މިނިވަން ޑިމޮކްރަޓިކް މުޖުތަމައެއް އެގޮތުގައި ދެމިއޮވެ، މުޖުތަމައުން ބާކީވެ، އެކަހެރިވެފައި ތިބޭ މީހުންގެ ހައްގުތައް ކަށަވަރު ވެގެން ދިއުމުގައި ނޫސްވެރިންގެ ދައުރު ބޮޑެވެ. ނޫސްވެރިކަމަކީ މިނިވަން ޑިމޮކްރަޓިކް މުޖުތަމައެއްގެ ހަތަރު ވަނަ ބާރު ކަމަށް ބުނެވެނީ ވެސް އެހެންވެއެވެ. ރައްޔިތުންނާ އެންމެ ގާތުން އެ މީހުން ތަކުލީފްތަކުގެ އަޑު އެހުމަށް ތިބެނީ ނޫސްވެރިންނެވެ. އެ މައްސަލަ ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް އަންނަނީ ގިނަ ފަހަރު ޚަބަރެއް ޝާއިއު ކުރުމުންނެވެ.

ރާއްޖޭގައި ތިބި މަދު ނޫސްވެރިންގެ ތެރެއިން އިޖުތިމާއީ މައްސަލަތަކަށް ހާއްސަ ނޫސްވެރިން އަދި އެއަށްވުރެ ވެސް މަދެވެ. އޭގެ ތެރެއިން އެއް ނޫސްވެރިޔަކީ "ވޮއިސް" އާއެކު ކިޔުންތެރިންނާއި ބައްދަލު ކުރާ އެނޫހުގެ ޗީފް އެޑިޓަރ ޝަފްރާޒް އަހްމަދު ހުސެއިން އެވެ.

ސ.ހިތަދޫއަށް އުފަންވި ނަމަވެސް ޝަފްރާޒްގެ ހަނދާންތައް އެންމެ ކުޑައިރުއްސުރެ ގުޅެނީ މާލެ އާއިއެވެ. ސްކޫލަށް ވަންނަ އުމުރުން ފެށިގެން އޭނާގެ ދިރިއުޅުން ބިނާވީ މާލެ އަށެވެ. އަމީރު އަހުމަދާއި ކަލާފާނާއި އިމާދުއްދީނުން ތައުލީމް ހާސިލްކޮށް ސްކޫލް ދައުރު ނިންމާލިއިރު ވެސް އޭނާ ހުރީ ނޫސްވެރިކަމުގެ މައިދާނަށް ފައްކާވާން ފަށާފައެވެ.

ޝަފްރާޒް "ވަގުތު" އާއި ވާހަކަ ދައްކަނީ: ވަގުތު އިމޭޖެސް: އިބްރާހީމް ޝާބިލް

ސަބަބަކީ ސްކޫލް އެންމެ ފަހުގެ އަހަރުތައް ވެގެން ދިޔައީ ރާއްޖޭގެ މިޒަމާނުގެ ތާރީޚްގައި ނޫސްވެރިކަމަށް ބޮޑު އިންގިލާބެއް އައި ދުވަސް ވަރަށް ވުމެވެ. ނޫސްވެރިން ތޮށިގަނޑު ފަޅާލާފައި ނިކުމެ ހިތަށް އެރި ކޮންމެ އެއްޗެއް ލިޔަން ފެށިއިރު ޒުވާން ކަމުގެ ޖޯޝާއި ފޯރީގައި އެމަންޒަރު ބަލައި އެއެއްޗެހި ކިޔަން ހުރި އެކަކީ ޝަފްރާޒެވެ.

"ހަވީރު" ނޫހާއި "އާފަތިސް" ފަދަ ނޫސްތަކުގެ ޕްރިންޓް ކޮޕީ ގެއަށް ގެނައުމުން އެ ނޫސްތައް ކިޔައި، ނޫސްތަކުގައި ހުރި ޚަބަރުތަކާއި މައުލޫމާތުތަކަށް ސަމާލުކަން ދެވުން އެއީ ނޫސްވެރިކަމަށް ޖެހުނު ފުރަތަމަ ލޯބި ނަމަވެސް ލިޔުންތެރިކަމާއި، އިޖުތިމާއީ މައްސަލަތަކުގެ ތެރެއަށް އޭނާ ވެއްދީ ބްލޮގް ކުރުމާއި، ދިވެހި އޮބްޒާވާ ފަދަ ވެބްސައިޓްތަކެވެ.

