ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި މާވެލްއިން ނެރުނު ފުރަތަމަ ފިލްމް "ބްލެކް ވިޑޯ" އަށް ބޮކްސް އޮފީހުގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ބްލެކް ވިޑޯގެ ރޯލްއިން ސްކާލެޓް ޖޮހާސަން ފެނިގެންދާ މި ފިލްމް ދެކުނު އެމެރިކާއިން ތިން ދުވަހުގެ ތެރޭގައި 80 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދާފައިވެއެވެ. ކޭޓް ޝޯޓްލޭންޑް ޑައިރެކްޓްކުރާ ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ޑޭވިޑް ހާބާ އަދި ފްލޯރެންސް ހިމެނެއެވެ.

މުޅި ދުނިޔެއިން ބަލާއިރު މި ފިލްމަށް 215 މިލިއަން ޑޮލަރު ހޯދިފައިވާއިރު، ހަމަ އެކަނި ޑީޒްނީއިން ވެސް 60 މިލިއަން ޑޮލަރަށް ވުރެ ގިނައިން ހޯދާފައިވެއެވެ. އަދި އޭގެ އިތުރުން 46 އިންޓަނޭޝަނަލް މާކެޓްތައް މެދުވެރިކޮށް ވަނީ 78 މިލިއަން ޑޮލަރު ހޯދައިފައެވެ.

ކޭޓް ޝޯޓްލޭންޑް ޑައިރެކްޓް ކޮށްފައިވާ ބްލެކް ވިޑޯ ފިލްމް ނެރެފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ނެރުނު "އެފް9" އަށްވެސް ސިނަމާތަކުން ރަނގަޅު ތަރުހީބެއް ވަނީ ލިބިފައެވެ. އެޕްރީލް މަހުގެ އެއް ވަނަ ދުވަހު ނެރެފައިވާ މި ފިލްމަށް ފުރަތަމަ ހަފްތާގައި ވެސް 70 މިލިއަން ޑޮލަރު ހޯދާފައިވެއެވެ. ބްލެކް ވިޑޯ މި ފިލްމަށް ވުރެ ވެސް ކާމިޔާބު ވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މީގެ ކުރިންވެސް ބައެއް ފިލްމްތަކުން "ބްލެކް ވިޑޯ" ގެ ރޯލުން ސްކާލެޓް ފެނިގެން ގޮސްފައިވެއެވެ. އޭގެ ތެރޭގައި "އަޔަން މޭން 2" އާއި "ދަ އެވެންޖާސް"، "ކެޕްޓަން އެމެރިކާ- ދަ ވިންޓާ ސޯލްޑާ"، "އެވެންޖާސް- އޭޖް އޮފް އަލްޓްރޮން"، "ކެޕްޓަން އެމެރިކާ- ސިވިލް ވޯ" އާއި "ކެޕްޓަން މާވެލް" އަދި "އެވެންޖާސް: އެންޑްގޭމް" ހިމެނެއެވެ.