ހިސާބުގައި ބައިބަޔަށް މީހުން ތިއްބެވެ. ކޮންމެވެސް ބޮޑުކަމެއްވެއްޖެކަން ނިކާލަށް ޔަޤީންކުރެވުނެވެ. ނިކާލް ގޭތެރެއަށް ވަންނަން ދަނިކޮށް މަރުޖީނާ ގޮވައިލިއެވެ.

"ނިކާލް. އެ ތެދެއް ނިހާ ފަކީރު މަރާލީތަ؟" މާޔޫސީ ރާގެއްގައި މަރުޖީނާ އެހިއެވެ. "މީހުން އެބަކިޔާ މުޅިމީހާ އޮތީ ލެއިން ތަތްތެޅިފައޭ. މަރާލާފައޭ. ދައްތަ މި ހުންނަނީ ވަރަށް ހާސްވެފައި. ވީ ގޮތެއް ނޭނގިގެން."

މަރުޖީނާގެ ވާހަކަތަކުން ނިކާލަށް އިވުނީ މަދު މިންވަރެކެވެ. އޭރުވެސް އޭނާގެ ކަންފަތުގައި ހަރުލާފައިވަނީ ނިހާގެ ހަޅޭކުގެ އަޑެވެ. އެކަމާހުރެ މަރުޖީނާގެ ވާހަކަތަކަކަށް އޭނާއަކަށް ސަމާލުކަމެއް ނުދެވުނެވެ. ނިކާލް މަޑުނުކޮށް ނިހާއަށް ގޮވަމުން ގެއަށް ވަދެގެން ދިޔައީ ދުވެފައެވެ. ސިޑިއާ އަރާހަމަވުމާއެކު ފުލުހަކު އައިސް އޭނާ ހުއްޓުވިއެވެ. މައްޗަށް އެރުން މަނާކުރިއެވެ.

"ނިހާއަށް ކިހިނެއްވީ؟" ނިކާލްގެ އަޑު ނުކުތީ އުނދަގުލުންނެވެ. ނިހާގެ ހަޅޭކުގެ އަޑާއި، ކޮޓަރިއާ ދިމާއިން ފެންނަ ޕޮލިހުންގެ ސަބަބުން ނިކާލްގެ ސިކުނޑިއަށް ބިރުވެރި މަންޒަރެއް ތަސައްވުރުކޮށްދިނެވެ.

"ނިހާއާ ގަދަކަމުން ބަދު އަޙުލާޤީ އަމަލު ހިންގިކަމަށް ބެލެވެނީ. ބައިވަރު ޒަހަމްތަކަކާ އެކު މިވަގުތު އޮތީ ހޮސްޕިޓަލުގައި." ނިކާލްގެ ބޮލުގައި ބާރުގަދަ އެތިފަހަރެއް ވިހެލިކަހަލައެވެ. ބޮލަށް އެރި އެނބުރުން ގަނޑާއެކު ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ގަނޑުވެފައި ހުއްޓައި މަޑުމަޑުން އެސްފިޔަތަކުގެ ފުރަގަހަށް ކަރުނަ ޖަމާވަމުންދާކަން އިޙުސާސްކުރެވުނެވެ. ނިހާ އޭނާއަށް ގުޅީ އެހީއަށް އެދިގެންކަން އެނގުމުން ނިކާލް ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. އަވަސްއަވަހަށް އެސްފިޔަ ޖަހައިލަމުން ދުރު ފިޔަވަޅުތަކެއް އަޅަމުން އޭނާ ހިނގައިގަތީ ބޭރަށް ނުކުންނާށެވެ.

ނިކާލް ހޮސްޕިޓަލަށް ދާން ނުކުތުމާއެކު އަނެއްކާ ވެސް މަރުޖީނާގެ ސުވާލުތައް އަމާޒުވާން ފެށިއެވެ.

"ދެންމެ މިތަނަށް އެންބިއުލަންސު ވެސް އަޔޭ. ނިހާ ހަމަ މަރުވީތަ؟ ނިކާލް އެއްޗެއް ބުނެބަލަ." ނިކާލްއާ އެއްވަރަށް ފައިހަމަކުރަމުން މަރުޖީނާ ކިޔަމުން ދިޔައެވެ. "ތި ގެއަށް ކާކުގެ އެސްފީނާއެއްތަ ޖެހިގެން މިއުޅެނީ. ނަޒީލްގެ މަރު، ދީޕިކާ ހައްޔަރުކުރުން ހުސް އަޖައިބުކުރުވަނިވި ކަންކަން. މީހަކު ބުނި ދީޕިކާގެ އަންހެންދަރިއަކީ އިލްހާމް ދަރިއެކޭ ވެސް. އެކަމުގެ ބަދަލެކޯ އޭނަ ހިފީ ވެސް. އެކަމާ ރުޅި އައިސްގެން މަންމަ ވެސް ތި ގެއިން ނުކުމެގެން ހިނގައްޖޭ ވެސް ބުނި. އެއީ ތެދު ވާހަކަތަކެއްތަ؟ ދައްތަ މި ހުންނަނީ ވާނުވާގަ. ދައްތައަށް މި ވާގޮތް ކިޔާދީބަލަ."

ނިކާލް އެ އަޑުތައް އިވޭކަމަށް ނުހަދައި ބާރަށް ގޮސް ސައިކަލަށް އަރައި ދުއްވައިލިއެވެ. ނިކާލްގެ ފުށުން އެއްވެސް ކަމެއް ސާފުވާ ގޮތް ނުވުމުން މަރުޖީނާގެ މޫނުމަތިން ފޫހިކަން ފައުޅުވެއެވެ. ޑޮކްޓަރަށް ދެއްކުމުގެ ބޭނުމުގައި މަރުޖީނާ މާލެ ގޮސް އައިއިރު ސުނޯހައުސްއަށް ވަނީ ބޮޑެތި ލޮޅުންތަކެއް އައިސް ގޮސްފައެވެ. މާލެގައި ހުއްޓައި އެ އަޑުތައް އިވުނު ނަމަވެސް އޭނާ ހުރީ ރަށަށް އައިސް ރަނގަޅަށް އެކަންކަން ތަޙްޤީޤުކުރާށެވެ. އެ ނިޔަތުގައި ރަށަށް އައި ގޮތަށް ގެއިން ނުކުތްއިރު އިވުނީ އެއަށްވުރެން ޝަޢުޤުވެރި އެހެނަސް ބިރުވެރި ޚަބަރެކެވެ. މީހަކު ނިހާ މަރާލި ޚަބަރެވެ. އެކަމުގެ ތެދުދޮގު އޮޅުން ފިލުވުމަށް ދެން އޭނާ މިސްރާބުޖެހީ ސުނޯހައުސްއާ އިންވެގެން ހުރި ގޯތީ ކުރިމަތީގައި ތިބި މީހުންނާ ދިމާއަށެވެ.

