ރަޝިޔާގައި މިހާރު ފަށައިގެން ކުރިއަށްދާ ވޯލްޑްކަޕް 2018 ގައި މިދިޔަ ހުކުރު ދުވަހު އުރުގުއޭ އާއި މިސްރު ބައްދަލުކުރި މެޗުގައި، މިސްރަށް ނާކާމިޔާބުވުމުން ޒުވާނަކަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ މާހިރު އިސާމް ނަމަކަށްކިޔާ މިސްރުގެ މަޝްހޫރު އެކްޓަރެކެވެ. އޭނާ މަރުވީ، ހުކުރު ދުވަހު ކުޅުނު އެ މެޗުގައި މިސްރަށް ލިބުނު ނާކާމިޔާބީއަށްފަހު ސްޓްރޯކް ޖެހި، ކޯމާގައި ގިނަ އިރުތަކެއް ވަންދެން އޮތުމަށްފަހު ހާލު އިތުރަށް ގޯސްވެގެން ކަމަށް ނޫސްތަކުން ބުނެއެވެ.

ސިއްޙީ އޮފިޝަލުންނާއި ޙަވާލާދީ ނޫސްތަކުން ބުނެފައިވަނީ، އިސާމަށް ސްޓްރޯކެއް ޖެހުނީ، ކުއްލިއަކަށް ލިބުނު ޝޮކެއްގެ ސަބަބުން އޭނާގެ ހިތާއި ގުޅިފައިވާ ލޭހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށެވެ. އަދި އޭނާއަށް އެންމެ ފުރަތަމަވެސް ފަރުވާދެމުންދިޔައީ ސީރިއަސް ހާލަތުގައި ކަމަށާއި، އޭރުވެސް އޭނާ ސަލާމަތްކުރެވޭނެ ކަމުގެ މާބޮޑު އުންމީދެއް ނެތްކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ސްޓްރޯކެއް ޖެހިގެން މަރުވި އިސާމް

އިސާމް މަރުވި ޚަބަރު އޭނާގެ އާއިލާގެ ފަރާތުން ކަށަވަރުކޮށްދީފައިވާއިރު، އޭނާއަށް ސްޓްރޯކް ޖެހުނު ވަގުތު އެކީގައި ހުރި އެހެން އެކްޓަރަކު ބުނެފައިވަނީ އިސާމް މަރުވީ ވޯލްޑްކަޕް ގައި މިސްރު ކުޅުނު ފުރަތަމަ މެޗުން އެޤައުމު ބަލިވުމުން ލިބުނު ހިތާމައިގައި ކަމަށެވެ.

ވޯލްޑްކަޕްގައި މިސްރު ކުޅުނު ފުރަތަމަ މެޗުން އެޤައުމު ބަލިވުމާއި ގުޅިގެން އިސާމްއަށް ސްޓްރޯކެއް ޖެހިގެން މަރުވިއިރު، މީގެ ކުރިން 2014 ވަނަ އަހަރުގެ ތެރޭގައިވެސް ސަޕޯޓްކުރި ޓީމެއް ބަލިވުމުން އޭނާއަށް ސްޓްރޯކެއް ޖެހި ހަފްތާތަކެއްވަންދެން ކޯމާގައި އޮތް ކަމަށް ވެއެވެ.

މި ހާދިސާ އާއި ގުޅިގެން މިސްރުގެ ސިއްޙީ އޮފިޝަލުން ވަނީ، ސިއްޙީ ހާލަތު ތަން ނުދޭކަމަށްވާނަމަ އެފަދަ ފަރާތްތަކުން މެޗުތައް ބަލައި ހެދުމުގައި ސަމާލވުމަށް އިލްތިމާސްކޮށްފައެވެ. ހުކުރު ދުވަހު މިސްރާއި އުރުގުއޭ ބައްދަލުކުރި މެޗުގައި މިސްރު ބަލިވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އުރުގުއޭއިން މިސްރުގެ މައްޗަށް ކުރި ހޯދާފައިވަނީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް، ފަހު ވަގުތު ޖެހި ލަންޑަކާއި އެކުއެވެ.