އެއީ ދެހާހުގެ އަހަރުތަކުގެ ތެރޭގައެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ސްކޫލެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިގެން ކިޔަވާދޭން ފެށުނު މަޖީދިއްޔާ ސްކޫލްގެ ހާލަތު ވަނީ ބޮއްސުން ލާފައެވެ. ދަރިވަރުންގެ އަހްލާގީ މިންގަނޑު ގޯސްވެ، މުޅި ސްކޫލް ވަނީ ހަލަބޮލި ކަމެއްގެ ތެރޭގައެވެ. ކްލާސްރޫމްތަކުގައި ބިސްޖެހުމާއި، ފެންޖެހުން ފަދަ ކަންކަމުގެ އިތުރުން މާރާމާރީގެ އެކި ކަންކަމުން ހަބަރުތަކުގެ ފަލަސުރުހީއަށް އެ ސްކޫލްގެ އެކި މައްސަލަތައް ދިޔައީ އަރަމުންނެވެ. ޓީޗަރުންގެ ބަސް ދަރިވަރުންނަށް ނުވިކޭއިރު، ޕްރިންސިޕަލަށްވެސް އިހްތިރާމް ކުރުމެއް ނެތެވެ. އޭރު ސްކޫލާއި ހަވާލުވެ ހުންނެވި ބޭފުޅާއަށްވެސް އެ ހަލަބޮލި މާހައުލު އެއްގޮތަކަށް ހަމައަކަށް ނޭޅުވުނެއެވެ. އެޑިއުކޭޝަން މިނިސްޓްރީއިން ދޭތެރެ ދޭތެރެއިން ޕްރިންސިޕަލުން ބަދަލުކޮށްގެންވެސް އެ މާހައުލު ބަދަލު ނުކުރެވެނުއެވެ.

އެކި ދިރާސާތައް ހެދުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީއަށް ފެނިވަޑައިގަތީ އެ ސްކޫލަށް އަންހެން ޕްރިންސިޕަލެއް ލުމަށެވެ. އެއީ 2003 ވަނަ އަހަރުގެ ތެރޭގައެވެ. ޖަމާލުއްދީންގެ އެސިސްޓެންޓް ޕްރިންސްޕަލްއަކަށް ހުންނެވި އައިޝަތު ސޯލިހުއާއި އެޑިކޭޝަން މިނިސްޓަރު ބައްދަލުކުރިއެވެ. އޭރު މިނިސްޓަރަކަށް ހުންނެވީ އިސްމާއިލް ޝަފީއުއެވެ. މިނިސްޓަރު އައިޝަތުގެ ކިބައިން އެދުނީ އެސިސްޓެންޓް ޕްރިންސްޕަލެއްގެ ގޮތުގައި މަޖީދިއްޔާއަށް ވަޑައިގަތުމަށެވެ. ނަމަވެސް އައިޝަތަށް އެ ހުށަހެޅުން ބަލައިގަންނަން އުނދަނގޫވިއެވެ. އެއީ ޖަމާލުއްދީނަށް ހިތް ޖެހިފައިވާލެއް ބޮޑުކަމުންނެވެ. އަދި މަޖީދިއްޔާގައި އޭރު އޮތް މާހައުލު ހަމައަކަށް އެޅުވުމުގައި "ފެއިލް" ވެދާނެ ކަމުގެ ބިރު ހީވާތީއެވެ.