ނިކާލް ހޮސްޕިޓަލާ ހަމައަށް ފޯރިއިރު އޭނާގެ ސިކުނޑި ހުރީ އައްސިވެފައެވެ. ރޯންވީކަމެއް ރުޅި އަންނަންވީ ކަމެއް އޭނާއަކަށް ނޭނގުނެވެ. އެމަޖެންސީ ރޫމު ދޮރުމަތިން ބައްޕަ ފެނުނެވެ. ބައްޕަގެ ހަށިގަނޑުގައިވާ ލޭ ފެނުމާއެކު ނިކާލްގެ ހިތުގައި އުފެދިގެން ދިޔަ ބިރުވެރިކަމާއެކު ފިޔަވަޅުތަކަށް ހުއްޓުމެއް އަޔެވެ. ތަންކޮޅެއް ދުރުގައި ހުރި ގޮނޑިބަރިއެއްގައި އިށީނދެލައިގެން އިންޝާ އިނީ އިސްޖެހިފައެވެ. އިންޝާއާއި ޖެހިގެން ޕޮލިސް ޔުނީފޯމުގައި ފައިރޫޒް ވެސް އިނެވެ. އެންމެންގެ މޫނުތައް ވަނީ މިލާ މޯޅިވެފައެވެ.

"ބައްޕާ." ނިކާލް މަޑުމަޑުން ގޮވައިލިއެވެ. ފާރުގައި ލެނގިލައިގެން ހުރި އިލްހާމް ބަލާލިއެވެ. ނިކާލް ފުރަތަމަ ވެސް ބަލަން ބޭނުންވީ ނިހާ އޮތް ހާލެވެ. ނިހާއަށް ލިބުނު ޒަހަމްތަކެވެ.

"އޭނަގެ ހޭވެރިކަމެއް ނެތް. ބޮލުގެ ފުއްކިބާގައި އެއްޗަކުން ޖެހި ޖެހީނުން ވަރަށް ބޮޑަށް ފަޅާލާފަ ހުރީ. ނިތްކުރި މަތިން ވެސް ފަޅާލާފަ ހުރި ކަމަށް ވޭ. ސިކުނޑިއަށް ލޭ ނޭޅޭ ކަމެއް ވެސް ނޭނގެ. ޑޮކްޓަރ އަދި ވަކި އެއްޗެއް ނުބުނޭ." އިލްހާމްގެ މޫނުމައްޗަށް ހިތާމަވެރިކަމުގެ ކުލަވަރު ފާއްދައިލިއެވެ.

ނިކާލްގެ އަނގައިން އާޚެއްގެ އަޑު ނުކުމެގެން ދިޔައެވެ.

"ތީ ކާކު ކިހިނެއް ކުރި ކަމެއް؟" ނިކާލްގެ އަޑު އިލްހާމްގެ ކަންފަތާއި ހަމައަށް ފޯރީ ކިރިކިރިޔާއެވެ.

"އެއުޅޭ އިބްރާހިމު." އިލްހާމް އިސްޖަހައިލިއެވެ.

"އޭނ. އިބްރާހިމްބެ އޭ." ނިކާލްގެ އަޑު ބާރުވިއެވެ. "މީ ބައްޕަގެ ސަބަބުން ވީކަމެއް. މިހެން މި ދިމާވީ ބައްޕަ އޭނައަށް ގެޔަށް ވަދެ އެޅުމުގެ މިނިވަންކަން ދިނީމަ. މީ އޭނަގެ ގޮތް އެނގި ހުރެ އޭނަ އެހާ ގާތްކޮށްގެން އުޅުމުގެ ނަތީޖާ. މިކަމުގެ ޒިންމާ ބައްޕަ ނަގަންޖެހޭނެ. އޭނަ އެކަމެއްކުރިއިރު ބައްޕަ ކޮންތާކު ހުރީ؟"

ނިކާލްގެ އަޑުގައި ހިތްހަމަނުޖެހުމާއި ހިތާމަ އެކުލެވިފައިވެއެވެ.

އިލްހާމް ވަރަށް ވިސްނުންތެރިކަމާއެކު ކަން ވީގޮތް އެގޮތްމިގޮތަށް ބަދަލުކޮށްގެން ކިޔައިދޭން ފެށިއެވެ. އޭނާ ހެދިކާ ގަނެގެން އައިސް ސައިބުއިމާއި ހަމައަށް ތެދުތެދަށް ހުރިހާ ވާހަކައެއް ކިޔައިދިން ނަމަވެސް އޭގެ ފަހުން ކަންވީ ގޮތް އޭނާ އޮޅުވާލިއެވެ. ހަގީގަތް ފުރޮޅާލިއެވެ. ފިހާރައިގެ ހިސާބުކިތާބުގައި މައްސަލައެއް އުޅޭކަމަށް ބުނެ އޮފީހުން ގުޅުމުން އޭނާ ދިޔައީ އޮފީހަށެވެ. އިބްރާހިމްބެ ގޭގައި ބައިންދާފައި ދިޔައީ އޮފީހާ ގެއާ އެހާ ދުރުނޫންކަމުން އޮފީހަށް ވަދެލާފައި ވަރަށް އަވަހަށް އާދެވޭނެ ކަމަށެވެ. އެކަމަކު ކަންދިމާކުރި ގޮތުން އޮފީހުގައި ތާށިވީ ކަމަށް ބުނެ ދޮގު ހެދިއެވެ. އެނބުރި ގެއަށް އާދެވުނުއިރު އިރުއޮއްސި މަޣުރިބަށް ވެސް ގޮވާފިއެވެ. ގޭތެރޭގައި އެއްވެސް މީހަކު ފެންނަން ނެތުމުން ލަސްވެގެން އިބްރާހިމްބެ ދިޔައީ ކަމަށް އޭނާ ހީކުރިއެވެ. މައްޗަށް އެރި ވަގުތު އިންޝާގެ ރުއިމުގެ އަޑު އިވުމުން ނިހާގެ ކޮޓަރިއާ ދިމާއަށް ދިޔައިރު ނިހާގެ ދުވަސް އޮތީ ދުއްވާލާފައި ކަމަށް ބުނެ އޭނާގެ ވާހަކަ ހުއްޓާލިއެވެ.

އެ ވާހަކަތައް އަޑުއަހަން ހުރި ނިކާލްގެ ދެއަތް މުށްކެވި ބާރުވެގެން ދިޔަތަން އިލްހާމަށް ފެނުނެވެ. ދެލޮލުން ރުޅިވެރިކަން ފާޅުވިއެވެ.

