މީގެ އެތައް މިލިއަން އަހަރެއް ކުރިން، ދުނިޔެ ސްންނާފަތިކޮށް، ދުނިޔެއިން ސާރު (ޑައިނޮސޯ) ނައްތާލި ގިނިހިލައަށްވުރެ ފަންސާސް ގުނަ ބޮޑު ގިނިހިލައެއް ދުނިޔެއާއި ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި ހަމަލޮލަށް ފެންނަހައި ގާތުން އެ ގިނިހިލަ ދަތުރުކުރާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

"4-ވެސްޓާ"ގެ ނަމުން ނަންދީފައިވާ މި ގިނިހިލައަކީ، ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް)ގެ ތެރެއިން މިހާތަނަށް ފެނުނު އެންމެ ބިޔަ ގިނިހިލަތަކުގެ ތެރޭގައި ހިމެނޭ ގިނިހިލައެކެވެ. މި ގިނިހިލަ މިހާރު ދައުރުވަމުން ދަނީ ދުނިޔެ އާއި 106 މިލިއަން މޭލު ދުރުން ކަމުގައިވާއިރު، ރޭގަނޑުގެ ވަގުތުތަކުގައި، އަންނަ ޖުލައި މަހުގެ ތެރޭގައި ދުނިޔޭގެ ބައެއް ހިސާބުތަކުން ހަމަ ލޮލަށް މި ގިނިހިލަ ފެންނާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޢާންމުކޮށް ހަމަލޮލަށް ގިނިހިލަ ނުފެންނަ ނަމަވެސް، 4-ވެސްޓާ ދުނިޔެއަށް ފެންނަނީ އޭގެ އާދަޔާއި ޚިލާފު ބޮޑުމިނުގެ ސަބަބުންނެވެ. ސައިންސްވެރިން ބުނާގޮތުގައި އެ ގިނިހިލަ، މުޅި އިނގިރޭސިވިލާތަށްވުރެ ހަތަރު ގުނަ ބޮޑުވާނެއެވެ. މިއީ ދުނިޔޭގައި ޖެހިއްޖެނަމަ، ދުނިޔެ އެފުއްމިފުށަށް ޖަހައި ދުނިޔޭގައި ވާހައި އެއްޗެއް ސުންނާފަތިކޮށްލާހައި ބިޔަ ގިނިހިލައެއް ކަމުގައި ވީނަމަވެސް، "މިފަހަރު" މި ގިނިހިލައިގެ ސަބަބުން ދުނިޔެއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވިފައެއް ނެތެވެ.

4-ވެސްޓާ ގިނިހިލަ

ސޫރުދަ ނިޒާމުގެ ތެރޭގައި ދައުރުވަމުންދާ 4-ވެސްޓާގެ ފުޅާމިނުގައި 8 ލައްކަ ސްކުއަރ ކިލޯމީޓަރު ހުރެއެވެ. އަދި މިހާތަނަށް އިންސާނުންނަށް ހޯދުނު ދެވަނައަށް އެންމެ އުސް ފަރުބަދަވެސް ހުންނަނީ 4-ވެސްޓާ ގައެވެ. އެ ފަރުބަދައިގެ އުސްމިނުގައި 21 ކިލޯމީޓަރު ހުރެއެވެ. މީގެ އިތުރުންވެސް ގިނަ ޢަދަދެއްގެ ބިޔަ ފަރުބަދަތައް މި ގިނިހިލައިގައި ވެއެވެ. އިންސާނުންނަށް މިހާތަނަށް ފެނުނު އެންމެ އުސް ފަރުބަދަ ވަނީ ދުނިޔެއާއި އިންވެގެން ދައުރުވާ މިއްރީޚުގައެވެ. "އޮލިމްޕަސް"ގެ ނަމުން ނަންދީފައިވާ އެ ބިޔަ ފަރުބަދައިގެ އުސްމިނުގައި 24 ކިލޯމީޓަރު ހުރެއެވެ. މިއީ ދުނިޔޭގައިވާ އެންމެ އުސް ފަރުބަދަ ކަމުގައިވާ "މައުންޓް އެވަރެސްޓުގެ ތިންގުނަ އުސްމިނެކެވެ.

މި ގިނިހިލައަކީ، މުޝްތަރީ (ޖުޕިޓަރ) އާއި މިއްރީޚު (މާސް)ގެ ވަށައިގެން ދައުރުވާ ބިޔަ "އެސްޓްރޮއިޑް ބެލްޓުގެ" ތެރެއިން ބުރައިގެން އައި ގިނިހިލައެއް ކަމަށް ވެއެވެ. 4-ވެސްޓާ އަކީ އެސްޓްރޮއިޑް ބެލްޓުގެ ގިނިހިލަތަކުގެ ތެރެއިންވެސް ދެވަނައަށް އެންމެ ބިޔަ ގިނިހިލައެވެ. އެސްޓްރޮއިޑް ބެލްޓަކީ އެތައް މިލިއަން ގިނިހިލަތަކުގެ މައްޗަށް އެކުލެވޭ ސަރަޙައްދެކެވެ. މި ސަރަޙައްދުގައި މާސިންގާ ގިނިހިލަތައް ދަމާ ބާރެއްގެ ސަބަބުން ވަކި ސަރަޙައްދެގެ ތެރޭގައި ހިފެހެއްޓި ދައުރުވާއިރު، މި ބެލްޓުން ގިނިހިލަތައް ބޭރުވަނީ އެކަތި އަނެކައްޗާއި ފުށުއަރާއިރު، ގޮވާ ބާރުގަދަ ގޮވުންތަކުގެ ތެރެއިންނެވެ.

ޢާންމުކޮށް ފެންނަ ގިނިހިލަތަކާއި ޚިލާފަށް ހައިޑްރޮޖެން ގޭހުން ފުރިފައިވާ 4-ވެސްޓާ އަކީ ނުރައްކާތެރި ގިނިހިލައަކަށްވާއިރު، މި ގިނިހިލަ އެއްމެ އެއްގޮތީ ދުނިޔޭގައިވާފަދަ ހަނދަކާއި އެވެ. ނަމަވެސް ހަނދެއްގައި ހިމެނޭ ހުރިހައި ސިފައެއް 4-ވެސްޓާއަށް ލިބިގެނެއް ނުވެއެވެ.

އެސްޓްރޮއިޑް ބެލްޓުގެ ތެރެއިން ސޫރުދަ ނިޒާމުގެ ތެރެއަށް ދޫވެފައިވާ 4-ވެސްޓާ އެންމެ ފަހުން ދުނިޔެ ކައިރިން ފެނިފައިވަނީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. މިފަހަރު މި ބިޔަ ގިނިހިލަ ފެންނާނެ ކަމަށް ބެލެވެނީ އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުގައި، މިއްރީޚު އާއި ކައިރިންނެވެ. މި ގިނިހިލަ އެންމެ ފުރަތަމަ ފެނުނީ، 1807 ވަނަ އަހަރުގެ ތެރޭގައެވެ. އިރުގެ އަލި މި ގިނިހިލައަށް އެޅިފައި ހުރުމުން، ދުނިޔެއަށް ރީއްޗަށް ގިނިހިލަ ފެންނާން ހުންނާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.