"ސްކޫލްގެ ސެކަންޑަރީ ދުވަސްކޮޅު ދިމާވަނީ ރާއްޖޭގެ އިސްލާހީ ހަރަކާތާއި. އޭރު ދިވެހި އޮބްޒާވާ އޮވޭ. އެކަމަކު ދިވެހި އޮބްޒާވާ އާއި އެފަދަ އެހެން ބައެއް ސައިޓްތައް ވެސް ހުންނާނީ އިންޓަނެޓުން ބްލޮކް ކޮށްފައި. އޭރު އިންޓަނެޓް އިން ނުވަދެވޭނެ އެފަދަ ސައިޓް ތަކަކަށް. ދެން އަހަރެމެން ކުރާ ކަމަކީ ވީޕީއެން ތުރޫ ކޮށް ވަދެ ޕްރިންޓް ކޮށްގެން ޕްރިންޓް ކޮޕީ ހިފައިގެން އަންނަނީ ކްލާހަށް. ދެން އޭގައި ހުންނަ ލިޔުންތައް މި ކިޔަނީ." ޝަފްރާޒް ބުންޏެވެ. ޝަފްރާޒް ނޫސްތަކަށް ލިޔަން ފެށުން ވެސް ގުޅިފައި އޮތީ ދިވެހި އޮބްޒާވާ އާއިއެވެ. އެއީ އޭނާ ގްރޭޑް 10 ގައި ކިޔަވަމުން ދިޔަ ދުވަސްވަރު އެވެ.

ޝަފްރާޒް މަގުމަތީގައި ހަރަކާތްތެރި ވަނިކޮށް

ހަމަ އެދުވަސްވަރު ދެން އޭނާ އާއިއެކު އޭނާގެ އެކުވެރިން ވެސް ހިމެނޭ ގޮތައް ފެށި ކަމަކީ ބްލޮގް ލިޔުމެވެ. އަމިއްލަ އަށް ބްލޮގް ހަދައިގެން ބްލޮގްތަކުގައި ތަފާތު މައުލޫތަކަށް ލިޔުންތައް ލިޔުން އެއީ އޭރު ދިވެހިންގެ ތެރޭގައި އޮތް ޓްރެންޑެކެވެ. އެ ޓްރެންޑްގައި ޝަފްރާޒް ވެސް އަމިއްލަ އަށް ބްލޮގެއް ހަދައި ބްލޮގްގައި އިޖުތިމާއީ މައްސަލަތަކާއި ގުޅޭ ގޮތުން ލިޔަން ފެށިއެވެ.

"އޭރުގައި ބްލޮގިންގައި އުޅޭނެ މޮޔަ މީހާ (ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން). އޭގެ އިތުރުން ވެސް އުޅޭނެ ވަރަށް ވަރުގަދައަށް ބްލޮގް ލިޔަމުން ދިޔަ މީހުން. އެއީ ރާއްޖޭގައި ބްލޮގިން ވަރަށް ވަރުގަދަ އިރެއް." ޝަފްރާޒް ބުންޏެވެ.

ދިވެހި އޮބްޒާވާ އާއި އަދި ބްލޮގް އިން ނޫސްވެރިކަމުގެ ތެރެއަށް ވަދެ ޝަފްރާޒްގެ ނޫސްވެރިކަމުގެ ފިރުކެންފެށި ދައުރު ނިންމައި، ހިންދެމިލިއިރު އޭނާ ވަނީ އެތައް ބްލޮގް އަކާއި މެގަޒިންތައް ވެސް ސީދާ އޭނާގެ ބެލުމުގެ ދަށުން ނެރެން ފަށާފައެވެ. ޒުވާނުންނަށް ހާއްސަ މެގަޒިން އަކާއި ރާއްޖެ އަށް ހާއްސަ މެގަޒިންއެއް ވެސް އޭނާގެ ބޮޑު ބައިވެރިވުމަކާއިއެކު ނެރުނެވެ. އެހައި ހިސާބުން ދެން ޝަފްރާޒްގެ މިސްރާބު އަމާޒުކުރީ ޓީވީ އަށެވެ.

ޝަފްރާޒް "ވަގުތު" އާއި ވާހަކަ ދައްކަނީ: ވަގުތު އިމޭޖެސް: އިބްރާހީމް ޝާބިލް

"ދެން ފެށުނީ ޓީވީ އިން. 2010 ވަނައަހަރުގެ ޔޫތް ޓީވީއިން. އެއަށްފަހު 2015 ވަނައަހަރު ސަންގު ޓީވީ އުފެއްދުމުގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށް ސްޓޭޝަން އިންޗާގެއްގެ ގޮތުގައި އުޅެ ސަންގުން ވަކިވެ، ޗެނަލް 13 އަށް ދިޔައީ މުޅި 13 ގެ ރީބްރޭޑިންއާއި މަސައްކަތައް. އެ ޗެނަލްގައި އުޅުނިން ކްރިއޭޓިވް ޑައިރަކްޓާއެއްގެ ގޮތަށް. ޗެނަލް-13 ގައި އުޅެފައި ވޮއިސް ހެދީ." ޝަފްރާޒް ބުންޏެވެ.