"ދެން އެންބިއުލަންސްއަށް ގުޅައިގެން އަވަހަށް މިކޮޅަށް ގެނައީ." އިލްހާމް ދެރަވާކަމަށް ހެދެމުން ބުންޏެވެ. "މީގެ ޒިންމާ ނަގަން ޖޭހޭނީ ބައްޕަ. އެކަހަލަ ޖަނަވާރެއް ގޭތެރެއަށް ވައްދައިގެން އޮޅުކޮށްގެން ގެންގުޅު މީހަކީ މަ. މީ މަގޭ އިހުމާލުން ލިބުނު ބޮނޑި އެއް. މީ ހަމަ މަގޭ ވެސް ކުށް."

އިލްހާމް އަމިއްލަ ކުށް ޤަބޫލުކުރުމުން ނިކާލް ބުނަން ބޭނުންވި ބަސްތައް ދިރުވައިލިއެވެ. އޭނާ ހުރީ އިބްރާހީމްބެއެކޭ އެއްވަރަށް އިލްހާމްދެކެ ވެސް ރުޅި އައިސްފައެވެ. އިލްހާމް ދެއްކި ދޮގު ވާހަކަތައް އޭނާ ޤަބޫލު ނުކުރާތީކީ ނޫނެވެ. އިބްރާހީމްބެގެ ގޮތް އެނގިހުރެ އޭނާ ގެއަށް ވައްދައި، އެފަދަ ފުރުޞަތެއް އިބްރާހީމްބެއަށް މަގުފަހިކޮށްދީފައި ގެއިން ނުކުމެގެން ދިޔައީމައެވެ. ނަމަވެސް އެއީ އިލްހާމް ގަސްތުގައި ކުރި ކަމެއްނޫންކަން ނިކާލް ޤަބޫލުކުރިއެވެ. އިބްރާހިމްބެގެ ހިތް ނިޔަތާ މެދު ކުޑަކޮށް ވެސް ބައްޕައަށް ޝައްކުވީ ނަމަ ގެއިން ނިކުމެގެން ދާނީ އިބްރާހިމްބެއާ އެކުއެވެ. ދީޕިކާގެ އަންހެންދަރިފުޅަށް ބައްޕަ ދިން އަނިޔާ މަތިން ހަނދާންވެފައި އޭނާގެ ސިކުނޑީގައި ޝައްކުގެ ޓަކި ދިނެވެ. ނަމަވެސް އެހެން މީހެއްގެ ދަރިއަކަށް އަނިޔާވެރި ވިޔަސް ބައްޕަ ނިހާއަށް އެކަހަލަ ގެއްލުމެއްދޭނެ ކަމަކަށް ނިކާލްގެ ޟަމީރު އެއްބަހެއް ނުވިއެވެ. ނިހާ ދެކެ ބައްޕަ ނަފުރަތު ކުރި ކަމުގައި ވިޔަސް ވެހެވެ.

ނިކާލްގެ ހިތް ބައްޕަގެ މައްޗަށް މުޅިން ސާފެއްނުވެއެވެ. އޭނާ ބައްޕައާ ދިމާއަށް ބަލާލުމަށްފަހު ގޮސް އެމަޖެންސީ ރޫމުގެ ބެލް އަޅައިލިއެވެ. ނަރުސް ކުއްޖަކު އައިސް ދޮރު ހުޅުވާލުމާއެކު ނިހާގެ ހާލު އޮޅުންފިލުވިއެވެ. ނިހާގެ ހާލު ވަރަށް ނާޒުކު ކަމަށާއި ސިކުނޑިއަށް ލޭ އެޅެމުންދާ ވާހަކަ ބުނުމާއެކު ނިކާލްގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި އޭނާގެ ލޮލުން ކަރުނަތައް އޮހިގަތެވެ. އޭނާ ރޮއެގަތް އަޑަށް ދުރުގައި ތިބި ފައިރޫޒާއި އިންޝާއަށް އެދިމާއަށް އާދެވުނީ އަވިއްސެން ހެންނެވެ.

"ނިހާގެ ސީޓީ ސްކޭނަށްފަހު ނިހާގެ ސިކުނޑި ދުޅަވެ ސިކުނޑިއަށް ލޭ އެޅެމުން ދާކަން މިހާރު ވަނީ ޔަގީންކުރެވިފައި. ނިތްކުރި މަތިން ފަޅައިގެން ގޮސްފައި ހުރި ދިމާލުން ބޮލުގެ ނާށިގަނޑަށް ގެއްލުމެއް ލިބިފައި ނެތަސް ފަހަތުން ބޮލުގެ ނާށިގަނޑު ވެސް ވަނީ ފެޅިފައި. ސިކުނޑިއަށް ލޭ އެޅެމުން ދާތީ ނާށިގަނޑު ތެރޭ އުފެދިފައި ވާ ޕުރެޝާ ދައްކުރުމަށާއި، ގަނޑުލޭގެ އަސަރު ފެންނަން ހުރުމުން ނިހާ ކުއްލިގޮތަކަށް އޮޕަރޭޝަން ކުރަން މިވަނީ މަޖުބޫރުވެފަ. އަޅުގަނޑުމެން މިދަނީ އެކަމަށް ތައްޔާރު ވަމުން. މިއީ ވަރަށް ނުރައްކާ ހާލަތެއް. ފަހަރުގައި ފުރާނައަށް ނުރައްކާވުން ވެސް އެކަށީގެންވޭ." ނަރުސް ކުއްޖާ އޮޅުންފިލުވައި ދިނެވެ.

އިންޝާއަށް އަޑުގެ ނެތްކޮޅަށް ރޮއެ ގަނެވުނެވެ. ނިކާލްގެ ގައިގާ އޮޅުލައި ގަނެވުނެވެ. ފައިރޫޒްގެ ހިތުގައި ރިއްސައިގަތްވަރުން ލޮލުން ކަރުނަ ހިލުވާލި ނަމަވެސް އޭނާ އެންމެ ކަރުނަ ތިއްކެއް ވެސް ވައްޓައެއް ނުލައެވެ. ހިތްވަރުގަދަކޮށްފައި ނިހާ މާލެ ގެންދިޔުމުގެ ހުއްދަ ދިނުމަށް ފައިރޫޒް އެދުނެވެ. އެހެނަސް ނިހާ އޮތީ ވަރަށް ނާޒުކު ހާލަތެއްގައިކަމަށާ އޮޕަރޭޝަން ލަސް ކުރެވެން ނެތް ކަމަށް ބުނެ އެ ހުއްދަ ލިބޭގޮތެއް ނުވިއެވެ.

