ޖުލައި 19 ވަނަ ދުވަހު ބަރަހަނާ ފިލުމު އުފެއްދުމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖު ކުންދުރާގެ ބަންދަށް އެތައް ދުވަހަކަށް ފަހު ޝިލްޕާގެ ހިތުގެ އުދާސްތައް ބޭރުކޮށްލައިފިއެވެ.

ޝިލްޕާގެ އިންސްޓަގުރާމު އެކައުންޓުގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ މީސް މީޑިޔާގައި ޝިލްޕާގެ އަބުރަށް ހުތުރުވާ ގޮތަށް އެތައް ބަޔަކު ވާހަކަ ދައްކަމުންދާ ކަމަށެވެ.

''ފާއިތުވި ދުވަސްތަކަކީ ހުރިހާ ގޮތަކުން ވެސް އަހަރެންނަށް ވަރަށް ހިތްދަތި ދުވަސްތަކެއް. އެތައް އަޑުތަކެއް އަރައި ބަދުނާމު ވި. އަބުރަށް ހުތުރުވާ ފަދަ އެތައް އެއްޗެއް މީސް މީޑިޔާއިން ފެނޭ. ފޭކް ހަމްދަރުދީ ފާޅު ކުރާ މީހުން ވެސް ފެނޭ. އެތަކެއް ފާޑުކިޔުންތަކަކާއި ސުވާލުތަކެއް ޕޯސްޓު ކުރެވެމުން ދިޔަ. އަހަރެން އެކަންޏަކަށް ނޫން. އަހަރެންގެ އާއިލާއަށް ވެސް'' ޝިލްޕާ ލިޔެފައިވެއެވެ.

އަމިއްލަ ނަފުސުގެ ދިފާއުގައި މިހާތަނަށް އެއްވެސް އެއްޗެއް ޕޯސްޓުކޮށްފައި ނުވާނެ ކަމަށް ޝިލްޕާ ބުނެފައިވާއިރު، ކުރިއަށް އޮތްތާނގާގައި ވެސް މި މައްސަލައާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދައްކާނެ ކަމަށް ވެސް ޝިލްޕާ ބުނެފައިވެއެވެ.

އެހެންވީމާ ޝިލްޕާގެ ނަމުގައި ދޮގު ޖަވާބު ތަކާއި ބަޔާންތައް ނެރުން ހުއްޓާލުމަށް ވެސް ޝިލްޕާ އެދިފައިވެއެވެ. މަޝްހޫރު ފަންނާނެއްގެ ހައިސިއްޔަތުން ޝިލްޕާގެ ފިލޯސޮފީ ކަމުގައިވާ ޝަކުވާ ނުކުރުމާއި އޮޅުންފިލުވައިދިނުން މި ކަމުގައި ވެސް ނޯންނާނެއެވެ.

މި މައްސަލައަކީ މިހާރު ވެސް ކުރިއަށް ދާ މައްސަލައެއް ކަމަށް ޝިލްމާ ވަނީ ބުނެފައެވެ. އަދި މުމްބާއީ ފުލުހަށް ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް ޝިލްޕާ ފާހަގަ ކޮށްފައިވެއެވެ.

ނަމަވެސް މަންމައެއްގެ ހައިސިއްޔަތުން ޝިލްޕާ އެދެނީ ދޮގު ވާހަކައެއް ފެތުރުމުގެ ކުރިން އޭނާގެ ދެ ދަރިން ކަމުގައިވާ ވިއާންއާއި ސަމީޝާައާއި މެދު ވިސްނާލުމަށެވެ.

ޝިލްޕާއަކީ ފާއިތުވި 29 އަހަރު ވަންދެން އަމާނާތްތެރި ކަމާއި ބުރަ މަސައްކަތުން އޭނާގެ ނަން އުޖާލާ ކޮށްފައިވާ އިންޑިޔާގެ އާދަކާދައާއި ސަގާފަތަށް އުޅޭ އިންޑިޔާ މީހެއް ކަމަށެވެ.