ވޮއިސް އަކީ ކިހިނެތް އައި ހިޔާލެއް؟

އަމިއްލަ އަށް އޮންލައިން ނޫހެއް އުފެއްދުން އެއީ ޝަފްރާޒްގެ ކުލަ ނުވެ އޮތް ހުވަފެނެކެވެ. ކިތަންމެ ދުވަހެއް ވަންްދެން އޭނާ އެހުވަފެން ދެކުނެވެ. ނަމަވެސް ކުރަން ހުރި ކަންކަން ގިނަ ކަމުން އަމިއްލަ ކަމަކަށް އޮތީ ސަމާލުކަން ނުދެވިފައެވެ. އަމިއްލަ އަށް ނޫހެއް ހެދުމުގެ އެއް މަގުސަދަކަށް ވެފައި އޮތީ އެޑިޓޯރިއަލް ޕޮލިސީއަށް އެހެން މީހަކު ނުވަތަ ބަޔަކުގެ ނުފޫޒު ނުފޯރާ ގޮތަކަށް ބޭނުން ކޮންމެ މައްސަލައެއް ފެންމަތި ކުރާނެ ޕްލެޓްފޯމެއް އުފެއްދުމެވެ. އެހިޔާލާއި، އެމަޝްވަރާއާއި އެހުވަފެނުގައި ކުލަ ޖެހެނީ ވެސް ތަފާތު ގޮތަކަށެވެ.

"އަޅުގަނޑާއި އަޅުގަނޑުގެ ކްލާސްމޭޓެއް އެކުގައި ޗެނަލް-13 އިން ކަނޑާލީ. އެއާއިއެކު ވަގުތުން ނިންމައިފިން އަމިއްލައަށް ނޫހެއް ހަދަން. ހިތަށް އެރީ މިހުރިހާ ދުވަހަކު ގެންގުޅުނު ހިޔާލު ހަގީގަތަކަށް ހަދަންވީ ވަގުތޭ މިއީ. އެހެންވެ މިބުނި ކްލާސްމޭޓާއިއެކު މަސައްކަތް ފަށައިގެން ވޮއިސް ވުޖޫދަށް ގެނައީ." ޝަފްރާޒް ބުންޏެވެ.

ޝަފްރާޒް "ވަގުތު" އާއި ވާހަކަ ދައްކަނީ: ވަގުތު އިމޭޖެސް: އިބްރާހީމް ޝާބިލް

ވޮއިސްގެ ފުރަތަމަ ބޮޑު އަމާޒު "ކޮތަރު ކޮށި"

ވޮއިސް އާއިއެކު ޝަފްރާޒްގެ ފުރަތަމަ އަމާޒަކަށްވީ ހިޔާ ފްލެޓްތަކުގެ މީހުންނަށް ކުރިމަތިވެފައި އޮތް އޮޅުން ބޮޅުން ބޮޑު މައްސަލަތައް ސަރުކާރާއި އަދި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމެވެ. އެއަމާޒުގައި ކޮތަރު ކޮށި ނުވަތަ އާއްމުންގެ ޖަމިއްޔާ އުފައްދާ، އެޖަމިއްޔާގެ ހަރަކާތްތައް ފުޅާ ކުރުމުގައި ޝަފްރާޒްގެ އަމަލީ ބައިވެރިވުން ވަރަށް ބޮޑަށް އޮތެވެ. އަދި މިހާރު ވެސް އޭނާ އަކީ އެޖަމިއްޔާގެ އިސް ހަރަކާތްތެރިއެކެވެ.

ފްލެޓްތަކުގެ ކަންކަމަކީ ވަރަށް ގިނަ މީހުންގެ ދިރިއުޅުމާއި ގުޅިފައިވާ ކަމަކަށް ވީނަމަވެސް ގިނަ ފަހަރު ފްލެޓްތައް ދޭއިރު ފްލެޓަށް ކުރިމަތިލާ މީހުންނަށް ކޮޅެއް މެދެއް ނޭނގުން، ނުވަތަ ސާފުކޮށްދެވިފައި ނެތުން އެއީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ޝަފްރާޒް ފާހަގަ ކުރެއެވެ.

"ވޮއިސް ފެށިއިރުގައި ހިޔާ ފްލެޓް ލިސްޓް ހަދައިގެން މި އުޅުނީ ސަރުކާރުން. އަޅުގަނޑުމެންނަށް ވެސް ނޭނގޭ އޭރުވާނުވާއެއް. ހިޔާ ފްލެޓްތާއި ވިނަރެސް އާއި ވަރަށް ބޮޑަށް އޮޅުންބޮޅުން އަރާފައި އޮތީ. ދެން ވައިބާ ގްރޫޕެއް ހަދައިގެން މަސައްކަތް ފަށައިގަތީ. އަޅުގަނޑުމެން ކުރި މަސައްކަތުން ވަރަށް ބައިވަރު މީހުންނަށް ކަންކަން ފަހިވި. ސަރުކާރަށް ވެސް މަޖްބޫރުވުގެން ވަރަށް ގިނަ ކަންކަން ކޮށްދިން. ސަރުކާރުން އެންމެ ބޭނުންވި ގޮތަށް ފަހުން ވެސް ފްލެޓް ލިސްޓް ކޮށައި މަށައި ހަދައި ނުލެވުނީ އަޅުގަނޑުމެން ކުރި މަސައްކަތުން. އެކަމަކު ވެސް ސަރުކާރުން ބޭނުންވި ބައެއް ބަދަލުތައް ލިސްޓަށް ގެނައި." ޝަފްރާޒް ބުންޏެވެ.

ޝަފްރާޒް ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން ރައީސް އާއި ސުވާލު ކުރަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަހުމަތްތެރިޔާ

އިޖުތިމާއީ ދާއިރާ އިން ޝަފްރާޒަށް ދެން ކުރެވެމުންދާ އެއް މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަ ކުރަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެ، އެމީހުންގެ ޚަބަރާއި މައުލޫމާތު ގެނެސް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކެވެ.

ޝަފްރާޒް ބުނީ ނޫސްވެރިއަކަށްވުން ގިނަ ފަހަރު މައްސަލަ ނޫސްވެރިޔާގެ ކައިރިއަށް އަންނާނެ ކަމަށެވެ. ނޫސްވެރިޔާއަށް އެ މައްސަލަ ހިފައިގެން "ތެދުވަން" ކެރިއްޖެނަމަ އެމައްސަލަ އަށް ވަރަށް ގިނަ ފަހަރު ހައްލު ލިބޭ ކަމަށް އޭނާ ބުންޏެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރުމަށް އޭނާ އަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.

ހައްލެއް ހޯދަން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ގިނަ ކަންކަމުގައި ނަތީޖާ ނެރެވިފައި ވާއިރު ހާއްސަ އެއްކަމެއްގެ ގޮތުގައި ޝަފްރާޒް ފާހަގަ ކުރަނީ ލޯފަން މީހުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް އޭނާ އަށް ކުރެވުނު މަސައްކަތްތަކެވެ. އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާ ކުރާ ވީޑިއޯއެއް އިންޓަނެޓްގައި ޝަފްރާޒް ޝެއާ ކުރުން ވަރަށް ބޮޑަށް ސަމާލުކަން ލިބުނެވެ. އެ މީހުން މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ލޯފަން މީހުންނަށް ހާއްސަ ސްޓިކް ވެސް ގެނެސްދިނެވެ. ލޯފަން މީހުންނަށް ފަސޭހަ ކަމާއިއެކު ބޭނުން ކުރެވޭނީ ސްމާޓް ސްޓިކް ކަމަށް ވާތީ ސްމާޓް ސްޓިކް ގަތުމަށް ވެސް ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީ ވަނީ ލިބިފައެވެ. ލަސްތަކެއް ނުވެ ސްމާޓް ސްޓިކް ވަރަށް ގިނަ ލޯފަން މީހުންނަށް ލިބޭނެއެވެ. މިހާރު ކުރިއަށް ދަނީ އެތަކެތި ރާއްޖެ ގެނައުމުގެ މަސައްކަތެވެ.

އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިޔާ ފްލެޓް ބޭނުން ކުރުމުގައި ކުރިމަތިވި ދަތިތައް ވޮއިސް ނޫހުގައި ސަމާލުކަމަށް ގެނެސް އެކަމަށް ވެެސް ހައްލެއް ގެނައުމުގައި ޝަފްރާޒް ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ޝަފްރާޒަކީ ކޮންމެ މަހަކު ވެސް މަދުވެގެން އެއްދުވަސް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއިއެކު ހޭދަކުރާ، އަދި އެދުވަހު އެމީހުންގެ ވާހަކަތައް ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭ ނޫސްވެރިއެކެވެ. އޭނާ އަކީ ނުކުޅެދޭ މީހުންގެ ހާއްސަ އެކުވެރިއެކެވެ.

