"އައި ވިލް އޯލްވޭސް ލަވްޔޫ" މި ލަވަޔަކީ އެތައް ބަޔަކަށް ރީތިވި، މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔަ ލަވައެކެވެ. އެމެރިކާގެ މަޝްހޫރު ލަވަކިއުންތެރިޔާ ވިޓްނީ ހިއުސްޓަން އަޑުން އިވިގެން ދިޔަ އެ ލަވަ އެތައް ބަޔަކަށް ކަމުދިޔަ، އޭނާގެ ހަނދާންތައް ކުރަމުންދާ އެތައް ބަޔަކު އެބަތިއްބެވެ.
އުމުުރުން 48 އަހަރުގައި އޭނާ މި ދުނިޔެއާ ވަކިވީ މަސްތުވާތަކެތީގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރިނަމަވެސް، އޭނާގެ ދިރިއުޅުމުގެ މައްޗަށް ތައްޔާރުކުރަމުން އަންނަ ޑޮކިއުމެންޓްރީގައި އެއްބަޔަކު ބުނަމުން ދަނީ އޭނާ މަރާލީ ކަމަށެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ހަވީރު ވިޓްނީ މަރުވެފައި އޮއްވާ ފެނުނުއިރު، އެއިރު ބުނަމުން ދަޔައީ އޭނާ މަރުވީ ކޮކެއިން ބޭނުންކޮށްގެން ހިތައް ގެއްލުންތަކެއް ލިބި ގެނބިގެން ކަމަށެވެ.
އެ ދުވަސްވަރަކީ ގްރެމީ އެވޯޑް ހަފްލައަށް ގިނަ ބަޔަކު ތައްޔާރުވަމުން ދިޔަ ދުވަސްވަރެވެ. އެހެން ނަމަވެސް ކުއްލިއަކަށް އިވުނު ހިތާމަވެރި އެ ހަބަރުން މިޔުޒިކީ ދާއިރާގެ އެތައް ބަޔަކަށް ސިހުން ގެނުވިއެވެ. އެ ބޮޑު ޙަފްލާގެ ކުރިންވެސް އެތައް ޕާޓީއެއް ބާއްވަމުންދިޔައިރު، ކްލިވް ޑެވިސްގެ ޕާޓީއަކަށް ވިޓްނީ އަށް ދައުވަތު ފޮނުވިކަމަށް ވެއެވެ.
މަޝްހޫރު ފިލްމް މޭކާ ކެވިން މެކްޑޮނަލްޑް "ވިޓްނީ"ގެ ނަމުގައި ނެރޭ އެ ޑޮކިއުމެންޓްރީގައި، ވިޓްނީ އެ ހަފްލާއަށް ދިޔުމަށާއި، ޕާޓިއަށް ދިޔުމަށް ވަރަށް ބޮޑަށް ތައްޔާރަށް ހުރިކަމަށް އޭނާގެ ގާތް ރަހުމަތްތެރިއެއްގެ ގާތުގައި ބުނިކަމަށް ވެއެވެ. ވިޓްނީގެ ކަންކަން އާއްމުންނާއި ހަމައަށް ގެނެސްދިނުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ ލީން ވޮލްކްމޭން ވަނީ އެ ދުވަހުގެ ހަނދާންތައް ހިއްސާކޮށްފައެވެ.
"އަހަރެން އެވަގުތު އުޅުނީ ފެންވަރަން ވަންނަންވެގެން. އެވަގުތު އަހަންނަ ހަތަރުވަނަ ފަންގިފިލާއިން އައީ ފޯން ކޯލެއް. އަހަރެން ވަގުތުން ލިފްޓަށް އަރަން ދާން ދިޔަ މަގުމަތީ އެހިން ސެކިޔުރިޓީ ކައިރިން ވިޓްނީ ކިހިނެއްތޯ. އޭނާ ބުނީ މަރުވެއްޖެ ކަމަށް،" ލީން ބުންޏެވެ.
އެ ދުވަހުގެ 16:00 ހާއިރު ވިޓްނީ ފެނިފައި ވަނީ ފާހަނަ ތެރޭގައި ހުރި ޓަބެއްގެ ތެރޭގައި މޫނު ވަތަށް އޮއްވައެވެ. އެއިރު މުޅި ފާހަނަ ހުރީ ފެނުން ފުރިފައެވެ. ވިޓްނީ މަރުވީ ގެނބިގެންކަމަށް އެ ވަގުތު ބަޔަކު ބުނިއިރު، އެކަން އެހެންވީ، ކޮކެއިން ބޭނުންކޮށްގެން ހުރުމުން ކުއްލިއަކަށް ހިތަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ވަނީ އަޑު ފެތުރިފައެވެ. އެހެން ނަމަވެސް އެ މަރާއި މެދު ސުވާލު އުފެއްދޭ ބައެއް ކަންތައްތަކެއް ހުރި ކަމަށް މޭކާ ކެވިން މެކްޑޮނަލްޑްގެ ޑޮކިިއުމެންޓްރީގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެންމެ ބޮޑު ސުވާލަކަށް އުފެދުނު ސުވާލަކީ އޭނާއަށް ޑްރަގް ދިން މީހާއަކީ ކާކުކަމެވެ.
އެ ޑޮކިއުމެންޓްގައި އެތައް ބައެއްގެ އިންޓަވިއު ވަނީ ހިމަނާފައެވެ. ވިޓްނީގެ އެސިސްޓެންޓް މެރީ ޖޯންސް ޑޮކިޔުމެންޓްރީގެ ޑައިރެކްޓަރުއަށް މައުލޫމާތުދިން ގޮތުގައި، މެރީ މަރުވެފައި އޮއްވާ ފެނުނު ފާހަނަތެރރޭގައި އޮތީ އެއްކޮށް ފެންބޮޑުވެފައެވެ.
"ވިޓްނީއާއެކު އިތުރު މީހަކު އެ ފާހަނަތެރޭގައި ހުރި. އެ މީހަކު ވިޓްނީއަށް ޑްރަގްދިނީ. އަދި އޭނާއަށް ފެނުނީ ވިޓްނީ ފާހަނަ ތެރޭގައި ގެނބިފައި އޮއްވާ. އެހެންވެ ފާހަނައިގެ ދޫކޮށްފައިވާ އިސްކުރު ނިއްވާލުމަށްފަހު އޭނާ ދިޔައީ،" މެރީ ބުންޏެވެ. މެރީ ބުނީ، އެއީ ކާކުކަން އޭނާއަށް ނޭގޭ ކަމަށެވެ.
އެ ޑޮކިއުމެންޓްރީގެ ވިޓްނީގެ ދިރިއުޅުމުގެ އިތުރު ސިއްރުތަކެއްގެ ވާހަކަވެސް ވަނީ ހިއްސާކޮށްފައެވެ. މި ޑޮކިއުމެންޓްރީ ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގައެވެ.