ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީގެ ގެއިން ވައްކަން ކުރި މީހުން ހައްޔަރުކޮށްފިއެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މުމްބާއީގެ ޖޫހޫ އަވަށުގައި ހުންނަ ޝިލްޕާގެ ގެއިން ވައްކަން ކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

އެގެއިން ވަރަށް އަގުބޮޑެތި ސާމާނާއި ފައިސާ ވަގުން ގެންގޮސްފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޖޫހޫ ޕޮލިސް ސްޓޭޝަނަށް މަައްސަލައެއް ޝިލްޕާ ހުށަހެޅި ކަމަށާއި، އެ ކަމަށް އެކަމުގެ ތަހުގީގު ފުލުހުން ފެށި ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ.

ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ޝިލްޕާ ބޮލީވުޑަށް ނުކުމެފައިވަނީ ބާޒީގަރް ފިލްމުގައި ޝާހްރުކް އަދި ކާޖޮލްއާއެކުގައެވެ. އެ ފިލްމުން ޝިލްޕާއަށް ވަރަށް ގިނަ މީހުންގެ ސަޕޯޓް ލިބުނެއެވެ. އަދި އޭނާވީ ބެލުންތެރިންނަށް މަގްބޫލް ތަރިއަކަށެވެ.

ޝިލްޕާގެ ބޮލީވުޑްގެ ކެރިއާއަށް ތޫފާނެއް އައީ އޭނާގެ ކުރީގެ ފިރިމީހާ ކަރަން ކުޑަކުދިންގެ ބަރަހަނާ ވީޑިއޯ އާއި ފޮޓޯ ގެންގުޅޭ މައްސަލަ ފެންމަތިވުމުން ނެވެ. އެ މައްސަލައަށްފަހު ޝިލްޕާ ވަނީ ކަރަންއާއި ވަކިވެފަ އެވެ. އޭރު އެ ދެ މީހުންގެ ހަނގު ދަރިފުޅަށް ވާނީ އަހަރެކެވެ.

އެންމެ ފަހުން ޝިލްޕާ ފެނިގެން ގޮސްފައިވަނީ "ހަންގާމާ 2" އިންނެވެ. އޭގެ އިތުރުން އިންޑިއާގެ ޓެލެންޓް ޝޯތަކުގައި ޖަޖް ކުރާ ތަން ފެނެއެވެ.