"އަޅުގަނޑު ދެންނެވިން އެ ހުށެހެޅުން އައިމާ ވަރަށް ބިރުގަނެއޭ. ކީއްވެހޭ އަޅުގަނޑު؟ އިސްމާއިލް ޝަފީއު ވިދާޅުވި އައިސްތަށް ވާނެއޭ، އެހެން ނޫނީ އެޑިއުކޭޝަންގައި އޭރު އުޅުނު ހުރިހާ އެންމެން އެހެން ނުބުނާނެ އެއްނުހޭ ކިޔާފައި ވަރަށް ހިތްވަރުދިން. އެކަމަކުވެސް އަޅުގަނޑު ދެންނެވިން އަދިވެސް ވަރަށް ކަންބޮޑުވެއޭ އެބަ ވަރަށް ބިރުގަނެއޭ. އަޅުގަނޑަށް ފެއިލްވެއްޖިއްޔާ ކިހިނެއްހޭ ހަދާނީ. އޭރުން މުޅި ކެރިޔާ އެ ދިޔައީ ނޫންހޭ. އެހެން ބުނީމާ އިސްމާއިލް ޝަފީއު ވިދާޅުވި މި ތިމަންނައަށް ކޮށްދޭ ކަމަކަށް ބަލައިގެން ކޮށްދީބަލާށޭ. އައިސްތު ފެއިލްވެއްޖިއްޔާ ތިމަންނަ ހުރި ތަނަކަށް ވަޒީފާއަށް ގެންނާނަމޭ އެއަށްވުރެ ބޮޑު މުސާރައަކާއި އެކު. އެ ހިސާބުން އަޅުގަނޑަށް ވަރަށް އަސަރު ކުރި. އަޅުގަނޑު އެއްބަސްވެއްޖައިން ވަރަށް ބިރުން ހުރެވެސް މަޖީދިއްޔާއަށް ދާން" އައިޝަރު ކިޔައިދިނެވެ.

މަޖީދިއްޔާގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހް -- ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މަޖީދިއްޔާއަށް ވަޒީފާއަށް ނިކުތް ފުރަތަމަ ދުވަހުގެ އެސެމްބްލީގައި ބައިވެރިވެ އައިޝަތު ވާހަކަދެއްކެވިއެވެ. އައިޝަތު އަމިއްލައަށް ތައާރަފްވުމާއި އެކު ބައެއް ކުދިން ތުންފުމެ ހަޅޭއްލެވި ކަމަށްވެއެވެ. އެދުވަހު ކުޑަކޮށް ކްލާސްރޫމްތައް ކައިރިން ހިނގާލުމުން ފެނިގެން ދިޔައީ ހައިރާން ކުރަނިވި މަންޒަރުތައް ކަމަށް އައިޝަތު ކިޔައިދިނެވެ. ބޯޑަށް ބިސްޖަހާފައި ހުރިއިރު ކްލާސްރޫމްގެ ބިންމަތީ ހުރީ ހުސް ބިސްތޮށި ކަމަށްވެއެވެ. ކޮންމެ ދުވަހު ބޯޑްތައް ދޮވެ ބަދަލުކުރަން ޖެހޭ ކަމަށް އައިޝަތު ވިދާޅުވިއެވެ. އެހެންނަމަވެސް ބިސް ޖެހުމުގެ ސަގާފަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުއްޓުވި ކަން ފާހަގަކުރެއްވިއެވެ.

ސްކޫލްގެ ހާލަތު ކިޔައިދެމުން އައިޝަތު ވިދާޅުވީ އާންމުކޮށް ޓީޗަރުންނަށް ކޮންޓްރޯލް ނުވާ 100 އެއްހާ ކުދިން ތިބޭއިރު، އެ ކްލާސްތަކާއި ކައިރިއަށް ދިއުމަށް ޕްރިންސިޕްލަވެސް ޖެހިލުން ވާނެ ކަމަށެވެ. އައިޝަތު އެ ކްލާސްތަކުގެ ދޮރުމަތިން އެންމެ ފުރަތަމަ ދުވަހު ހިނގާފައި ދިއުމުން "އައްދެ ހާދަ ގަދަ ވެލާފަ ތި ދަނީ" އެހެން އެއް ކުލާހެއްގެ ކުދިން ބުނި ހަނދާން މިހާރުވެސް އެބަހުއްޓެވެ.

އެއް ކްލާސްރޫމް ތެރެއަށް ވަދެ، އެ ކްލާސް ތެރޭގައި ހުރި ބިސް ތޮށިތަކާއި ގުޅިގެން އައިޝަތު ސުވާލު ކުރިއެވެ. ޖަވާބުގައި "އެއީ ތިމަންނަމެން ގެންނަ އެއްޗެއް ނޫން ކަމަށް" އެކުދިން ބުންޏެވެ. ނަމަވެސް އެ ދުވަހު އެ ކްލާހުން އައިޝަތު ނިކުތީ ބިސްތައް ގެންނަ ބައެއް ހޯދާނެ ކަމަށް ވިދާޅުވެފައެވެ.

ބިސް ގެންނަ ބައެއް ބެލުމަށްޓަކައި ސެޝަން ފެށުމުގެ ކުރިން އެ ގްރޭޑްގެ ހުރިހާ ކުދިންގެ ދަބަސްތައް ބަލަން ފެށިއެވެ. އެންމެ ބިހެއްވެސް ނުފެނުނުއެވެ. ނަމަވެސް ބިސް ޖެހުމުގެ ސަކަރާތް ކޮންމެ ދުވަހަކުވެސް ކުރިޔަށް ގެންދާ ކަމަށް އައިޝަތު ކިޔައިދިނެވެ.

މިގޮތަށް ދަބަސްތައް ބަލަމުން އަންނައިރު އެއްވެސް ކުއްޖެއްގެ ދަބަހުން ބިސް ނުފެނި ބިހުގެ ކުޅިވަރު ކްލާހުގައި ކުޅެމުން ދާތީ އައިޝަތު ކުޑަކޮށް ކަންބޮޑުވިއެވެ. އަދި އެކުދިން ކްލާހަށް ބިސް އެތެރެ ކުރާގޮތް ބެލުމަށް އިތުރަށް މަސައްކަތް ކުރަން ފެށިއެވެ. އެ މަސައްކަތްތަކުން ހާމަވެގެން ދިޔައީ ބިސްގަނެގެން ސްކޫލަށް ވެއްދުމުގެ ކުރިން ދަށް ގްރޭޑެއްގެ ކުއްޖެއްގެ ދަބަހަށް ބިސްތައް އަޅާ ކަމެވެ. އަދި އެ ކުއްޖާއަށް ގަނާކޮށްގެން ބިރުދައްކައިގެން ކޮންމެ ދުވަހަކު ސްކޫލަށް ބިސް އެތެރެކޮށް، ދަބަސްތައް ބަލާ ފާސްކޮށް ނިމުމާއި އެކު ބިސްތައް ބަލާ ދާކަމެވެ.

އެއްދުވަހު މި ކުދިން ބިސްތައް ބަލާ އައުމުގެ ކުރިން އެ ކުއްޖާގެ ދަބަހުން ބިސްތައް ނެގިއެވެ. އެކަމާއި ރުޅިއައިސްގެން އެކުއްޖާއަށް ވަރަށް އަނިޔާ ކުރި ކަމަށްވެއެވެ. އައިޝަތު ވިދާޅުވީ ވަގުތުން އެކުދިން ސުޕަވައިޒާސް ރޫމްއަށް ގެނެއުމަށްފަހު ދުވަސްކޮޅަކަށް ސަސްޕެންޑް ކުރި ކަމަށެވެ. އަދި ސަސްޕެންޑް ކުރުމުން ރުޅިއައިސްގެން ސީއެޗްއެސްސީގައި ކިޔަވަމުން ދިޔަ އައިޝަތުގެ ދަރިފުޅަށް ހަމަލާދިން ކަމަށް ވިދާޅުވިއެވެ. މި ހަމަނުޖެހުންތަކަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބިސް ޖެހުމުގެ ސަގާފަތް ހުއްޓުވުނު ކަމަށާއި، އެއީ ހާސިލްކުރެވުނު ބޮޑު ކާމިޔާބެއް ކަމުގައި ފާހަގަކުރެއްވިއެވެ.

އައިޝަތު ވިދާޅުވީ ދެތިން ހަތަރު މައްސަލައެއް ނާންނަ ދުވަހެއް ނުދާ ކަމަށެވެ. އެހެން ނަމަވެސް އެ ހަލަބޮލި މާހައުލު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވުނު ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް މާސްޓާސްއަށް ކިޔަވަން ދާން ފުރުސަތު ލިބުމުން އެ ވަޒީފާ ދޫކުރައްވާ އޭނާ ވަޑައިގަތީއެވެ.