"އަޅުގަނޑުމެންގެ ޑޮކްޓަރުންގެ ޓީމުން ކުރެވުނު ހުރިހާ މަސައްކަތެއް މިހާރު ވެސް ކުރަމުން އެ ގެންދަވަނީ. ނިހާގެ ނަސީބު ރަނގަޅުކަމުން ޓީމުގައި މިވަގުތު ސިކުނޑީގެ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރެއް ވެސް އެބަ ހުންނެވި. ހިތްވަރުކުރައްވާ. ނިހާއަށް މިވަގުތު އެންމެ ބޭނުންވާނީ ތިބޭފުޅުންގެ ހެޔޮ ދުޢާ." ނަރުސް ކުއްޖާ އިތުރަށް ބުނެލިއެވެ.

ނިހާގެ ހާލަށް ހަމްދަރުދީވެ ލޮލުން ކަރުނައަޅަމުން ބަޔަކު ދިޔައިރު އެކަމާ އުފާ ފާޅުކުރި މީހަކު ވެސް އެތަނުގައި ހުއްޓެވެ. އިލްހާމް މޫނުމަތިން ހިތާމަވެރި ކުލަވަރު ދައްކައިގެން ހުރި ނަމަވެސް އޭނާގެ ހިތް އުފަލުން ފުމެނީއެވެ. އެންމެ ފަހުން އޭނާގެ ލޮލަށް ވެއްޓިގެން ސާލަމަތް ނުވެގެން އުޅުނު ކުނޑިކޮޅު ނަގާ އެއްލައި ލެވޭނެކަމުގެ އުއްމީދު އާލާ ވެއްޖެއެވެ. އެވެސް އަބަދުގެ އަބަދަށެވެ. އޭނާގެ ބުއްދިވެރި ވިސްނުމާއި ރޭވުންތަކަށް ފަޚުރުވެރިވާ ހާލުގައި ނިހާގެ އޮޕަރޭޝަން ކާމިޔާބު ނުވުމަށް އެދި އޭނާ ބަދު ދުޢާކުރިއެވެ.

އޮޕަރޭޝަން ތިއޭޓަރުގައި ނިހާ މަރާ ހަނގުރާމަ ކުރަމުން ދިޔައިރު ނިކާލް އިނީ ހިމޭންވެފައެވެ. ހިތާހިތުން ﷲ ހަޟްރަތުން އޭނާ އެދެމުން ދިޔައީ ނިހާގެ ސަލާމަތަށެވެ. އޭނާގެ ލޮލުން ކަރުނަ ނުހިކެއެވެ. ކެތްތެރިވުމަށް އަމިއްލަ ނަފުސަށް ވިސްނައިދިނުމަށް މަސައްކަތްކުރި ނަމަވެސް އެކަން ވީ ބޭކާރު ކަމަކަށެވެ. ނިހާ ވަކިވެގެން ގޮސްދާނެތީ އޭނާ ބިރު ގަންނަނީ މާ ވަރަކަށެވެ.

ބަރާބަރު 07 ގަޑިއިރު ފަހުން އޮޕަރޭޝަން ތިއޭޓަރގެ ދޮރު ހުޅުވުނެވެ. ނިކާލަށް ލިބުނު ސިހުމާއެކު ކޮޅަށް ތެދުވެ ދުވެފައި ޑޮކްޓަރާއި ދިމާއަށް ދިޔައެވެ.

"ނިހާ މިހާރު ކިހިނެއްތޯ؟" ނިކާލް ހިތްއަވަސްވެފައިވާ ހާލުގައި އެހިއެވެ.

"ސިކުނޑީގައި އުފެދިފައިވާ ޕްރެޝަރ މިހާރު ވަނީ ދަށްކުރެވިފައި. ގަނޑުލޭ ކޮޅުތައް ވެސް މިހާރު ވަނީ ނެގިފައި. ނާށިގަނޑަށް ލިބިފައި ހުރި ގެއްލުން ވެސް އަޅުގަނޑުމެންނަށް ކާމިޔާބުކަމާއެކު ހައްލު ކުރެވިއްޖެ." ޑޮކްޓަރ ޖަވާބު ދެއްވިއެވެ.

ނިކާލަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. އިންޝާގެ ނަފުސަށް ވެސް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެ ހަމަޖެހުން ޑޮކްޓަރ ދެން ދިން ހަބަރާއެކު ނެތިގެން ދިޔައެވެ.

"އަދި ނިހާ ހޭ ނާރާ. އޮޕަރޭޝަންގެ ސަބަބުން ދިމާވެދާނެ ބައެއް ނުރައްކާތައް ވެސް އެބަހުރި. ސިކުނޑީގައި އަނެއްކާ ވެސް ލޭގަނޑުވުން އެކަށީގެން ވޭ. ސިކުނޑީގައި ފެން އުފެދުން، ސްޓުރޯކެއް ޖެހުން، ކޯމާއަކަށް ދިޔުން ނުވަތަ ވާގިނެތުން ވެސް އެކަށީގެންވޭ. މިވަގުތު އެއްޗެއް ދަންނަވަން ތަންކޮޅެއް އަވަސް. ނިހާގެ ހާލަތު ވަރަށް ކައިރިން އަޅުގަނޑުމެން ބަލަން ބޭނުންވާތީ ނިހާ ހޭ އެރިހާ އަވަހަކަށް އައިސީޔޫއަށް ބަދަލުކުރެވޭނެ."

ނިހާގެ އޮޕަރޭޝަން ކާމިޔާބުވުމުން އެކަމަށް ނިކާލް ޝުކުރުވެރިވިއެވެ. މާތްﷲ އިރާދަފުޅާއެކު ހޭވެސް އަރާނެކަމުގެ އުންމީދު އޭނާ ހިތުގައިވިއެވެ.

އިބްރާހީމްބެއަށް ވާނުވާ އެނގެން ފެށިއިރު އޭނާ އޮތީ ގޮޅިއެއްގެ ތެރޭގައެވެ. ހައިރާންކަމާއެކު ފަރާތްފަރާތަށް ބަލަމުން އޭނާ ތެދުވިއެވެ. އޭނާ އެތަނަށް ލެވުނު ސަބަބެއް ނުވިސްނިގެން ސިކުނޑިއަށް ވާން ކޮށްލުމާއެކު އިލްހާމްގެ މަކަރުވެރި މޫނު ސިފަވެގެން ދިޔައެވެ. ނިހާގެ ހަށިގަނޑުން އުފާ ލިބިގަނެ ހިންދެމިލި ވަގުތު އިލްހާމް އޭނާގެ ކޮނޑުގައި ހިފައި އަނބުރައިލަމުން މޫނުމަތީގައި ގޮށް މުއްކަވާފައި ޖެހި މަންޒަރު ސިފަވެގެން ދިޔައެވެ. އެ ގޮށްމުށުގެ ހޫނު ހަމަލާއެރީ އޭނާގެ ނޭފަތް މައްޗަށެވެ. އެ ހަނދާންވުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. ބޭއިހްތިޔާރުގައި ނޭފަތް މަތީގައި އިނގިލިތައް ޖައްސާލެވުނުއިރު ހިކިފައި ހުރި ލޭތަކުގައި އަތް ޖެހުނެވެ. އިބްރާހީމްބެ ފުން ވިސްނުމަކަށް ގެއްލިފައި އިންދައި ދޮރު ހުޅުވުނު އަޑުއިވުމާ އެކު ސިހިފައި ބަލާލެވުނެވެ.

