މިއީ މިހާރު އުމުރުން 30 އަހަރުވެފައިވާ ޒުވާނަކު ކިޔައި ދިން ވާހަކައެކެވެ. އޭނާ ނިސްބަތްވާ ހިސާބު ގެނެސް ދީފައި ނުވަނީ އޭނާގެ އެދުމުގެ މަތިންނެވެ. އަދި މި މައުލޫމާތު އޭނާ ހިއްސާ ކޮށްފައި ވަނީ މައިންބަފައިންނަށް ކަންކަން ހަނދާން ކޮށްދިނުމަށެވެ. ދަރިންނަށް ކަންކަން ކިޔާދިނުމަށެވެ.

އުމުރަކީ އޭރު އެންމެ 11 އަހަރެވެ. މަޔަކާއި ބައްޕައެއްގެ ލޯބި އިންތިހާށް ލިބެމުންދިޔަ ހަމައެކަނި ހުރި ފިރިހެން ދަރިފުޅެވެ. ކިޔެވުމަށް މޮޅެވެ. އަޙްލާގު ރަނގަޅެވެ. ގަދަރުވެރި އާއިލާއެއްކަމުން، އެންމެންގެ ލޯބި ދިޔައީ ލިބެމުންނެވެ.

ހާދިސާގެ އަސްލު ފަށައިގަންނާނަމެވެ. އެއް ދުވަހެއްގެ ހެނދުނެވެ. ގުރުއާން ކްލާހަށް ދިޔައީމެވެ. ކްލާސް ތެރޭގައި ތިބީ އަވަށްޓެރި ކުދިންކޮޅެކެވެ. އެންމެންގެ ތެރޭގައިވެސް އަހަރެން މަޝްހޫރެވެ. އަހަރެން ގުރުއާން ކިޔަވާ އަޑުގެ ރީތިކަމުންނެވެ. އެހެންކަމުން ކްލާސް ތެރޭގައި އަހަރެން ވަރަށް ހިންގާލައެވެ. އެ ދުވަހުވެސް ވީ ހަމައެހެންނެވެ. އެކަމަކު އެ ދުވަހު ތަފާތު ކަމެއް ވިއެވެ. ގޭގެ ޖެހިގެން ހުންނަ އަވަށްޓެރި ގޭގެ ކުއްޖަކު ޖިންސު ތެރެއަށް އަތް ކޮށްޕީއެވެ. އެކަން ވަރަށް މަޖާ ވިއެވެ. އެ ސަކަރާތުގައި ދެ މީހުންގެ ގުރުއާން ގަޑި ނިމިއްޖެއެވެ. ގުރުއާން ކިޔެވުމަށް ސަމާލުކަން ނުދެވުނެވެ.

ހަމަ އެ ދުވަހެވެ. ދެ މީހުން ގަޑިކިޔައިގެން ބައްދަލު ކުރީއެވެ. މިއީ ހުރިހާ ކަމެއްގެ ފެށުމެވެ. އޭނައަކީ އަހަރެންނާއި އުމުރުން އެއް އަހަރު ހަގު ކުއްޖެއް ނަމަވެސް، މިއަދު އަހަރެން އެ ކަންކަމާއި ވިސްނާލުމުން އޭނާއަށް އެކަން ވަރަށް ޅަ އިރު ދަސްވެއްޖެކަން އެނގެއެވެ. އެ ދުވަހު ފާހަނަ ތެރެއިން ދިމާވެގެން ޖިންސީ ކަންކަމުގެ ވާހަކަދެއްކީއެވެ. އަތްލާ ހެދީއެވެ.

ކަންކަން ފެށިއްޖެއެވެ. އޭނާ އަހަރެންނާއި، މީހުންނާއި ބައްދަލު ކުރުވާ ހަދަން ފެށިއެވެ. އަވަށްޓެރިންނެވެ. އުމުރުން ދޮށީ މީހުންނާއި ހަގު މީހުންނެވެ. 25 އަހަރުގެ މީހަކާއި ދިމާވިއެވެ. އޭނާ ދެއްކީ އެންމެ ބޮޑެތި ވާހަކަތަކެވެ. އެ ދުވަހު އަހަރެންނަށް އެއީ އާ ވާހަކަތަކެކެވެ. އެކަމަކު މިއަދު އެއީ އަހަރެންނަށް މުޅިން އާ ވާހަކަތަކެއް ނޫނެވެ. ދިމާ ފަކުރު ވާހަކަތަކެވެ. އަހަރެން އެ އުމުރުގައި އެ އަވަށުން އެކަނި އެކަހަލަ 20 ވަރަކަށް މީހުންނާއި ބައްދަލުވެދާނެއެވެ. އަހަރެންގެ އުމުރަށްވުރެ ހަގު ކުދިން ގިނައެވެ. ބައެއް ކުދިންނަށް 9 އަހަރެވެ. އެކަމަކު ނޭނގޭ ކަމެއް ނެތެވެ. އެހެންކަމުން އެ އަވަށުގައި އެކަން ވަރަށް ރަނގަޅަށް ހިނގަމުންދިޔަތާއެވެ.

