ރާއްޖޭގެ ސިއްހީ ދާއިރާގައި ވެސް އެތައް ހާސް މުވައްޒަފުންނެއް މަސައްކަތް ކުރަމުން ދެއެވެ. ރެއާއި ދުވާލު ބުރަ މަސައްކަތްތައް ކޮށް އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރުމުގައި އާއި ޓެކްނިކަލް އެތައް ވަޒީފާތަކެއްގައި ދިވެހީން ޝާމިލް ވަމުންދާކަން ފާހަގަކޮށްލެވެއެވެ. މި މުވައްޒަފުން ބުރަބޮޑު އެތައް ޒިންމާތަކެއް އަދާ ކުރަމުންދާއިރު، ރާއްޖޭގައި މަދު ބަޔަކު ހަރަކާތްތެރިވަމުންދާ ބަޔޯ މެޑިކަލް އިންޖީނިއަރިންގ ދާއިރާއަކީ ވެސް ބުރަ ބޮޑު، ހިރާސް ބޮޑު ޒިންމާތަކެއް ހިމެނޭ ސިއްހީ ދާއިރާގެ ޓެކްނިކަލް މަސައްކަތްތަކާއި ގުޅިފައި ބޮޑަށް އޮންނަ ދާއިރާއެކެވެ.

މިއީ އިންސާނުންގެ ސިއްހަތާއި ގުޅުން ހުރި މެޑިކަލް އިކުއިޕެމެންޓްސް އިންސްޓޯލްކޮށް، މެއިންޓެނެންސްގެ ކަންކަންބަލަހައްޓަމުންދާ މީހުންނެވެ. އަދި ހޮސްޕިޓަލް ޑިޒައިންކޮށް ޑިވެލޮޕްކުރުމުން ފެށިގެން ގޮސް އެންމެ އެކަށޭނަ މެޑިކަލް މެޝިނަރީ ހޯދުމުގައި އެންމެ އިސްރޯލެއް އަދާކުރާ މީހުންނެވެ.

ބަޔޯ މެޑިކަލް އިންޖީނިއަރިންގ ދާއިރާގައި ދިވެހިން މަދެވެ. އެ ދާއިރާގައި ވާ ކަންކަން ބޮޑަށް ނޭނގެނީ ކަމުގައި ވެދާނެއެވެ.

ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ހާޝިމް އަބޫބަކުރަކީ ބަޔޯ މެޑިކަލް އިންޖީނިއަރަކެވެ. އޭނާ މި މި ކިޔާދެނީ ދާއިރާއާ ގުޅުން ހުރި ޝައުގުވެރި ވާހަކަތަކެވެ.

ރާއްޖޭގެ ބަޔޯމެޑިކަލް އިންޖީނިއަރެއް ކަމަށް ހާޝިމް - ވަގުތު އިމޭޖްސް: ޖައިޝަމް އަހްމަދު

ސްކޫލް ހަޔާތް ކިޔެވުމުގެ ތެރޭގައި!

ކުޅުދުއްފުށީގައި ސާނަވީ ހަޔާތް ނިންމާ، މަތީ ސަނާވީ ސީއެޗްއެސްސީން ނިންމި ހާޝިމް ބުނާގޮތުން ނަމަ އޭނާ އަކީ ސްކޫލްގައި ވަރަށް ބޮޑަށް ކިޔެވުމުގެ ތެރޭގައި އުޅުނު ކުއްޖެކެވެ. ތައުލީމީ ގޮތުން ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރުމުންވެސް، އިތުރު ހަރަކާތްތަކުގައިވެސް އުޅުނެވެ. އެގޮތުން އޭނާގެ ޝައުގުވެރިކަން ބޮޑަށް ދަމައިގަތީ ދިވެހި އަދަބީ ހަރަކާތްތަކެވެ. މި ހަރަކާތްތަކުގެ ތެރެއިން ސްކޫލް މެނޭޖްމެންޓާއި އަދި ސްކޫލް ކުދިންނާއި ގާތް ގުޅުމެއް އުފެދި ދިވެހިބަހަށް ލޯބި އުފެދިގެން ދިޔަކަމަށް ހާޝިމް ކިޔާދިނެވެ.

ބަޔޯ މެޑިކަލް އިންޖީނިއަރިންގ ޑިގްރީން މުޅި ކޯސް އިން އެއްވަނަ ލިބިފައިވާތީ ރައީސް ދެއްވާ އިނާމު ހާޝިމްއަށް 2018 ވަނަ އަހަރު ލިބުނު

ހާޝިމް ބުނިގޮތުގައި އޭނާ ކުޑައިރުވާން ބޭނުންވީ ޓިޗަރަކަށެވެ.

"އެއީ ރަނގަޅު މުދައްރިސަކު އައިސް ކިޔަވާދޭ ގޮތުން، ކުއްޖާއަށް ފިލާވަޅު ދަސްވާގޮތް، އެއިރުވެސް ވަރަށް ބޮޑަށް ލިންކް އެޅިފައި އޮތީ އެކަމަށް. އެކަމާ ދޭތެރޭގައި ވަރަށް ވިސްނިން އެއިރުގައި، ފުރަތަމަވެސް ވާން ބޭނުންވީ ޓީޗަރަކަށް."

އެހެން ނަމަވެސް ވަކި ހިސާބަކަށް ދިއުމުން، ތަޢުލީމީ ގޮތުން ރަނގަޅު ދަރިވަރުން މެޑިކަލް ޑޮކްޓަރަކަށް ވުމަށް ކިޔެވުމަށް، ބާރު އަޅަމުން ދިޔައެވެ. އެގޮތަށް ހާޝިމްގެ މައިންބަފައިންވެސް ފުރަތަމަ ބޭނުންވީ އޭނާ ޑޮކްޓަރަކަށް ވުމަށް ކިޔެވުމަށެވެ.

އެކަމަކު އޭނާ ޑޮކްޓަރަށް ވުމަށް މާބޮޑު ޝައުގުވެރިކަމެއް ނެތެވެ. އޭނާ ބުނަމުން ދިޔައީ "އޮޕްޝަންސްތައް" ބަލަމުންދާ ކަމުގެ ވާހަކައެވެ.

ހާޝިމްގެ ޝައުގުވެރިކަން ބަޔޯ މެޑިކަލް ދާއިރާއަށް!

"އެކަމަކު އަޅުގަނޑުގެ ވިސްނުމެއް ނެތް އެއިރުވެސް އެމްބީބީއެސްކިޔެވުމަށް ދިއުމަކަށް. ސައިންސް ސްޓްރީމް ކިޔެވީ، އޭ ލެވެލްގައި ހަގީގަތުގައި ބަޔޯ މެޑިކަލް ޓެކްނޮލޮޖީ، ސައިންސް، ބަޔޯ މެޑިކަލް އިންޖީނިއަރިންގގެ ދާއިރާ، ފަދަ ސައިންސް އެންޑް ޓެކްނޮލޮޖީދާއިރާއަށް އިންޓަރެސްޓް އުފެދުނީ، ބަޔޮލޮޖީގައި ސްޓެމްސެލް ރީސާޗް، ސްޓެމްސެލް ތެރެޕީ އެއްޗެހި ކިޔަވާފައި. އޭގެ ތެރެއިން ބޮޑަށް މި ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ". ހާޝިމްބުންޏެވެ.

އޭނާ އޭލެވެލް ނިންމާލިއިރު، ނޭޝަނަލް ޓޮޕް 10ގެ ދެވަނަ ވެސް ލިބުނެވެ. ވަރަށް ގިނަ ސްކޮލާޝިޕްތަކެއް ހުޅުވާލާފައި ހުރުމުން، އޭގެ ތެރޭގައި އެމްބީބީއެސްގެ ސްކޮލާޝިޕްތައްވެސް ހިމެނުނެވެ. އެގޮތުން އެކުގައި ކިޔެވި މަތިން މާކްސް ހޯދި ކުދިން ހިޔާރު ކުދި ދާއިރާއަކީ އެމްބީބީއެސް އެވެ. އެކަމަކު އޭނާ ބޭނުންވީ ބަޔޯ މެޑިކަލް އިންޖީނިއަރިންގގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ.

ހާޝިމް މަސައްކަތުގައި

"އޭ ލެވެލް ނިމުނުތަނާހެން، އިންޓަރނޭޝަނަލް ޕްރޮޖެކްޓެއްގެ ދަށުން ރާއްޖެއަށް ލިބުނީ ދެ ސްލޮޓް ބަޔޯ މެޑިކަލް އިންޖީނިއަރިންގ ދާއިރާ، ކުރިއަރުވަންވެގެން ސްޓާޓް ކުރަން ވެގެން، މިނިސްޓްރީ އޮފް ހެލްތަށް ލިބުނު ދެ ސްލޮޓް އެއީ". ހާޝިމްގެ ނަސީބު އަތުއަޅުވާލީ މިހިސާބުންނެވެ.

މިއާއެކު ހާޝިމް މި ސްކޮލާޝިޕަށް ކުރިމަތިލައިގެން ކިޔަވަން އިންޑިއާގެ ޗެންނާއިއަށް ދިޔައެވެ.

"މީގައި ބޮޑަށް ފޯކަސް ކުރަނީ އިންޖީނިއަރިންގއަސް ވިޔަސް، އަޅުގަނޑު ބޮޑަށް ދާން ބޭނުންވީ ރީސާޗް ފީލްޑަށް. އެހެންވެ މާސްޓާސް ހަދައިގެން ރީސާޗް ފީލްޑަށް ދިއުމުގެ ފުރުސަތު އޮންނާނެތީ ހަމަ ވަރަށް ގުޅުން ހުރި ދާއިރާއެއްވީމަ ބަޔޯ މެޑިކަލް އިންޖީނިއަރިންގ ޗޫޒް ކުރީ". ހާޝިމް ބުންޏެވެ.

ހާޝިމް އެ ދާއިރާއިން ކިޔަވައިގެން އައިއިރު، ރާއްޖޭގައި ބަޔޯ މެޑިކަލް އިންޖީނިއަރިންގ ޑިގްރީ ހާސިލްކޮށްފައި ތިބީ ދެތިން ފަރާތެކެވެ. އޭގެ ތެރޭގައި ދެ އަންހެނުންނާއި، އައިޖީއެމްއެޗްގެ ބަޔޯ މެޑިކަލް އިންޖީނިއަރިންގ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި ފަރާތް ހިމެނެއެވެ. އެހެންކަމުން ހާޝިމްއާ އެކު އެ ދާއިރާއިން ދެން ކިޔަވައިގެން އައި ދިވެހި ކުއްޖަކާއެކު އެއިރު އެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައި ޖުމްލަ ތިބީ ފަސް ފަރާތެވެ.

ހާޝިމް މި ދާއިރާއާ ގުޅުން ހުރި މައުލުމާތު ފޯރުކޮށްދެނީ

ރާއްޖޭގައި ބަޔޯ މެޑިކަލް އިންޖީނިއަރުން ކުރަން ޖެހެނީ ކޮން މަސައްކަތެއް؟

ހާޝިމް ބުނީ، ރާއްޖޭގެ ސްކޯޕްއަށް ބަލާއިރު، ބަޔޯމެޑިކަލް އިންޖީނިއަރުންގެ މައިގަނޑު ޒިންމާއަކީ، ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުން ކުރާ މެޑިކަލް އިކުއިޕްމެންޓްސް އިންސްޓޯލްކޮށް މެއިންޓެނެންސްކޮށް ބެލެހެއްޓުން ކަމަށެވެ.

"އެންމެ އާދައިގެ ސްޓެތޮސްކޯޕް، އީސީޖީ މެޝިނުން ފެށިގެން ގޮސް، އެމްއާރްއައި ސްކޭން، ކެތްލެބް ކަހަލަ ތަންތަނުގައި ބޭނުން ކުރާ އިކުއިޕެމެންޓް އިންސްޓޯލް ކުރުމާއި، އެ އެއްޗެހީގެ ބްރޭކްޑައުން އަދި ޕްރިވެންޓިންގ މެއިންޓެނެންސް ހެދުން މި އޮންނަނީ".

ހާޝިމް މަސައްްކަތުގައި

އޭނާ ވަނީ ހެލްތް މިނިސްޓްރީގައިވެސް މަސައްކަތް ކޮށްފައެވެ. އޭނާ އެތަނަށް ވަންއިރު، އެތަނުގައި ރާއްޖެއިން ބޭރު ދެ ބަޔޯމެޑިކަލް އިންޖީނިއަރުން މަސައްކަތް ކޮށްފައި ވެއެވެ. އެއިރު އެ މީހުންގެ މަސައްކަތީ ހަމައެކަނި ބްރޭކް ޑައުން މެއިންޓެނެންސްގެ މަސައްކަތް ކުރުމެވެ.