ނޫސްވެރިކަމުގެ އެންމެ ހާއްސަ ހަނދާން

ޝަފްރާޒްގެ ނޫސްވެރިކަމުގެ ދާއިރާގައި ހޭދަކުރި 15 ވަރަކަށް އަހަރު އޭނާ ވަނީ ތަފާތު ގިނަ ތަޖުރިބާތަކެއް ކޮށްފައެވެ. ނަމަވެސް ހަނދާނުން ފިލުވާލަން އެންމެ ދަތި ހަނދާނެއްގެ ގޮތުގައި ޝަފްރާޒް ފާހަގަ ކުރަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު ޖެހިގެން އައި ދުވަހު ފުލުހުންނާއި އާއްމުންނާއި ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކެވެ.

އެ ދުވަހު ޖުމްހޫރިއްޔާ މައިދާނަށް ދިއުމަށް ލޯކަލް މާރުކޭޓާއި ހަމައަށް ދިޔައިރު ކަރުނަ ގޭހުގެ ދިލަ އަންނަން ފަށައިފިކަން ކިޔާދިނެވެ. ޖުމްހޫރީ މައިދާން ސަރަހައްދަށް ދިޔައިރު އަލްޖަރީޒާ ނޫސްވެރިއަކު ލައިވް ކުރަމުން ދިޔަ އެ ސަރަހައްދުން ފެނިގެން ދިޔައީ އޭގެ ކުރިން މުޒާހަރާއެއް ރޫޅާލަން ދުވަހަކު ވެސް ފުލުހުން ކަންތައް ނުކުރާ ހަރުކަށި ކަމެއް ފުލުހުންގެ ފަރާތުން ފެނިގެން ދިޔަ މަންޒަރެވެ.

ޝަފްރާޒް މުޒާހަރާއެއް ކަވާ ކުރުމުގެ ތެރެއިން

"އެމްއެމްއޭ ކައިރިން އެންމެން މަގުމަތީގައި އިށީނދެގެން ތިއްބާ ކުއްލިއަކަށް މީހުން ވަކިނުވާ ވަރަށް ކަރުނަގޭސް ޖަހާލީ. އެހައި ގަދައަށް ކަރުނަގޭސް ޖެހުމުން މީހުން ތެދުވެގެން ދާން ބެލިއިރުގައި އެންމެން އިށީންދެގެން ތިބީމަ ބްލޮކްވެފައި ތިބީ. ކުރިއަށް ދާން ބަލާއިރު އެކޮޅުން ފުލުހުން މިއަންނަނީ މުގުރުން މީހުންގެ ގައިގަ ތަޅަމުން. އަނެއްކޮޅު މިއޮތީ މީހުންނާއި ހެދި ބްލޮކްވެފައި. އަހަރެންވެސް ވެއްޓުނު، ގައިމައްޗަށް މީހަކު އަރާފައި ވެސް ދިޔަ. ދެން ތެދުވެފައި ބެލިއިރުގައި ކައިރީގައި މި އޮތީ ތޮށިގަނޑު. އަހަރެންނަކީ ފަތަން އިނގޭ މީހެއް ނޫން. އެހެންވެ މޫދަށް ފުއްމާލެވޭކަށް ނެތް. ދެން މަޑު ދުވެލީގައި ރެކެމުން ރެކެމުން ދިޔައީ." ޝަފްރާޒް ކިޔާދިނެވެ.

ޝަފްރާޒް ބުނީ އޭނާ މާރްކޭޓާއި ހަމައަށް ދިޔައިރު ބޯފަޅައިގެން ގޮސްފައި ތިބި މީހުން އަތް ދަނޑިމަތީގައި ގެންދަނިކޮށް ފެނުނު ކަމަށެވެ. އަމިއްލަ ހާލަތަށް ބެލިއިރުގައި ފަޔަކު ފައިވާނެއް ނެތެވެ. މީހާ ހުރީ ކަޅުކުލައި ގައެވެ.