މިކަން ހިނގާދިޔަ ގޮތް މިހާ ތަފްސީލުކޮށް ކިޔާދިނީ، މިއީ ބައެއް ރަށްތަކުގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ ވާހަކަތައް ވަރަށް ބޮޑަށް ދެކެވެމުންދާތީއެވެ. އޭނާ ބޭނުންވީ މައިންބަފައިންވެސް މިފަދަ ކަންކަމަށް ހޭލުންތެރިވާށެވެ. ޖިންސީ ކަންކަމަށް އެދޭ މީހާއަކީ ހަމައެކަނި އާއިލާ މީހަކަށް ނުވެދާނެ ކަން ހަނދާން ކޮށްދިނުމަށެވެ. ދަރިން ކުޑައިރު، އުޅޭ ނޫޅޭ ގޮތް ބެލުމަށެވެ. އެކަނި ބޭރަށް ނުފޮނުވުމަށެވެ. ކޮންމެ މީހެއްގެ އަތުގައި އެޅުވިގެންވެސް ދިރިއުޅުން ހަފުސްވެދާނެ ކަން ވިސްނުމަށެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ ބައެއް މައްސަލަތަކަކީ ބައެއް ފަހަރު އެކަން ސިއްރުވާ މައްސަލައަކަށްވެފައި ވެއެވެ. ބައެއް ފަހަރު ކުދިންނަށް މަޖުބޫރުވި ނަމަވެސް، އަނެއްބައި ފަހަރު އެ ކުދިންނަށް އެކަންކަން މަޖާވެ، ކުރެވޭ ގޮތް ވެއެވެ. އަދި ކަމަށް ދެވިހިފައެވެ. އެކަމަކު މިފަދަ ކަންކަމަށް ކުދިން ހުށަހެޅުމުގެ ކުރިން އެ ކުދިންގެ އުމުރާ ގުޅޭގޮތަށް އެ މައުލޫމާތު ހިއްސާ ކުރުން ވަރަށް މުހިންމެވެ. އެއީ އެ ކުދިންގެ ރައްކަލަކަށްޓަކެވެ. އެ ކުދިންނަށް އެ ކުރެވެނީ ނުބައި ކަމެއް ކަން ވިސްނައިދިނުމަށްޓަކައެވެ.

އޭނާ ކިޔާދިން ގޮތުގައި، އުމުރުން 18 ފުރެންދެން އެކަމުގެ ތެރޭގައި އޭނާ އުޅުނެވެ. މައިންބަފައިންނަށް ނޭނގެއެވެ. އެކަން ނޭނގި އޮތީ ކުރާ މަންޒަރު ނުފެންނާތީއެވެ. އެކަން މަޖާ ކަމަކަށްވެ، ކުރަމުން ދިއުމުންނެވެ. އެކަން ސިއްރު ކުރުމުންނެވެ. އެއީ ގޯސް ކަމެއްކަން އެނގުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. އެކަން އެއީ ދެވިހިފާ ކަމެއްކަން ވެސް އެއިރު ނޭނގުނަސް ފަހުން އެކަން އެނގުނެވެ. ބައެއް ފަހަރު ޖިންސީ ކަންކަމަކީ ދެވިހިފާ ކަންކަމަށް ވެއެވެ. ކޮންމެ ދުވަހަކު ކުރަން ބޭނުން ވެއެވެ. ކުރާ ހިތްވެއެވެ. ނުކުރާ ނަމަ ހިތް ނުތަނަވަސް ވެއެވެ.

އަހަރެން ހަނދާން ހުންނަ ނަމަ، އަހަރެން އަވަށުގެ އެ ގުނާލެވޭ 20 މީހުންނާއެކު ގިނައިން ކުރެވުނެވެ. ހުރިހާ ކަމެއް ކުރެވުނެވެ. އެންމެ ކުޑަކަންތަކުން ގޮސް އެންމެ ބޮޑު ކަންތަކެވެ. މިއީ ތަފްސީލަށް ދާން ވީ ކަންކަމެއް ނޫނެވެ. އަހަރެން މިކަމާ ފަހުރުވެރި ވަނީ ނޫނެވެ. މިއަދު މިކަމާއި ހިތާމަކޮށް ރޮވެނީއެވެ. މިއަދު އަހަރެންގެ ދިރިއުޅުން ކިތަންމެ އުފާވެރި، ކިތަންމެ ދީނީ ކަންކަމުގައި އުޅުނު ނަމަވެސް، އެ ލައްގަޑު ހިތަކުން ނުފިލާނެއެވެ.

