ގަދަ ވަޔާއި އެކު ކުޅެން ތިބި ކުދިންތަކެއް ބުރައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ބެލަރުސްގައި ކުރިއަށް ދިޔަ ފެސްޓިވަލެއްގައި ތިބި ކުދިންތަކެއް ބުރައިގެންދާ މަންޒަރު ފެންނަ ވީޑިއޯއާއި އެކީ ގިނަ ބަޔަކަށް ވަނީ ހައިރާން ކަމެއް ގެނުވާފައެވެ.

އެވީޑިއޯއިން ފެނިގެން ދަނީ ކުޑަކުދިންތަކެއް ކުޅެން ތިއްބާ ޖެހުނު ވައިރޯޅިއަކާއި އެކީ ބިމުން 30 ފޫޓޫ މައްޗަށް ބުރައިގެންދާ މަންޒަރެވެ. އަދި ބާރު ގަދަ އެ ވައިރޯޅި ސަބަބުން އެތަނުގައި ހުރި ބައެއް ތަކެތި ވެސް ވަނީ ބުރައިގެން ގޮސްފައެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ ނަގޫރޯޅިއެއް އުފެދެން އުޅުނު ސަރަހައްދެއް ކަމަށާއި އެމަންޒަރު ވެސް ވަރަށް ސާފުކޮށް ފެނުނު ކަމަށެވެ. އެހެން ނަމަވެސް އެތަނުގައި ނަގޫރޯޅިއެއް އުފެދިފައި ނުވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ޑެއިލީ މެއިލް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހާދިސާގައި ހަތަރު ކުޑަކުދިންގެ އިތުރުން ޒުވާން އުމުރުގެ މީހަކަށް ވަނީ އެކި ކަހަލަ އަނިޔާވެފައެވެ. އެހެން ކަމުން ވަގުތުން ސިއްހީ މާހިރުން އެތަނަށް ގެނެސް ފަރުވާ ދެވިފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

މި މަންޒަރު ފެނުނު މީހަކު ބުނީ، އެތަނުގައި ހުރި ކުޅޭ ގެއެއްގެ މަތީގައި ހުރި ކުއްޖަކު ވަޔާއި އެކީ ބުރައިގެން ދިޔަ މަންޒަރު އޭނާއަށް ފެނުނު ކަމަށާއި އެމަންޒަރާއި އެކީ އޭނާގ ހިތަށް ބިރުވެރިކަން ގެނައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު