އާލިއާ ބަޓްއާއި ރަންބީރު ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ދެ އާއިލާގެ ވެސް އާއިލީ އެކި ހަފުލާތަކުގައި ބައިވެރިވާ މި ދެ ބައިވެރިންގެ ކައިވެންޏަކީ ބޮލީވުޑު އިންޑަސްޓްރީ ދާދި އަވަހަށް ފެނިގެންދާނެ ކައިވެންޏެކެވެ.

ރަންބީރު ކަޕޫރުގެ އާއިލާއަކީ ފިލުމީ އެތައް ފަންނާނުންނެއް ހިމެނޭ އާއިލާއެކެވެ. މި އާއިލާގެ އެކްޓަރުންގެ ލިސްޓުގައި އާލިއާ ބަޓްގެ ނަން ހިމެނިދާނެތޯ ކަރިޝްމާ ކަޕޫރަށް ކުރެވުނު ސުވާލަށް އެއްވެސް ޖަވާބެއް ނުދީ ކަރިޝްމާ ހަނު ހުއްޓެވެ.

ސުޕަރ ޑާންސަރގެ ޗެޕްޓަރ 4 ގެ އެންމެ ފަހުން ދައްކާފައިވާ އެޕިސޯޑެއްގައި މެހެމާނެއްގެ ގޮތުން ބައިވެރިވެފައިވަނީ ކަޕޫރު އާއިލާގެ ބަތަލާ ކަރިޝްމާ ކަޕޫރެވެ.

ކަޕޫރު އާއިލާގައި ތިބެނީ ކިތައް އެކްޓަރުންތޯ މުބާރާތުގެ ބައިވެރިއެއް ސުވާލު ކުރުމުން ކަރިޝްމާ ވަނީ އެ ލިސްޓު ކިޔައިދެން ފަށައިފައެވެ.

އެ ލިސްޓުގައި ހިމެނެނީ މުނި ކާފަ ޕްރިތުވީ ރާޖުއާއި، ކާފަ ރާޖު ކަޕޫރާއި، ބޮޑުބޭބެ، ސަޝީ ކަޕޫރާއި، ޝައްމި ކަޕޫރާއި، ރިޝީ ކަޕޫރާއި ބައްޕަ ރަންދީރު ކަޕޫރެވެ.

އަދި ފަހުގެ އެކްޓަރުންގެ ތެރޭގައި ކަރީނާ ކަޕޫރާއި، ރަންބީރު ކަޕޫރާއި، އާދަރް ޖެއިންއާއި، ޒަހާން ކަޕޫރުގެ އިތުރުން ކަރިޝްމާގެ ނަން ވެސް ކިޔާފައިވެއެވެ.

ކަޕޫރު އާއިލާގެ ބައެއް ފަންނާނުންގެ ނަންތަކުގެ މި ލިސްޓު ކިޔައި ނިމޭއިރަށް ޝޯގެ ޖަޖެއް ކަމުގައިވާ ޑައިރެކްޓަރ އަނޫރާގު ބާސޫ ވަނީ މި ލިސްޓަށް އާލިއާ ބަޓްގެ ނަން ވެސް އިތުރު ކޮށްފައެވެ.

އާލިއާގެ ނަން ލިސްޓުގައި ހިމެނޭނެތޯ ސުވާލު ކުރުމުން ކަރިޝްމާ ވަނީ އިޝާރާތުން އޭނާގެ ތުންފަތް ޒިޕްކޮށްލާ ހަނުހުރެފައެވެ.

ކަރިޝްމާ އެކަމަށް ރައްދުދިން ގޮތުން ގިނަ ބަޔަކު ދަނީ އާލިއާއާއި ކަޕޫރު އާއިލާއާއި އޮތް ގުޅުމާއި މެދު ވާހަކަދައްކަން ފަށައިފައެވެ.