މިކަމުގައި އަހަރެން އަހަރެންގެ މައިންބަފައިން ގޯސް ނުކުރާނަމެވެ. އެހާ ލޯބިން އަހަރެން ބަލާ ބޮޑުކުރުމުންނެވެ. އެކަމަކު އަހަރެންނަށް ކުރިން އެއީ ގޯސްކަމެއްކަން ނޭނގުން އެއީ ކާކުގެ މައްސަލައެއްކަން އަހަރެން އެނގެން ބޭނުންވެއެވެ. އަހަރެންނަށް އެކަން އެނގުނު ނަމަ، މިއަދު އެ ލައްގަޑު ހިތުގައި ނޯންނާނެއެވެ.

އަހަރެން އުމުރުން 18 އަހަރު ފުރި ވަޒީފާއަށް ނުކުތް ފަހުން އަހަރެން އެކަމުން ދުރުވީ އެއީ ގޯސްކަމެއްކަން އެނގިގެންނެވެ. އެކަމަކު އެއީ ހުރިހާ އެންމެންނަށް ވާނެ ކަމެއް ނޫނެވެ. ދެވިހިފާފައި ހުންނަ ކަމެއް ދޫކޮށްލުމަކީ އަމިއްލައަށް މަރުވުން ކަހަލަ ކަމެކެވެ. ވޭން އަޅަނީ ނޫނެވެ. ހުއްޓަން އުނދަގުލީއެވެ. އަހަރެން އެކަން ހުއްޓަން އެހީތެރިވެދިނީ އަހަރެންގެ އެކުވެރިންނާއި، އަހަރެންގެ އަނބިމީހާއެވެ. އޭނާ ދެކެ އަހަރެންނަށް ލޯބި ވެވުނީއެވެ. ދީނީ ކަންކަމަށް ލޯބި ކުރާ އަންބަކު ލިބުނީއެވެ. އޭނާގެ ފުރިހަމަ ލޮތްބާއި އަޅާލުމާއެކު އަހަރެން މިއަދު އެކަމުން ދުރުވިތާ މިހާރު 12 އަހަރުވީއެވެ. އަހަރެންނަށް އޭނާ ދެކެވީ ލޯބިން ހުރިހާ ކަމެއް ދޫކޮށްލެވުނީ ފަސޭހައިން ނޫނެވެ. އޭނާއަށް މިކަންކަން ނޭނގޭނެއެވެ. އަހަރެންގެ ރަހުމަތްރިންނަށް މިކަން އެނގޭނެއެވެ. އަހަރެން މިކަމުން ދުރުވާން ދިރިއުޅުން ބަދަލުކޮށްގެން މިހާރު އުޅެނީ ރާއްޖެއިން ބޭރުގައެވެ. އުމުރުން 19 އަހަރުގައި ކުރި ކައިވެންޏާއެކު މިހާރުވެސް އެ ލޯބިވާ އަނބިމީހާއެކު މި އުޅެނީ އުފަލުގައެވެ.

ވިސްނާށެވެ. މިފަދަ ކަންކަމުން އަރައިގަނެވޭނީ ވަރަށް މަސައްކަތުންނެވެ. ދީނީ ކަންކަމަށް ލޯ ހުޅުވިގެންނެވެ. ދީނަކީ ހުރިހާ އެއްޗެކަން ދަނެގެންނެވެ.

