ބުޅަލަކީ އިންސާނުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ ޖަނަވާރެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް ބުޅާ އޮޅުކޮށްގެން ގޭގޭގައި ގެންގުޅޭއިރު މީގެ އެތައް ގަރުނެއް ކުރިންވެސް ބުޅަލަކީ އިންސާނުންގެ ހިތުން ޖާގަ ހޯދާފައިވާ ޖަނަވާރެއްކަން ފާހަގަ ކުރެވެއެވެ. ބުޅަލާއި ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައް ކުރާ ފަރާތްތައްވެސް އުޅޭއިރު ބުޅަލަށް މިއާއި ހިލާފަށް ބުޅަލަށް އަޅާލައި ބުޅާދެކެ އިންތިހާއަށް ލޯބިވާ ފަރާތްތައްވެސް އުޅެއެވެ.

މީގެ އަހަރެއް ކުރިން މެލޭޝިޔާގެ ރައްޔިތެއް ކަމަށްވާ ނޫރް ހަމީޒާ އަށް ވަނީ ވަރަށް ނިކަމެތި ހާލުގައި އޮތް ބުޅަލެއް މަގުމަތިން ކާރެއްގެ ދަށުން ފެނިފައެވެ. އެ ބުޅަލުގެ ކެހެރިތައްވެސް ހަންގަނޑާއި ވަކިވެފައިވާއިރު ބުޅާ އޮތީ ކާނެއެއްޗެއް ނުލިބުމުގެ ސަބަބުން ހިކި އަނަރޫފަ ވެފައެވެ.

ބުޅަލުގެ ހާލަތު ފެނިފައި ހަމީޒާގެ ހިތަށް ކެތް ނުކުރެވިގެން އޭނާ ބުޅަތައް އަޅާލައި އެ ބުޅާ ގެންގުޅެން ބޭނުންވިއެވެ. ބުޅަލަށް އެހީވުމަށް ހަމީޒާ މަސައްކަތް ފަށައި ބުޅާ އޮތްތާ ކައިރީ ހުސް ފޮށިގަނޑެއް ބޭއްވި އެވެ. އެހީއަށް ބޭނުންވެފައި އޮތް އެ ބުޅާ ހަމީޒާ ބޭއްވި ފޮށިގަނޑުގެ ތެރެއަށް ވަނުމުން ހަމްޒާ ބުޅަލަށް ފެނާއި ކާއެއްޗިސް ދިނެއެވެ.

މެއިމެއި އަށް ފަރުވާދެނީ
ފޮޓޯ: ހަމީޒާ ފޭސްބުކް

ހަމީޒާ އޭނާގެ ގެއަށް ބުޅާ ގެންގޮސް ކާންދިނުމަށްފަހު ޖެހިގެން އައި ދުވަހު ޖަނަވާރަށް ފަރުވާދޭ ކްލިނިކަކަށް ބުޅާ ގެންދިޔަ އެވެ. އެތަނުން ބުޅަލަށް ލިބިފަ ހުރި ގެއްލުންތައް ވަޒަންކޮށް ފަރުވާގެ ކަންކަން ފެށިއެވެ. އޭރު ބުޅަލުގެ ބަރުދަނުގައި ހުރީ އެންމެ ހަތަރު ޕައުންޑު ކަމަށް ހަމްޒާ ބުނެއެވެ.

ހަމްޒާގެ ބުޅާ، މެއިމެއި
ފޮޓޯ: ހަމީޒާ ފޭސްބުކް

ބުޅަލަށް ފަރުވާދީ ހަމްޒާގެ ގެއަށް ގެންގޮސް ބުޅަލަށް ނަންވެސް ކިޔާފައި ވެއެވެ. މެއިމެއިގެ ނަމުން ހަމީޒާ ބުޅަލަށް ނަންކީއިރު މަސްތަކެއް ފަހުން މެއިމެއިގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެގޮތުން މެއިމެއިގެ ބަރުދަން 13 ޕައުންޑަށް އިތުރުވެ ކެހެރިތައްވެސް ފަޅައި ރީތިވެފައިވާކަން ފާހަގަ ކުރެވެއެވެ.

ހަމީޒާ ހުރީ މެއިމެއި ނަގައިގެން
ފޮޓޯ: ހަމީޒާ ފޭސްބުކް

ހަމީޒާ ބުނީ މެއިމެއި މިހާރު ރަނގަޅަށް ނިދައި، ކައި ހަދާކަމަށެވެ. އަދި ކުޅުމުގެ އިތުރުން ނުދަންނަ މީހަކު މެއިމެއި އަށް ފެނިއްޖެނަމަ ވަގުތުން ދުވެ ފިލާކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދު

    އެއް ފަހަރު ހަމީޒާ އަނެއް ފަހަރު ހަމްޒާ.ވަގުތު މީހުން ޚަބަރު ލިޔާއިތު ފަރުވާތރިވާން ވެއްޖެއެއްނު.ބައެއް ފަހަރު ޚަބަރު ކިޔާ ނިމޭއިރުވެސް ވާ ނުވާއެއް ނޭންގެ.ސުރުޚީ އަކާ ލިޔެފަ އޮންނަ ލިޔުމަކާ އެއްގޮތަކަށްވެސް ދިމަލެއް ނުވޭ.