އޭގެ އިތުރުން ހިޔާ ފްލެޓް ކުރީ ސަރުކާރުން ދީފައިވަނިކޮށް މި ސަރުކާރުން އަތުލި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލަން ކުރި ޒިޔާރަތަކީވެސް ނޫސްވެރިކަމުގައި ހަޔާތުގައި ހަނދާނުން ފޮހެލަން ދަތި ކަންކަމާއި ކުރިމަތިލާން ޖެހުނު ކަމެއްގޮތުގައި ޝަފްރާޒް ފާހަގަކުރިއެވެ. "30 އާއި ގާތްކުރާ ވަރަކަށް ގެޔަށް މާލެ, ވިލިގިލި ހުޅުމާލެއިން ޒިޔާރަތްކުރެވުނު. 100 އަކަފޫޓު ހަމަނުވާ ތަންތަނުގައި 7 މިހުންގެ އާއިލާ އުޅޭ. މާރުކޭޓު ގޮޅިވަރުތަަންތަނުގައި ކުޑަ އާއިލާތައް އުޅެމުންދޭ. ކެމިކަލް އެކުލެވޭ މަސައްކަތް ކުރާ ތަންތާމަތީގައި ޓިނުން ގެ ހަދައިގެން ދިރިއުޅޭ މީހުންނާއި ދިމާވި. ދަންފަޅި ބަހައިގެން ނިދާ އާއިލާތަކާއި ދިމާވި" ޝަފްރާޒް ކިޔާދިނެވެ.

އޭގެ ބައެއް ވާހަކަ ފޮޓޯ އަދި ވީޑީއޯއާއެކު ޝަފްރާޒް ވަނީ ޢާންމުންނަށް ގެނެސްދީފައެވެ. ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން ވަނީ އެފޮޓޯތަކާއި ވީޑިއޯތަކަށް ލިބިފައެވެ.

ދިވެހި ނޫސްވެރިންނާއި މެދު ކުރެވޭ އުއްމީދު ބޮޑު

ޝަފްރާޒް ބުނީ ތައުލީމީ ޒުވާން ނޫސްވެރިންނާއި މެދު އާނާގެ އުއްމީދުތައް ހުރީ ވަރަށް މަތީގައެވެ. ދިވެހި ނޫސްވެރިން ވެސް ބައިނަލްއަޤުވާމީ ބޮޑެތި ޗެނަލްތަކުގެ ނޫސްވެރިންނާއިއެކު އެއްހަމައެއްގައި މަސައްކަތް ކުރާ މަންޒަރު ފެނުން އެއީ އޭނާ ކުރާ ވަރަށް ބޮޑު އުއްމީދެކެވެ.

ޝަފްރާޒް "ވަގުތު" އާއި ވާހަކަ ދައްކަނީ: ވަގުތު އިމޭޖެސް: އިބްރާހީމް ޝާބިލް

މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާއްޖޭގެ ނޫސްވެރިން ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ގޮސް ހަނގުރާމަތަކުގެ މައުލޫމާތުތައް ވެސް ދިވެހި ނޫސްވެރިންގެ ފަރާތުން ލިބޭ މަންޒަރު ކަމަށް ޝަފްރާޒް ބުންޏެވެ. ހާއްސަކޮށް ފަލަސްތީނަށް ދިވެހި ނޫސްވެރިން ގޮސް ފަލަސްތީންގެ ޚަބަރުތައް ދިވެހި ނޫސްވެރިން ގެނެސްދޭ މަންޒަރު ދެކިލަން ޝަފްރާޒް ބޭނުން ވެއެވެ. "ބޭރުގެ އެންމެ ބޮޑެތި އިލެކްޝަންތައް އެ ގައުމެއްގައި ދިވެހި ނޫސްވެރިން ކަވާ ކުރާ ދުވަހެއް އައުން. ދިވެހި ނޫސްވެރިން ހަނގުރާމަތައް ކަވާ ކުރުން. ދިވެހި ނޫސްވެރިން އަޤުޟާ މިސްކިތާއި ޣައްޒާގެ ޚަބަރުތައް އެތަންތަނަށް ގޮސް ގެނެސްދިނުން. މިކަންކަން ދެކެން ބޭނުން. ރާއްޖޭގައި ކުރާ މުޒާހަރާގެ ރިޕޯޓިން ރާއްޖޭގެ ނޫސްވެރިން ވަރަށް ރަނގަޅަށް އެބަކުރޭ. މިހާރު މިއޮތީ ދިވެހި ނޫސްވެރިން ރާއްޖެއިން ބޭރުވާންޖެހޭ ވަގުތު އައިސްފައި." ޝަފްރާޒް ބުންޏެވެ.

