ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ ބިލްޑިންގްގެ ކައިރީގައި ހަދާފައިވާ ޕާކިން ޒޯނުގައި ސައިކަލްތައް ޕާކް ނުކުރެވޭ ގޮތް ހެދުމުން ފާޑުކިޔުންތައް އަމާޒުވެފައި ވީނަމަވެސް ފުލުހުންނާއި މާލޭ ސިޓީ ކައުންސިލްގެ ދައުރެއް ޕާކިން ޒޯން ބަންދު ކުރުމުގައި ނެތްކަމަށް އެއިދާރާތަކުން ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު މީސް މީޑިއާގައި އާއްމުކުރި ކުރު ބަޔާނެއްގައި ވިދާޅުވީ ވެލާނާގޭ ކައިރި ޕާރކިން ޒޯން ބަންދުކޮށް އެ ސަރައްހަދުގައި ހުރި އުޅަނދުތައް ޓޯ ކޮށްފައިވަނީ ކައުންސިލްގެ އެންގުމަކަށް ނޫން ކަމަށެވެ.

އަދި އެ ސަރަހައްދު ބަންދުކޮށް މަސައްކަތް ކުރަމުން ދަނީ ވެސް މާލެ ސިޓީ ކައުންސިލަށް އެންގުމަކާއި ނުލާ، އަދި ކައުންސިލްގެ އެއްވެސް ކަހަލަ ހުއްދައެއް ލިބިގެން ވެސް ނޫންކަމަށާއި އަދި މި މަސައްކަތަކީ ކައުންސިލް އިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ބުނެ ފަތުރަމުން ދަނީ ތެދު މައޫލޫމާތު ނޫން ކަމަށް ވެސް ސިޓީ ކައުންސިލްގެ ބަޔާނުގައި ވިދާޅުވިއެވެ.

ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ ވެލާނާގެއާއި އިންވެގެން އޮންނަ ސައިކަލް ޕާކިންގ ޒޯން މިވަގުތު ބަންދުކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީގެ އެދުމުގެ މަތިން އެމިނިސްޓްރީގެ ބޭނުމަށް ކަމުގައި ދަންނަވާ ކަމަށެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން އަންނަ ވެލާނާގެ ކައިރީގައި އޮތް ޕާކިން ޒޯން ބަންދުކުރީ އެސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިންގ ސިސްޓަމް ނަގައި، ގިނަ އުޅަނދުތަކަށް ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ ވިދާޅުވެފައެވެ.

ވެލާނާގެ ހުންނަ އަމީރު އަޙްމަދު މަގުގައި ޕާކް ކުރުމަކީ މަނާކަމެކެވެ.ހުރަވީ ބިލްޑިންގ ނެގުމަށްފަހު އެތަނުގައި ޕާކިން ޒޯނެއް ހެދި ނަމަވެސް އެތަނުގައި ވެލި މަގެއް ހަދައި، އަދި ޕާކެއްގެ ގޮތައް ބޮޑު ބައެއް ބަދަލު ކޮށްފައި އޮތުމުން ޕާކް ކުރަން ލިބިފައި ވަނީ ނިސްބަތުން މަދު ޖާގައެކެވެ.

ވެލާނާގޭގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ވެލާނާގެއަށް ހިދުމަތް ހޯދަންދާ މީހުންގެ ސައިކަލް ޕާކް ކުރަން ދަތިވެގެން އަމީރުއަހްމަދު މަގުގައި ސައިކަލް ޕާކް ކޮށްފައި ހުއްޓާ ފުލުހުން ސްޓިކާ ޖަހަން ފެށުމުން މިހާރު އެސަރަހައްދުގައި ޕާކިން ޖާގައެއް ހޯދުން ވަނީ ކުރިއަށް ވުރެވެސް ދަތިވެފައެވެ.

ވެލާނާގެ ކައިރި ޕާކިން ޒޯން ބަންދުކޮށްފައި ހުރުމުން، އެ ސަރަހައްދުގައި ޒޯނުން ބޭރުގައި ޕާކް ކޮށްފައިވާ އުޅަނދުތަކުގައި ސްޓިކާ ނުޖަހާނެކަން ފުލުހުން އަންގާފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އހ

    ސްޓިކާޖެހުމަކީ ކައުންސިލްގެ މައްސަލައެއް ނޫން

    8
    1
  2. އަބްދޫ

    މި ސަރުކާރުން މަޖީދިއްޔާގެ ހުޅަނގުން އޮތް ބިމުގަ ކާރާއި ސައިކަލް ޕާކް ކުރާނޭ އިމާރާތެއް ހެދިނަމަ ތިޔަ ސަރަހައްދުގެ މަގުމައްޗާއި ވެލާނާ ޕާކިންވެސް ހުސްކުރެވުނީސް .ދަވްލަތުން 4 އަހަރުތެރޭ ދަވްލަތަށް ލިބުނުއާމްދަނި ގެ އިތުރުން 60 ބިލިއަން ރުފިޔާ ގެ ދަރަނި ނެގި އިރު ގައުމުގެތެރައްގީއަށް މިވަރުކަމެއްވެސް ކޮށެއްނުދެވޭ ފައިށައިން ކުރަނީ ކޮންކަމެއްކަން ބަލަން އެބަޖެހޭ. ޕާކިން އިމާރާތްތަކަކީ ޕާކިންއައި ރެސިޑެންޓް ވެސް ހުންނަ އިމަރާތްތައް އޭސިޔާގެ ގިނަ ގައުމުތަކުގަވެސް މިފަދަ ބިލްޑިންގ ހުރޭ ކާރާއި ސައިކަލް އަމިއްލަޔަށް އަރާ އަމިއްލަޔަށް ފައިބައިގެންދޯގޮތަށް ހަދާފަ ހުރި ތަންތަނުގަ ފިހާރަތަކާއި ރެސްޓޯތެންޓްތަކާއި ދިރއުޅޭ އޕާޓް މަންޓް ހެދުމުން ދަވްލަތަށް ބޮޑު އާމްދަނީ ލިބި ބަޔަކަށް ވަޒީފާ ވެސް ލިބިގެންދާނެ. އެމްޑިޕީ ސަރުކާރަކީ ތަރައްގީއަށް ނޫނެކޭ ބުނާ ބައެއް ޔާމީނުގެ ދުވަސްވަރު ހެދި މެކެނިކަލް ޕަކިންސިސްޓަމްތަކަކީ ވަރަށް ބޮޑު ބޭކާރު ހަރަދެއް .މިކަހަލަ ކަންކަމަށް ބަލާއި ޔާމީނުގެ ވިސްނުންއެހާރަނގަޅުހެން ހީނުވޭ.