އިބްރާހިމްބެގެ ބަޔާންނެގުމަށް ފައިރޫޒުގެ ކެބިންއަށް ގެންދެވުނެވެ. އިބްރާހީމްބެ ފެނުނު ވަގުތު ފައިރޫޒަށް ދަތްޕިލައަށް ބާރުކޮށްލެވުނެވެ. އެމީހާގެ ފުރާނަ އުދުހިގެން ދާވަރަށް ތަޅައިގަންނަން ވެސް އޭނާގެ ހިތަށް އެރިއެވެ. އޭނާ އިނީ ރުޅި ކޮންޓްރޯލް ކުރުމަށް ގޮނޑީގެ އަތްގަނޑުގައި ދެފަރާތުން ބާރަށް ހިފަހައްޓައިލައިގެންނެވެ. ނިހާއަށް ލިބުނު އަނިޔާގެ ބަދަލު ނުލިބުނަސް އޭނާއަށް އިންސާފު ހޯދައިދިނުމަށް ފައިރޫޒް މިފަހަރު ވެސް އަޒުމު ކަނޑައެޅިއެވެ. އެކަން ކާމިޔާބު ކުރަން މިފަހަރު ނިހާގެ އެއްބާރުލުން ނުލިބުނުކަމުގައި ވިޔަސް އެއްވެސް ފަރުވާލެއް ނެތެވެ. ނިހާއާ ދެކޮޅަށް ހިންގުނު ޖަރީމާގައި އިލްހާމްގެ އަތެއް ނުވެ ނުދާނެކަން ފައިރޫޒުގެ ހިތް ބުނަމުން ދިޔައެވެ. އިބްރާހިމްބެގެ އަތްދަށަށް ނިހާ ދޫކޮށްލާފައި އިލްހާމް އެގެއިން ނުކުމެގެން ބޭރަށް ދާންވީ އިތުރު އެއްވެސް ސަބަބެއް އޮންނާނެކަމަކަށް ފައިރޫޒްއަކަށް ނުވިސްނެއެވެ.

"އިބްރާހީމް އަބޫބަކުރު ހައްޔަރުކުރެވުނު ސަބަބު އެނގިލައްވާ ދެއްތޯ؟" ފައިރޫޒް ފުރަތަމަ ސުވާލުކޮށްލިއެވެ.

"އެނގޭ. ނިހާއާ ބެހުނު މައްސަލައިގައި މަށަށް ދައުވާ ކުރަންވެގެން ކަލޭމެން މަ ހައްޔަރުކޮށްގެން ގެނެއްސަ މިހިރީ. އެކަމަކު މަގޭ ހިތަށް މި އަރަނީ ކަލޭމެންނަށް ހައްޔަރުކުރަން އެނގުނީ މަ އެކަނި ބާއޭ؟" އިބްރާހިމްބެގެ ރާގުގައި ހުރީ ރުޅިވެރިކަމެވެ. އޭނާގެ ވާހަކަ ހުރި ގޮތުން އޭނާއަށް ކުރެވުނު ކަންތަކާމެދު ލަދު ނުގަންނަ ތާނގައި، ކުޑަކޮށް ވެސް ހިތާމަ ނުކުރާކަން ފައިރޫޒަށް އެނގުނެވެ.

"ތީގެ މާނައަކީ ކޮބާ؟ މިއީ އިބްރާހިމް އެކަނި ހިންގި ޖަރީމާއެއް ނޫންތޯ؟" ފައިރޫޒްގެ ހިތުގައި އޮތީ އިލްހާމްގެ ނަމެވެ.

"އާނ." އިބްރާހީމްބެ ހަރުކަށި ރާގަކަށް ބުންޏެވެ. "މިކަން ކުރަން މަށާ ބައިވެރިވި މީހަކީ އެ އިލްހާމް. މީކީ މަ އެކަނި ކުރި ކަމެއް ނޫނޭ. ހަޤީޤަތަކީ ނިހާގެ ގަޔަށް ފުރަތަމަ އެރީ ވެސް އޭނަ ކަން. އޭނަ ބޮލަށް އަރާފައި ހުރި ވަހުޝީކަން ކެނޑުނު ފަހުން މަ ނިހާއާ ބެހުނީ ވެސް. އެކަމަކު އޭނަ ކަމުން ރެކެންވެގެން މަ މި މަޅިއަށް ފައްތާފަ ގޮސް ނޭނގޭކަމަށް ހަދައިގެން އެހެރަ ފެންނަނީ. ކަލޭމެންނަށް ތަނެއް ދޮރެއް ވެސް ހަމަ ނޭނގެނީތަ؟ ކަލޭމެން ހަމަ އެހާ ގަމާރީތަ؟ ނުނީ އަނެއްކާ ވެސް ފައިސާގެ ދަޅައަށް ކަލޭމެން ވިކި ހުސްވީތަ؟ ސަފީނާ މަރާލާފަ ސަލާމަތް ވިގޮތަށް މިފަހަރުވެސް އޭނަ ސަލާމަތް ވީ ދޯ؟ އެކަމަކު ބުނަން މިފަހަރު ހަމަހިލާ އެހެން ވިޔަކަ ނުދޭނަން. އޭނަ ހީކުރީ މަ ގަންބާލާފަ އޭނައަށް ފެންމަތީ އޮވެ ވޭނެ ކަމަށްތަ؟ ކަންތައް ވީ ގޮތް މަ ތެދު ހަގީގަތަށް ކިޔާދޭނަން. ގަބޫލު ކުރާ ބަޔަކު ކުރަންވީ. މަގޭ ބަޔާނާ ނިހާގެ.."

