ބޮލީވުޑްގެ ބަތަލާ ވިދްޔާ ބާލަންއަކީ އޭނާގެ އަމިއްލަ މަސައްކަތާއި ހުނަރުން ފިލުމީ ދާއިރާގައި ފައިތިލަ ސާބިތުކޮށްފައިވާ ފަންނާނެކެވެ. އެއީ ފިލުމަކަށް ފަހު ފިލުމެއްގައި ތަފާތު ރޯލުތައް ދައްކުވައިދޭ އިންޑަސްޓްރީގެ ފިރިހެން ފަންނާނުންނަށް ދޫނުކުރާ ފަންނާނެކެވެ.

އެންމެ ފަހުން ރިލީޒް ކުރި ވިދްޔާގެ ފިލުމު ޝޭރްނީގައި އޭނާ އަދާކޮށްފައިވާ ރޯލުން ވެސް މިކަން ދޭހަވެއެވެ. މި ފިލުމުގައި ވިދްޔާ އަދާކޮށްފައިވަނީ ''ފޮރެސްޓް އޮފިސަރ'' އެއްގެ ރޯލެވެ.

މި ރޯލު ކުޅެން އުނދަގޫ ކަމަށާއި މީގެ ކުރިން ކުޅުނު އެއްވެސް ރޯލަކާއި ގާތްކުރާ ރޯލެއް ނޫންކަމަށް ވިދްޔާ ބުނެފައިވެއެވެ. އެހެންކަމުން ބެލުންތެރިން މި ރޯލްއާ މެދު ދެކޭނެ ގޮތަކާ މެދު ވަރަށް ކަންބޮޑުވި ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.

ފިލުމު ރިލީޒް ކުރެވުނު ރޭ މީހުންގެ މެސެޖުތަކަށް ޖަވާބުދާރީވުމަށް ފަތިހު ފަހެއް ޖަހަންދެން ހޭލާ ހުރި ވިދްޔާއަށް އެންމެ ގިނައިން އައިސްފައިވާ މެސެޖުތަކަކީ މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވެފައިވާ ޖިންސީ ގޯނާގެ ވާހަކަތަކެވެ.

އެތައް އަންހެނުންނަކާއި އަންހެން ކުދިންނަކަށް ދިމާވެފައިވާ މިފަދަ އެތައް ވާހަކަތަކެއް ހިއްސާ ކޮށްފައިވާ ކަމަށް ވިދްޔާ ބުނެފައިވެއެވެ. އަދި އިންޑިޔާގެ ސަގާފަތް އޮންނަ ގޮތުން އަންހެނުންނަށް މިފަދަ ކަމެއް ދިމާވި ނަމަވެސް އެއްޗެއް ނުބުނެ ތިބެން ޖެހޭ ކަމަށް ވެސް ވިދުޔާ ފާހަގަ ކޮށްފައިވެއެވެ.

މި ފިލުމުގައި ވިދްޔާ އަދާ ކޮށްފައިވާ ރޯލާ މެދު ވަރަށް ގިނަ މީހުން ހިތްހަމަޖެހުނު ކަމަށާއި އޭނާއަށް ތަޢުރީފުކޮށް އެތައް ބަޔަކު މެސެޖު ކޮށްފައިވާ ކަމަށް ވެސް ވިދްޔާ ފާހަގަ ކޮށްފައިވެއެވެ.