އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ޖައުންޕޫރް ޑިސްޓްރިކްޓަށް ނިސްބަތްވާ ދެ ލޯބިވެރިން ކައިވެނި ކުރުމަށްފަހު މި ވަނީ ބޮޑު ކަންތައްގަޑެއް ހިނގާފައެވެ. އެމީހުންގެ ކައިވެންޏަށްފަހު ދިޔައީ ފިރިހެން މީހާގެ ގެއަށެވެ. އެ ގެއަށް ގޮސް އަންހެން މީހާ ވަނީ ފިރިހެން މީހާގެ ކަންކަށީމަތީގައި ޖަހާފައެވެ. އަދި އޭނާ ލައިގެން ހުރި ކައިވެނީގެ ހެދުމާއި، ގަހަނާތައް ބެހެއްޓުމަށްފަހު އޭނާގެ މައިންބަފައިންގެ ގެއަށްވެސް އޭނާ ވަނީ ގޮސްފައެވެ.

އަދި މިކަން މަތަ ނުކުރެވޭ ހިސާބަށް ދިއުމުން ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ފުލުހުން އައިސް އެކަން ހައްލު ކުރަން އުޅުނު ނަމަވެސް ރަނގަޅު ނަތީޖާއެއް ފެނިފައެއް ނުވެއެވެ.

ފުލުހުން ބުނެފައި ވަނީ، އަންހެން މީހާ އޭނާގެ ފިރިމީހާގެ ކަންކަށިމަތީގައި ޖަހާފައި މައިންބަފައިންގެ ގެއަށް ގޮސްފައި ވަނީ ކައިވެންޏާއި ގުޅިގެން ބާއްވާ ޕާޓީ ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ.

ފުލުހުން ކުުރިއަށްގެންދިޔަ ތަހުގީގުން އެނގޭގޮތުގައި، އެކަން ހިނގާފައި ވަނީ، ފިރިހެން މީހާ އެހެން މީހަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ފަޅާ އެރުމުންނެވެ. މިއާއެކު އަންހެން މީހާ ފިރިމީހާގެ ކަންކަށީމަތީގައި ޖެހި ހަބަރު މުޅި އަވަށުގައި ފެތުރިގަތެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ކައިވެނީގެ ކަންކަންވެސް ކުރިއަށް ދިޔައީ ވަރަށް ހަމަޖެހިލައިގެންނެވެ. އެވަގުތުހުރިހާ އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. އެހެން ނަމަވެސް ހުރިހާ މައްސަލައެއް ދިމާވެފައި ވަނީ އަނެއް ދުވަހުގެ ހެނދުނު އެވެ. އަދި އަންހެން މީހާގެ އާއިލާއިންވެސް ވަނީ އަންހެން މީހާގެ ފަޅިއަށް އަރާ އޭނާ ދިފާއު ކޮށްފައެވެ.

އިންޑިއާގައި މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައި ވެއެވެ.