ކޮންމެ އަހަރަކު ވެސް އައިފޯން ބާޒާރަށް ނެރުމުގެ ކުރިން، ނިކުންނަން އުޅޭ އައިފޯނާއި ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދެކެވެއެވެ. އެއުސޫލުން މިއަހަރު ވެސް އައިފޯނާއި ގުޅޭ ގޮތުން މިހާރު އަންނަނީ ތަފާތު ވާހަކަތައް ދެކެވެމުންނެވެ.

އެޕަލްގެ އުފެއްދުންތަކާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ގެނެސްދޭ "9ޓު5މެކް" އިން ބުނާ ގޮތުގައި މިއަހަރު ނެރޭނީ އައިފޯން-13 ނުވަތަ އައިފޯން-12 އެސްގެ ނަން ދީފައިވާ ފޯނެކެވެ. މިއަހަރު ނެރޭ އައިފޯންގެ އެންމެ ހާއްސަ އެއް ސިފައެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އައިފޯން-13 ޕްރޯގައި އޮޓޯފޯކަސް އާއިއެކު އަލްޓްރާ ވައިޑް ލެންސެއް ހިމެނުނެވެ.

މިހާރު އައިފޯންގައި ހިމެނެނީ ފިކްސްޑް ފޯކަސް ހިމެނޭ އަލްޓްރާ-ވައިޑް ލެންސެކެވެ. އެހެންކަމުން މިހާރު ބައިވަރު އެއްޗެހިތަކެއް ފެންނަން ހުންނައިރު ވަކިއެއްޗަކަށް ފޯކަސްކޮށް ފޮޓޯއެއް ނުނެގެއެވެ. އޮޓޯފޯކަސް އާއިއެކު ވަކިވަކި އެއްޗެއްސަށް ފޯކަސް ކޮށްގެން ފޮޓޯ ނެގުމުގެ ފުރުސަތު ފޯނު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

މިއަހަރު ނެރޭ އައިފޯންގައި 5ޖީ ސަޕޯޓް ކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އައިފޯން-13 ވެގެން ދާނީ ފޮޓޯ ނެގުމަށާއި ވީޑިއޯ ކުރުމަށް މިހާރަށްވުރެ ވެސް ބޮޑު އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ފޯނަކަށް ކަމަށް "9ޓު5މެކް" ގައި ބުނެފައި ވެއެވެ. ނަމަވެސް ކެމެރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނީ އައިފޯން-13 ޕްރޯގައި ކަމަށާއި އާޖެނެރޭޝަންގެ އައިފޯން ދެން ނެރޭނީ 2022 ގައި ކަމަށް ވެސް "9ޓު5މެކް" ގައި ބުނެފައި ވެއެވެ.

އާއައިފޯން ދައްކާލާނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރ މަހުގެ ނުވަތަ އޮކްޓޯބަރ މަހު އެވެ.