ބާވެ ހަލާކުވެފައި ހުރި 170 ވެހިިކަލެއް ނެނގުމުގެ މަސައްކަތާއި އެކު 320 ވެހިކަލެއް ޕާކްކުރާނެ ޖާގަ ދޫކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށްފެށިގެން ދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެ މޭޔަރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިީ ފުލުހުންނާއި ގުޅިގެން ހިންގި އޮޕަރޭޝަނަކުން މާލެ މަގުމައްޗަށް ދޫކޮށްލާފައި ހުރި ބޭނުން ނުކުރާ 170 އެއްހާ ވެހިކަލް ފެނިފާވާ ކަމަށެވެ. އެ ވެހިކަލްތައް ނެނގުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ހަތަރު ފުރޮޅުލީ 320 ވެހިކަލްއެއް ޕާކް ކުރާނެ ޖާގަވެސް ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށެވެ. އިންޑަސްޓްރިއަލް ޒޯން ސަރަހައްދުންނާއި އަދިވެސް އެހެން ސަރަހައްދަކުން މި ޖާގަތައް ދޫކުރަނީ ކުލީ އުސޫލުންނެވެ.

އޭގެ ތެރޭގައި 220 ކާރަށާއި، 80 ވޭން ނުވަތަ ކުދި ބަހުގެ އިތުރުން 50 ޕިކަޕް ޕާކް ކުރާނެ ޖާގަ ދޫކުރާނެކަން މޭޭޔަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މާލޭގެ ތޮއްޖެއްހުން ކުޑަކޮށް، މަގުތައް ފުޅާކުރުމަށްޓަކައި ޕާކް ކުރާނެ އިމާރާތްތަކެއް އެޅެންދެން ވަގުތީ ގޮތުން ޕާކް ކުރާނެ ސަރަހައްދުތަކެއްވެސް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެތަންތަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށްވެއެވެ.

10 ނުވަތަ 12 ބުރިއަށް އަޅާ މި އިމާރާތްތައް ހުންނަ ސަރަހައްދުތައް ކަނޑައަޅާނީ މާލެ ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު، ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިންނެވެ.

މި އިމާރާތްތައް އެޅުމުގެ އިތުރުން މީޓަރު ޕާކިންގ ސިސްޓަމްތަކެއް އެކި ސަރަހައްދުތަކުގައި ގާއިމް ކުރުމަކީވެސް މުއިއްޒުގެ އަމާޒެކެވެ. އެގޮތުން ކާނިވާ ސަރަހައްދުގައާއި، ފުޑްކޯޓު ސަރައްދުގެ އިތުރުން ފެރީ ޓާމިނަލްތައް ކައިރީ ގާއިމް ކުރާ މި ޕާކިންގް ނިޒާމްތައް އެޅުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ވަރަށް އަވަހަށް އިއުލާނު ކުރާނެކަމުގައި މޭޔަރު ވިދާޅުވިއެވެ.

މާލޭގެ ޕާކިންގްއަށް ހައްލެއް ހޯދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ޕާކިންގް އިމާރާތްތަކެއް ގާއިމް ކުރާނެ ކަމަށް 2019 ގެ ޑިސެމްބަރު މަހު ޓްރާންސްޕޯޓް މިނިސްޓަރު، އައިޝަތު ނަހުލާ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރުމަށް ފައިސާ ހޯދާނީ ބޭރުގެ އެހީގައި ކަމަށް ވެއެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް އައިރުވެސް އެ އިމާރާތްތައް ތަރައްގީކުރުުމުގެ މަސައްކަތް ފަށާފައެއް ނުވެއެވެ.