ކިޔަވާ ވިދާޅުވުމަށްފަހު އެނބުރި ވަޑައިގެން ތާޖުއްދީންގެ ޕްރިންސްޕަލްކަން ކުރެއްވުމަށްފަހު އަނެއްކާވެސް އެނބުރި މަޖީދިއްޔާއަށް އައިޝަތު ވަޑައިގަތީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެފަހަރު މަޖީދިއްޔާއަށް އައީ ޕްރިންސިޕަލްއެއްގެ ގޮތުގައެވެ. މަޖީދިއްޔާގެ އެ ހަލަބޮލި މާހައުލުގައި އަހްލާގީ މާތް ސިފަތަކުގެ ފަލްސަފާ ފެތުރުނު ކަނބަލަކަށް އެކަމަނާވިއެވެ. ރާއްޖޭގެ ފުރަތަމަ ސްކޫލްގެ ފުރަތަމަ އަންހެން ޕްރިންސްޕަލް ކަމުގެ ޝަރަފު ލިބިވަޑައިގަތެވެ.

މަޖީދިއްޔާގެ މޮޓޯގައިވާ ފަދައިން ހުރިހާ ގޮތަކުން އެންމެ މޮޅު ސްކޫލުގެ ނަން މަޖީދިއްޔާއަށް ހޯދާދޭން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އައިޝަތު ވިދާޅުވީ އެކަމަނާ ބޭނުންވީ މަޖީދިއްޔާގެ ޒަމާނީ ސަގާފަތް ނުގެއްލޭނެ ގޮތަކަށް ސްކޫލްގެ މާހައުލު ބަދަލުކުރަން ކަމަށެވެ. އަހްލާގާއި ތައުލީމުގެ މުހިންމުކަން ދަރިވަރުންނަށް ވިސްނައިދޭން ކަމަށެވެ. އިތުރު ހަރަކާތްތަކުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް ދަރިވަރުންނާއި ޓީޗަރުންނާއި ދެމެދު ގާތް ގުޅުމެއް އުފައްދާށެވެ. އެ ލަނޑުދަނޑި ހާސިލްވެ، ފަހުރުވެރި ރަން ވަނަތަކެއް ކުޅިވަރުތަކުންނާއި ތައުލީމީ ގޮތުން ފާއިތުވެ ދިޔަ 6 އަހަރު ތެރޭގައި މަޖީދިއްޔާއަށް ލިބިގެން ދިޔައެވެ.

މަޖީދިއްޔާގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހް ވަގުތުއަށް އިންޓަވިއު ދެނީ -- ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

2016 ވަނަ އަހަރު މަޖީދިއްޔާއަށް އަލުން އެނބުރި އައުމަށްފަހު އައިޝަތު އަޒުމް ކަނޑައެޅި އެއް ކަމެއް ވެއެވެ. އެއީ އޭރު ގްރޭޑް 6 ގައި ކިޔަވަމުން ދިޔަ ދަރިވަރުންނަށް ހާއްސަ ސަމާލުކަމެއް ދީގެން އެކުދިންގެ ނަތީޖާއިން ތަފާތު ދެއްކުމެވެ. މިހާރު އެކުދިން އަންނަނީ އޯލެވެލް އިމްތިހާން ހަދަމުންނެވެ. އައިޝަތު އުންމީދު ކުރަނީ މި ދަރިވަރުންގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅު ވާނެ ކަމަށެވެ. އަދި މަޖީދިއްޔާގެ ތާރީހުގެ ތެރެއިން މި ބެޗްގެ ދަރިވަރުންގެ ނަންތައް ފަވާލެވިގެން ދާނެ ކަމަށެވެ.

"އެ ބެޗް ވަރަށް ތަފާތުކޮށް ގެންގުޅުނީ. އަޅުގަނޑު ހަވާލުވީއްސުރެ ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް އެ ބެޗަށް ދިނިން. ހުރިހާ ކުދިންނާއި ވަކިވަކިން ބައްދަކޮށް، އެކުދިންގެ ބެލެނިވެރިންނާއިވެސް ވަކިވަކިން ބައްދަލުކޮށް ވާހަކަދައްކާ ހެދިން. އުންމީދު ކުރަނީ މި ބެޗްގެ ކުދިން މަޖީދިއްޔާގެ ނަން ވިދާލާފަދަ ރަނގަޅު ނަތީޖާއެއް ހޯދާނެ ކަމަށް" އައިޝަތު ވިދާޅުވިއެވެ.

އައިޝަތުގެ އުންގަންނައި ދިނުމުގެ ހަޔާތް ފެށުނީވެސް މަޖީދިއްޔާއިންނެވެ. އެއީ ޓީޗަރުކަން ކިޔަވަން އުޅުނު އިރު މަސައްކަތުގެ ތަޖުރިބާ ހޯދުމަށް މަޖީދިއްޔާއަށް ދާން ޖެހުމުންނެވެ.