އިބްރާހީމްބެ އެހިސާބުން ވާހަކަ ހުއްޓައިލިއެވެ. ނިހާ ދުނިޔޭގައި އޮތް ތޯ ސުވާލުކުރިއެވެ. ހައިރާންވެފައި އިން ފައިރޫޒް ބޯ ޖަހައިލުމާއެކު އިބްރާހީމްބެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"މަގޭ ބަޔާނާއި ނިހާގެ ބަޔާން ދިމާވީމަ އެނގޭނެ މަ މި ހަދަނީ ހުސް ތެދުކަން." އިބްރާހީމްބެ ސާބިތުކަމާއެކު ބުންޏެވެ.

އިބްރާހީމްބެ އެއްވެސް ކަމެއް ފޮރުވުމަކާ ނުލާ ހުރިހާ ހަޤީޤަތެއް ފެށިގެން ނިމެންދެން ކިޔާދިނެވެ. ފައިރޫޒް ހައިރާންވީ އެކަމުގައި އިބްރާހީމްބެއެކޭ އެއް ފަދައިން އިލްހާމްވެސް އަމަލީ ގޮތުން ބައިވެރިވެފައިވާކަން އެނގުމުންނެވެ. އިބްރާހީމްބެއަށް އެ ފުރުޞަތު ތަނަވަސްކޮށްދީފައި ގެއިން ނުކުމެގެން ދިޔައީ ކަމަށް ހީކުރެވުނަސް އެއީ ހަޤީޤަތެއް ނޫންކަން އެނގުމުންނެވެ. ފައިރޫޒް އިބްރާހީމްބެގެ ވާހަކަތައް ޤަބޫލުކުރިއެވެ. ނަމަވެސް ފެންނަން ހުރި ހެކީގެ އަލީގައި މި ޖަރީމާގައި އިލްހާމްގެ ދައުރު ސާބިތު ކުރެވޭކަށް ނެތެވެ. ހާދިޘާގެ ވަގުތުގައި އިލްހާމް ހުރީ އޮފީހުގައިކަން، އެ އޮފީހުގައި އެވަގުތު އުޅުނު މުވައްޒަފެއްގެ ބަޔާނުން ޔަގީންވެފައިވެއެވެ. އޭނާ އޮފީހުގައި އުޅުނުކަމަށް ބުނި ވަގުތާއި އިލްހާމްގެ ބަޔާނާއި ދިމާވެއެވެ. އިންޝާ ގެއަށް ދިޔައިރު ނިހާގެ ކޮޓަރި ހުރީ ތަޅުލާފައެވެ. ދޮރު ވައްޓާލުމުގައި އިންޝާ ކާމިޔާބު ހޯދިގޮތް ޤަބޫލުކުރަން އުނދަގޫވި ނަމަވެސް އިންޝާ ބުނެފައިވާ ގޮތުން އިލްހާމް އައީ އޭނާ ކޮޓަރިއަށް ވަން ފަހުންނެވެ. ނިހާ ހޮސްޕިޓަލަށް ގެންދިޔުމަށް އެންބިއުލަންސްއަށް ގުޅީ ވެސް އިލްހާމެވެ. އެޔަށްފަހު ޕޮލިހަށް ގުޅީ ވެސް އޭނާއެވެ. ނިހާ ހޮސްޕިޓަލަށް ގެންދިޔަ ދަތުރުގައި ފައިރޫޒްއާ އިލްހާމްގެ އިތުރުން އިންޝާ ވެސް ބައިވެރިވިއެވެ. ނިހާ އެމަޖެންސީ ރޫމަށް ވެއްދުމުން ކަންތައް ވީ ގޮތް އިލްހާމް ފައިރޫޒަށް ކިޔައިދިނެވެ. އިބްރާހިމްބެ ހަޤީޤަތް ހާމަކުރި ނަމަވެސް އެހެން ހުރިހާ ކޮޅަކުން ލިބެމުން ދިޔަ މައުލޫމާތުން ބޮޑަށް ބުރަވެވެނީ އިލްހާމްގެ ބަހަށެވެ.

ޖެހިގެން އައި ދުވަހު އިރުއެރުމުގެ ކުރިން ނިހާ ހޭ އެރިއެވެ. އޭނާ ވަގުތުން އައިސީޔޫއަށް ބަދަލު ކުރެވުނެވެ. ނިހާއާ އެއްވެސް މީހަކު ބައްދަލުކުރުން ޑޮކްޓަރުން މަނާކުރިއެވެ. ފުލުހުންނަށް ވެސް ބަޔާން ނެގުމުގު ހުއްދައެއް ނުލިބުނެވެ. ނިހާ ހޭއެރިކަމުގައި ވިޔަސް އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ދެލޯމަތި ދުޅަވެ ބޯވެފައި ހުރުމުން ދެލޯ ހުޅުވެނީ ވެސް ކިރިކިރިޔާއެވެ. ނިހާގެ އޮޕަރޭޝަނަށް ފަހު އޭނަގެ ހަށިގަނޑު މަސައްކަތްކޮށް ގަންނަން ވަގުތު ނަގާނެކަމަށް ޑޮކްޓަރުން ބުންޏެވެ. އަދި ހާދިޡާއަށް ފަހު ނިހާ އަދިވެސް ޝޮކުގައި ވާކަމަށް ގަބޫލުކުރެވޭ ކަމަށް ބުންޏެވެ. އެކަހަލަ ނާޒުކު ފައްތަރެއްގައި ނިހާ އޮއްވައި އޭނާ ދަންނަ މީހަކު ނުވަތަ އެ ހާދިޡާ ހަނދާންވާނެ އެއްވެސް ކަމެއް މެދުވެރި ވެއްޖެނަމަ ނިހާއަށް އިތުރު ޝޮކެއް ލިބުން އެކަށީގެން ވެއެވެ. އެހެން ވެއްޖެނަމަ ނިހާގެ ފުރާނަ ވެސް ގެއްލިދާނެކަމުގެ އިންޒާރު ޑޮކްޓަރުން ދިނެވެ.

