ބޮލީވުޑުގެ އެންމެ ވަރުގަދަ ފަންނާނު، އަމީތާބް ބައްޗަން ލީޑު ރޯލުން ފެނިގެންދާ ފިލްމެއް ޕްރޮޑިއުސްކުރަން، ބޮލީވުޑުގެ ރަސްގެފާނު، ޝާހް ރުކް ޚާން ނިންމައިފިއެވެ. ޝާހު ޕްރޮޑިއުސްކުރަން ނިންމާފައިވާ މި ފިލްމަކީ ކްރައިމް- ތްރިލަރ ފިލްމެކެވެ.

"ބަދްލާ" ގެ ނަމުން ނަން ދީފައިވާ މި ފިލްމު ޑައިރެކްޓް ކުރުމުގެ މަސައްކަތާ، ސުޖޯއީ ގޯޝް ހަވާލުވެފައިވާއިރު، ފިލްމުގެ މުޙިއްމު އެހެން ރޯލަކުން ތާޕްސީ ޕަންނޫ ފެނިގެންދާނެކަމަށްވެސް މައުލޫމާތު ލިބެއެވެ.

"އިންޑިޔަން އެކްސްޕްރެސް" އަށް މައުލޫމާތު ދެމުން ސުޖޯއީ ބުނެފައިވަނީ އަމީތާބު ފަދަ އެކްޓަރެއް ފިލްމަށް ލިބުމަކީ، ކުރަން ޖެހޭ މަސައްކަތުގެ ދެބައިކުޅަ އެއްބައި، މިހާރުވެސް ހާޞިލުވުންފަދަ ކަމެއްކަމުގައެވެ. އަދި، ތާޕްސީއާއެކު މަސައްކަތް ކުރާހިތުން ހުރިތާ ދުވަސްކޮޅެއް ވެއްޖެކަމަށާއި އަދި ޕްރޮޑިއުސަރެއްގެ ގޮތުގައި ޝާހު ހުރުމަކީވެސް އުފާކުރާ ކަމެއްކަމުގައެވެ. މިއަށްވުރެ ރަނގަޅު ޓީމެއް ދެން ނުލިބޭނެކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި ފިލްމުގެ ޝޫޓިންގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ޝާހު އާއި އަމީތާބު މީގެކުރިން އެކުގައި މަސައްކަތް ކޮށްފައިވަނީ މީގެ 10 އަހަރު ކުރިންނެވެ. އެއީ، "ބޫތުނާތު" ގައެވެ. ސުޖޯއީވަނީ އަމީތާބް އާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.