ބޮލީވުޑުގެ ކިންގް ޚާން ޝާހުރުކް ޚާނާއި ބޮލީވުޑުގެ ކިލާޅީ އަކްޝޭ ކުމާރު މިހާރު ފިލުމުތަކުން އެކުގައި ނުފެންނަނީ ކީއްވެކަން ޝާހުރުކް ޚާން ބުނެފިއެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރު އަކްޝޭއާއި ޝާހުއާއި މާދޫރީ އަދި ކަރިޝްމާ އެކުގައި ފެނިގެން ދިޔަ ފިލުމު ''ދިލް ތޮ ޕާގަލް ހޭ'' އަށް ފަހު މި ދެ ފަންނާނުން އެކުގައި މަސައްކަތް ކޮށްފައެއް ނުވެއެވެ.

ނަމަވެސް ޝާހުރުކް ޚާންގެ އޯމް ޝާންތި އޯމްގައި އަކްޝޭގެ ހާއްސަ ފެނިލުމެއް ވެއެވެ. ހަމައެގޮތަށް އަކްޝޭގެ ހެއި ބޭބީ ފިލުމުގައި ހާއްސަ ފެނިލުމަކުން ޝާހު ފެނިފައިވެއެވެ. އޭގެފަހުން މި ދެ ފަންނާނުން އެކުގައި ފިލުމަކުން ފެނިފައެއް ނުވެއެވެ.

މީގެ އަހަރުތަކެއް ކުރިން ޝާހުރުކް ޚާން ދިން އިންޓަވިއުއެއްގައި އޭނާއާއި އަކްޝޭ އެކުގައި މަސައްކަތް ނުކުރަނީ ކީއްވެކަން ވަނީ ހާމަކޮށްފައެވެ.

''އަކްޝޭ ހޭލާހާ އަވަހަށް އަހަރެން ހެއެއް ނުލަން. އަހަރެން ނިދަން އޮށޯންނަނީ އަކްޝޭ ހޭލާ ގަޑީގައި. އަކްޝޭގެ ދުވަސް ވަރަށް ފަތިހާ ފަށާނެ. އަހަރެން މަސައްކަތް ފަށާ ގަޑިއަކީ އަކްޝޭ މަސައްކަތް ނިންމާލާ ގެއަށް ދާ ގަޑި. އެހެންކަމުން އަކްޝޭއަށް ގިނަ މަސައްކަތް ކުރެވޭނެ. އަހަރެންނަކީ އެއާއި ޚިލާފު މީހެއް. އަހަރެންހެން ރޭގަނޑަށް ޝޫޓް ކުރަން ބޭނުންވާ މީހުން ވަރަށް މަދުވާނެ'' ޝާހު ބުނެފައިވެއެވެ.

ދެމީހުން އެކުގައި ފިލުމެއް ކުޅޭނަމަ އެކަކު އަނެކަކާއި ދިމާނުވާނެ ކަމަށް ވެސް ޝާހު ބުނެފައިވެއެވެ. އެކަކު އަންނައިރު އަނެކަކު ހުންނާނީ ދާންވެފައި ކަަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް އަކްޝޭއާއި އެކު ފިލުމެއްގައި މަސައްކަތް ކޮށްލުމަކީ ވަރަށް މަޖާ ކަމެއްކަމަށް ވެސް ޝާހުރުކް ޚާން ބުނެފައިވެއެވެ.

އަކްޝޭއާއެކު ފިލުމެއްގައި މަސައްކަތް ކުރަން ބޭނުން ނަމަވެސް އެކަން ނުވަނީ ދެމީހުންގެ ވަގުތު ދިމާނުވާތީ ކަމަށް ޝާހު ބުނެފައިވެއެވެ.