ތައުލީމީ ދާއިރާއަށް ވަންނަން ސްކޫލު ދައުރު ނިންމުނު އިރުވެސް އައިޝަތުގެ ވިސްނުމެއް ނެތެވެ. އެހެންނަމަވެސް އެކުގައި އެޅުނު ރައްޓެހިން ޓީޗިންގް ކޯސް ހަދަން ނިންމުމުން އެކުދިންނާއި އެކު ކިޔަވަން ފެށީއެވެ. އައިޝަތު އެންމެ ކުޑައިރުއްސުރެވެސް ބޭނުންވީ ކެބިން ކްރޫ އަކަށް ވާށެވެ. ރީތިކޮށް ހެދުން އެޅުމާއި ފެޝަނަށް އޭރުވެސް ލޯބިކުރިއެވެ. ކެބިން ކްރޫއަކަށް ނުވެވިއްޖެނަމަ އެޔާ ޓްރެފިކް ކޮންޓްރޯލަރަކަށް ވުމަށެވެ. ދުވަހަކުވެސް ޓީޗަރަކަށް ނުވާނަމޭ ހިތައް އަރުވައިގެން ހުރި އައިޝަތަށް އެންމެފަހުން ވަދެވުނީ އެ ދާއިރާއަށެވެ.

އަމީނިއްޔާގައި ހޭދަކުރި ދުވަސްތަކުގައި ހީވާގި ކަމާއި އެކު އިތުރު ހަރަކާތްތަކުގައި ޝާމިލްވެ އުޅުމުން އެ އިސްނެގުމުގެ ސިފަ މަސައްކަތުގެ މައިދާނަށް ނިކުތުމުންވެސް އައިޝަތުގެ ކިބައިން ފެނިގެން ދިޔައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ޖަމާލުއްދީނަށް ވަދެވުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގާމުގެ ކުރިއެރުން ލިބިގެން ދިއުމެވެ. ޓީޗަރަކުން ސުޕަވައިޒަރަކަށް އަދި ސުޕަވައިޒަރަކުން އެސިސްޓެންޓް ޕްރިންސްޕަލަކަށްވެ، ޕްރިންސިޕަލްކަމުގެ މަގާމަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާދެވުމެވެ.

މި ދާއިރާގައި 30 އަށް ވުރެ ގިނަ އަހަރު ގުނަމުން ދާއިރު އައިޝަތަކީ ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ޓީޗަރެކެވެ. އަދި ޕްރިންސިޕަލެކެވެ. އޭނާއަކީ ހިންނަވަރަށް އުފަން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ އެއްބަނޑު އެއްބަފާ ދައްތައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޢާމިރު ރަޝީދު

    މެޑަމް އައިޝަތު މުޙައްމަދު ޞާލިޙު ބަދަލު ގެންނެވީކީ ހަމައެކަނި މަޖީދިއްޔާ ސުކޫލުގައެއް ނޫން.. ތާޖުއްދީން ސުކޫލަށްވެސް ބޮޑު ބަދަލެއް ގެނެސްދެއްވި... އެވާހަކަތައްވެސް ހިމަނާލިނަމަ އަދި މި ލިޔުން އިތުރަށް ފުރިހަމަ ވެގެން ދިޔައިސްކަން ކަށަވަރު... މެޑަމް އާމެދު ފަޚުރުވެރިވަން.... އިތުރު ކާމިޔާބު ދެއްވާށި!

    76
    16
  2. ރަދީފް

    އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޮ ދޯ، ބޮޑު ވަގެއް ތީ!