މިއަދު އެ އަވަށުން އަހަރެން ސަލާމަތްވެއްޖެއެވެ. އަހަރެން ސަލާމަތްވީތީ ޝުކުރުވެރިވަމެވެ. އަދި އެ ދުވަހު އެކަންތަކުގައި އުޅުނު ކުދިން މިއަދު ބޮޑެތިވެ، އުފަލުގައި ދިރިއުޅެމުން ދާ މަންޒަރު މި ދެ ލޮލުން ފެނުނު ނަމަވެސް، އެކަން ކުރުމުގައި އެ މީހުން ނޫޅެޔޭ އަހަރެން ނުބުނާނަމެވެ. އެއީ އަހަރެންނަށް އެކަން ނޭނގޭތީއެވެ. ނުހޯދާތީއެވެ. އެ ދުވަހު ޖެހުނު ލައްގަޑު އެ މީހުންގެ ހިތުންވެސް ނުފިލާނެއެވެ. ކުޑައިރު ކުރާ އެފަދަ ކަންކަމަށް ބޮޑުވުމުން ކުރާނެޔޭ ބުނާތީ އަޑުއަހަމުވެ. ސިނގިރޭޓް ބޯ މީހުން އެ ނުހުއްޓިގެން، ހުއްޓާލައިފީމޭ ބުނެ، ވަގަށް ބޯ ބީދައިން މިކަންވެސް ހުއްޓައިފީމޭ އަނގައިގެން ބުނެގެން ތިބޭ ކިތައް މީހުން ތިބޭނެ ހެއްޔެވެ؟ މީގެ ފުނަށް ދާން ނެތީމެވެ.

މައިންބަފައިންނޭވެ. ދަރިންނަށް ހެޔޮގޮތާއި ނުބައި ގޮތް އެ ކުދިންގެ އުމުރާއި ގުޅޭގޮތަށް ކިޔާދޭށެވެ. އުޅެންވީ ގޮތާއި، ގޯސްކަންކަން އެ ކުދިންނަށް އެނގޭ ގޮތަށް ކިޔާދޭށެވެ. އެފަދަ ކަމެއް ވެއްޖެކަން އިހުސާސްވެއްޖެނަމަ، ނޫނީ ދަރިފުޅުގެ ފަރާތުން ފާހަގަވެއްޖެނަމަ ސިއްރު ނުކުރާށެވެ. އާއިލާ ބަދުނާމު ވެދާނެ ކަމަށް ނުތިބޭށެވެ. އެއީ ދަރިފުޅަށް ދެވޭނެ ވަރަށް ބޮޑު އަނިޔާއެކެވެ.

ރާއްޖޭގެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކަށް 520 އަށް އަރައެވެ. މިއީ އަދި ރިޕޯޓް ކުރި މައްސަލަތަކުގެ އަދަދެވެ. އަދި ރިޕޯޓް ކުރާ މިފަދަ މައްސަލަ ތިބޭނެ ހެއްޔެވެ؟. މަޖުބޫރީ ހާލަތުގައި މިކަން ސިއްރުކޮށްގެން ކިތައް މީހުން ތިބޭނެ ހެއްޔެވެ؟. އާއިލާގެ ހައްގުގައި ކަމަށް ބުނެ ކިތައް މީހުން ތިބޭނެ ހެއްޔެވެ؟، ނޫނެކެވެ. ނުތިބޭށެވެ. މިކަން ހުއްޓުވަން ތެދުވާށެވެ. މިކަމާއި ވާހަކަދައްކާށެވެ. މިއީ ހުއްޓުވަންވީ ކަންކަމެކެވެ. މިފަދަ ކަންކަމާއި ހެދި އެތައް ކުޑަކުއްޖަކު ކުށުގެ ވެއްޓަށް ހުށަހެޅިގެން ދެއެވެ.

މި ރިޕޯޓް ތައްޔާރުކޮށްފައި ވަނީ އޭނާ ދެއްކި ވާހަކަތަކަށް ކޮންމެވެސް ވަރަކަށް އުނިއިތުރުކަން ގެނެސްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަމްދު

    އަލްހަމްދުލިﷲ ތި ޒުވާނާއަށް ތެދުމަގު ދެއްކެވީތީ. ކޮންމެ މީހަކަށްވެސް އެމީހަކަށް ކުރެވޭ ނުބައި ކަމެއް އެއީ ނުބައިކަމެއްކަން ކޮންމެވެސް ގޮތަކުން އަންގަވާނެހެން ހީވަނީ. އެކަމު އެކަން އެ އެނގޭ ވަގުތުގެ ބޭނުން ހިފައިގެން އެކަމާ ދުރުވާން ދީނުގެ ބޭނުން ނުހިފާނަމަ އަދި މާތްﷲއަށް ވަކީލުނުކުރާނަމަ އެކަމުން ދުރުނުވެވޭނެހެން ހީވަނީ. ކިތަންމެ ނުބައިކަމަކުން ދުރުވާންވެސް މާތްﷲގެ މަދަދު ހޯދަންޖެހޭނެ. ދުނިޔޭގަ އެހީވާނެ އެކަކު ނެތް ވަގުތުގައިވެސް މާތްﷲ އެމީހާ ގެއްލެނިވާން ދޫކޮށްނުލައްވާނެ މާތްﷲއަށް ފުރިހަމައަށް އިތުބާރު ބާއްވާނަމަ.