ނިހާގެ ހާލު ދުވަހެއް ދުވަހަކަށް އައީ ރަނގަޅު ވަމުންނެވެ. އެކަމާ އެންމެ ނުތަނަވަސްވެ ކަންބޮޑު ވީ އިލްހާމެވެ. އޮފީހުގައި އުޅުނުކަން ސާބިތުކޮށް ދެވުނަސް ނިހާ ބަޔާން ދޭ ގޮތަކުން އޭނާ އިނދަޖެހިދާނެތީ ލޮލުފިޔަ ނުޖަހާ އުޅެން ޖެހުނެވެ. އެ ފަކީރަށް އެހާވަރުވުމުން ހިމޭނުން ހުންނާނޭ އޭނާގެ ހިތެއް ނުބުނެވެ. ކޮންމެ ގޮތެއްވި ނަމަވެސް އޭނާއާ އެއްކޮޅަށް ބަޔާންދޭނެ މީހަކު ހުރުމުން ހިތްހަމަ ޖައްސައިލެވޭތޯ އޭނާ ބެލިއެވެ. ނިހާ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އޮފީހަށް ގުޅާފައި ބަޔާންދޭނެ ގޮތް ބުނެވުންކަން އެއީ ހަމަ އޭނާގެ ނަސީބެވެ. އެވަރުން ވެސް އޭނާގެ ހިތެއް ހަމައެއް ނުޖެހެއެވެ. ނިހާ ގަދަވެ ސަލާމަތުން އެނބުރި އަތުވެއްޖެނަމަ އޭނާ ރޮލާ ކާލާނެއެވެ. އިރެއްގައި ޞަފިއްޔާއާ ނިކާލް އޭނައާ އެއްކޮޅަށް ހުއްޓެއްކަމަކު މިހާރު ނިހާގެ ކޮންމެ ވާހަކައަކަށް އެ ދެމީހުން ވެސް ފުރިހަމައަށް އިތުބާރު ކުރާނެއެވެ. ގާނޫނުގެ ވަކިތަކުން އޭނާއަށް ސަލާމަތްވެވުނަސް މީހާ އެކަނިވެ ބިކަވާނެކަން ކަށަވަރެވެ.

އައިސީޔޫ ގައި ތިބޭ ބަލިމީހުންގެ ކައިރިއަށް ޒިޔާރަތްކުރަން ވަކި ޙާއްސަ ވަގުތުތަކެއް ކަނޑައެޅިފައި އޮވެއެވެ. މެންދުރާއި ހަވީރުގެ ވަގުތެއްގައި ގަޑިއިރަކަށް އެ ފުރުޞަތު ހުޅުވާލެވެއެވެ. ނިހާއާ ބައްދަލުކުރުމުގެ ހުއްދަ ލިބިފައި ނުވާއިރު ވެސް އެ ވަގުތުތަކުގައި އިލްހާމް ގަވައިދުން ހޮސްޕިޓަލަށް ދިޔުން އާންމުވެއްޖެއެވެ. ނިކާލާއި އިންޝާއަށް ނޭނގުނަސް އޭނާ އިންތިޒާރުކުރަމުން ދިޔައީ ރަނގަޅު ދަނޑިވަޅަކަށެވެ. ނިހާއަށް އެ ހާދިޘާ ހަނދާންކޮށްލަދޭނެ ފުރުޞަތަކަށެވެ. ދުވާލު ދެދަޅައަށް ފާރަލަމުން ދަނިކޮށް އޭނާ ބޭނުންވި ގޮތަށް މަގު ފަހިވެގެން ދިޔައެވެ. އެއީ ނިހާގެ އެއްވެސް އެހީތެރިޔަކު ނެތް ދުވަހެކެވެ.

އައިސީޔޫގައި އޮތް އެހެން ބަލިމީހެއްގެ ނަން މަތީ ކާޑެއް ހައްދައިގެން ގޮސް ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާއަށް ދައްކާލުމާއެކު އޭނާއަށް އެތެރެއަށް ވަނުމުގެ ހުއްދަ ލިބުނެވެ. ފަހަރަކު އެނދެއް ކައިރިއަށް ލެފެމުން ނިހާ ހޯދަމުން އޭނާ ހިނގިއެވެ. އެތަނުން އެނދެއް ކައިރިން ހުރަސް ކޮށްލި ވަގުތު އޭނާ ހުއްޓުނެވެ. މަޑުމަޑުން ފަހަތަށް ޖެހި ބަލާލިއެވެ. އިލްހާމަށް ހައިރާންކަން ލިބުނީ އޭނައަށް ފެނުނީ ނިހާކަން ޔަގީންވި ހިސާބުންނެވެ. ނިހާގެ ބޮލުގައި އެންމެ އިސްތަށްޓެއް ވެސް ނެތެވެ. މުޅި ބޮލުގައި ބެންޑޭޖް އޮޅާފައި އޮތްއިރު މޫނުމަތި ބޯވެ ދުޅަވެފައި ހުރުމުން އޭނާގެ ސިފަ ވަކިކުރެވެނީ ހަމަކިރިޔާއެވެ. މޫނުމަތީ ނޫފައި ގަނެފައި ހުރި ތަންތަން ގަދަ ދަނބުކުލައިން ފާހަގަވާން ހުއްޓެވެ. އިލްހާމް ދެކޮޅު ބަލާލިއެވެ. އައިސީޔޫ ތެރޭގައި އެހެން ބަލިމީހުންނަށް ޒިޔާރަތްކުރަމުން ދިޔަ މީހުންނަށް އެހީތެރިވުމުގައި ނަރުހުންތައް އަވަދި ނެތި އުޅުނެވެ. ނިހާގެ އެނދު ކައިރީގައި ނަރުހެއް ވެސް ފެންނަން ނެތުމުން އިލްހާމް އެދިމާއަށް ދިޔައީ ނިކަން ބާރަށެވެ. އަދި ނިހާގެ އެނދުގެ ފައިލާކޮޅާ ދިމާގައި ހުއްޓި ނިހާއާ ދިމާއަށް ބަލާލިއެވެ. ނިހާގެ އެއްވެސް ހަރަކާތެއް ނެތެވެ. އޭނާގެ ދުޅަވެފައިވާ ލޯހުޅުވިފައި ވަނީ ކުޑަކޮށެވެ. އެއްދިމާއަކަށް ބަލަހައްޓައިގެން އޮވެ ނިހާ ލަސްލަހުން އެސްފިޔަ ޖަހަމުން ދިޔައެވެ. އިލްހާމް ކުޑަކޮށް އެތެރެއަށް ޖެހި އަތުން ނިހާގެ މޫނުމަތީގައި ހަނާ އަޅާލިއެވެ. ނިހާއަށް އެއްވެސް ބަދަލެއް ނައެވެ.

"ކަލެޔަށް ދެން އެންމެ ރަނގަޅު ވާނީ މިދުނިޔެ ދޫކޮށް ދިޔައީއާ. އަނބުރާ އަންނަން މަސައްކަތް ނުކުރޭ." ނިހާގެ ކަންފަތް ބުޑަށް ގުދުވެލަމުން އިލްހާމް ވާހަކަ ދެއްކީ ސިއްރުންނެވެ. "ކަލެޔަށް ހަނދާންވޭތަ އެދުވަހު ވީ ގޮތް. އިބްރާހީމްބެ ކަލެޔަށް ހަދާލި ގޮތް ހަނދާންކޮށްބަލަ. ރޮއެރޮއެ އޮއްވައި ކަލެއަށް ހަދާލި ގޮތް ހަނދާންކޮށްބަލަ. ކަލޭގެ މަންމަ މަރާލި ދެމީހުން ހަނދާންވޭތަ؟ ކަލޭ ހަނދާންކޮށްބަލަ. ކަލޭތީ މިހާރު ބާވެފައި އޮތް އޮޑިއެއް. ދެ ފިރިހެނުން ފޮނި ބޮއެ ޗަސްޗަސްކޮށް އެއްލާލަފަ އޮތް މަލެއް. މިހާރު ދެން މަލަކަށް ވެސް ނުކިޔާނެ. ކޮބާ ކަލޭ ފަހުރުވެރިވީ ރީތިކަން. އަމިއްލަ ސޫރަ ފެނުނަސް ކަލޭ މިހާރު އަމިއްލައަށް މަރުވާނެ. ނިކާލް ވެސް ތިހާ އަގެއްނެތް ބަލާލަން ނުކެރޭ އެއްޗެއް މިހާރު ބޭނުމެއް ނުވާނެ."

ނިކާލްގެ ނަން އިވުމާއެކު ނިހާގެ ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް އުފެދުނެވެ. ހުއްޓިފައިވާ ސިކުނޑި މަޑުމަޑުން މަސައްކަތްކުރަން ފެށިއެވެ. އިލްހާމް ކިޔާދެމުން ދިޔަ ވާހަކަތަކުން ކޮންމެވެސް މަންޒަރެއް ސިފަވާން އުޅުނެވެ. ސާފުނޫން މަންޒަރެކެވެ. އަންހެނަކު ހަޅޭއްލަވާ އަޑުވެސް އިވުނެވެ. އިލްހާމްގެ އަޑު ދަންނަ އަޑަކާއި ވައްތަރުވާ ހެން ވެސް އޭނާއަށް ހީވެއެވެ.

"ނިހާ މި އިލްހާމް މަތިން ހަނދާންވޭތަ؟" އިލްހާމް ނިހާގެ މޫނާ ދިމާއަށް އަރިވެލިއެވެ. "މި މޫނަށް ބަލާބަލަ. ހަމަ ހަނދާނެއް ނުވޭތަ؟ އެ މަސްތީ ވަގުތުތަށް ހަނދާން ނެތުނީތަ؟ ކަލޭގެ އަބުރު ވެއްޔާ މޮޑެލި އިލްހާމް މިހިރީ އަދިވެސް ގަދަވެ ސަލާމަތުން. މި އިލްހާމް ލެވޭވަރުގެ ޖަލެއް މި ރާއްޖެއަކު ނުހުންނާނެ. ހެހެހެ."

ނިހާގެ ހަށިގަނޑަށް ވަރުގަދަ ލޮޅުމެއް އައިސް ތުރުތުރު އަޅަން ފެށިއެވެ. (ނުނިމޭ)

ނަވާރަވަނަބައިގެ ތެރެއިން:-

ނިހާގެ ކުރީގެ މެޑިކަލް ފައިލު ހިފައިގެން އައިސީޔޫ އާ ދިމާއަށް ދިޔަ އިންޝާއަށް އިލްހާމް ނިކުމެގެން ދިޔަ ތަން ފެނުނެވެ. ނިހާގެ ހާލު ރަނގަޅުވެ ބައްދަލުކުރުމުގެ ފުރުޞަތު ދިނީކަމަށް ހީކޮށް އޭނާ ނިކާލަށް ގުޅާފައި އެ ޚަބަރު ދިނެވެ. ނިކާލް ހޮސްޕިޓަށް އައިއިރު ނިހާގެ އެހީތެރިޔަކު ހާޟިރުވުމަށް އެދި ހޮސްޕިޓަލުން ގުޅަން ވެސް ގުޅައިފިއެވެ. ޑޮކްޓަރ ބައްދަލު ކޮށްލައްވަން ބޭނުންވާ ވާހަކަ ބުނުމުން ދެމީހުން ވެސް ތިބީ ހިތްހަމަޖެހިފައެވެ. ނަމަވެސް ޑޮކްޓަރުގެ މޫނު ފެނުމާއެކު އެމީހުންގެ ހިތްތެޅެން ފެށީ ނުރައްކާތެރި އިންޒާރުތަކެއް ސިކުނޑިން ދިނުމުންނެވެ.

"ބަލިމީހައާ ބައްދަލުކުރުން މަނާކުރެވިފައިވަނިކޮށް ބައްދަލުކުރަން އައީ ކާކު؟" ޑޮކްޓަރު ހިތްހަމަނުޖެހިފައި އެހިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހާއި

  މި އިލްހާމް ގެ ކަންތައް މާ ބޮޑު ވެއްޖެ... ދުވަސް ކޮޅަކުން އޭނަ ފަޟީހަތް ވާނެ😶

  18
 2. ބޯ ހަލާކު

  ދެން އަޅެ އެ އިލްހާމް ޖަލަށް ލާބަލަ. ޕްލީޒް. އޭނައަށް ހުރިހާ މޮޅެއް!

  17
 3. އެމަންޖެ

  ދެން ވާހަކަ ދިގުނުކޮއް ނިންމާލަން ފެނޭ މިހާރު ފޫހިވާން ފަށައިފި.

  14
  4
 4. ފައިރޫ.

  ފޫހިވެއްޖެ ނިހާ ފަކީރަށް ތިހެދިގޮތުން އެ އިލްހާމުގަނޑައް ހުރިހާ މޮޅެއް 😭😡

  13
  1
 5. ތުނިޔަ

  އޭދެން ނިހާޔަށް އެވަރުކޮށްލީމަ ވާހަކަމަތިން މުޅިން ފޫހިވެއްޖެ...ތިއިލްހާމު ކުރާކަމެއް ފަޅާވެސް ނާރަނީތަ؟

  10
  3
 6. ޚިޔާލު

  ވާހަކައިގެ ކުރީކޮޅު ވަރަށް ރީތި. ނަމަވެސް މިހާރު ހީވަނީ ވާހަކަ ނިންމަން ނޭނގިގެން އުޅޭހެން. ވާހަކަ ނިންމަން ނޭނގިގެން އިތުރު ބައިތަކެއް ގެންނަހެން

  9
  5
 7. ބަރަބޯމިލް

  ވ ސަކަރާތް ވީ، ނިހާ އަށް އެހެން ހެދީމަ، ވާހަކަ ލިޔުންތެރިޔާ އަށް ޖިނާއި ދައުވާ ކުރަން ޖެހިދާނެ ކިޔުންތެރިންގެ އިހުސާސްތައް ވެއްޔާ މޮޑެލީ ތި 😂