    31
    86
    • ނޯ ނޭމް

      ކޮންމެ މީހަކީ ވަގެއް ނޫން. ވަކި މީހެއްގެ ކޮއްކޮއަށް ވީތީ ނުވަތަ އެއްބަނޑު އެއްބަފާ މީހަކަށް ވީތީ ވަގަކަށް ވެދާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ. ކިޔަވައިދިނުމުގެ ދާއިރާގައި އުޅޭ މީހުންނަށް ދިވެހި ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވާތީ ބުނެލަން ބޭނުން. އެ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންނަކީ އަމިއްލަ އެތައް ވަގުތެއް ދަރިވަރުންނަށްޓަކާ ޤުރުބާންކޮށް، އަމިއްލަ ޖީބުން އެތައް ހަރަދެއްކޮށް، ހައްޤު ނޫން ކުޑަ މުސާރައަކަށް މަސައްކަތް ކުރަމުންދާ ހީވާގި ކެރޭ ކެތްތެރި ބައެއް. ކިތަންމެ ހަޖަމު ކުރަން އުނދަގުލަސް ހަޤީޤަތަކީ މީ. ﷲ ގެ ހެޔޮ ރަޙުމަތްފުޅާއިއެކު ތިފަދަ ވިސްނުން ގެންގުޅޭ އެންމެންގެ ވިސްނުން ބަދަލުކޮށްދެއްވާށި

      50
      5
    • Anonymous

      މީހުންނަށް ވަގަށް ގޮވުމަކީ މިގައުމުގައި މިހާރު ވަރަށް އާއްމުކަމެއް. އެއީ ހައްދު ކަނޑައަޅުއްވާ ކީރިތި ޤުރުއާނުގައި ވާ ބޮޑު ކުށެއް. ޘާބިތުވެއްޖެނަމަ އަތް ކަނޑަށް ޖެހޭ. މިވަރުގެ ބޮޑު ކަމެއްގެ ތުހުމަތު ހަމަ އަނގަމަތީ ބަހަކަށް ހެދީމަ މުޖުތަމައު ފަސާދަވަމުން މިދަނީ.... ރައީސް ޔާމީނަށް ވަގަށް ގޮވުމަށް މޑޕ ގެ ތައުލީމުނެތް ޖާހިލުން ނެރުނީ. މިއަދު ތިޔަބައިމީހުންގެ އަނބިދަރިންނާ ފިރިންނަށްވެސް މިގޮވަނީ ހަމަ ވަގަށް... ގައުމު ހަލާކުކުރާ ހުރިހާ ކަމެއް ކުރުވާ ބަޔަކީ ހަމަ މޑޕ މީހުން.

      9
      3
  3. ާވިރޭ

    މީ ބެސްޓް ޕްރިންސިޕަލް، ޓީއެސް ގަ އެއްކޮށް މަސައްކައް ކޮއްލަން ފުރުސަތު ލިބުނު، ވަރަށް ހިތްހެޔޮ ލޯބި ބޭފުޅެށް

    70
    14
  4. ނުބުނާނަން

    ސުކޫލު ހިންގަނީ ޝީޒާ އަލީ
    އައިސްތު އަކީ ޕަޕެޓެއް

    50
    43
    • ތޭރަވާ ޖޫނިއާ

      ކިިހިނެއް އެނގުނީ

      7
      4
      • ނުބުނާނަން

        ސުކޫލުގަ 2011 އިންސުރެ އުޅޭ ދަރިވަރަކަށް ވީތީ

        12
        3
    • ޢަހަރެން

      ތިބުނާ ޝީޒާ އުޅުނު އައިޝަތު މުހައްމަދު ސާލިހް ސްކޫލާއި ހަވާލުވުމުގެ ކުރިންވެސް... ޢަހަރެން މީ މަޖީދިއްޔާގައި 07އަހަރު އައިސްތު އާޢި އެކީ މަސައްކަތް ކުރި މީހެއް.. އެއީ ހަމަ އެއްވަނަ ނޭނގޭ ވާހަކަ ނުދެއްކުން އެދެން

  5. ދަރިވަރު 1

    ހަހަހަަަހަހަހަހަހަހަހަހަހަހަހަހަހަަހަހަހަަަހަހަހަހަހަހަހަހަހަހަހަހަހަަހަހަހަހަހަަަހަހަހަހަހަހަހަހަހަހަހަހަހަަހަ

    14
    6
    • ދަރިވަރު 2

      ހަހަހަހަހަހަހަހަހަހަހަހަހަަަަހަހަހަަހަަަހަހަހަހަަަ

      14
      6
  6. 12-***

    2003 ވަނަ އަހަރު މަޖީދިއްޔާގަ ނޫޅޭނެ ދަށް ގުރޭޑް ކުދިންނެއް

    30
    6
  7. ޒަރޭ

    ހަލަބޮލި ސްކޫލް ހަންމަތަވީ ދެޖިންސުގެ ކުދިން ނަށް ކިޔެވޭގޮތައް ބަދަލު ގެނައިފަހުން.މީނަގެ މޮޅުކަމަކުންނެއްނޫން.

