ބޮލީވުޑުގެ ފުރަތަމަ "ޚާން" އަދި ފުރަތަމަ ސުޕަރ ސުޓަރ މުޙައްމަދު ޔޫސުފް ޚާން ނުވަތަ ބޮލީވުޑު ނަމުން ނަމަ ދިލިޕް ކުމާރު ހޮސްޕިޓަލުން ދޫކޮށްލިތާ މާގިނަ ދުވަހެއް ނުވެ އަނެއްކާ ވެސް ހޮސްޕިޓަލުގައި އެނދުމަތިކޮށްފިއެވެ.

ނޭވާލާން އުނދަގޫވުމާ ގުޅިގެން ޖޫން މަހުގެ ހަ ވަނަ ދުވަހު ހޮސްޕިޓަލުގައި އެނދުމަތި ކުރި އުމުރުން 98 އަހަރުގެ އެކްޓަރ ދިލިޕް ކުމާރު އަނެއްކާ ވެސް އެނދުމަތި ކުރީ މުސްކުޅި އުމުރުގައި ދިމާވާ ސިއްހީ މައްސަލަތަކެއްގެ ސަބަބުންނެވެ.

''ދިލިޕް ކުމާރު އެނދުމަތި ކުރެވިފައިވަނީ ހިންދޫޖާ ހޮސްޕިޓަލުގައި. ދިލިޕް އެނދުމަތިކުރެވިފައިވަނީ އުމުރުން 98 އަހަރުވުމުން ކުރިމަތިވާނެ ސިއްހީ މައްސަލަތަކެއްގެ ސަބަބުން'' އާއިލާގެ ފަރާތުން ބުނެފައިވެއެވެ.

ފަހަކަށް އައިސް ދިލިޕް ކުމާރުގެ ސިއްހީ ހާލަތު ހުރި ގޮތުގެ ސަބަބުން އާއިލާގެ އިތުރަށް އޭނާގެ ސަޕޯޓަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އަވަސް ޝިފާއަކަށް އެދި އެތައް މެސެޖުތަކެއް ކޮށްފައެވެ.

ހިންދީ ސިނަމާގައި 60 ހަކަށް އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ ދިލިޕް ކުމާރަކީ އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ އިންޑަސްޓްރީއަށް އަގުހުރި ފަންނާނެކެވެ.

ކުރީގެ ހިންދީ ފިލުމުތަކުގެ ތެރެއިން މިއަދާ ހަމައަށް ވެސް ފާހަގަ ކޮށްލެވޭ އެތައް ފިލުމެއްގައި ދިލިޕް މަސައްކަތް ކޮށްފައިވެއެވެ.

އެގޮތުން 1960 ވަނަ އަހަރުގެ ފިލުމު ''މުގަލް-އީ އާޒަމް، 1991 ވަނަ އަހަރުގެ ފިލުމު ''ސައުދާގަރު''، 1961 ވަނަ އަހަރުގެ ފިލުމު ގަންގާ ޖަމްނާ، 1960 ވަނަ އަހަރުގެ ފިލުމު ކޮހިނޫރު 1952 ވަނަ އަހަރުގެ ފިލުމު ދާގް ފަދަ އެތައް ފިލުމެއް ފާހަގަ ކޮށްލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު