''ޓްވިލައިޓް''، ''ބެޓް މޭން'' ފަދަ ފިލުމުތަކުގެ އެކްޓަރ ރޮބާޓް ޕެޓިންސަންގެ ޝައުގުވެރިކަން މިހާރު ހުރީ އެކްޓު ކުރުމުގެ އިތުރުން އެހެން ދިމާއަކަށެވެ. އޭނާ މިހާރު އެންމެ ބޭނުންވަނީ ''ޕްރޮޑިއުސަރ'' އަކަށް ވާށެވެ.

ރޮބާޓްގެ އެކްޓު ކުރުމުގެ ހުނަރު ދައްކާލުމަށް ފަހު މިހާރު އޭނާ ތައްޔާރު ވަމުން ދަނީ ފިލުމު ޕްރޮޑިއުސް ކުރުމުގައި އޭނާގެ ގާބިލްކަން ދައްކާލުމަށެވެ. އޭނާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލުމުގައި މިހާރު ވަނީ ސޮއި ކޮށްފައެެވެ.

ރޮބާޓް ޕްރޮޑިއުސް ކުރާ ފުރަތަމަ ފިލުމު އޭނާ ސޮއި ކޮށްފައިވަނީ ވާރނަރ ބްރޯސްއާއި އެކުގައެވެ. އެއީ ރޮބާޓް ގަބޫލު ކުރާ ގޮތުގައި ވަރނަރ ބްރޯސްއަކީ ކާމިޔާބު ފިލުމުތަކެއް އުފައްދާ ބަޔަކަށް ވާތީއެވެ.

''ވަރނަރ ބްރޯސް، ޕިކްޗާސް އަދި އެޗްބީއޯއަކީ އަބަދުވެސް ވަރަށް މޮޅު ފިލުމުތަކެއް ހަދާ ބައެއް. މި މީހުންނާއި އެކު މަސައްކަތް ކުރަން ލިބުމުން އަހަރެން މިހުރީ ވަރަށް އުފަލުން. ފިލުމުތަކާއި ޓީވީގެ އާކަންތައްތައް ހޯދައި އެކަންތައްތައް ފިލުމުތަކާއި ޓީވީތަކުން ދެއްކުމަށް ވަރަށް ޝައުގުވެރިވެފައި މި ހުރީ. މި ސްޓޫޑިއޯތަކާއި އެކު މަސައްކަތް ކުރުމަށް އަހަރެން ލޯބި ކުރަން. އަދި އެމީހުންގެ މަސައްކަތަށް ދޭ ސަމާލުކަމާއި އައު ކަންތައް ތަޖުރިބާ ކުރުމަށް ތައްޔާރަށް ތިބޭ ތިބުން ފާހަގަކޮށްލަން'' ވަރނަރ ބްރޯސްއާއި އެކު ފުރަތަމަ ޕްރޮޖެކްޓުގައި ސޮއި ކުރުމަށް ފަހު ރޮބާޓް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ވަރނަރ ބްރޯސްއާއި ފިލުމު އުފައްދާ ބައެއް ކުންފުނި ތަކުން ބުނެފައިވަނީ ރޮބާޓްގެ ޝައުގުވެރިކަން ޕްރޮޑިއުސް ކުރުމަށް ލިބިގެން ދިޔުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ.