ބޮލީވުޑުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލްއާއި އޭނާގެ ފިރިމީހާަ ޝިލަދިތުޔާއަށް ފިރިހެން ދަރިއަކު ލިބިއްޖެއެވެ. ޝްރެޔާގެ މި އުފާވެރި ޚަބަރު އޭނާގެ ސަޕޯޓަރުންނާއި ހިއްސާ ކޮށްފައިވަނީ އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓަކުންނެވެ.

ޝްރެޔާގެ މި ޕޯސްޓުގައި އޭނާ ލިޔެފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އޭނާއަށް ފިރިހެން ދަރިއަކު ލިބިފައިވާ ކަމަށެވެ. މިއީ މީގެކުރިން ދުވަހަކު ވެސް އިހުސާސް ކޮށްފައިނުވާ އިހުސާސެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

"ފިރިމީހާ ޝިލަދިތުޔާއާއި އަދި އެމީހުންގެ އާއިލާގެ އެންމެން ވެސް ތިބީ ވަރަށް އުފަލުން". ޝްރެޔާ ބުނެފައި ވެއެވެ..

ޝްރެޔާގެ މި ޕޯސްޓު ނިންމާލަމުން އޭނާއާއި ދަރިފުޅަށް ހެޔޮ އެދުންތައް ފޮނުވާފައިވާ އެންމެހާ ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ޝްރެޔާގެ މި ޕޯސްޓާއި އެކު އޭނާއަށް މަރުހަބާގެ މެސެޖުތައް ލިބެން ފެށިއެވެ. ބޮލީވުޑު ފަންނާނުންގެ އިތުރުން ޝްރެޔާގެ ސަޕޯޓަރުން ވެސް އޭނާއަށް މަރުހަބާ ކިޔައި ހެޔޮ އެދުންތައް ފޮނުވާފައިވެއެވެ.

އޭގޭ ތެރޭގައި ލަވަކިޔުންތެރިޔާ ނީތޫ މޯހަންއާއި ޖޯނިތާ ގާންދީއާއި ޝޭކަރު ރާވްޖިއާރީއާއި ޝިވަމް މަހާދޭވަން ފަދަ ފަންނާނުން ހިމެނެއެވެ.

މީގެ މަސްތަކެއް ކުރިން ޝްރެޔާ ވަނީ އޭނާގެ ބަނޑުބޮޑު ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް އޭނާއާއި އޭނާގެ ފިރިމީހާއަށް ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފައެވެ.

މީގެ އިތުރުން ވެސް ބަނޑުބޮޑު އިރު ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގުރާމުގައި ހިއްސާކޮށް ޝްރެޔާ ވަނީ އެތައް ބައެއްގެ ލޯބި ހޯދާފައެވެ.

ޝްރެޔާ ކިޔައިދީފައިވާ މަޝްހޫރު ބައެއް ލަވަތަކުގެ ތެރޭގައި ''ތޭރީ މޭރީ''، ''ސްލޯ މޯޝަން''، ''ގޫމަރު'' ފަދަ ލަވަތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު