އެ މީހާ ފެންފުޅި ނަގައި އަހްލާމްގެ ތުންފަތުގައި ޖައްސައިލިއެވެ. އެޔާއެކު އަހްލާމް ކޮށިއެރިއެވެ. އޭނާއާ ނުވަތަށް އަހްލާމް މޫނު އަނބުރައިލިއެވެ. އެއިން އިތުރު ފެން ފޮދެއް އަރު ތެރެއަށް ފޮނުވާލަން ބޭނުން ނުވާތީއެވެ. އެޔާއެކު އޭނާގެ ގާތަށް އިންތިހާއަށް ރުޅިއައެވެ. ބަންލާފައި ފެންފުޅި މޭޒުމަތީގައި ބޭންދިއެވެ. އޭނާ ނިކަން ބާރަށް ގޮށް މުއްކަވައިލިއެވެ. ދަތްކުނޑި ވިކައިލިއެވެ. އެހުރި ތަނުގައި ހުރެ ފުން ނޭވާތަކެއް ލުމަށްފަހު ބާރުބަރަށް ގޮސް ކޮޓަރިން ނުކުމެގެން ދިޔައެވެ.

ކޮޓަރީގެ ދޮރު ތަޅުލި އަޑު އިވުމުން އަހްލާމް މަޑުމަޑުން އެނދުން ތެދުވިއެވެ. ނިކަން އުނދަގުލުންނެވެ. އެޔާއެކު މޭޒުމަތީގައި ހުރި ފެންފުޅިން، ފެން ކޯވަރެއް ބޮއެލިއެވެ. ނުކައި އޮތަސް ފެން ނުބޮއެ ކެތް ނުކުރެވޭތީއެވެ. އަހްލާމް މަޑުމަޑުން އެނދުން ތެދުވަން ޤަސްތުކުރިއެވެ. އެހެނަސް ކޮޓަރިން ނުކުމެވޭތޯ އިތުރަށް މަސައްކަތްކުރުމަކީ ބޭކާރު ކަމެއް ކަން ވިސްނުމުން، އެ ޚިޔާލު ދޫކޮށްލިއެވެ. ހިތާހިތުން އޭނާ ﷲ އަށް ދުޢާކުރަން ފެށިއެވެ.

"އޭ ކޮން ޚިޔާލަކަށް ގެއްލިފަ؟"

"ޚިޔާލަކަށް ގެއްލިފައެއް ނޫން." އަލީފް ދެކޮޅަށް ދެކޮޅަށް ބޯ ހޫރުވައިލިއެވެ.

"އެކަމާ މާ ބޮޑަށް ނުވިސްނާ އަލީފް! އަދި ﷲ އިރާދަފުޅުން އަހްލާމް ފެންނާނެ!" ޒާހީ ސޯފާގައި އިށީނެވެ. "އައިންތޫ! އަލީފަށް ކޮފީ ތައްޓެއް ގެނެސްދީބަލަ!"

"އަހްލާމް ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް، އަހަރެންގެ ހިތުގައި އަބަދުވެސް އަހްލާމަށް ޖާގައެއް ހެދިފައިވޭ!" އަލީފް އޭނާގެ ހިތުގެ އުދާސްތައް މަޑުމަޑުން ބަންޑުންކޮށްލިއެވެ. "އެކަމަކު، ކުއްލިއަކަށް އަހަރެންގެ ދަށަށް އޮފީސް ކުއްޖެއްގެ ގޮތުގައި ހުރީމަ ދެން ކިހިނެއް އަހަރެން އެ ވާހަކަތައް އޭނާއަށް ބުނެދޭނީ!"

"ހަމަ ބުނީމަ! ބުނެވޭނީ!" އަލީފްގެ ވާހަކައަށް ޒާހީ ރައްދު ދިނެވެ. "ހަމަ އަލީފަށް އެހާ ރަނގަޅަށް އެނގޭނެ އަހަރެންވެސް އައިންތު ހޯދާފަ އެ ހުރީ ވަރަށް މަސައްކަތުން ކަން. ހަމަ ދެ އަތް އުރާލައިގެން ހުއްޓަސް ބޭނުންވާ ކުއްޖެއް އައިސް އަތު ތެރެއަކަށް ނުވަންނާނެ."

"އަހަރެން މަޑުކުރީ ރަނގަޅު ވަގުތެއް އައިސް ޖެހެންދެއް!" އަލީފް ފުން ނޭވާއެއް ލިއެވެ. "އެކަމަކު ދެން ކުއްލިއަކަށް މި ކަންތައްގަނޑު މި ލައިގަތީ!"

"އަލީފް! ދެން ތިވަރަށް ފިކުރު ކުރީމަ ހުރިހާ ކަމެއް ގޯހުން ގޯހަށް ދާނީ!" ޒާހީ ފޯނު ނަގައި މެސެޖަކަށް ޖަވާބު ދެމުން ދިޔައެވެ. "މިހާރު އަހަރެންނަށް އަލީފްގެ މަންމަވެސް ގުޅާފި! އަލީފްގެ ރަނގަޅު އުޅުމަށް ބަދަލުތަކެއް އަންނާތީވެ މަންމަ އެހުންނަނީ ކަންބޮޑުވެފަ!"

"އެނގޭ ތި ހުރިހާ ކަމެއްވެސް! އަހަރެންވެސް ވަރަށް މަސައްކަތް ކުރަން ތިކަންކަން އިސްލާހްކުރެވޭތޯ!" އަލީފް ދެ އަތް ދެ އަތާއި ޖޯޑުކޮށް އިނގިލިތައް ވެހައިލިއެވެ. "އެކަމަކު ކިހިނެއް ބޮލުގެ އެއްފަރާތުގައި ރިއްސާއިރު ހުރިހާ ކަމަކަށް ފޯކަސް ކުރާނީ؟"

"އެ ޚީޔާލުތައް އެއްފަރާތް ކޮށްލީމަ އެވީ!" ޒާހީގެ ޖަވާބު ވަރަށް ފަސޭހައެވެ.

"އައިންތު ގެއްލުނީމަ ޒާހީއެއް ނުބުނާނެ ތިހެންނެއް!" އައިންތު އައިސް ދިއްކޮލި ކޮފީ ތަށީގައި އަލީފް ހިފިއެވެ.

"އަލީފް މިހާރު އަހަރެންގެ ބަލިފައި ތި ނެނގީ!" ޒާހީ ލޯބިން ފުރިގެންވާ ބެލުމަކުން އައިންތުއާ ދިމާއަށް ބަލައިލިއެވެ. "ހަލޯ! އާނ! އެންމެ ރަނގަޅު އެބަ ދާން ތި ދިމާއަށް!"

"އަލީފް އަހްލާމް ގެއްލުނު ކަމަށް އެ ނިންމީ ކީއްވެބާ؟" ލުކްޝާން އޮތީ އޭނާގެ ކޮޓަރީގައެވެ. "އަހްލާމް ގެއްލުނުކަމަކަށް އޭނާއަކަށް ނުނިންމޭނެ!"

"އަހަރެން މިއީ އަހްލާމްގެ ލޯބިވެރިޔަކީ! އަހްލާމާ ދޭތެރޭގައި ކަންކަން ނިންމާނީ އަހަރެން! އަހަރެން ބޭނުން ގޮތައް ހުރިހާ ކަމެއް ވާންޖެހޭނީ! އެހެން ނޫނީ އަހަރެން މިއީ ލުކްޝާން ކަން އެންމެނަށް އަންގާލާނަން!" ލުކްޝާން ވާހަކަދައްކަމުން ދިޔައީ އަމިއްލަ ނަފްސާއެވެ. "އަހްލާމް ފެންނާނީ ހަމައެކަނި އަހަރެންނަށް! އަހަރެން އަހްލާމް ހޯދާނަން! އޭރުން އަހަރެންނަށް އަހްލާމްގެ ލޯބި ލިބޭނެ! އަދި އަހްލާމާއެކު އަހަރެން ދިރިއުޅުމެއް ބިނާކުރާނަން!"

ލުކްޝާން އެނދުމަތިން ތެދުވިއެވެ. އޭނާ މަޑު ހިނގުމެއްގައި ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ލޯގަނޑު ހުރީ ތަޅައިގެން ގޮހެވެ. ލޯގަނޑު ތަޅައިގެން ދިޔައީ އޭނާ އެއްލި ސެންޓުފުޅިން ޖެހިފައެވެ. ލުކްޝާން ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި މޫނުމަތީގައި ހުރި ކުލަވަރު އެއްކޮށް ބަދަލުކޮށްލިއެވެ.

"ލުކްޝާން! އަހަރެން ސަލާމަތްކުރޭ!" ލުކްޝާން ލޯގަނޑުގައި ދެއަތުން ހިފިއެވެ. "އަހަރެން މީގެ ތެރޭގައި ނުބަހައްޓާ! އަހަރެން މަރުވެދާނެ!"

"ހައްހައްހާ! ކަލޭ ޖެހޭނީ ތިހެން ހުންނަން!" ލުކްޝާން ލޯގަނޑު ކައިރީގައި ހުރެގެން ވާހަކަދައްކަމުން ދިޔައީ މޮޔައެއް ފަދައިންނެވެ. "އަމިއްލައަށްނުން އަހަރެންގެ ގަޔަށް ސެންޓް ފުޅި އެއްލީ! އެހެންވެ ކަލޭ ތިހުރީ ތި ތަނުގައި ދާށިވެފައި! ހައްހައްހާ!"

"ތިހެން ނުބުނޭ! އަހަރެން ސަލާމަތްކުރޭ! އަހަރެންނާ ނުލައި ތިބާ ތިއީ ނުލަފާ މީހެއް!" ލުކްޝާން ދެ މީހަކަށް ވެގެން ލޯގަނޑު ކުރިމަތީގައި ދެރަވެ ދެރަވެފައި ވާހަކަދައްކަމުން ދިޔައެވެ. "އަހަރެން ސަލާމަތްކުރޭ! އެހެންނޫނީ ލުކްޝާންގެ ހުރިހާ ރަނގަޅު ސިފައެއް ގެއްލޭނެ! އަހަރެންގެ ބޭނުން ތިބާއަށް ވަރަށް މުހިއްމުވާނެ!"