    33
    5
  8. ކުލުނު

    ތާޖުއްދީނުގައި އުޅުއްވިވާހަކަ ހިމަނާލެއްވިނަމަ

    10
    7
  9. ޢަހު

    ދަރިވަރުންނާއި ޓީޗަރުންގެ ގުޅުމަޚީ ވަރަށް މުހިއް އެއްޗެއް.

    17
    2
  10. ޙައްޖަ

    ހިންގުންތެރިވެެގެން ލިބުނު ކާމިޔާބެއް ބުނެބަލަ މަޖީދިއްޔާ ސްކޫލަށް.

    33
    3
  11. ފާތި

    ކިތަން މެ ޚިޔާލު ތަފާތުވެ އެއްޗިހި ކިޔާ ކޮ މެންޓް ކުރިއަސް އައިޝަތު މުޙައް މަދު ސޯލިހް އަކީއުޅުއްވި ހުރިހާ ސްކޫލެއްގެ ވެސް ކުދިންނާ ސްކޫލް ހިންގާ ފަރާތްތަކުގެ އިތުރުން ބެލެނިވެރިންގެ ލޯބި ހާސިލް ކުރައްވާ ފައިވާ ނަ މޫނާބޭފުޅެއް. ކަ މަށްކަ މޭހިތްތަވާ ކުދިންދެކެ ލޯބިވާ ޕްރިންސިޕަލް އެއް. މާތްﷲ ގެ ވާގިފުޅާއި އެކު އައިސްތުގެ މަސައްކަތުގަ ބަރަކާތް ލައްވާ ފުރިހަލމަ ސިއްހަތަކާއެކު ތިކުރައްވަމުން ގެންދަވާމޤަައު މީ ޚިދު މަތު ގައި ސާބިތުވެ ހުރު މުގެ ހެޔޮ ތައުފީގު ދެއްވާށި. ޢާ މީން

    30
    6
  12. ހުސެންދީ

    އިސްމާލް ޝަފީއުރަށައި އައިޝަތު މުހަންމދު ސޯލިހުއަށައި ޝިޒާ އަލީއަސް އައްސަރިބަހާއި ސާބަސް

    14
    5
  13. ވެޓެރަން އެހީތެރިޔާ

    ޑރ ންނޫނަކަސް ކުރީގައިވެސް މިފަދަ ފަންނީ ދާއިރާތަކާ ގުޅޭ ފާހަގަކޮށްލެވޭ ވަޒީރުންވެސް އުޅުއްވިއެވެ. ދެއްވި ބޮޑުހިތްވަރާ ވަޒީފާގެ ގެރެންޓީއެވެ. ވަޒީފާގެ ގެރެންޓީ އަކީ ވަރަށް އަސާސީ ހައްގަކަސް މިފަދަ ދާއިރާތަކުގައި ނުހަނު ދަތިކޮށް ޒުވާން އަދި މުޅި އުމުރު ހޭދަކުރުމުންވެސް ކެހިވެރިިގޮތަކަށް ނަގާއެއްލާ ލާކަމީ ވަރަށް ހިތާމަހުރިކަމެކެވެ.

    16
    3
  14. މހއމދސމ

    އެކަ މަނާ ތާޖުއްދީންގަ ޕުރިންސިޕަލަކަށް އުޅުއްވިއިރު ދަރިވަރެއްގެ މައްސަލައެއްގަ ބައްދަލުކުރިން..އެއީ އެކަ މަނާޔާ ބައްދަލުވި ފުރަތަމަ ފަހަރު..އެދުވަހު އެކަމަނާގެ ފަރާތުން ފެނިގެން ދިޔައީ ކެއްތެރި ކަ މާއި އެކު އަޑުއެހުމާއި ކަންކަން ހައްލުކުރެވޭނެ ކަމުގެ އިތުބާރު..ގާބިލު ބޭފުޅެއް..

