"ޗަނާޗާ 2022" މިއުޒިކް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ފެސްޓިވަލްއަކީ މަޝްހޫރު ދިވެހި ސްޓްރީމިންގ ޕްލެޓްފޯރމް ކަމަށްވާ ބައިސްކޯފުން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވެ.

ކޮވިޑް-19 އާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، މި އަހަރު މި ބާއްވާ "ޗަނާޗާ" ފެސްޓިވަލް މިފަހަރު ބާއްވަން ނިންމާފައި ވަނީ އެހެން ފަހަރުތަކަށްވުރެ ކުލަ ގަދަކޮށެވެ.

މިގޮތުން ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ބޭންޑުތަކުގެ އިތުރުން ބޭރު ޤައުމުތަކުގެ ނަން މަޝްހޫރު އާރޓިސްޓުންވެސް މި ޝޯވ ގަ ބައިވެރިވާނެއެވެ. ޝޯވގައި ފެނިގެންދާނެ ދިވެހި މިއުޒިކް ބޭންޑްތަކުގެ ތެރޭގައި ރަވިއޯ، ޓްރެފިކް ޖޭމް، އިކުއެޓިކް ވައިބް، ޑިޓިއުން ބޭންޑް އަދި ފަސީ ލައިވް ހިމެނެއެވެ. މީގެ އިތުރުން ބައިންލްއަޤްވާމީ ލަވަކިޔުންތެރިން ކަމަށްވާ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ އަދި އިންޑޮނޭޝިއާގެ އާޓިސްޓެއް ކަމަށްވާ ނަތާޝާ ރަތުނަޔަކެވެސް "ޗަނާޗާ 2022" އިން ފެނިގެންދާނެއެވެ.

މި މިއުޒިކް ފެސްޓިވަލް އޮންނާނީ މާދަމާ ހުޅުމާލެ ސިންތެޓިކްޓްރެކްގައި ހަވީރު 4:00 - 6:00 އަށް އަދި ރޭގަނޑު 8:00 - 10:00 އަށެވެ. ހަވީރު ޝޯވގެ އެންޓްރީ ހިލޭ ނަމަވެސް ރޭގަނޑު ޝޯވއަށް ވަދެވޭނީ ޓިކެޓް ގަނެގެންނެވެ. 150 ރުފިޔާގެ މި ޓިކެޓު ބައިސްކޯފުން ވިއްކަނީ އޮންލައިންކޮށެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޒުވާނުންގެ ހުނަރު ދައްކާލުމުގެއިތުރު ފުރުޞަތުތައް މަގުފަހިވެގެންދާ މިފަދަ އިވެންޓްތަކަށް އެއްބާރުލުންދިނުމަށެވެ.