"ދެން އެ ހިސާބުން އަޅުގަނޑުމެން މަސައްކަތް ކުރީ ސެންޓްރަލް ބަޔޯމެޑިކަލް ޔުނިޓް އިތުރަށް ހަރުދަނާކޮށް، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ގުޅުން ރަނގަޅު ކުރުމަށް. އޭގެ ތެރޭގައި އަތޮޅު ތެރޭގައި ތިބި މެކޭނިކުންނާއި އިލެކްޓްރިޝަނުން ތަމްރީނުކޮށް ބަޔޯ މެޑިކަލް މެޝިނަރީއަށް ހާނުވާ އެކްސްޕީރިއަންސް ހޯދައިދިނުމަށް އައިޖީއެމްއެޗްއަށް ފޮނުވި".

އިތުރަށް ހާޝިމް ބުނީ، މިނިސްޓްރީގައި މަސައްކަތްކުރި އިރު ރާއްޖޭގައި ހޮސްޕިޓަލްތައް ޑިޒައިން ކުރުމާއި، ކުރީގެ މޮޑެލްތަކަށް ހުރި ހޮސްޕިޓަލްތައް ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމުގެ މަސައްކަތުގައި ބަޔޯ މެޑިކަލް އިންޖީނިއަރުން ދޭން ޖެހޭ ފަންނީ ލަފާ ދީ، ހޮސްޕިޓަލްތައް ތަރައްގީކުރުމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރެވިގެން ގޮސްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް މެޝިނަރީގެ ރިކުއަރމަންޓްތައް ހެދުމާ އެންމެ ޒަމާނާ ގުޅޭ އަދި ހޮސްޕިޓަލްތަކުން ދޭ ޚިދުމަތްތަކާ އެންމެ ގުޅޭ މެޑިކަލް އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތްތައް ކުރެވުނެވެ.

ހާޝިމް މި ދާއިރާއާ ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދެނީ

އޭނާ ވަނީ ހަ އަހަރު ވަންދެން ހެލްތް މިނިސްޓްރީގައި މަސައްކަތް ކޮށްފައެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި އެންމެ ދުވަސްވީ އަދި އެންމެ ފުޅާ ދާއިރާއެއްގައި މެޑިކަލް ސަޕްލައިކުރުމުގެ މަސައްކަތްކުރަމުންދާ މެޑިކުއިޕް މޯލްޑިވްސްގައެވެ.

ހާޝިމް ބުނީ އޭނާގެ މިހާރު ވިސްނުން ހުރީ ރާއްޖޭގެ ބަޔޯމެޑިކަލް ދާއިރާ އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރުމަށާއި އިތުރަށް އެ ދާއިރާއިން ކިޔެވުމަށް ދިއުމަށް ކަމަށެވެ.

މިހާރު އޭނާ ދަނީ މި ދާއިރާއަށް މީހުން ވަނުމަށް ބޮޑު ހިތްވަރެއްވެސް ދެމުންނެވެ. ހާއްސަކޮށް އިންޖިނިއަރިންގ ދާއިރާއަށް ޒުވާނުން ނެރުމަށްޓަކައި 'ކެރިއަރ ގައިޑެންސް އޮން އިންޖިނއަރިންގ ފީލްޑްސް' ގެނަމުގައި ސާނަވީ އަދި މަތީސާނަވީ ދަރިވަރުންނަށް އަމާޒުކޮށްގެން 2021 ވަނަ އަހަރުން ފެށިގެން ހާޝިމް ގެންދަނީ އޭނާގެ ޕެޝަން ޕްރޮޖެކްޓެއްގެ ގޮތުގައި ސެމިނަރތަކެއް ނަގައިދެމުންނެވެ.

ބަޔޯ މެޑިކަލް އިންޖީނިއަރިންގ ދާއިރާއިން ފުރުސަތު ރާއްޖޭގައި އެބަ އޮތް!

"މިހާރު ވަރަށް ގިނަ ކުދިން، ކިޔަވަން ދޭ މި ދާއިރާއިން.".

ހާޝިމް ބުނީ، މި ދާއިރާއަކީ ރާއްޖޭގައި މަސައްކަތް ކުރުމަށް ވަރަށް ގިނަ ފުރުސަތުތައް އޮތް ދާއިރާއެއް ކަމަށެވެ. އެގޮތުން ސަރުކާރު ނޫނަސް، ޕްރައިވެޓް ސެކްޓަރގައި ވަޒީފާތައް ހުރިކަން އޭނާ ކިޔާދިނެވެ. އަދި ރާއްޖޭގައި ރީސާޗް ފީލްޑް ނެތް ނަމަވެސް، ބޭރުގެ ޔުނިވާސިޓީތަކާއި ގުޅިގެން، ރީސާޗް ހެދުމުގެ ފުރުސަތުވެސް ރާއްޖޭގައި އޮތް ކަމަށް ހާޝިމް ފާހަގަކުރިއެވެ.

ރާއްޖޭގެ ބަޔޯމެޑިކަލް އިންޖީނިއަރެއް ކަމަށް ހާޝީމް - ވަގުތު އިމޭޖްސް: ޖައިޝަމް އަހްމަދު

ނަމަވެސް ބަޔޯ މެޑިކަލް އިންޖީނިއަރުންގެ މުސާރަ ރާއްޖޭގައި ކުޑަ އެވެ. ރާއްޖޭގެ ސިއްހީ ދާއިރާގެ މަސައްކަތްތެރީންގެ މުސާރަތަކުގެ މައްސަލަ ހައްލު ކުރުމަށްޓަކައި މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންއިން ދަނީ 2019 ވަނަ އަހަރުން ފެށިގެން މަސައްކަތްތަކެއް ކުރަމުންނެވެ. ހާޝިމްއަކީ އެ ޔޫނިއަންގެ ހިންގާ ކޮމިޓީގެ މެންބަރެކެވެ. ޔޫނިއަންއިން ކުރަމުންގެންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މެއި 1 އިން ފެށިގެން ވަރަށް ރަނގަޅު މުސާރަތަކެއް ބަޔޯމެޑިކަލް އިންޖިނިއަރުން ވެސް ހިމެނޭހެން ސަރުކާރުގައި މަސައްކަތްކުރާ ސިއްހީ ދާއިރާގެ މަސައްކަތްތެރީންނަށް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށްވެސް ހާޝިމް ބުންޏެވެ.

ހާޝިމް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންއިންގެ އިހުތިޖާޖެއްގެ ތެރެއިން

އެކަމަކު ޕްރައިވެޓް ސެކްޓަރގައި މި ދާއިރާގައި މިހާރު ވެސް ލިބޭ މުސާރަ ބޮޑެވެ. އަދި އިންޓަނޭޝަނަލް މާކެޓްގައި ވެސް އެންމެ ބޮޑު މުސާރައެއް ލިބޭ އެއް ދާއިރާއަކީވެސް ބަޔޯ މެޑިކަލް އިންޖީނިއަރުންނެވެ.

ހާޝިމް ބަޔޯ މެޑިކަލް ދާއިރާއާ ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދެނީ

ހާޝިމް ބުނީ، ރާއްޖޭގައި މި ދާއިރާއިން ހިދުމަތް ކުރެވޭނެ ފުރުސަތުތައް އެބަ ހުރި ކަމަށެވެ. އަދި މި ދާއިރާއިން ކިޔަވައިގެން އަންނަ ފަރާތްތަކުން ރާއްޖޭގައި މަސައްކަތްކޮށް ރާއްޖޭގެ ސިއްހީ ދާއިރާއަށް ޚިދުމަތްކުރުމަށް އޭނާ އެދެއެވެ.

"ބުނެލަން އޮތީ، ރާއްޖޭގައި ހިދުމަތް ކުރާށޭ، ރާއްޖޭގެ ވަރަށް ގިނަ އަތޮޅު ހޮސްޕިޓަލްތަކުގައިވެސް އަދި މާލޭގައިވެސް އެބަ ހުރި ކުރެވިދާނެ ވަރަށް ބައިވަރު މަސައްކަތް ހެލްތް ސެކްޓަރ ކުރިއެރުވުމަށް". ހާޝިމް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސނ

    ތިކުރާ ހިއްވަރަށް ސާބަސް. އިތުރު ކާމިޔާބީއަށް އެދެން. ވ. އިންޓްރެސްޓިން މަސައްކަތެއ.

    29
    1
  2. ޅ

    ސްކޫލުގައި އެކީ އުޅުނިން. ވަރަށް މަޖާ ދުވަސްތަކެއް އެއީ. ބްޔޯމެޑަމް ޝާންތީ އާ ހާޝިމްގެ ކޮމެޑީ ވަރަށް ހަނދާންވޭ ލޮލް.

    24
    1
  3. އައިޝާ

    މާޝާﷲ. ތިދާއިރާއިން ތެދުވެރިކަމާއެކު ރަށާއި ގައުމަށް ޚިދުމަތްކުރުމުގައި ދެމިހުންނާނެކަމަށް އުއްމީދުކުރަން.

    23
    1
  4. އެޗް ޕީ އޭ

    ކުރިއެރުން އެދެން.

    18
    1