ރާއްޖޭގައި ހުރި އިޖްތިމާއީ މައްސަލަތަކާ ގުޅުވައިގެން ކުޅަދާނަ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ޑައިރެކްޓްކޮށްފައިވާ ކުރު ފިލްމް "މަޒްލޫމް" ރިލީޒް ކުރާ ތާރީހު އިއުލާން ކޮށްފިއެވެ.

"އައި ފިލްމްސް" އާއި "ކަޒްމިކް އިންޓަނޭޝަނަލް" ގުޅިގެން ތައްޔާރުކޮށްފައިވާ މަޒްލޫމް އެންތޯލޮޖީ ސީރީޒް ނެރެން ނިންމާފައިވަނީ މާދަމާއެވެ. ކުރު ފިލްމުތަކެއްގެ ގޮތުގައި މަޒްމޫލްގެ ކޮންމެ އެޕިސޯޑެއްގައި ވެސް ދައްކުވައިދެނީ ތަފާތު އިޖްތިމާއީ މައްސަލަތަކެވެ.

"ކޮންހާ ބައެއް ކައިރީގަތަ ބުނާނީ. ހުސް ފިރިހެނުން އުޅޭ ތަނެެކޭ އެއީ. އަންހެނެއް ދައްކާ ވާހަކަ އަޑު އަހާނީ ކާކުތަ؟ އެހެން ނޫނަސް މައްސަލަ ހިފައިގެން ދާން ޖެހޭނީ އޭނާ ކައިރިޔަށް" ބައިސްކޯފުން އާންމު ކޮށްފައިވާ ޓްރެއިލާ ފެށިގެން ދަނީ މި ޖުމްލައިންނެވެ.

ޖުލައި 26 ވަނަ ދުވަހު ބައިސްކޯފުން މި ފިލްމް ދައްކަން ފަށާއިރު، ފުރަތަމަ ދައްކަން ހަމަޖެހިފައިވަނީ ޗެޕްޓާ 1އެވެ.

އިޖްތިމާއީ މައްސަލަތައް ދައްކުވައިދޭ ގޮތަކަށް ފިލްމުގެ ކޮންސެޕްޓް ބިނާކޮށްފައިވާއިރު، މި ފިލްމުން ރޭޕް، އަދި އެބިއުސް ފަދަ މައްސަލަތައް ފެނިގެންދެއެވެ. އެންތޯލޮޖީ ސީރީޒްއިން ފެންނާނީ ބަތަލާ ނުޒުހަތު ޝުއައިބު އާއި އިއްލެގެ 'ނީނާ'ގެ ލީޑް ރޯލަކުން ފެނިގެންދާ ޝަރަފް އަބްދުﷲ އާއި އަހުމަދު އިފްނާޒް އަދި ފިލްމީ އުދަރެހުގައި ފިޔަޖަހަމުން އަންނަ ވާޝިޔާ މުހައްމަދެވެ.

ރާއްޖޭގައި އިޖްތިމާއީ މައްސަލަތައް ގިނައެވެ. އަދި އެފަދަ މައްސަލަތަކަށް ވާހަކަ ދައްކާ މީހުންވެސް މަދެވެ. ރޭޕާއި އެބިއުސްގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރެއިން ވެސް ގިނަ މީހުންނަކީ އެފަދަ ވާހަކަތައް ދައްކަން ފަސްޖެހޭ މީހުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މުޖުތަމައުގެ މި ހާލަތަށް ބަލައި އިއްލެގެ ފިލްމުތަކުގައި އިޖްތިމާއީ މައްސަލަތަކަށް ވަނީ އަލިއަޅުވާލައިފައެވެ. އެގޮތުން 'ނީނާ' ފިލްމުގައި ވެސް ދައްކަނީ އެބިއުސް ފަދަ މައްސަލަތަކެވެ.