ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖު ކުންދުރާ ބަރަހަނާ ފިލުމުގެ އުފެއްދުމުގެ މައްސަލާގައި ހައްޔަރު ކުރުމަށް ފަހު ރާޖުގެ ބަންދަށް އަނެއްކާ ވެސް އިތުރު 14 ދުވަސް ޖަހައިފިއެވެ.

ރާޖުގެ ބަންދަށް 14 ދުވަސް އިތުރު ކޮށްފައިވަނީ 51 ބަރަހަނާ ފިލުމު ހަދާފައިވާ ކަމަށް ފުލުހުންނަށް ހެކި ލިބުމުންނާއި އަދި އެ މައްސަލައާއި ގުޅުން ހުރި ބައެއް ހެކިތައް ނައްތާލުމަށް މަސައްކަތް ކޮށްފައިވާތީއެވެ.

މުމްބާއީ ކުރައިމް ބުރާންޗުން ދެ އެޕްލިކޭޝަނަކުން ރާޖު އުފައްދާފައިވާ 51 ބަރަހަނާ ފިލުމެއް ހޯދާފައި ކަމަށް މުމްބާއީގެ ހައިކޯޓުގައި ވަކީލް އަރޫނާ ޕައި މިދިޔަ ހޮނިހިރު ދުވަހު ބުނެފައިވެއެވެ.

ތަހުގީގަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ރާޖުއާއި އޭނާގެ ގުރޫޕުން ވަޓްސްއަޕް ގުރޫޕުގެ މެސެޖުތައް ޑިލީޓް ކޮށްފައިވާ ކުށްވެރިން ހެކިތައް ނައްތާލަން ފެށުމުން އެކަން ހުއްޓުވުމަށް އެމީހުން ހައްޔަރު ކުރަން ޖެހޭނެ ކަމަށް ވެސް ވަކީލް އަރޫނާ ބުނެފައިވެއެވެ.

އެހެންކަމުން ބަރަހަނާ ފިިލުމު އުފެއްދުމުގެ އިތުރުން ހެކި ނައްތާލަން އުޅުނު ކަމުގެ ތުހުމަތު ވެސް ވަނީ ރާޖުއަށްކޮށްފައެވެ.

ދެ އެޕްލިކޭޝަނުން ލިބުނު 51 ފިލުމުގެ އިތުރުން ރާޖުގެ ލެޕްޓޮޕާއި މޯބައިލް ފޯނު އަދި ސްޓޯރޭޖު އޭރިޔާ ނެޓްވާކުގެ ތެރެއިން ވަނީ އިތުރު ހެކިތަކާއި މަޢުލޫމާތު ލިބިފައި ކަމަށް ވެސް ވަކީލް އަރޫނާ ބުނެފައިވެއެވެ.

ޖުލައި މަހުގެ 19 ވަނަ ދުވަހު މި މައްސަލާގައި ހައްޔަރު ކުރުމަށް ފަހު އެކަމުން ސަލާމަތްވުމަށް ރާޖުއާއި އޭނާގެ ވަކީލު ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މި މައްސަލާގައި ރާޖުއާއި އޭނާގެ އަންހެނުން ޝިލްޕާ ވަނީ އެތައް ފަހަރެއްގެ މަތިން އަރާރުންވެފައެވެ.