    47
    1
  2. ރަބަރޭ

    ރަނގަޅު ވާހަކައެއް، ނޭނގުމެއް ތެރޭގައި ކުޑަކުދިން އެކަމުގައި ޖެހިދާނެ. މައިންބަފައިން އެކުދިންގެ އުމުރާ ގުޅޭގޮތަށް ނަސާހަތް ދިނުން ވަރަށް މުހިންމު އަދި ކައިރިން އެކުދިން އުޅޭގޮތް ބަލާ އެއްވެސްކަމެއް ފާހަގަ ކުރެވިއްޖެނަމަ ވަގުތުން އެކަމެއް ހުއްޓާލުމަށް ނަސޭހަތްދީ އެތަތަނަކުން ދުރަށް ދެވެން އޮތްނަމަ ދިއުންވެސް ރަނގަޅު. އަޅުގަނޑަށް ވެސް ދިމާވި ތިފަދަކަމެއް. ދެރައީ އެކަން ކުރަން ފެށުނު ގޮތެއް ހަނދާންތީމަ. އެކަމަށް ދެވި ހިފިގޮތެއް މިއަދާ ހަމައަށް އައިރުވެސް ނޭނގޭ. ހަމަގައިމުވެސް 5 އަހަރު ވިއިރުވެސް ހުރީ އެކަމަށް ދެވި ހިފާފައި. އެއީ މީހަކު ދަސްކޮށްދިން ކަމެއް ނުވަތަ އަމިއްލަ ދަސްވިކަމެއްތޯ ވިސްނާ ވިސްނާ ބޯހަލާކުވި. މީހަކު އެފަދަ ކަމެއް ކުރަން ބުނިކަމެއް ނުވަތަ ޖިންސީ އަނިޔާއެއް ދިން ހަނދާނެއްނުވޭ. އެނގޭކަމަކީ ވަރަށް ކުޑައިރުން ފެށިގެން ވެސް އެކަން ކުރަން ދެވިހިފާފައި ހުރިކަން. އަދި ކިތަންމެ ސިކުނޑި ޅަ ނަމަވެސް އެއިރުވެސް ކުރެވެނީ ގޯސްކަމެއް އިނގޭ އަދި ހުއްޓާލަންވެސް ބޭނުންވި. މާތްﷲ އަޅުގަނޑާއި އެހެން މީހުން މިފަދަ ކަންކަމުން ސަލާމަތްކޮށްދެއްވާށި. އާމީން.

  3. ނނނ

    މިރާއްޖޭގައި އަވަށް ތަކެއްހެ ގޮތުގައި މަޝްހޫރުވެފައި ވަނީ ލ އަދި ޏ އަތޮޅު ހެހެހެ

    10
    2
    • އައްޑޫ ޝަކުވާ ބޯޓު

      އައްޑޫ؛ ހިތަދޫގައިވެސް؛ އޮންނަނީ: އަވަށް

  4. Anonymous

    އަވަށް ތަކެއްގެ ގޮތުގައި މާލެވެސް ހިމަނާލުން މުހިއްމު ސަބަކީ ތިބާވަތުގެ ކަންކަމަށް މާލޭމީހުން ވަރަށް ބީރައްޓެހި ވާނެ

  5. އހ

    ސަދޫމްތަ؟

    1
    1
  6. ނަފްސު

    ކޮންކަހަލަ އަމަލެއްތަ ހިންގީ ޖިންސީ އަމަލު ހުރޭނު އެކި ވައްތަރު އަމަލު. ތިޔައީ އެއްޖިންސުން ގުޅުން ހިންގި މީހެއް ކަމެއް ނޫނީ ޒިނޭ ކުރަމުން ދިޔަ މީހެއް ކަމެއް ނޭންގެ. ސަލާމަތްވީތީ އުފާކުރަން. ތިޔަ އަވަށެއްގެ މައުލޫމާތު ދިނީމަދޯ ދެންވެސް އެހެންކުދިން ސަލާމަތްކުރަން ފަސޭހަވާނީ. އަމިއްލަ މީހާ ފަލީހަތްވެދާނެތީ މައުލޫމާތު ހިއްސާނުކޮށް ހުރެކަމަކުނުދަާނު.

    1
    3
  7. ޙަރީމް

    ރާއްޖޭގެ ސިޔާސީ ދާއިރާގއި އުޅޭ މީހުން ޅަކުދިންނަށް ލާރިދީގެން މިކަން ކަން ކުރޭ.ބައްފަހަރު ޕާޓީތައްވެސް ބާއްވާ.