ބޮލީވުޑުގެ ބަތަލާ ވިދްޔާ ބާލަން އޭނާގެ ފިރިމީހާ ޕްރޮޑިއުސަރ ސިދާތު ރޯއީ ކަޕޫރުއާއި އެކު މަސައްކަތް ކުރަން ބޭނުންނުވާ ކަމަށް ބުނެފިއެވެ.

އޭނާ ވަނީ އެކަމުގެ ސަބަބު ވެސް އޮޅުންފިލުވައިދީފައެވެ.

ވިދްޔާ މިހެން ބުނެފައިވަނީ މިހާރު ޕްރޮމޯޓް ކުރަމުންދާ ފިލުމު ''ޖަލްސާ'' ގެ އިންޓަވިއުއެއްގައެވެ.

2013 ވަނަ އަހަރު ސިދާތު ޕްރޮޑިއުސް ކޮށްފައިވާ ފިލުމު ''ގަންޗައްކަރު'' ފްލޮޕްވުމާއި ގުޅިގެން ދެމީހުން ވެސް އެކުގައި މަސައްކަތް ނުކުރުމަށް ނިންމާފައިވެއެވެ.

މި ފިލުމު ފްލޮޕްވުމުން ދެމީހުންނަށް ވެސް އެކަމުގެ އަސަރު ކޮށްފައިވެއެވެ. އެހެންކަމުން އެކަކުގެ މަސައްކަތް ފްލޮޕްވެ ގެއްލުންވީ ނަމަވެސް އަނެކަކަށް އެހީތެރިވެދެވޭނެ ކަމަށް ނިންމާ، އެކުގައި މަސައްކަތް ނުކުރުމަށް ނިންމީކަމަށް ވިދްޔާ ބުނެފައިވެއެވެ.

މީގެއިތުރުން ސިދާތު ޕްރޮޑިއުސްކުރާ ފިލުމެއްގައި މަސައްކަތް ކުރާނަމަ ފިލުމުގެ އެކްޓަރގެ ފީ ވިދްޔާގެ ފީއަށްވުރެ ބޮޑު ނަމަ އެކަމާ އޭނާ ހިތްހަމަނުޖެހޭނެކަމަށް ވެސް ވިދްޔާ ބުނެފައިވެއެވެ. އެއީ ސިދާތުގެ ސަމާލުކަން ހުންނަން ޖެހޭނީ ހަމައެކަނި ވިދްޔާއަށް ކަމަށް އޭނާ ދެކޭތީއެވެ.

ސިދާތުއާއި އެކު މަސައްކަތް ކުރަން ބޭނުންނުވާ ސަބަބުތައް ކިޔައިދެމުން އިތުރަށް ވިދްޔާ ބުނެފައިވަނީ ފިލުމު ކާމިޔާބުވެއްޖެ ނަމަ އެއީ ފިރިމީހާގެ ސަބަބުންނޭ ނުވަތަ ސިދާތުގެ ފިލުމު ކާމިޔާބުވީ ވިދްޔާގެ ސަބަބުންނޭ މީހުން ބުނާ އަޑު އަހަން ބޭނުންނުވާ ކަމަށެވެ.

ފިރިމީހާގެ ޕްރޮޑަކްޝަން ހައުސްއެއް ހުރުމުން ވިދްޔާއަށް ފިލުމު ލިބޭނެ ކަމަށް ވަރަށް ގިނަ މީހުން ބުނެފައިވެއެވެ. ނަމަވެސް އެކަމަށް ރައްދުދީ ވިދްޔާ ބުނަމުންދަނީ ޕްރޮޑަކްޝަން ހައުސްއަކީ ފިރިމީހާގެ ތަނެއް ކަމަށާއި އޭނާގެ ތަނެއް ނޫން ކަމަށެވެ. އެހެންކަމުން އޭނާއަށް ފިލުމު ލިބެންވީ ސަބަބެއް ނޯންނާނެ ކަމަށް ބުންޏެވެ.

މި ސަބަބުތަކާއި ހެދި ވިދްޔާއާއި އޭނާގެ ފިރިމީހާ އެކުގައި މަސައްކަތް ނުކުރުމަށް ނިންމާފައިވެއެވެ.