ދެވަނަކަމެއްގެ ގޮތުގައި ޝަފްރާޒް ފާހަގަކުރީ ކަންނެއް ނޫސްވެރިކަން ދޫކޮށް ނޫސްވެރިން މަގުމައްޗައް ނިކުންނަން ޖެހޭކަމެވެ. އެގޮތުން ޖަވާބުދާރީނުވެ ސަރުކާރުގެ މިނިސްޓަރުންނާއި އިސް އޮފިޝަލުން ދޫކޮށްނުލައި ޖަވާބު ހޯދުމަށް ގޭދޮށުންނާއި, އޮފީސް ދޮރުމަތިންވެސް އިންޓަވިއު ހޯދަން މަސައްކަތްކުރަން ޖެހެއެވެ.

"މިހާރު މިއޮންނަނީ ޓުވީޓެއްކޮށްލީމަ ކަވަރުކުރަންވީ. ފޯނަށް ނާރާނެ. ސަރުކާރާ ގުޅުން އޮންނަ ނޫސްވެރިއަކަށް އެބައެއް ބޭނުންގޮތަކަށް މައުލޫމާތު ފޯރުކޮށްދީފާނެ. އެކަން ބަދަލުކުރަން ނިކުމެ މިތިބީ. އެގޮތުން މިހާތަނަށްވެސް މައުލޫމާތު ނުދީ ހިފަހައްޓައި, ފޯނަށް ޖަވާބު ނުދެއްވާ މިނިސްޓަރުން އަދި ސްޓޭޓް މިނިސްޓަރ ފެންވަރު ބޭފުޅުންނާއި މަގުމަތިން އަދި އިވެންޓްތަކުން ބައްދަލުކޮށްގެންވެސް މައުލޫމާތު ވާނީ ހޯދާފައި. ރައީސުލްޖުމްހޫރިއްޔާ ޕްރެސް ނުބާއްވާ މައްސަލާގައި އެމަނިކުފާނާއި މަގުމަތިން ބައްދަލުކުރައްވައި އެކަން ވެސް ވަނީ ހަމަޖައްސާފައި. އެހެންވެ މިކަން މިހާރާށްވުރެން ބޮޑަށް ކުރަންޖެހޭކަމަށް ދެކެން" ޝަފްރާޒް ބުންޏެވެ.

ގޮންޖެހުން ގިނަ

މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ނޫސްވެރިކަމަށް އިގްތިސާދީ މިނިވަން ކަމެއް ނެތުންކަން ޝަފްރާޒް ފާހަގަ ކުރަނީ އެމައްސަލަ ހައްލު ކުރުމަށް ހުރި ހިޔާލުތަކަކާއި ވެސް އެކުގައެވެ. ޝަފްރާޒްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނޫސްތަކަށް ސްޕޮންސާ ދިނުމުގައި އެއްވެސް ހަމަހަމަ ކަމެއް، އެއްވެސް ގިންތި ކުރުމެއް، އެއްވެސް އުސޫލެއް ނެތުމެވެ.

"ދުވާލަކު 1000 މީހުން ނުވަންނަ, ނުވަތަ 8 މަސްދުވަސް ވަންދެން އަޕްޑޭޓް ނުކުރާ ވެބްސައިޓްތަކަށް ސަރުކާރުން މަހަކު 40,000 ރުފިޔާގެ ސްޕޮންސާރ ސަރުކާރުގެ އެންމެ ކުންފުންޏަކުން މިހާރުވެސް ދެމުން އެބަދޭ. ނޫސްނެރޭތާ އަހަރު ނުވާ ނޫސްތަކަށް ހަމަ މިގޮތައް ފައިސާ ބަހާ. ސަރުކާރު ކުންފުނިތަކުން މިކަންކުރަންޏާ މިއީ ޢާންމު އުސޫލެއް ކަނޑައަޅައިގެން ކުރެވެން ޖެހޭގޮތައް ހަމަޖެހެންޖެހޭކަމެއްގޮތުގައި ދެކެނީ." ޝަފްރާޒް ބުންޏެވެ.

