ޕާކިސްތާނުގައި އަންހެނުންނަށް ފުރައްސާރަކުރަމުން ޔޫޓިއުބަށް ވީޑިއޯ ލަމުން ދިޔަ ފިރިހެނަކު ފުލުހުންގެ ބަންދަށް ދާން ޖެހިއްޖެ އެވެ.

ޔޫޓިއުބް އާއި ޓިކްޓޮކްގައި މަޝްހޫރު ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ ހާން އަލީ އަންހެނުންނަށް ފުރައްސާރަކޮށް ވީޑިއޯ ނަގައި އެމީހުންގެ ހުއްދަ ނެތި މީސްމީޑިޔާއަށް ލާތާ އެތައް މަހެއްފަހުން ހައްޔަރުކޮށްފައި ވަނީ އާންމު ރައްޔިތަކު މީސްމީޑިޔާއަށް ލާފައިވާ ވީޑިއޯ އަކާއި ގުޅިގެންނެވެ.

ސަދަފް އަލްވީ ކިޔާ މީހަކު ޕާކިސްތާނުގެ ފުލުހުންގެ އިސްމީހަކު ޓެގްކޮށް މީސްމީޑިޔާއަށް ލާފައިވާ ވީޑިއޯގައި ފެނިގެންދަނީ ހާން އަލީ މަގުމަތިން ދިޔަ ދެ އަންހެނަކަށް ފުރައްސާރަކުރަމުންދާ މަންޒަރެވެ. އަދި އެމީހުންނަށް ލާރިދީ ބުރުގާ ގަންނަންވެސް އޭނާ ވަނީ ބުނެފަ އެވެ.

އަލްވީ ކޮށްފައިވާ ޕޯސްޓެއްގައި އޭނާ ބުނީ ހާން އަލީ މަގުމަތިންދާ އަންހެނުންނަށް ފުރައްސާރަކުރަމުންދާ މަސްތަކެއް ވެފައިވާ ކަމަށެވެ. ހާން އަލީ އަންހެނުންނަށް ފުރައްސާރަކުރަމުންދަނީ އަންހެނުން ބުރުގާ ނާޅާތީ އެކަމާއި ސުވާލުކޮށެވެ.

ޕާކިސްތާނުގެ އަންހެނުންގެ ހައްގުގައި ނިކުމެ ވާހަކަ ދައްކަމުން އަލްވީ ބުނީ އެތައް މަހެއް ވަންދެން ހާން އަލީ މި އަމަލު ފެނިފައިވާ ކަމަށެވެ. އަދި އޭނާ އާއި މެދު ފިޔަވަޅު ނާޅަނީ ކީއްވެތޯ އޭނާ ވަނީ ސުވާލުކޮށްފަ އެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދުގެ ފުލުހުން މިހާރު ހާން އަލީ ހައްޔަރުކޮށްފައިވާއިރު ފުލުހުން ބުނީ މީހުންގެ އަބުރު ރައްކާތެރިކުރުމަކީ އެފަރާތުން އެންމެ ބޮޑަށް އިސްކަމެއްދީގެން ކުރަމުންދާ އެއްކަން ކަމަށެވެ.

ހާން އަލީ އަންހެނުންނަށް ފުރައްސާރަކޮށް ޓިކްޓޮކަށް ލާފައިވާ ވީޑިއޯ ދެލައްކައަށްވުރެ ގިނަ މީހުން ބަލާފައިވާއިރު ގިނަބަޔަކު ދަނީ މި ވީޑިއޯއާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޭ

    ރާއްޖޭގައިވެސް ތިފުރައްސާރަ ކުރޭ ފިލާތިބެގެން ފޯނުން.

    4
    4
  2. ފަސް ފިޔަ

    ކަން އޮތްގޮތް ބުނުންވެސް އެއީ ފުރައްސާރަ؟؟؟

    2
    3
  3. ލޮލް

    ކަން އޮތްގޮތް ކިޔާދީބެ އަ ގޭގަ އޮވެ ގޭ މީހުނަށް