    18
    3
  15. ޕޭރެ ންޓެއް

    މީ ވަރަށް ހިތްވަރު ގަދަ ކުއްޖެއް

    11
    4
  16. ކަމަނަ

    މަޖީދިއްޔާ ސްކޫލް ރަގަޅު ކުރީ އައިޝަތު ޞާލިހު އެއް ނޫން ޢަބްދު ﷲ އިސްމާޢިލް މަޖީދިއްޔާ މަޖީދިއްޔާ އަކަށް ހެދީ! މަޖީދިއްޔާ ގެ ހުރިހާ ޓީޗަރުން މިކަމަށް ހެކިވާނެވެ.
    މިހާރު މަޖީދިއްޔާ ގެ ހުރިހާ ކަމެއް ކުރަނީ ޝީޒާ ޢަލީ ތީ ހަމަ އެކަނި ނަމެއްގަ ހުންނަ މީހެއް ރައީސް ގެ ދައްތަ ވީމަ މޮޅު ކޮށްފައި ތި ލިޔަނީ

    24
    6
  17. ޚަމަނަ

    މަޖީދިއްޔާ ސްކޫލް ރަގަޅު ކުރީ އައިޝަތު ޞާލިހު އެއް ނޫން ޢަބްދު ﷲ އިސްމާޢިލް މަޖީދިއްޔާ މަޖީދިއްޔާ އަކަށް ހެދީ! މަޖީދިއްޔާ ގެ ހުރިހާ ޓީޗަރުން މިކަމަށް ހެކިވާނެވެ.
    މިހާރު މަޖީދިއްޔާ ގެ ހުރިހާ ކަމެއް ކުރަނީ ޝީޒާ ޢަލީ ތީ ހަމަ އެކަނި ނަމެއްގަ ހުންނަ މީހެއް ރައީސް ގެ ދައްތަ ވީމަ މޮޅު ކޮށްފައި ތި ލިޔަނީ

    18
    5
  18. ކަރާ ބަނޑޭ

    މީނަ ސްކޫލަށް އައި ފަހުން މުޅި ސްކޫލް ހަރާބުކޮށްފި

    12
    1
  19. ރިފާލީ

    ޢާއިޝަތު ސޯލިހު 2016 ވަނަ އަހަރު ސްކޫލަށް އައި ފަހުން ސްކޫލް ގެ އެކެޑެމިކް ޕާފޯމެންސް ދަނީ ދަށަށް

    16
    2
  20. ޖީމު

    މޮޅު ސުރުޚީ ޖެހިދާނެ. މިހާރު މަޖީދިއްޔާއަކީ ފެއިލް މެނޭޖްމަންޓެއް އޮތް ނަތީޖާ ސުމެއްގެ ތަނެއް. އަމީނިއްޔާ މަޖީދިއްޔާ ނަތީޖާ މޮޅުވަނީ މުއްސަންދިންނާއިގެ ދަރިންނާއި ބުރަމަސައްކަތުން ފައިސާކޮޅެއްލިބޭ މީހުންގެ މައިންބަފައިން އިގިއްޔަކަށް ޓިއުސަން ދިނުމަށް ގެއަށް ޓީޗަރުން ގެނެސްގެން ތިކަމެއް ވެފަ އޮތީ. ރަނގަޅު ބިހެއްނުޖަހާ. އޭރުގަ ހުރިހާ ސްކޫލެއްގެވެސް ބިސްޖެހި. އެސަޤާފަތް އަމިއްލައަކަށް ހުއްޓުނީ

    16
  21. ފެމިލީ 1ސްޓް ޕޮލިސީ

    އާ ނަންނަމުގަ އިނާމް ދޭން އިއުލާން ކޮއްފަ އާއިލާ އަށާ ބޮޑުންނަށާ ފައިސާހުރީތީ ކިޔަވައިިގެން ލާދީނީ ވެރިންނާ ގާތްގުޅުން އޮންނަ މީހުންނަށާ ދޫލައިގެން އުޅެންދަންނަ މީހުންނަށާ ލާދީނީ މީހުންނަށްދޭންމިފެށީ. ބަދަލު، އިނާމް، މަގާމު، ވަޒީފާގެ ކުރިއެރުން، މުސާރަބޮޑު އާމަގާމު...ސޭޑް ފޯ އަސް ޕުއަރ ޕީޕަލް... ނޯ ވިން އެނީވޭ