ކޮވިޑް-19 އާއެކު ހުރިހާ ހިސާބެއްގައި ވެސް އާއްމުންގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ބައެއް ފަހަރު ކޮވިޑަށް ފައްސިވެ ކޮވިޑް ފެސިލިޓީގައި މަޑުކުރުމަކީ ވެސް ބައެއް މީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ. މިކަމުގެ ސަބަބުން ބައެއް މީހުން ކޮވިޑް ފެސިލިޓީތަކުން ފިލަންވެސް މަސައްކަތްކުރެއެވެ.

އޮސްޓްރޭލިއާގައި ވެސް ދާދިފަހުން ދިމާވީ މިކަހަލަ ކަމެކެވެ. އުމުރުން 39 އަހަރުގެ އެމީހާ ކަރަންޓީން ހޮޓެލް އަކަށް ފޮނުވީ މިދިޔަ ހޯމަ ދުވަހެވެ. އޭނާ ވަނީ އެތަނުގައި ހުންނަން ބޭނުން ނުވެގެން ބެޑްޝީޓް ބޭނުންކޮށްގެން ފިލައިފައެވެ. އޭނާ ފިލީ އެ ހޮޓެލްގެ ހަތަރު ވަނަ ފަންގިފިލާއިންނެވެ.

އެ މީހާ ހަތަރު ވަނަ ފަންގިފިލާއިން މިފަދަ ގޮތަކަށް ފިލުމުން އެކަން ވަނީ މީޑިއާގެ ސަމާލުކަމަށް ވެސް އައިސްފައެވެ. އަދި އެހާ ފަރިތަކަމާއެކު އޭނާ ފިލީ ކިހިނެއްތޯ ވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދައިފައެވެ.

އެމީހާ އެ ހޮޓަލުން ފިލި ނަމަވެސް މާ ދުރަށް ނުދެވެނީސް އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ކޮވިޑް ފެސިލިޓީ އަށް ލީ މޮނިޓަރިންއަށެވެ. އޭނާގެ ސުންކުގެ ނަތީޖާ ނައްސިއެވެ. ކޮވިޑް-19 އާ ގުޅިގެން ހަދާފައިވާ އުސޫލަށް ބޯ ނުލެނބުމުން އޭނާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރާނެ ކަމަށް ބެލެވެއެވެ. އޭނާ އޮސްޓްރޭލިއާ އަށް އެތެރެވެފައި ވަނީ ވެސް އުސޫލުތަކާ ޚިލާފަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އަހަރުން ފެށިގެން އޮސްޓްރޭލިއާގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. އަދި އެ ގައުމަށް އެތެރެވާ މީހުންނަށް ދެ ހަފްތާ ކަރަންޓީނުގައި މަޑު ކުރަން ޖެހެއެވެ. އަދި ކަރަންޓީންވުމަށްޓަކައި ގިނަ އަދަދެއްގެ ފައިސާ ވެސް ދޭން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަދީފް

    ނަންވާނީ ޝިދާތާ!

  2. ޝަރީފް

    އެ ދައިތާގެ އެ ބެޑްޝީޓް.

  3. އަންނި

    ޝިދާތާ ސަލާމް ބުނި!