ޑައިރެކްޓަރ މަހޭޝް ބަޓް ބޮލީވުޑުގެ އެންމެ މަގުބޫލު ބަތަލާ ވިދްޔާ ބާލަންއަށް ފޯނު ގުޅުމަށް ފަހު ދެއްކި ވާހަކައެއްގެ ސަބަބުން ފޯނު ބާއްވާފައި ކަރުނަ ނުހިފެހެއްޓުނު ކަމަށް ވިދްޔާ ބުނެފިއެވެ.

ވިދްޔާ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ގިނަ ފިލުމުތައް ފްލޮޕް ވީ ދުވަސްވަރެއް އައި ކަމަށެވެ. އެއީ އޭނާއަށް ވަރަށް ހިތްދަތި ދުވަސްވަރެއް ކަމަށް ވެސް ބުނެފައިވެއެވެ.

މި ދުވަސްވަރާއި ބެހޭގޮތުން ވާހަކަ ދައްކަމުން ވިދްޔާ ބުނެފައިވަނީ މަހޭޝް ބަޓް އޭނާއަށް ފޯނުން ގުޅާފައި ދެއްކި ވާހަކައެއްގެ ސަބަބުން ވަރަށް ގިނައިރު ވަންދެން ރޮވުނު ކަމަށެވެ.

''ފިލުމު ހަމާރީ އަދޫރީ ކަހާނީގެ ކުރިން ކުޅުނު ފިލުމުތައް ޝާދީ ކޭ ސައިޑް އެފެކްޓްސް، ބޮބީ ޖާސޫސް ވެސް ފްލޮޕް ވީ. އޭގެފަހުން އެއްދުވަހަކު މަހޭޝް ބަޓް ގުޅާފައި އަހަރެން ގާތު ބުނީ ހަމާރީ އަދޫރީ ކަހާނީ އަށް ވެސް މާބޮޑު ތަރުހީބެއް ނުލިބޭ ކަމާއި އެ ފިލުމު ވެސް ފްލޮޕް ވީ ކަމަށް. ފޯނު ބޭއްވުމަށް ފަހު އަހަރެންނަށް ރޮވުނު. އެ ދުވަހު ވަރަށް ގިނައިރު ވަންދެން ރުއިން. ރުއިން ހުއްޓާ ވެސް ނުލެވުނު'' ވިދްޔާ ބުނެފައިވެއެވެ.

އެންމެ ފަހުން ކުޅުނު ފިލުމު ވެސް ފްލޮޕް ވުމުން ވިދްޔާ ރޯވަރުން އޭނާގެ ފިރިމީހާ ސިދާތު ރޯއީ ކަޕޫރު އޭނާގެ ގޮވައިގެން ކާރުގައި ބޭރަށް ނިކުތް ކަމަށާއި އަދި އެ ދުވަހަކީ ވަރަށް ވިއްސާރަ ދުވަހެއް ކަމަށް ވެސް އޭނާ ބުންޏެވެ. އެ ދުވަހު ވެހުނު ވާރެޔާއެއްވަރަށް ރޮވުނު ކަމަށް ވިދްޔާ ބުންޏެވެ.

ނަމަވެސް ކާމިޔާބާއި ހަމައަށް އާދެވޭނީ ނާކާމިޔާބާއި ކުރިމަތިލައިގެންކަން އަމިއްލަ ނަފުސަށް ވިސްނައިދީގެން ކުރިއަށް ދިޔައީ ކަމަށް ވިދްޔާ ފާހަގަ ކޮށްފައިވެއެވެ.