އޭގެ އިތުރުން މުޒާހަރާތަކާއި، އަދި އެކްސިޑެންޓްތަކާއި ހާދިސާތައް ކަވަރު ކުރާ ނޫސްވެރިންނާއި މެދު ފުލުހުން އަމަލު ކުރަމުންދާ ގޮތާއި، އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ފަރާތުން މައުލޫމާތު ހިފަހައްޓާ މައްސަލަ އާއި, ހަޤީގަތާއި ހިލާފު މައުލޫމާތު މުއައްސަސާތަކުން ދޭކަން ޝަފްރާޒް ފާހަގަކޮށްފައިވެއެވެ.
"އެއްޖިންސުން ގުޅުންހިންގި މައްސަލަ އެންމެ ފުރަތަމަ ފުލުހުންގެ ސަމާލުކަމަށް ގެނައީ މީޑީއާ ގްރޫޕްގައި ވޮއިސްއިން. އެކަން އޭރު ފުލުހުން ދޮގުކުރި, ނަމަވެސް އޭރުވެސް އެމައްސަލަ ބަލަމުންދޭ. ފަހުން ވީޑިިއޯ ލީކުމާއި ގުޅިގެން އޭގެ ދެމަސްފަހުން ފުލުހުން ވަނީ އެފަދަ މައްސަލައެއް އުޅޭކަމަށް އެއްބަސްވެފައި. ހަމަ އެގޮތައް ސަފާރީ ރޭފްކޭސްވެސް. އެމްޕީއެލްއިން ހިޔާ ފްލެޓްގެ އެއްކޮޓަރި ވިއްކި މައްސަލާގައި ހަބަރު ލިޔުމުން އެކަން ދޮގުކޮށް ނޫސްބަޔާން ނެރުނު. ނަމަވެސް ފަހުން ސަރުކާރުން އެއްބަސްވެފައިވޭ އެ ފްލެޓްތައްވެސް ވިއްކިކަމަށް." ޝަފްރާޒް ބުންޏެވެ.
ޝަފްރާޒް މުޒާހަރާއެއް ތެރެއިން

އޭގެ އިތުރުން މުޒާހަރާތަކާއި، އަދި އެކްސިޑެންޓްތަކާއި ހާދިސާތައް ކަވަރު ކުރާ ނޫސްވެރިންނާއި މެދު ފުލުހުން އަމަލު ކުރަމުންދާ ގޮތާއި، ފުލުހުން އެކި ނޫސްވެރިންނާއިމެދު އެކި ގޮތައް ކަންކަން ކުރުން އެއީ ވެސް ޝަފްރާޒްގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލަ އެކެވެ. "މިވާހަކަ އެތައް ފަހަރަކު ދެކެވިއްޖެ. ފުލުހުންގެ މުއައްސަސާ އިސްލާހު ކުރާ ވާހަކަ ކޮމިޝަނަރ އޮފް ޕޮލިސް އާއި ސަރުކާރުގެ އިސްވެރިން ވެސް އެބަދައްކާ. އެކަމަކު ފުލުހުން ނޫސްވެރިންނާއި މެދު ކަންކަން ކުރާ ގޮތް ރަނގަޅެއް ނުވޭ. ހެޔޮ ބަދަލެއް ނާދޭ. ބައެއް ފަހަރު ކަންކަން ގޯސް ވަމުންދާ މަންޒަރު މިފެންނަނީ. މިއީ ވަރަށް ހިތާމަހުރި ކަމެއް." ޝަފްރާޒް ބުންޏެވެ.

ވޮއިސް ޝަފްރާޒްގެ ނޫސްވެރިކަން ގުޅިފައިވަނީ މިފަދަ އެތަކެއްކަމަކާއި ގުޅިފައެވެ. އަޑު އުފުލުމާއި އަޑުފެތުރުމުގައެވެ.

"ވަގުތު" އިން އެދެނީ ޝަފްރާޒަށް ކާމިޔާބާއި، ފާހަގަތި މުސްތަގުބަލަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ޝަފުރާޒާ އަކީ އިންސާނެއްގެ ގޮތުގައި ހެޔޮ ރަނގަޅު މީހެއް. މީހުންނާ މުއާމަލާތް ކޮށް އުޅުމުގައި މަޑުމައިތިރި އަޑުއަހާ މީހެއް. ދިމާވީ ރިއަލް އެސްޓޭޓް ކަމެއްގައި. ހެޔޮ ދުއާ!

    2
    1
  2. ވާނުވާ

    ތީ ހަން ފަތުރާ މީހެއް. ޙަގީގަތެއް ބަލާލުމެއް ނޯވޭ. ފައިސާ ހޯދަން ލިޔާ މީހެއް ތީ. ޢަހަރެން ހުރި 2 ތަނެއްގަ މީނާ ނޫސް ވެރިއަކަށް ވެގެން އުޅުނު، ފަހުން ލިޔެފަ އޮތީ ކަން ހިނގި ގޮތާ ދިމާ އިދިކޮޅަށް. ވަގުތު ނޫހުން މީނާ ޕްރޮމޯޓް ކޮއްލަދިނީ ދޯ. ކޮމެންޓް ޖަހާލަން ކެރޭނެ ބާ

    1
    1