މުޙިއްމު ރޯލުން އާލިޔާ ބަޓް ފެނިގެންދާ "ރާޒީ" އަށް، ބޮކްސް އޮފީހުން 200 ކުރޯޑު ލިބިއްޖެއެވެ. މިއީ، އަންހެނަކަށް ބިނާކޮށްގެން، އެންމެ މުހިއްމު ރޯލުން އަންހެނަކު ފެނިގެންދާ ފިލްމަކަށް، މި ވަރުގެ ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިނަމާތަކުގައި ފިލްމު އަޅުވައިގެން، ރާޒީ އަށް 207 ކުޜޯޑު ރުޕީސްގެ އާމްދަނީއެއް ލިބިފައިވާއިރު، މިކަމާ ގުޅިގެން އުފާ ފާޅުކުރުމުގެ ކަންކަންވަނީ ފަށާފައެވެ. އެގޮތުން، މީސް މީޑިޔާ މެދުވެރިކޮށް ފިލްމުގެ ޕްރޮޑިއުސަރު، ކަރަން ޖޯހަރުވަނީ އުފާ ފާޅުކޮށްފައެވެ.

މި ފިލްމުގައި އާލިޔާއާއެކު ދެން ފެނިގެންދާ މުޙިއްމު ތަރިއަކީ، ކުރިން އާއްމުންގެ މެދުގައި އެހާ މަޤުބޫލު ތަރިއެއް ނޫނެވެ. އެހެންނަމަވެސް، ފިލްމަށްފަހު، އޭނާއަށްވެސްވަނީ ގިނަ އަދަދެއްގެ ފޭނުން ލިބިގެން ގޮސްފައެވެ.

މައުލޫމާތު ލިބޭގޮތުގައި މި ފިލްމަކީ، ވަޠަނީ ފިލްމެކެވެ. ކަޝްމީރު އިންޑިޔާ އަންހެން ކުއްޖަކު، ޕާކިސްތާނުގެ ސިފައިންގެ މީހަކާ ކައިވެނިކުރާއިރު، އިންޑިޔާއަށް ބޭނުންވާ މުޙިއްމު ޖާސޫސީ މައުލޫމާތު، އެކުއްޖާ ނުވަތަ އާލިޔާ ފޯރުކޮށްދެއެވެ.

މެގްނާ ގުލްޒާރު މި ފިލްމު ޑައިރެކްޓްކޮށްފައިވާއިރު، ފިލްމުގެ ލަވަތަކަށްވެސް އެތައް ބައެއްގެ މަޤުބޫލުކަން ލިބިފައިވެއެވެ. ޚާއްޞަކޮށް، ފިލްމުގައި ހިމެނޭ "އޭ ވަޠަން" ފާހަގަކޮށްލެވެއެވެ.