އިންޑިއާގެ ވިޔަފާރިވެރިއެއްކަމަށްވާ އަރްޖުން ގުޕްތާ ހުށަހެޅި މައްސަަލައަކާއި ގުޅިގެން އެކްޓަރ ސަލްމާން ޚާން އާއި ކޮއްކޮ އަލްވިރާ ޚާން އާ އަދި އިތުރު ބަޔަކާއި ފުލުހުން ސުވާލުކޮށްފިއެވެ.

އެ ވިޔަފާރިވެރިޔާ ހުށަހެޅި އެ މައްސަލާގައި ބުނެފައި ވަނީ، އޭނާ އެކްސްކްލޫސިވް ސްޓޯރެއް ހުޅުވީ ސަލްމާންސް ޖުވެލަރީ ބްރޭންޑްގެ ދަށުން ކަމަށާއި، އެތަން ހުޅުވީ ހުރިހާ ބެކްއަޕެއް އެތަނުން ދޭ ގޮތަށް ކަމަށެވެ. އޭގެ ތެރޭގައި ޕްރޮމޯޝަންގެ ހަރަކާތްތަކާއި މުދާތައް ހިމެނެއެވެ. އެހެން ނަމަވެސް މިއީން އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ގުޕްތާގެ އެ ތުހުމަތުތައް ސަލްމާންސް ބްރޭންޑްގެ އުފައްދުންތައް މެނުފެކްޓަރ ކުރާ ކުންފުނިން ވަނީ ދޮގުކޮށްފައެވެ. އެ ކުންފުނިން ބުނީ، މި ކޭސްގައި ސަލްމާން އާއި އޭނާގެ ކޮއްކޮ ނުހިމެނޭ ކަމަށާއި، އަދި ބީއިންގ ހިއުމަން ފައުންޑޭޝަންގެ އެއްވެސް މީހަކުވެސް އެކަމާއި ގުޅުމެއް ނޯންނާނެ ކަމަށެެވެ.

އަދި މިކަމާއި ގުޅޭގޮތުން އިތުރަށް ކޮމެންޓް ކުރަން ބޭނުން ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.

ގުޕްތާ ހުށަހެޅި ޝަކުވާގައި ބުނެފައި ވަނީ، އޭނާ ކައިރީގައި ސަލްމާން އޭނާގެ ބްރޭންޑްގެ އެއްޗެހި ޕްރޮމޯޓް ކުރާނެ ކަމަށް ބުނި ނަމަވެސް އެކަންވެސް ކޮށްފައި ނުވާ ކަމަށެވެ.

އަދި އޭނާ ވަނީ އޭނާ ސްޓޮކް ނަގަމުން އައި އޮފީހުންވެސް ހެދީ ދޮގުކަމަށް ބުނެފައެވެ. އަދި އެތަން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބަންދުކޮށްފައި ހުންނަ ކަަމަށްވެސް ބުނެފައި ވެއެވެ. އަދި މީގެ އިތުރުން އޭނާ ވަނީ، އޭނާގެ ޝޯރޫމް ހުޅުވަން ބޭއްވި ހަފްލާއަށްވެސް ސަލްމާން އަންނާނެ ކަމަށް ބުނެފައިވީނަމަވެސް، އެ ހަފްލާއަށް އައިސްފައި ވަނީ އެކްޓަރ އާޔުޝް ޝަރްމާ ކަމަށް ބުނެފައެވެ.