"އަހަރެން ކަލޭ ބޭނުމެއް ނޫން! ދެން ދުވަހަކުވެސް އަހަރެން ކަލޭ ގާތަށް އަންނާކަށް ބޭނުމެއް ނޫން!" ލުކްޝާން ވަތްގަނޑު ހުޅުވާލިއެވެ.

ވަތްގަނޑުގެ ތެރެއިން ކަޅު ކުލައިގެ ފޮތިގަނޑެއް އޭނާ ނެގިއެވެ. ހިނިއައިސް ހުރެ އޭނާ އެ ފޮތިގަނޑުން މުޅި ލޯގަނޑު ނިވައި ކޮށްލިއެވެ. ދެން ދުވަހަކުން އޭނާގެ ރަނގަޅު ސިފަތަކާއި ކުރިމަތި ލާން ބޭނުން ނުވާތީއެވެ. އޭނާ އެ ހުރި ގޮތުގައި ކުރިއަށް ދިއުމުގެ ބޭނުމުގައެވެ. މާޒީވެ ދިޔަ ދުވަސްތައް ހަނދާނުން ފޮހެލަމުންނެވެ. ހަމައެކަނި އޭނާ ލޯބިވާ އަހްލާމް ހޯދުމުގެ ބޭނުމުގައެވެ. އަހްލާމާއެކު މުޅި އުމުރަށް ހޭދަކުރުމުގެ ނިޔަތުގައެވެ.

"ކޮބައިތޯ އެބޭފުޅާ؟" ޒާހީ ފުލުސް އޮފީހަށް ވަދެ އޭނާގެ ދަށުން މަސައްކަތްކުރާ ރަޝީދު ގާތުގައި ސުވާލުކުރިއެވެ.

"ސަރ ވިދާޅުވި ގޮތަށް އެބައިން އިންވެސްޓިގޭޝަން ރޫމްގައި!" ރަޝީދު ގޮނޑިން ތެދުވަމުން ޖަވާބު ދިނެވެ.

"އޭނާގެ ހަރަކާތްތައް މޮނިޓަރ ކުރިންތަ؟" ޒާހީ އިތުރު ސުވާލެއް ކޮށްލިއެވެ.

"ޔޭސް ސަރ! ހުރިހާ ހަރަތާކެއްވެސް ވަރަށް ގާތުން ބަލަމުން މިދަނީ!" ރަޝީދު އަދަބުވެރިކަމާއެކުގައި ޖަވާބު ދިނެވެ.

"އަލީފް އިހަށް މަޑުކޮށްލާ! އަލީފް އެ ރޫމްގައި އިން ތަން އިސް ފަރާތަކަށް ފެނިއްޖެނަމަ، އިޓް ވިލް ނޮޓް ބީ ގުޑް!" ޒާހީ ތަހުޤީޤްކުރާ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

"މިފްޒާލް!" އެ ތަނުގައި ހުރި ޓީވީއަކުން ތަހުޤީޤް ކޮޓަރީގައި އިން މިފްޒާލް ފެނުމާއެކު އަލީފަށް ލިބުނީ ކުއްލި ސިހުމެކެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Hehehe

    މިދެން ބޮޑުވަރު

    • މަ

      އަޅޭ ހާދަ ކުރޭ . މިހާދުވަސް ކޮށްފަ ގެނައިއިރު

  2. މަރީ

    ވަާހަކަ ވަރަށް ރީތި. އެކަމަކު ވާހަކައިގެ ބައިތައް އަންނަލެ ލަސްވެފަ ކުރުވީމަ މައްސަލަ އަކީ.

  3. ޙިމާރު

    ކޮބާތަ ދެން އޮތްބައި..ހާދަލަހޭ

  4. Anonymous

    ދެން އިތުރު ބައެއް ކިޔާލަން ލިބޭނީ އަންނަ އަހަރުގެ ރޯދަމަހު

  5. ލައި

    އަޅެ ވާހަކަ ލިޔާ ކުއްޖާވެސް ކިޑްނެޕްކުރީތަ..........

  6. ބެލާ

    އަޅެ ދެނަ އިން ބައި އަވަސްކޮށްދީބަލަ......

    • އަނބު

      މަށަށް ހީވަނީ އަހްލާމް އާއެކު މި ވާހަކަ ލިޔާ ކުއްޖާވެސް ގެއްލުނީހެން

  7. ޭައައި

    ތަންކޮޅެއް އަވަހަށް އަނެއްބައި ގެނެސްދީބެ.

  8. ގަގަ

    ކޮބާ އަނެއްބައި؟؟؟؟

    • Anonymous

      އަޅޭ ހާދަ ކުރޭ . މިހާދުވަސް ކޮށްފަ ގެނައިއިރު

  9. ޙުދާ

    މިވަރުން މިކަން ހުއްޓާލަން ވީނުން

  10. ސަހާ

    ތީދެންބޮޑުވަރު